ހުކުރު ދުވަހުގައި، ކަނޑައެޅިގެން ވަކި އަދަދަކަށް ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔުމަށް އެއްވެސް ދަލީލަކުން ސާބިތު ވޭތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހުކުރު ދުވަހުގައި ގިނައިން ނަބިއްޔާ صلى الله عليه وسلم އަށް ޞަލާވާތް ކިޔުމަކީ ހުކުރު ދުވަހަށް ޚާއްޞަވެގެންވާ ސުންނަތް ތަކުގެ ތެރެއިން ސުންނަތެކެވެ.
މި ކަމުގެ ދަލީލުތަކާއި ގިނަ ބަސްފުޅުތަކެއް މީގެ ކުރިން ސުވާލުތަކުގެ ޖަވާބުގައި ދެވިފައިވާނެއެވެ. ދަންނައެވެ. ދީނުގައި އެ ޛިކުރެއް ކިޔުމަށް ޤައިދު ކުރެވިގެންވާ ސިފައެއް އަދި ޢަދަދެއް ވާނަމަ، އެ ޢަދަދަށް ކިޔުން ހުއްޓެވެ. އަދި މުޠްލަޤްކޮށް ޢަދަދެއް ކަނޑަނޭޅި ބަޔާންވެގެންވާ ޛިކުރުތައް ޢަދަދެއް ކަނޑައެޅުމެއްނެތި ކިޔުން އެއީ ސުންނަތްވެގެންވާ ގޮތެވެ.
ވުމާއެކު، ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުމަށް ޢަދަދު ކުރެވިގެންވާ ޚާއްޞަ ޢަދަދެއް ނުވެއެވެ. ވީމާ، ވަކި ޢަދަދަކަށް ކިޔުމަށް ބުނާ މީހާ އެކަމަށް ދަލީލު ޘާބިތުކޮށް ބަޔާން ކުރަންޖެހޭނެއެވެ.
އެހެން ނުވާނަމަ، އެއީ ދީނަށް އަލަށް ގެނެވޭ ޢަމަލެއްގެ ތެރެއަށް ވަންނާނެއެވެ. ވުމުން، ތިފަދަ ޢަދަދެއް އަދި އެ ނޫން ޢަދަދެއްވެސް ހުކުރު ދުވަހުގައި ޞަލަވާތް ކިޔުމަށް ޚާއްޞަވެ ވާރިދުވެގެންނުވެއެވެ.
އޭގެ ބަދަލުގައި ގިނައިން ކުޅަދާނަވީ ވަރަކަށް ޞަލަވާތް ކިޔުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.