ދުވަސްތަކެއް ވަންދެން ދުރުގައި ހުރި ދަރިއަކު ގާތަށް އެނބުރި އައުމުގެ އުފަލުގައި ހަފްލާއެއް ބޭއްވުމަކީ ކޮންކަހަލަ ކަމެއް؟

ދުވަސްތަކެއް ވަންދެން ދުރުގައި ހުރި ދަރިއަކު ގާތަށް އެނބުރި އައުމުގެ އުފަލުގައި ހަފްލާއެއް ބޭއްވުމަކީ ކޮންކަހަލަ ކަމެއް؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދުވަސްތަކެއްވަންދެން ދުރުގައި، ނުފެނި ހުރި ފަރާތެއް ފެނުމުން ނުވަތަ ޒިޔާރަތް ކުރުމުން އެކަމުގެ އުފަލުގައި ހަފްލާއެއް ބޭއްވުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ތިޔަފަދަ ޙަފްލާއެއް ބޭއްވުމުގައި މައްސަލައެއް ނުވެއެވެ. ސަބަބަކީ މަނާ ކުރެވޭ ޙަފްލާތަކުގެ ސިފަތަކެއް ތިކަމުގައި ނުވެއެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެއަށް ފާޅުވި ފިޤުހު ޢިލްމުގައި ނުހަނު ކުރިއަރައި ހުންނެވި ޢިލްމުވެރިޔާ العلامة محمد بن صَالح العُثيمين -رحمه الله- ވިދާޅުވެފައިވެއެވެ.

“ދުވަސްތަކެއްވަންދެން ނުފެނި ހުރި ފަރާތެއް އައުމުން ނުވަތަ ކިޔަވައި ފާސްވުން ފަދަ ދަނޑިވަޅަކާއި ގުޅިގެން ޙަފްލާއެއް ބޭއްވުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ މީސްތަކުން މިޢަމަލު ކުރަނީ އަޅުކަމެއް ކުރުމުގެ ޤަޞްދެއް އޮވެގެން ނޫނެވެ. އަދި އެބައިމީހުންގެ ވިސްނުމުގައި (ޤަޞްދުގައި) މިފަދައިން ޢަމަލު ކުރަނީ ﷲ އާ ކުއްތަންވުމުގެ ޤަޞްދެއް ނޯވެއެވެ. އޭގެ ބަދަލުގައި އެކަން އެބައިމީހުން އެދޭ އެދުމެއް ފުދިގެން ދިއުމާއެކު ﷲ ދެއްވި ނިއުމަތަށްޓަކައި އުފާ ފާޅުކުރުމުގެ ގޮތުންނެވެ. (އެކަމުގައި ލިބުނު އުފަލަށްޓަކައެވެ.)”

ދަންނައެވެ! މި ފަދަ ޙަފްލާތަކުގައިވެސް އިސްރާފު ކުރުމާއި، ދެޖިންސު (ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން) މައްސުނިވުމާއި، ލަވަޖެހުންފަދަ އެންމެހައި މިފަދަ ޢަމަލުތަކުން އެއްކިބާވާން ޖެހޭނެއެވެ.

އެހިނދު މިކަމުގައި މައްސަލައެއް ނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.