ނަދުރެއް ބުނެ ހިފާ ރޯދަ ހިފަން ޖެހޭނީ ޖެހިޖެހިގެން ހެއްޔެވެ؟ ނުވަތަ އެމީހަކަށް ފަސޭހަ ގޮތަކަށް ހިފިދާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަދުރެއް ބުނެ ހިފާ ރޯދަތަކެއްގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ސުވާލުގައި އިޝާރަތް ކުރެވިފައިވަނީ، އެ ފަދަ ރޯދަތަކެއް ހިފާނެ ސިފައާ މެދުގައެވެ. ވިދިވިދގެން ހެއްޔެވެ؟ ނުވަތަ ފަސޭހަ ގޮތަކަށް ހިފުން ހެއްޔެވެ؟
އެންމެ ފުރަތަމަ ނަދުރު ބުނުމާއި މެދުގައި ބުނަމެވެ. ނަދުރު ބުނުމަކީ ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ދީނުގައި މަކްރޫހަވެގެންވާ ކަމެކެވެ. ޙަދީޘްގައިވެއެވެ. (لا تَنذِروا فإنَّ النَّذْرَ لا يرُدُّ مِن القدَرِ شيئًا وإنَّما يُستخرَجُ به مِن البخيلِ) “ތިޔަބައިމީހުން ނަދުރު ނުބުނާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ނަދުރު ބުނުމަކީ ﷲ ގެ ޤަދަރުން (ﷲ ގެ ނިޔާއިން) އެއްވެސް ކަމެއް ރައްދު ކުރާނެ ކަމެއް ނޫނެވެ. އެ ވާކަން ކަށަވަރީ އޭގެ ސަބަބުން ދަހި މީހާގެ ފަރާތުން ( އޭނާ ނެރެން ބޭނުން ނުވާ ކަމެއް ) ނެރެވޭ ކަމަކަށެވެ”.
ދަންނައެވެ! ﷲ އަޅުތަކުންނަށް ދެއްވާފައިވާ އިސްލާމްކަމުގެ ނިޢުމަތާއި، ޞިއްޙަތާއި، ޢާފިޔަތާއި، އަމަން އަމާންކަމާއި، ކެއުމާއި ބުއިމާއި، ދިރިއުޅުމާއި މިފަދަ ޢަދަދު ނުކުރެވޭހާ ނިޢުމަތްތައް ދެއްވުމުން، ޞާލިޙް ހެޔޮ ތެދުވެރިންގެ ސިފަ ކަމުގައިވާހުށީ އެ އިލާހަށް ޝުކުރުވެރިވުމެވެ. ކިތަންމެ ގިނަގުނަ ޢަމަލުތަކެއް ކުރި ކަމުގައިވީ ނަމަވެސް އެ އިލާހަށް ޙައްޤުވެގެންވާ ޝުކުރު ކުރުމަށް ކުޅަދާނަވެގެންނުވާހިނދު، އެފަދައިން ﷲ އަށް ކުއްތަންވުމުގެ ބަދަލުގައި ބުނެއެވެ. “ބަލިން ޝިފާ ލިބިއްޖެހިނދު 5 ރޯދަ ހިފާނަމެވެ.” އެ އެންމެހައި ނިއުމަތްތަކެއް ދެއްވައި، އެކަލާނގެއަށް ޝުކުރު ކުރުމަށް އޮތް ހިނދުވެސް، ބުނެއެވެ. ތިމަންނަ 5 ރޯދަވެސް ހިފާހުށީ އަދިވެސް އިތުރަށް ދެއްވީމައެވެ. ފަހެ، މިއީ ދަހި މީހުންގެ ސިފަ ނޫން ހެއްޔެވެ؟ ދަހިވެތި ކަމުގެ ޢަލާމާތް ނޫން ހެއްޔެވެ؟
މަކްރޫހު ކަމާއިއެކުގައި ވެސް، ނަދުރާއި މެދުގައި އައިސްފައިވާ ދަލީލުތަކަށް ބަލާއިރު އެއީ ﷲ އަށް ކިޔަމަންގަތުމަށް ބުނި ނަދުރެއް ކަމުގައިވާނަމަ، ނަދުރު އަދާކޮށް އަދި ނަދުރަށް ވަފާތެރި ގޮތުގައި ފުއްދަންޖެހެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެ އެވެ. (يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا) “އެބައިމީހުން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: ޤިޔާމަތް ދުވަހަށް) އެބައިމީހުން ބިރުވެތިވެތެވެ.”
އިމާމް البخَارِي، ނަބިއްޔާ – صلى الله عليه وسلم- ގެ އަނބިކަނބަލުން عائشة أم المؤمنين – رضي الله عنها- ގެ އަރިހުން ރިވާވެގެންވާ ރިވާޔަތުގައިވެއެވެ. މާތް ނަބިއްޔާ – صلى الله عليه وسلم – ހަދީޘް ކުރެއްވިއެވެ. (مَن نَذَرَ أنْ يُطِيعَ اللَّهَ فَلْيُطِعْهُ، ومَن نَذَرَ أنْ يَعْصِيَهُ فلا يَعْصِهِ) “ﷲ އަށް ކިޔަމަންތެރިވުމަށްޓަކައި ނަދުރު ބުނެފި މީހާ އެ ނަދުރު ފުއްދާށެވެ. އަދި ﷲ އަށް އުރެދޭ ކަމަކަށް ނަދުރު ބުނެފި މީހާ، އެ އިލާހުއަށް އުރެދިގެން ނުވާނެއެވެ”.
ވީމާ، ވަކި ޢަދަދަކަށް ރޯދަ ހިފުމަށް ނަދުރު ބުނެފި މީހާ އެ ޢަދަދަށް ރޯދަ ހިފުމަކީ އޭނާގެ މައްޗަށް އެހިނދު ވާޖިބުވެގެންވާ އަޅުކަމެކެވެ. އެ ރޯދަތައް ހިފުމަށް ވަކި މައްސަރައެއް ނަދުރުގައި ބުނެފިނަމަ، އެ ސިފަކުރި ގޮތަށް އެ މައްސަރެއްގައި ރޯދަ ހިފުން ހުއްޓެވެ. އެ ރޯދަ ހިފުމަށް ނަދުރުގައި ބުނެފައިވަނީ ވިދިވިދިގެން ކަމުގައިވާނަމަ އެފަދައިންނެވެ.
އަދިވެސް ބުނަމެވެ. ނަދުރަކީ ﷲ އަށް ކިޔަމަން ގަތުމަށްޓަކައި އެމީހެއްގެ ނަފްސަށް ވާޖިބު ކުރި ޢަމަލެކެވެ. ފަހެ، އެހެންވުމުން އެމީހެއްގެ ޙައްޤުގައި ﷲ އަށް އެކަމެއް އަދާކޮށް ޒިންމާއިން ބަރީޢަވުން އަވަސްކުރުމަކީ ދީނުގައި ކަނޑައެޅިފައިވާ ގޮތެވެ. އަދި އެއީ ހެޔޮ އަހުލުވެރިންގެ ސިފައެއް ކަމުގައިވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.