ދަމު ނަމާދާއި ވިތުރި، ޢިޝާ ނަމާދުގެ ފަހުން ކޮންމެ ވަގުތެއްގައި ވެސް ކުރެވިދާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ވިތުރި އަދި ދަމު ނަމާދުގެ ވަގުތަކީ އެއް ވަގުތެކެވެ. އެއީ ޢިޝާ ނަމާދުން އަވަދި ވުމުގެ ވަގުތުން ފަށައިގެން ގޮސް ފަތިސްވަގުތާއި ހަމައަށެވެ.
އެހެނަސް މި ވަގުތުގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ ވަގުތަކީ ރޭގަނޑުގެ 3 ބައިކޮށްފައި އެންމެ ފަހު ބައެވެ.
الرسول صلى الله عليه وسلمގެ ޙަދީޘްގައިވެއެވެ. إنَّ أفضلَ الصَّلاةِ بعدَ المفروضةِ الصَّلاةُ في جَوفِ اللَّيلِ “ފަރުޟު ނަމާދަށްފަހުގައި އެންމެ ހެޔޮވެގެންވާ ނަމާދަކީ ރޭގަނޑު ދަމުގައި ކުރެވޭ ނަމާދެވެ.” صحيح الترغيب 1016
ހަމަ އެފަދަ އެހެން ޙަދީޘެއްގައިވެއެވެ.
(إنَّ اللهَ زادَكم صلاةً، و هي الوترُ، فصلوها بين صلاةِ العشاءِ إلى صلاةِ الفجرِ)
”ހަމަކަށަވަރުން ﷲ ތިޔަބައިމީހުންގެ މައްޗަށް ނަމާދެއް އިތުރުކުރައްވައިފިއެވެ. އެއީ ވިތުރިއެވެ. ފަހެ، ތިޔަބައިމީހުން އެ ނަމާދު ޢިޝާނަމާދާއި ފަތިސްނަމާދު ދެމެދުގައި ކުރާށެވެ.“
السلسلة الصحيحة 108
ވުމުން، ދަމު ނަމާދު އަދި ވިތުރި، މި ވަގުތުގެ ތެރެއިން ކޮންމެ ވަގުތެއްގައިވެސް ކުރެވިދާނެއެވެ. އެންމެ ހެޔޮވެގެންވަނީ އިސްވެ ބަޔާން ކުރި ފަދައިން ރޭގަނޑުގެ އެންމެ ފަހު ވަގުތުގައި ކުރުމެވެ.
*އިތުރު މަޢުލޫމާތުގެ ގޮތުން ބުނަމެވެ. ރޭއަޅުކަން ކުރާ މީހާ، އޭނާއަށް އެންމެ ހެޔޮވެގެންވާ ގޮތަކީ ރޭއަޅުކަމުގެ ރަކުޢަތްތައް ނިންމާފައި (2 ރަކުޢަތުން 2 ރަކުޢަތުން ސަލާމް ދެމުން ކުރާ ރަކުޢަތްތައް) ނިންމާލުމަށްފަހު އެންމެ ފަހުން ކުރާ ނާމާދެއްގެ ގޮތުގައި ވިތުރި ހެދުމެވެ. މިއީ އެންމެ އަޥްލާވެގެންވާ ގޮތެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. صحيح البخاري ގެ 472 ވަނަ ޙަދީޘްގައިވެއެވެ. اجْعَلُوا آخِرَ صَلَاتِكُمْ وِتْرًا “(ރޭ އަޅުކަމުގައި) ތިޔަބައިމީހުންގެ އެންމެ ފަހު ނަމާދެއްގެ ގޮތުގައި ވިތުރި ނަމާދު ހެދުން ހުއްޓެވެ.”
އެހެނަސް، ރޭ އަޅުކަން ނުކުރާ މީހާ، ނުވަތަ ރޭގަނޑުގެ ވަގުތުގައި ނުހޭލެވޭނެކަމުގައި ދެކޭ މީހާ، އިރާކޮޅުގައި ވިތުރި ކުރުން މައްސަލައެއްނެތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.