މީހަކު މަރުވުމުން ތަހުލީލު ކިޔައި އެމީހާއަށް ހަދިޔާ ކުރެވިދާނެތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.
أما بعد:
މައްޔިތާއަށް ތަހުލީލު ކިޔުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ: މަރުވެފައިވާ މައްޔިތާއަށް ކޮށްދެވޭނެ ކަންތައްތަކެއް، އެކަންތައްތައް ކުރުމުން މަރުވެފައިވާ މައްޔިތާއަށް އޭގެ ދަރުމަ އާއި ޘަވާބު ލިބޭނެ ކަންތައްތަކެއް ޙަދީޘްގައި ޛިކުރުވެގެންވެއެވެ. އެހެނަސް އޭގެ ކުރިން ނުހަނު ފުރިހަމަ ޤަވާޢިދަކަށް ބަލާލަންޖެހެއެވެ. އެއީ ﷲ ގެ ވަޙީބަސްފުޅުގައިވާ އާޔަތެވެ.
﴿وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ﴾ މާނައީ: އަދި އިންސާނަކަށް އޭނާ ކުޅަ ޢަމަލެއްގެ ޖަޒާ މެނުވީ ނުވެއެވެ.” އެހެންވުމުން ބަޔާންވެގެންދަނީ ކޮންމެ އިންސާނަކަށް ވެސް އޭނާ ދިރިހުރި ހިނދުގައި ކުޅަ ޢަމަލެއް މެނުވީ ނުވާކަމެވެ.
ދަންނަހުއްޓެވެ. ޝަރުޢީ ދަލީލުން މެނުވީ އެހިނދު އެއްވެސް ޢަމަލެއް ކުރުމުން ޘަވާބު ލިބޭނެ ކަމުގައި ނުބުނެވޭނެއެވެ. އަދި ޘާބިތު ކުރާނީވެސް ޝަރުޢީ ދަލީލުންނެވެ. ސުންނަތުގެ އަހުލުވެރިން އެހިނދު ޤަބޫލުކުރަނީ ޞައްޙަ ދަލީލެއް ބަޔާންވެގެން މެނުވީ ޢަމަލެއް ކުރެވޭނެ ކަމަށް ނުބުނެވޭނެއެވެ. މިނުކުތާ ވިސްނިއްޖެހިނދު އެއީ ވަރަށްބޮޑުވެގެންވާ ފައިދާއެއް ޙާޞިލްވީއެވެ.
ދެވަނައީ: ޘާބިތުވެފައިވާ ޢަމަލުތަކަކީ ކޮބައިތޯއެވެ؟ النبي ﷺ ޙަދީޘް ކުރެއްވިއެވެ. (إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له) “އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.” صحيح مسلم 1631 ގެ މި ޙަދީޘް އިން އެނގޭ ފަދައިން މައްޔިތާއަށް ދަރުމައާއި ޘަވާބު ލިބޭނެ ތިން ކަމެއް ވެއެވެ. އެއީ:
1. ދުޢާކޮށްދިނުން
2. މައްޔިތާގެ ނަމުގައި ޞަދަޤާތް ދިނުން
3. ޢިލްމު ފޯރުކޮށްދިފައިވެ އެއިން މިސްތަކުން މަންފާ ހޯދުމެވެ.
މި ނޫން ޙަދީޘްތަކަށް ބަލާއިރު ޢުމުރާ ކޮށްދިނުމާއި، ހައްޖު ކޮށްދިނުން ވެސް ޘާބިތުވެގެންވެއެވެ. މި މައުޟޫގައި الإمام ابن رجب الحنبلي – رحمه الله – ވިދާޅުވެފައިވެއެވެ. “މަރުވުމަށްފަހު، މައްޔިތާއަށް އޭނާގެ އަހުލުވެރިންގެ ފަރާތުން އަދި އެހެން ބައެއްގެ ފަރާތުންވެސް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ހަމައެކަނި ފައިދާކޮށްދެވޭނީ އިސްތިޣްފާރު ކޮށްދީގެންނާއި ދުޢާކޮށްދިނުމުން އަދި ރަޙްމަތްލެއްވުން އެދި ﷲ އަށް ދުޢާކޮށްގެންނެވެ. ނުވަތަ މައްޔިތާއަށްޓަކައި ޞަދަޤާތް ހޭދަކުރުމުންނެވެ.” فضل علم السلف 108
މާނައީ، ދީނުގައި ކަނޑައަޅާފައި، ބަޔާންވެގެންވާ ޢަމަލެއް މެނުވީ ކޮށްގެން ނުވާނެ ކަމެވެ.
الإِمَام العلامة الشيخ العثيمين – رحمه الله – އަރިހުގައި ސުވާލުކުރެވުނެވެ.
ސުވާލު: ދުނިޔެ ދޫކޮށްފައިވާ އަހަރެންގެ ބޭބެއަށް އަހަރެންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ކޮބައިތޯއެވެ؟
ޖަވާބު: “މަރުވެފައިވާ މައްޔިތުންނަށް ދިރިތިބީންނަށް ކޮށްދެވޭނެ އެންމެ ހެޔޮވެގެންވާ ޢަމަލަކީ ދުޢާ ކޮށްދިނުމެވެ.”
فتاوى نور على الدرب
ފަހެ، ޙުއްޖަތާއި ދަލީލުން މެނުވީ ޘާބިތެއް ނުވާނެއެވެ. އެހެން ނޫންކަމުގައިވާނަމަ އެއީ އިސްލާމް ދީނަށް ވައްދާފައިވާ ޘާބިތު ނޫން ކަންކަމެވެ. ބިދުޢަތަކެވެ. މުންކަރު ޢަމަލުތަކެވެ.
އެފަދަ ޢަމަލުތަކުގެ ތެރޭގައި :
1. މައްޔިތާގެ އަހުލުވެރިން 3 ވަނަ ރޭގައި ޖަމަޢަވެ ޤުރުއާން ކިޔެވުމާއި، ދުޢާކުރުމަށް ޖަމަޢަވެ، ކާބޯތަކެތި ތައްޔާރުކޮށް ހިންގާ ޢަމަލުތައް.
2. މައްޔިތާއަށް 7 ވަނަ ދުވަހު ނުވަތަ 40 ދުވަސް ވުމުން މައްޔިތާގެ ޤަޞްދުކޮށް ކައްކައި ޞަދަޤާތް ކުރުން. މި އެންމެހައި ޢަމަލުތަކަކީ ޘާބިތުވެފައިނުވާ އޭގެ އިތުރަށް މުންކަރު ބިދުޢަވެރި ޢަމަލުތަކެވެ.
3. ފޮތްފޮށި ކިޔެވުމާއި، ޤުރުއާން ކިޔަވާފައި މައްޔިތާއަށް ދިނުމުގެ ނަމުގައި ކުރާ ޢަމަލުތަކަކީވެސް ޘާބިތު ނުވާ ބިދުޢަވެރި ޢަމަލުތަކެވެ.
4. ފާޠިޙާ ކިޔެވުމުގެ ނަމުގައި ކޮންމެ އަހަރަކު ނުވަތަ އަހަރުގެ ވަކި ދުވަހެއް ޚާއްޞަކޮށް ކައްކައި ކާތަކެތި ބެހުމާއި، ވަކި ޚާއްޞަ ސިފަތަކެއްގައި ދުޢާ ތަކާއި އެހެނިހެން ޛިކުރުތައް ކިޔުމަށް ޖަމަޢަވުން.
5. ޤަބުރު ކައިރީގައި އިނދެގެން ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުމަށް ކަނޑައަޅައި އިނުން. الإمام أحمد – رحمه الله – އަރިހުގައި މުޞްޙަފު ހިފައިގެންގޮސް ޤަބުރު ކައިރީގައި ޤުރުއާން ކިޔެވުމާއިމެދު ސުވާލު ކުރެވުނެވެ. الإمام أحمد – رحمه الله – ވިދާޅުވިއެވެ. “ތިޔައީ ބިދުޢައެކެވެ.” ޤުރުއާން ހިތުދަސްވެފައިވާ މީހަކު ޤުރުއާން ކިޔެވުމާއި މެދުގައި ސުވާލު ކުރެވުނެވެ. الإمام أحمد- رحمه الله – ވިދާޅުވިއެވެ. “ނޫނެކެވެ. ޤަބުރުކައިރިއަށް އައިސް ދުޢާކުރުމަށްފަހު އެތަނުން ދިއުން ހުއްޓެވެ.” مسائل عبد الله 544
ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު العلامة الشيخ صَالح الفَوزَان – حفظه الله – ވިދާޅުވެފައިވެއެވެ. “ޤުރުއާން ކިޔަވައި އޭގެ އަޖުރު މަރުވެފައިވާ މައްޔިތާއަށް ދިނުން، މިއީ އެކަމަށް އެއްވެސް ދަލީލެއް އޮތް ކަމެއް ނޫނެވެ.”
މައްޔިތާއަށް ޤުރުއާން ކިޔަވައި ހަދިޔާ ކުރުމުގެ ބާބުގެ ތެރެއަށް ތަހުލީލު ކިޔެވުން ވަންނާނެއެވެ. އެއީ އެއް ބާވަތުގެ ތަކެއްޗެވެ. އެހެނީ ވަކި ޢަދަދަކަށް لا إله إلا الله ނުވަތަ އެހެން ޛިކުރެއް ކިޔައި އޭގެ ޘަވާބު ދިނުމަކީ ޤުރުއާން ކިޔަވައި އޭގެ އަޖުރު މައްޔިތާއަށް ހަދިޔާ ކުރުމަށް ބުނާ ބުނުމާއި އެއްފަދަ ކަމެކެވެ. މިއީ އެއްވެސް ދަލީލަކުން އަދި ރިވާޔަތަކުން ވާރިދުވެގެންވާ ޢަމަލެއް ނޫނެވެ. ވުމުން މަރުވުމަށްފަހު ދިރިތިބީން މައްޔިތާއަށް ތަހުލީލު ކިޔައި އެ ހަދިޔާ ކުރުމަކީ ﷲ ބާވައިލެއްވި ޢަމަލެއް ނޫނެވެ. ދީނަށް އަލަށް ވައްދާފައިވާ ކަންތަކުގެ ތެރެއަށް މެނުވީ އެކަންތައް ނުވަދެއެވެ.
6. ޤަބުރު ކައިރީގައި ވޮށް ބެހެއްޓުމާއި، ދިދަ ޖެހުމާއި އެފަދަ އެންމެހައި ޢަމަލުތައް.
7. ޤަބުރުގައި މަހާނަ ގާ ޖެހުމާއި، އޭގެ އިތުރަށް އޭގައި ނަމާއި ތާރީޚް ލިޔުންފަދަ އެންމެހައި ޢަމަލުތައް.
8. މަހާނަ ވަށައި ރޭނުން ނުވަތަ ފުޅަށްހެދުން ނުވަތަ ގެއެއްފަދަ ތަނެއް ބިނާކޮށް ހިޔާކޮށް ހެދުންފަދަ އެންމެހައި ޢަމަލުތައް.
9. 40 ދުވަސް ވަންދެން މައްޔިތާއަށް ޘަވާބު ދިނުމުގެ ޤަޞްތުކޮށް ކިޔެވުން. ފަހެ، މިއީވެސް އެއްވެސް ޙުއްޖަތެއްނެތް ބިދުޢަވެރި ޢަމަލުތަކެވެ.
މިފަދަ އެންމެހައި ޢަމަލު ތަކަކީ ބިދުޢަތަކެވެ. މުސްލިމުން ކޮށްގެންވާނެ ޢަމަލުތަކެއް ނޫނެވެ. މިއީ އޭގެ ސަބަބުން މައްޔިތާއަށް ކުޑަވެސް ހެޔޮކަމެއް ލިބޭނެ ކަންތައްތަކެއް ނޫނެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.