މަރުވެފައިވާ މައިންބަފައިންގެ މަހާނަ ކައިރީގައި ދުޢާ ކުރުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟ ހުއްދަކަމުގައިވާ ނަމަ ކިޔުން އެންމެ ރަނގަޅުވެގެންވާ ދުޢާއަކީ ކޮބާ ހެއްޔެވެ؟ އަދި އެންމެ އައުލާވެގެންވާ ވަގުތަކީ ކޮބާ ހެއްޔެވެ؟

gaburusthaanah ziyaarai kurun

މަރުވެފައިވާ މައިންބަފައިންގެ މަހާނަ ކައިރީގައި ދުޢާ ކުރުމަކީ ހުއްދަ ކަމެއް ހެއްޔެވެ؟ ހުއްދަކަމުގައިވާ ނަމަ ކިޔުން އެންމެ ރަނގަޅުވެގެންވާ ދުޢާއަކީ ކޮބާ ހެއްޔެވެ؟ އަދި އެންމެ އައުލާވެގެންވާ ވަގުތަކީ ކޮބާ ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين. أما بعد:

ދުނިޔެ ދޫކޮށްފައިވާ މަންމަގެ ޤަބުރަށް ޒިޔާރަތް ކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ފުރަތަމައީ:

ޤަބުރަށް ނުވަތަ ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ފިރިހެނުންނަށް ސުންނަތް ވެގެންވާ ޢަމަލެކެވެ. ދަލީލުތަކުން އަދި ދަލީލުތަކުގެ މައްޗަށް ބުރަވެ، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވާ އެންމެ ޞައްޙަ ބަސްފުޅަކީ އަންހެނުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ހުއްދަވެގެންނުވުމެވެ. އެ ފަދަ ދަލީލުތަކުގެ ތެރޭގައި:

އިމާމް أبو داود 3236، ابن عباس ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. (لعن رسول الله صلى الله عليه وسلم زائرات القبور) “ޤަބުރުތަކަށް ޒިޔާރަތް ކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވިއެވެ.”

އަދި الترمذي 1056 أبي هريرة رضي الله عنه ގެ އަހިރުން ރިވާކޮށްފައިވެއެވެ. (أن رسول الله صلى الله عليه وسلم لعن زوارات القبور) “ހަމަކަށަވަރުން ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވިއެވެ.”

އަދިވެސް މި މާނައިގައިވާ އެހެނިހެން ޙަދީޘްތަކެވެ. ވުމުން މި ނުކުތާގެ މައްޗަށް ބިނާކޮށް އެހެން ނުކުތާތައް ބަލަމެވެ.

ދެވަނައީ : ޤަބުރަށް ޒިޔާރަތް ކުރުމުގެ ޤަޞްދުގައި ދަތުރުކޮށް ދަތުރުހަދައި ގޮސްގެން ނުވާނެއެވެ. މާނައަކީ؛

ރަށެއްގައި އުޅޭމީހަކު އެހެން ރަށެއްގެ ޤަބުރުސްތާނުގައި ވަޅުލާފައިވާ މަންމައަށް ނުވަތަ އެ ނޫންވެސް ފަރާތަކަށް ޒިޔާރަތް ކުރުމުގެ ޤަޞްދުގައި ދަތުރުކޮށް ހަދައި ދަތުރުކޮށް ގޮސްގެން ނުވާނެއެވެ.

އިމާމް البخاري އަދި مسلم ރިވާކޮށްފައިވާ ހަދީޘްގައިވެއެވެ. “لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام ، ومسجدي هذا ، والمسجد الأقصى” ﷲ އަށް ކުއްތަންވުމުގެ ޤަޞްދުގައި ތިން މިސްކިތަކަށް މެނުވީ ދަތުރުކޮށްގެން ނުވާނެއެވެ. މަސްޖިދުލް ޙަރާމް، ތިމަން ނަބިއްޔާގެ މިސްކިތް އަދި މަސްޖިދް އަލް އަޤްޞާއެވެ.”

މި މައުޟޫގައި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހުވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. “ޤަބުރުތަކުގެ ތެރެއިންވާ އެއްވެސް ޤަބުރަކަށް (ކޮންމެފަދަ ޤަބުރެއް ކަމުގައިވީ ނަމަވެސް) ޒިޔާރަތް ކުރުމުގެ ޤަޞްދުގައި އެއްވެސް އިންސާނަކު ދަތުރުކޮށް ދިއުން ހުއްދައެއް ނުވާނެއެވެ.”

ތިންވަނައީ : އާޚިރަތް މަތިން ހަނދާން ކުރުމާއި، އެ ޤަބުރުތަކުގައިވާ އަހުލުވެރިން ފަދައިން ދުނިޔެ ދޫކޮށް އެ މަޤާމަށް ދާނެކަން ހަދާންކޮށް އެކަން ނަފްސަށް ގެނެސްގަތުމަށްޓަކައި ޤަބުރުސްތާނަށް ޒިޔާރަތް ކުރުމެވެ. މިއީ އަޞްލު ނިޔަތް އޮންނަން ޖެހޭ ގޮތެވެ.

އަދި މިއީ އެސަބަބަކަށް ޓަކައި ޤަބުރަށް ޒިޔާރަތް ކުރުމަށް މާތް ނަބިއްޔާ މިސްތަކުންނަށް ބަޔާންކޮށްދެއްވި ސަބަބުކަމުގައިވެއެވެ. ޙަދީޘްފުޅުން ޘާބިތުވެފައި ވެއެވެ.

“كنت نهيتكم عن زيارة القبور ألا فزوروها فإنها تذكركم الآخرة”. މާނައީ، “ތިމަން ނަބިއްޔާ ތިޔަބައިމީހުނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ނަހީކުރެއްވީމެވެ. ފަހެ ތިޔަބައިމީހުން މިހާރު ޤަބުރުސްތާނަށް ޒިޔާރަތް ކުރާށެވެ. އެއީ ތިޔަބައިމީހުނަށް ޤިޔާމަތް ހަނދުމަކޮށްދޭނެ ކަމެކެވެ.” މިޙަދީޘްފުޅު الإمام مُسلم ރިވާކުރައްވާފައި ވެއެވެ.

ހަތަރުވަނައީ: އިސްވެ ބަޔާންވެގެންވާ ނުކުތާތަކުގެ މައްޗަށް ޤަބުރުސްތާނަށް ޒިޔާރަތް ކޮށްފި މީހާއަށް، ސުންނަތްވެގެންވަނީ އެތަނުގައިވާ އަހުލުވެރިންނަށް ދުޢާކޮށްދިނުމެވެ. އެގޮތުން ޤަބުރުސްތާނަށް ޒިޔާރަތްކުރާ މީހާ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މިއުއްމަތުގެ އަހުލުވެރިންނަށް އަންގަވާ ދެއްވާފައިވާ އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤަބުރުސްތާނަށް ޒިޔާރަތް ކުރެއްވުމަށްފަހު ޙަދީޘްފުޅު ކުރެއްވި ދުޢާ ކިޔުން ސުންނަތް ވެގެން ވެއެވެ.

“السلام عليكم دار قوم مؤمنين وإنا إن شاءالله بكم لاحقون، يرحم الله المستقدمين منا ومنكم والمستأخرين، نسأل الله لنا ولكم العافية، اللهم لا تحرمنا أجرهم، ولا تفتنا بعدهم، واغفر لنا ولهم” އެ ދުޢާއަކީ މިއެވެ.

ފަހެ، އެހިނދު ޤަބުރުސްތާނުގައިވާ އަހުލުވެރިންނަށް އަދި އޭނާގެ ނަފްސަށް އަޖުރާއި ޘަވާބު ޙާޞިލްވެ އެ ޒިޔާރަތަކީ ސުންނަތް ވެގެންވާ ދީނުގައި ޝަރުޢުވެގެންވާ ޒިޔާރަތެއް ކަމުގައިވެއެވެ.

ފަސްވަނައީ: ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށްފަހު، އެތަނުގައިވާ ޚާއްޞަ ޤަބުރެއް ކައިރިއަށް ދިއުން އެހިނދު މަނާކަމެއް ނެތެވެ. ދަންނަ ހުއްޓެވެ! އެމީހަކު އަޞްލު ޤަޞްދު ކަމުގައިވަނީ ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމެއް ނޫނެވެ. އެހެނަސް ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށްފަހު، އެތަނުގައި ޚާއްޞަ ޤަބުރެއް އޮތުމުން އެ ޤަބުރުކައިރީގައި މަޑުކޮށް ދުޢާ ކުރުމެވެ.

އެއީ މަންމަ ކަމުގައިވާނަމަ ނުވަތަ އެހެން ފަރާތެއް ކަމުގައިވާނަމަ އެ ފަރާތަށް ދުޢާކޮށް ﷲ އަށް ދެންނެވުމެވެ. އެހިނދު މި ޢަމަލުގައި މަނާކަމެއް ނެތެވެ. މަންމަގެ ފާފަ ފުއްސެވުމަށް، އަދި އެހެން އެފަދަ ދުޢާ ކުރުމުގައި މައްސަލައެއް ނުވެއެވެ.

ހަވަނައީ:

ބައެއް މީހުންނަށް ވިސްނިފައިވާ އެއްޗަކީ، މަންމަ ނުވަތަ ބައްޕަ ދުނިޔެ ދޫކުރުމަށްފަހު، އެ ޤަބުރަސް ޒިޔާރަތް ކުރުމަކީ އެއީ މަންމަ އަދި ބައްޕައަށް އިޙްސާންތެރިވުމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.

ފަހެ، މި މައްސަލައިގެ ޙައްޤު ބަހަކީ ކޮބައިކަން އިސްވެ ބަޔާން ކުރެވިއްޖެއެވެ. އެއީ ވަކި ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމުގެ ނިޔަތުގައި ދަތުރު ކުރުމެއް ނުވާކަމެވެ. އަދި ވަކި ޚާއްޞަ ޤަބުރަކަށް ޒިޔާރަތް ކުރުމަށް ޤަބުރުސްތާނަށް އެ ނިޔަތުގައި ދިއުމެއް ނުވާކަމެވެ.

الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. “ޤަބުރުސްތާނުގައިވާ އަހުލުވެރިންނަށް ޒިޔާރަތް ކުރުމުގެ މަޤްޞަދަކީ އެފަރާތްތަކަށް ދުޢާ ކޮށްދިނުމެވެ. ދުޢާ ކުރާ މީހާ ކޮންމެ ހިސާބެއްގައި (ކޮންމެ ތަނެއްގައި) ހުއްޓަސް އޭނާގެ ދުޢާ ﷲ ގެ ޙަޟުރަތަށް ވާޞިލްވާނެތެވެ.”

އެއީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. “إذا مات الإنسان انقطع عمله إلا من ثلاثة إلا من صدقة جارية أو علم ينتفع به أو ولد صالح يدعو له”. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.”

ފަހެ، ތިބާއަށް އޮތީ ތިބާވީ ކޮންމެ ތަނެއްގައިމެ، މައިންބަފައިންނަށް ދުޢާ ކުރުމެވެ. ކައިރީގައި ނުވަތަ ދުރުގައިހުރި ކަމުގައިވީނަމަވެސް މެވެ. ޤަބުރަށް ޒިޔާރަތް ކުރުމުގެ ޙާޖަތެއް ނެތެވެ. އާނއެކެވެ.

ވަޅުލެވިފައިވާ އެ ބިމުގައި ތިބާ ހުރެފައި، އެ (އެތަނަށް ޙާޖަތެއް ޖެހިގެން) ތިބާއަށް އާދެވުނީއެވެ. އެހިދނު ބައްޕަގެ ޤަބުރަށް ޒިޔާރަތް ކުރުން މައްސަލައެއްނެތެވެ. އެހެނަސް ދަތުރު ހަދައިގެން ޤަބުރަށް ޒިޔާރަތް ކުރުމަށް އައުމަކީ ދީނުގައި ނަހީވެގެންވާ ކަމެކެވެ.”

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.