ނަމާދުގެ ސަޖިދައިގައާއި ރުކޫޢުގަ އަދި އައްތަޙިޔާތަށްފަހު ސަލާން ދިނުމުގެ ކުރިން ޤުރްއާނުން ވާރިދުވެފައިވާ ދުޢާތައް ކިއިދާނެތޯއެވެ؟

Quranun varidh vefaifa dhua thah namaadha gai kiyun

ނަމާދުގެ ސަޖިދައިގައާއި ރުކޫޢުގަ އަދި އައްތަޙިޔާތަށްފަހު ސަލާން ދިނުމުގެ ކުރިން ޤުރްއާނުން ވާރިދުވެފައިވާ ދުޢާތައް ކިއިދާނެތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.

أما بعد:

އަޚާއެވެ! ސުވާލުގެ ޖަބާވު ދިނުމާއެކު އިތުރަށް ބަލާލަންޖެހޭ ނުކުތާތަކެއްވެއެވެ.

ފުރަތަމައީ : ސަޖިދައިގައި އެ ޛިކުރެއް ކިޔުމަށް ޢިލްމުވެރިން ވާޖިބު ކަމުގައި ވިދާޅުވާ ޛިކުރެއްވެއެވެ. އެއީ سبحان ربي الاعلى އެވެ. އެއްފަހަރު ކިޔުމަކީ ވާޖިބެކެވެ. އަދި 3 ފަހަރަށް ކިޔުން އެދެވިގެންވެއެވެ. މާނައީ އެހެން ޛިކުރެއް ނުވަތަ ދުޢާއެއް ކިޔާނަމަ މި ޛިކުރު ކުރުމަށްފަހުގައި ކިޔުން ހުއްޓެވެ.

ދެވަނައީ : އަޅާ ސަޖިދައިގައިވާ މަޤާމަކީ މާތް މަތިވެރި ވެގެންވާ މަޤާމެކެވެ. ހަދީޘްގައިވެއެވެ. ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރައްވާފައިވެއެވެ. (إنَّ أقربَ ما يكونُ العبدُ مِن ربِّه وهو ساجدٌ فأكثِروا الدُّعاءَ) ”އަޅާ އޭނާގެ އިލާހުގެ ޙަޟުރަތަށް އެންމެ ކުށްތަންވާ ވަޤުތަކީ ސަޖިދައިގައި އޮންނަ ވަޤުތެވެ. ފަހެ، ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ.“ رواه مسلم في كتاب الصلاة، باب: ما يقال في الركوع و السجود.

އަޚާއެވެ! ސަޖިދައިގެ މަޤާމަކީ މިއެވެ. ﷲ ގެ އަޅާ އެއިލާހާ އެންމެ ކުށްތަންވެވޭ ވަޤުތެވެ. އަދިވެސް ޙަދީޘްގައި ބަޔާންވެގެންވާ ދަލީލަކީ ދުޢާކުރުން ގިނަ ކުރުމަށް ބަޔާންވެގެންވުމެވެ. އެހެން ވުމުން ފަރުޟު އަދި ސުންނަތް ނަމާދުގައިވެސް ސަޖިދައިގައި ދުޢާ ކުރުން އެދެވިގެންވެއެވެ. ހެޔޮކަން ބޮޑުވެގެންވެއެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز – رحمه الله- ވިދާޅުވެފައިވެއެވެ. ”ސަޖިދައިގައި ކުރެވޭ ދުޢާ އިޖާބަވުން ގާތްކަން ބޮޑެވެ. ފަރުޟު ނަމާދެއް އަދި ސުންނަތް ނަމާދެއްގައި ކަމުގައިވީނަމަވެސް މެއެވެ. އެއީ ނަބިއްޔާ – صلى الله عليه وسلم – ޙަދީޘް ކުރައްވާފައިވުމުންނެވެ. (أَقْرَبُ ما يَكونُ العَبْدُ مِن رَبِّهِ، وهو ساجِدٌ، فأكْثِرُوا الدُّعاءَ) އަޅާ އޭނާގެ ރައްބުގެ ޙަޟުރަތަށް އެންމެ ކުށްތަންވެގެންވަނީ އޭނާ ސަޖިދައިގައިވާ ހިނދުގައެވެ. ފަހެ، ދުޢާކުރުން ގިނަކުރުން ހުއްޓެވެ. ސަޖިދައިގައި ދުޢާކުރުން އިތުރުކުރުން މުސްތަޙައްބުވެގެންވެއެވެ. ސަބަބަކީ ސަޖިދައިގައިވާ ދަނޑިވަޅަކީ، ކިޔަމަންތެރިކަމާއި ދެރަ ނިކަމެތި ކަމުގެ އިތުރުން ހިތް ތިރިކުރެވޭ ޙާލަތަކަށް ވާތީވެ އެދަނޑިވަޅުގައި ދުޢާކުރުން މުނާސިބުވެގެންވެއެވެ.“ شرح عمدة الأحكام ص١٩٨. އެހިނދު އަޚާއަށް މި މަޤާމުގެ މާތްކަމާއި މަތިވެރިކަން ބަޔާންވީއެވެ.

ތިންވަނައީ : ސަޖިދައިގައި އަދި ރުކޫޢުގައި ޤުރުއާން ކިޔެވުން ނަބިއްޔާ – صلى الله عليه وسلم – ވަނީ އަހަރެމެންގެ މައްޗަށް ނަހީކުރައްވާފައެވެ. ފަހެ، އެހެން ވުމުން ޤުރުއާން ކިޔެވުން ހުއްދަ ނުވާނެއެވެ. އެހެނަސް އެމީހެއްގެ ޤަޞްދަކީ ދުޢާ ކުރުން ކަމުގައިވާނަމަ، ޤުރުއާނުގައި ވާރިދުވެގެންވާ ދުޢާތައް ސަޖިދައިގައި ކުރުން އެއީ ޤުރުއާން ކިޔެވުމުގެ ޙުކުމުގެ ތެރެއަށް ވަންނާނެ ކަމެއް ނޫނެވެ. އެފަދަ ދުޢާ ކުރުން ހުއްދަވެގެންވެއެވެ. ވުމާއެކު ވާރިދުވެފައިވާ ދުޢާ ކުރުމަށް ބާރުއެޅުން ހުއްޓެވެ. ޚާއްޞަކޮށް ފަރުޟު ނަމާދުގައި ވާރިދުވެފައިވާ ޛިކުރު ކުރުމަށް ސަމާލުކަން ދިނުން ހުއްޓެވެ.

މިތަނުގައި އެފަދަ ބައެއް ހެޔޮ ދުޢާތައް ޛިކުރު ކޮށްލަމެވެ.

 

1. أَبُو هُرَيرة – رضي الله عنه – ނަބިއްޔާ – صلى الله عليه وسلم – އަރިހުން ރިވާކުރައްވާފައިވެއެވެ. (أنَّ رسولَ اللهِ صلى الله عليه وسلم كان يقولُ في سجودِه: اللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ) ”ހަމަކަށަވަރުން ސަޖިދައިގައި رسولَ اللهِ – صلى الله عليه وسلم – ވިދާޅުވެއެވެ. އަޅުގެ ވެރި އިލާހު! މިއަޅާގެ އެންމެހައި ފާފަތަކެއް ފުއްސަވާނދޭވެ. އެންމެ ކުދި ފާފަތަކާއި، ބޮޑެތި ފާފަތަކާއި، އެންމެ ކުރީގެ ފާފަތަކާއި އެންމެ ފަހުގެ ފާފަތަކާއި އަދި ފާޅުވެގެންވާ ގޮތުގައި އާއި ސިއްރިޔާތުގައި ކުރެވިފައިވާ އެންމެހައި ފާފަތަކެއް ފުއްސަވާނދޭވެ.“ صحيح مسلم 483

2. علي بن أَبِي طَالب – رضي الله عنه – ވިދާޅުވިއެވެ. ”ﷲ އަށް ކުއްތަންވެ ސަޖިދައިގައި އޮންނަ ހިނދުގައި ކިޔުމަށް ﷲ އެންމެ ލޯބިވޮޑިގަންނަވާ އެއް ކަލިމައަކީ (ظَلَمْتُ نَفْسِيْ فَاغْفِرْلِي) ”މިއަޅާވަނީ ނަފްސަށް އަނިޔާވެރިވެފަ އެވެ. ފަހެ އަޅާއަށް ފާފަ ފުއްސަވާނދޭވެ.“ مصنف ابن أبي شيبة 29842

3. مِحْجَنَ بْنَ الْأَدْرَعِ – رضي الله عنه – ވިދާޅުވިއެވެ. ރަސޫލާ – صلى الله عليه وسلم – މިސްކިތަށް ވެދެވަޑައިގެންނެވިއެވެ. ފަހެ، އެހިނދު މިސްކިތުގައި ޞަޙާބީއެއް ނަމާދުގެ ފަހު ތަޝައްހުދުގައި (އަންނަނިވި) ދުޢާ ކުރެއްވިއެވެ. (اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ، وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ؛ أَنْ تَغْفِرَ لِي ذُنُوبِي؛ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ) އެހިނދު ރަސޫލާ – صلى الله عليه وسلم – ޙަދީޘް ކުރެއްވިއެވެ. (قَدْ غُفِرَ لَهُ، قَدْ غُفِرَ لَهُ ، ثَلَاثًا) ”ހަމަކަށަވަރުން އޭނާގެ ފާފަ ފުއްސަވައިފިއެވެ. ހަމަކަށަވަރުން އޭނާގެ ފާފަ ފުއްސަވައިފިއެވެ. ތިންފަހަރު ޙަދީޘް ކުރެއްވިއެވެ.“

4. ނަބިއްޔާ – صلى الله عليه وسلم – މިސްކިތަށް ވެދެވަޑައިގެންނެވިއެވެ. ފަހެ، އެހިނދު ނަމާދުކޮށް އަވަދިވުމަށް ގާތްވެފައިވާ މީހަކު އައްތަހިޔާތުގައި ވަނިކޮށް ދެކެވަޑައިގެންނެވިއެވެ. އެ ޞަޙާބީ އައްތަހިޔާތުގައި ވިދާޅުވަމުން ގެންދެވިއެވެ. (اللَّهمَّ إنِّي أسألُكَ يا اللَّهُ الأحدُ الصَّمدُ الَّذي لم يَلِدْ وَلمْ يُوْلَد وَلمْ يَكُنْ لَهُ كُفوًا أَحَدٌ أَنْ تَغْفِرَ لِيْ ذُنُوْبِيْ إنَّكَ أنتَ الغفورُ الرَّحيمُ) ފަހެ، އެހިނދު رسول الله – صلى الله عليه وسلم – ޙަދީޘްފުޅު ކުރެއްވިއެވެ. (قد غُفر له، قد غُفر له، قد غُفر له) ” އޭނާގެ ފާފަ ފުހެވިއްޖެއެވެ. އޭނާގެ ފާފަ ފުހެވިއްޖެއެވެ. އޭނާގެ ފާފަ ފުހެވިއްޖެ އެވެ.“ صححه الألباني، سنن أبي داود (٩٨٥)

صححه الألباني في صحيح أبي داود رقم: (985)

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.