عُجْب – ތިމާއަށް ތިމާ ފެނުން
الحمد لله رب العالمين، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدًا عبده ورسوله؛ صلى الله وسلَّم عليه وعلى آله وصحبه أجمعين. أما بعد:
عُجْبُ އަކީ، ކިބުރުވެރިކަމެވެ. އަދި ތިމާ ދެކޭގޮތް ނުވަތަ ތިމާގެ ނަފްސުގައިވާ ކަމެއް، އެއީ އެހެން މީހުން ދެކޭގޮތަށްވުރެ މޮޅުގޮތެއް ނުވަތަ ތިމާއަކީ އެހެންމީހުންނަށްވުރެ މާމޮޅު މީހެއްކަމުގައި ދެކުމެވެ.
ފިޤުހީ ގޮތުން ބަލާއިރު، ތިމާކުރާ ޢަމަލުތަކަކީ، މާގިނަ ބައިވަރުތަކެއް ކަމުގައި ތިމާގެ އަމިއްލަ ނަފްސަށް ދެކުމެވެ. ނުވަތަ ތިމާގެ މޮޅުކަން ތިމާއަށް ފެނި، އެހެން މީހުންގެ މައްޗަށް ތިމާގެ އެފަދަ ކަންކަން މާމޮޅުވެގެންވާ ކަންތައްތަކެއްގެގޮތުގައި އިސްކުރުމެވެ.
عُجْبُ އަކީ ނުރައްކާތެރިކަންބޮޑު އާފާތެކެވެ. ހިތުގެ އިޚްލާސްތެރިކަން ފިލުވައިލާ ހިތުގެ ބޮޑު ބައްޔެކެވެ. އެއީ، މުސްލިމު އަޅާއާއި އެކަށީގެން ނުވާ ހުތުރު އަޚްލާޤެކެވެ. ކުރާ ޢަމަލުތައް ފަނާކޮށްލައި، އަޅުކަންތައްތައް ނިކަމެތި ކޮށްލައި، ﷲ އާއި އަޅާއާއި ދެމެދު އޮންނަ ގުޅުން ހީނަރުކޮށްލާ ވަބާއެކެވެ. އަދި އެއީ އިންސާނާގެ ބުއްދީގެ ނިކަމެތިކަމާއި، ވިސްނުމުގެ ކޮށިކަން ހާމަކޮށްދޭ އަލާމާތެކެވެ. އިންސާނާ ބޮޑު ހަލާކެއްގެ ތެރެއަށް އެއްލާއިލާ ކަމެކެވެ.
عُجْبُ ގެ ނުރައްކާތެރިކަން، ދުނިޔެއާއި އާޚިރަތުގައިވެސް، އެސިފާއިގެ މީހުންނަށް ލިބޭނޭކަން، އެތައް އާޔަތްތަކަކުން ދޭހަކޮށްދެއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ:
لَقَدْ نَصَرَكُمُ اللّهُ فِي مَوَاطِنَ كَثِيرَةٍ وَيَوْمَ حُنَيْنٍ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئًا وَضَاقَتْ عَلَيْكُمُ الأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ
[التوبة: 25]
މާނައީ: “ހަމަކަށަވަރުން، އެތައްއެތައް ތަނެއްގައި، اللَّه ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. އަދި حُنين (ހަނގުރާމައިގެ) ދުވަހު، ތިޔަބައިމީހުންގެ ބައިގިނަކަމުގެ ސަބަބުން، ތިޔަބައިމީހުން ހެއްލުންތެރިވީހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ބައިގިނަކަން، ތިޔަބައިމީހުންނަށް އެއްވެސްކަމެއް ފުއްދައެއްނުދިނެވެ. އަދި (އެހިނދު) ތަނަވަސްކޮށް އޮތް ބިން، ތިޔަބައިމީހުންނަށް ދަތިވެގެންދިޔައެވެ. ދެން ތިޔަބައިމީހުން، ފުރަގަސްދީ، ފިލާން ދުއްވައިގަތީމުއެވެ.”
ތިމާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މައްޗަށް ޝުކުރު ނުކޮށް ބޮޑާވެގަތުން ނަހީކުރައްވައި، އެފަދަ މީހުންގެ މުދާ ދުނިޔޭގައި އެކަލާންގެ ހިއްޕަވާނެކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ:
وَاضْرِبْ لَهُم مَّثَلاً رَّجُلَيْنِ جَعَلْنَا لأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَابٍ وَحَفَفْنَاهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا كِلْتَا الْجَنَّتَيْنِ آتَتْ أُكُلَهَا وَلَمْ تَظْلِمْ مِنْهُ شَيْئًا وَفَجَّرْنَا خِلالَهُمَا نَهَرًا وَكَانَ لَهُ ثَمَرٌ فَقَالَ لِصَاحِبِهِ وَهُوَ يُحَاوِرُهُ أَنَا أَكْثَرُ مِنكَ مَالاً وَأَعَزُّ نَفَرًا وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَذِهِ أَبَدًا وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَى رَبِّي لأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا
[الكهف: 32-36]
މާނައީ: “ކަލޭގެފާނު އެއުރެންނަށް ދެމީހެއްގެ مثال ޖައްސަވައިދެއްވާށެވެ! އެ ދެމީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަންއިލާހު ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ. އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ. އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ. އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ. އަދި އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް ނުކުރަމެވެ. އަދި قيامة ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިއިލާހުގެ حضرة އަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.”
މިޙާދިޘާއަށް އަޅުގަނޑުމެން ވިސްނާލާއިރު، މީހަކު އޭނާއަށް ﷲ ދެއްވާފައިވާ ފުރިހަމަ މުދަލުން އޭނާގެ ނަފްސު އޭނާއަށް ފެނި އެކުވެރިޔާގެ މައްޗަށް ބޮޑާވެގަތެވެ. އެކަމުގެ ޢުޤޫބާތެއްގެ ގޮތުން ﷲ އޭނާގެ މުދާ ހިއްޕެވިއެވެ. ބާކީ އެއްވެސް އެއްޗެއް ނެތް ގޮތުގައި މުދާތައް ހަލާކު ކުރެއްވިއެވެ. އޭނާގެ އެކުވެރިޔާގެ ނަސޭހަތުގެ ބަސް އޭނާ އަޑު ނޭހުމުގެ ނަތީޖާ ހިތިވިއެވެ. އޭނާގެ އެކުވެރިޔާ އޭނާއަށް ނަސޭހަތްތެރިވި ބަސް އަޑުއަހާލަމާތޯއެވެ؟
وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ ۚ
[الكهف:39]
“އަދި ކަލޭގެ ބަގީޗާއަށް، ކަލޭ ވަންހިނދު، اللَّه އިރާދަކުރެއްވިކަމެއްވާނެއޭ ބުނިނަމަ، ކޮންފަދަހެއްޔެވެ! އެއްވެސް ބާރެއް اللَّه ގެ حضرة ން މެނުވީ ނުވެއެވެ.”
މިނަސޭހަތަކީ، ތިމާއަށް ލިބިފައިވާ ނިޢުމަތެއްގެ މައްޗަށް ތިމާ ފެންނަހިނދު، ކޮންމެ އިންސާނަކަށްވެސް ބޭނުންޖެހިފައިވާ މުހިއްމު ނަސޭހަތެކެވެ. އޭނާ އަޖައިބުކުރުވާފަދަ ވިޔަފާރިއެއް ނުވަތަ އެހެން ނިޢުމަތެއް ނަމަވެސް، ފެންނަހިނދު މިކަލިމަ ކިޔުމުން، ކުރިމަތިވެފައިވާ ބަލިމަޑުކަން ފިލައިދާނެއެވެ.
هِشَام بن عُرْوَة އޭނާގެ ބައްޕަގެ އަރިހުން ރިވާކުރައްވާފައިވެއެވެ. “އޭނާގެ މުދަލުގައި އަޖައިބުކަން ފެނިއްޖެނަމަ، ނުވަތަ ބަގީޗާގެ ތެރެއަށް ވަންނަހިނދު މިފަދައިން ކިޔުއްވައެވެ. مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ (رواه البغوي في شرح السنة)
ތިމާއަށް ކިތަންމެ ރީތި ހަށިގަނޑެއް ނުވަތަ ރީތި ބުރުސޫރަކަމެއް ލިބުމަކުން، އެކަމުގެ މައްޗަށް ބޮޑާވެ ގަތުން މާތް ﷲ ނަހީކުރައްވާފައިވެއެވެ. އެހެން މީހުންގެ މައްޗަށް ބޮޑާވެ، މަގުތަކުގައި ހިނގުން ނަހީ ކުރައްވައި، މާތް ﷲ ވަޙީކުރެއްވިއެވެ:
وَلاَ تَمْشِ فِي الأَرْضِ مَرَحًا إِنَّكَ لَن تَخْرِقَ الأَرْضَ وَلَن تَبْلُغَ الْجِبَالَ طُولاً كُلُّ ذَلِكَ كَانَ سَيٍّئُهُ عِنْدَ رَبِّكَ مَكْرُوهًا [الإسراء: 37-38]
މާނައީ: “އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ. އެ އެންމެހާ ކަންތަކުގެ ތެރެއިން، ނުބައިކަންތައް، ކަލޭގެފާނުގެ ވެރިއިލާހުގެ حضرة ގައި ނުރުއްސަވާ ކަންތައް ކަމުގައިވިއެވެ.”
ތިމާއަށް ތިމާފެނި، އެހެން މީހުންނަށް ހިނިތުންވުމެއް ނުވަތަ ބަލައިލުމެއް ނެތި، މޫނު ވަތަށް ޖަހައިގެން ބޮޑާވެ ހިނގުން ނަހީކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ:
وَلا تُصَعِّرْ خَدَّكَ لِلنَّاسِ وَلا تَمْشِ فِي الأَرْضِ مَرَحًا إِنَّ اللَّهَ لا يُحِبُّ كُلَّ مُخْتَالٍ فَخُورٍ
[لقمان: 18]
އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައިވެސް ތިމާއަށް ތިމާފެނި ބޮޑާވެގަތުމުގެ ނުބައިކަން ބަޔާންވެގެންވެއެވެ. މިކަމުގެ ހުރި ނުބައިކަމާއި، އެފަދަ މީހުން ހިއްޕަވާނެކަން ބަޔާންވެގެންވެއެވެ.
عن أَبي هريرة رضي الله عنه: ((بَيْنَمَا رجلٌ يمشِي في حُلَّةٍ تُعجِبُهُ نفسُهُ ، مُرَجِّلٌ جُمَّتَهُ ، إذْ خسَفَ اللهُ بهِ الأرْضَ ، فَهُوَ يَتَجَلْجَلُ فيها إلى يومِ القيامَةِ ))
رواه البخاري (5789)، ومسلم (2088).
މާނައީ: “މީހަކު އޭނާ އަމިއްލަ ނަފްސުގެ ރީތިކަން އޭނާއަށް ފެނި (ބޮޑާވެ)، ފުނާއަޅާއި (އިސްތަށިގަނޑު ހަލުވަމުން)، ރީތި ހެދުމެއްގައި ހިނގާފައި ދެއެވެ. އެހިނދު، މާތް ﷲ އޭނާ ބިމުގެ ތެރެއަށް ގަންބަވައި ގަންނުވައެވެ. އަދި އެގޮތުގެ މަތީގައި ޤިޔާމަތާއި ހަމައަށް އޭނާ ލައްވައެވެ.”
قال أبو العباس القرطبي ވިދާޅުވިއެވެ: “މީހަކު އޭނާކޮށްފައިވާ ފާފާއިގެ ސަބަބުން އޭނާ އަވަސްކޮށް ހިއްޕެވުމުން އަމާންވެގެންވާކަން ދެކުން، ދޫކޮށްލުމުގެ ފައިދާ މިޙަދީޘުން ލިބެއެވެ. އަދި އިންސާނާ އޭނާގެ ނަފްސާއި، އަންނަ ފޭރާމާއި، އޭނާގެ ހައިއަތުގައި ދެއްކުންތެރި ވުމަކީ، ޙަރާމް ކަމެއްކަމާއި އަދި އެއީ ބޮޑުފާފައެއްކަން މިޙަދީޘުން ދޭހަކޮށްދެއެވެ. ((طرح التثريب)) (8/169).
ތިމާއަށް ލިބިފައިވާ ރީތިކަމާއި، އަދި ވަރުގަދަ ހަށިގަނޑުގެ މައްޗަށް ތިމާ ފެނި، ބޮޑާ ވުމުގެ އިތުރުން، ތިމާ ކުރާ އަޅުކަމުގައި عُجْب އެކުލެވުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ.
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : ((ثَلَاثٌ مُنْجِيَاتٌ، وَثَلَاثٌ مُهْلِكَاتٌ؛ فَأَمَّا الْمُنْجِيَاتُ: فَتَقْوَى اللهِ فِي السِّرِّ وَالْعَلَانِيَةِ، وَالْقَوْلُ بِالْحَقِّ فِي الرِّضَا وَالسُّخْطِ، وَالْقَصْدُ فِي الْغِنَى وَالْفَقْرِ. وَأَمَّا الْمُهْلِكَاتِ: فَهَوًى مُتَّبِعٌ، وَشُحٌّ مُطَاعٌ، وَإِعْجَابُ الْمَرْءِ بِنَفْسِهِ، وَهِيَ أَشَدُّهُنَّ))
رواه البيهقي في «شعب الإيمان».
“ސަލާމަތުގެ ތިން ކަމެއް އަދި ހަލާކުގެ ތިން ކަމެއް ވެއެވެ. ސަލާމަތުގެ ތިން ކަމަކީ: ސިއްރާއި ފާޅުގައި ﷲ އަށް ބިރުވެތިވުމާއި، ރުހުމުގަޔާއި، ނުރުހުމުގައިވެސް ޙައްޤުބަސް ބުނުމާއި، އަދި މުއްސަނދިކަމާއި ފަޤީރުކަމުގައި މެދުމިންގަޑު ގެންގުޅުމެވެ. ހަލާކުގެ ތިންކަމަކީ: ހަވާނަފްސަށް ތަބާވުމާއި، ދަހިވެތިކަމަށް ކިޔަމަންވުމާއި އަދި އޭނާގެ ނަފްސަށް އޭނާ ފެނުމެވެ. މިކަމަކީ، މިކަންތައްތަކުގެ ތެރެއިން އެންމެ ނުބައި ކަންތަކެވެ.”
عُجْب ގެ ނުރައްކާތެރިކަމަށް ފާރަވެރިވާށެވެ! عُجْب ގެ ވެރިޔާގެ ކުރާ ހެޔޮޢަމަލުތައް ކޯރެއްގައި ފެން ދެމިގެންދާ ފަދައިން ދެމިގެން ހިނގައިދެއެވެ. އަދި އެންމެފަހުން އޭނާގެ ކުރިމަތީގައި އެއްވެސް ހެޔޮކަމެއް ނެތް ކަމުގައި އޭނާއަށް ފެންނާނެއެވެ.
عبدالله بن مسعود عن النَّبيِّ صلى الله عليه وسلم أنَّه قال: ((لَا يَدْخُلُ الجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ))
رواه مسلم.
“ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހާ ސުވަރުގެ ނުވަންނާނެއެވެ.”
عُجْب އަކީ ގިނަގުނަ ޢާފާތްތައް އެކަމުގައި އެކުލެވިގެންވާ ކަމެކެވެ. އޭގެތެރޭގައި، عُجْب ގެ ވެރިޔާ ކޮށްފައިވާ ފާފަތައް މަތިން ހަނދާންނެތުންވެއެވެ. އެހިނދު އޭނާގެ ނަފްސުގައި ކުރެވިފައިވަނީ ކޮން ފާފަތަކެއްތޯ ހޯދައި ބެލުމެއް އޭނާ ނުދަނެއެވެ. އޭނާ ދެކޭ ގޮތުގައި، އޭނާއަކީ އެފާފަތައް ހޯދައި ބެލުމުން ފުދިގެންވާ މީހެކެވެ. އެހިނދު އެފާފަތައް މަތިން އޭނާ ހަނދާންނެތިދެއެވެ. ފަހެ އޭނާ އެފާފަތަކުން ތައުބާ ވުމަށްޓަކައި މަސައްކަތެއް ނުކުރާނެއެވެ.
އަދި ހަމައެހެންމެ، އޭނާގެ އަޅުކަންތައްތަކާއި، ﷲ އަށް ކިޔަމަންތެރިވުމަކީ، އެއީ އެންމެ މާތް އެންމެ ފުރިހަމަ ޢަމަލުތަކެއް ކަމުގައި އޭނާގެ ނަފްސަށް އޭނާ ދެކެއެވެ. އެހިނދު، ﷲ އޭނާއަށް ދެއްވި ތައުފީޤާއި ހިދާޔަތުގެ ނިޢުމަތުގެ މަތިން އޭނާ ހަނދާންނެތި ދެއެވެ.
أبو وهب المروزي ވިދާޅުވިއެވެ:
ތިމަން عُجْب އާއި ބެހޭގޮތުން ابن المبارك އާއި ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: «أَنْ تَرَى أَنَّ عِنْدَكَ شَيْئًا لَيْسَ عِنْدَ غَيْرِكَ، وَلَا أَعْلَمُ فِي الْمُصَلِّينَ شَيْئًا شَرًّا مِنَ الْعُجْبِ». އެހެން މީހަކަށް ލިބިގެން ނުވާފަދަ ކަމެއް ތިބާއަށް އެކަނި ލިބިފައިވާކަމަށް ތިބާ ދެކުމެވެ. ނަމާދުކުރާ މީހުންގެގައިން عُجْب އަށްވުރެ ނުރައްކާތެރި އެހެންކަމެއް ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ.”
أورده الذهبي في السير
ވީމާ، އަމިއްލަ ނަފްސަށް ނަސޭހަތްތެރިވާ މުސްލިމު އަޅާގެ މައްޗަށް ވާޖިބުވެގެންވަނީ، އޭނާއަށް ކުރެވިފާ ޢަމަލުތަކަކީ، ވަރަށްމަދު އެއްޗެއް ކަމުގައި ދެކި، ޢަމަލުކުރުމުގައި ފަރުވާކުޑަ ކުރެވިފައިވާމަށް ނަފްސަށް ތުހުމަތު ކުރުމެވެ. عُجْب ގެ ބަލިމަޑުކަން ކުރިމަތިވެދާނެކަމަށް ނަފްސަށް އިންޒާރު ދިނުމެވެ. ތިބާއަށް ނަމާދާއި، ރޯދައާއި، ޤުރްއާން ހިތުންދަސްކުރުމާއި، ޤުރްއާން ކިޔެވުމާއި، ޢިލްމު އުނގެނުމާއި އަދި މިނޫންވެސް ހެޔޮޢަމަލު ކުރުމުން، އަމިއްލަ ނަފްސަށް އެއީ މާ ބައިވަރު، އެއްޗެއް ކަމުގައި ނުދެކޭށެވެ. އެކަންކަމުގެ މައްޗަށް عُجْب ނުވާށެވެ. ސަބަބަކީ އެހެން ވެއްޖެނަމަ، ތިބާގެ އެޢަމަލުތައް ބާޠިލުވެގެން ހިނގައިދާނެތީއެވެ. ތިބާއަށް ކުރެވިފައިވާ ފާފަތައް މަތިން ހަނދާންކޮށް ތައުބާވުން ގިނަކުރާށެވެ.
ފަހެ، ތިބާއަށް عُجْب ގެ ބަލިމަޑުކަން (ކޮށްފައިވާ ޞާލިޙު ޢަމަލެއްގެ މައްޗަށް އެއީ މާމޮޅު ބައިވަރު އެއްޗެއްކަމުގައި ތިބާއަށް ފެނިއްޖެނަމަ)، މި ތިން ކަންތަކުގެ މަތިން ހަނދާންކުރާށެވެ.
- ތިބާއަށް ކުރެވިފައިވާ ފާފަތައް މަތިން ހަނދާން ކުރާށެވެ. ކުރެވިފައިވާ ފާފަތަކުގެ މައްޗަށް އިޢުތިރާފުވެ، ﷲ ގެ ޙައްޤުގައި ފަރުވާކުޑަ ކުރެވިފައިވާކަމަށް އިޢުތިރާފުވުމަކީ، ދެއްކުންތެރިކަމުގެ ކުރިމަތީގައި، ކަނދުރާ ތިރިކޮށްލެވޭނެކަމެކެވެ.
- ތިބާއަށް ދެއްކުންތެރިކަން ކުރިމަތިކުރުވާ، ތިބާކޮށްފައިވާ މި ހެޔޮޢަމަލުގައިވެސް ފަރުވާކުޑަކުރެވިފައިވާކަމަށް ތިބާ ހަނދާން ކުރާށެވެ.
- ތިބާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކަކީ، ގުނައި ޢަދަދު ކުރެވޭ ވަރަށްވުރެ މާ ގިނަގުނަވެގެންވާ ނިޢުމަތްތަކެއްކަން ހަނދާން ކުރާށެވެ. އޭގެތެރޭގައި، ޞާލިޙު ޢަމަލުތަކުގެ ނިޢުމަތް ވެއެވެ.
މިތިން ކަންތަކުގެ މަތިން ހަނދާންކޮށްފިނަމަ، ﷲ ގެ އިރާދަފުޅުން ތިބާއަށް ކުރިމަތިވި عُجْب ގެ ބަލިމަޑުކަން ފިލައި ހިނގައިދާނެއެވެ.
العلامة ابن القيم -رحمه الله- ވިދާޅުވިއެވެ: “އަޅުގަނޑުމެން މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީބޭކަލުންގެ ޙާލަތާއިމެދު ވިސްނައި ފިކުރުކުރުމުން، އެބޭކަލުން، ހެޔޮޢަމަލު ކުރުމުގައި ކުރިއަރާއި ދިޔުމާއެކު، ހެޔޮޢަމަލުތަކުގެ މައްޗަށް ބިރުވެތިވެ ވަޑައިގަންނަވާ މިންވަރާއިމެދު ވިސްނާލަމާތޯއެވެ؟ މިއީ أبوبكر الصديق -رضي الله عنه- ގެ ޙާލުކޮޅެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންކަލޭގެފާނަކީ މުއުމިނު އަޅެއްގެ ގައިގެ އިސްތައްޓެއްގެ މިންވަރު ކަމުގައި ހީކުރައްވަމެވެ.” الداء والدواء، ذكره أحمد
އެކަލޭގެފާނު ގިނަގިނައިން ކީރިތި ކުރައްވައި ވިދާޅުވެއެވެ: “ތިޔަބައިމީހުން ރޯށެވެ. ނުރޮވޭ ކަމުގައިވާނަމަ، ރޮއްވާށެވެ.” އެކަލޭގެފާނު ނަމާދަށް ހުންނަވާހިނދު، ﷲ އަށް ބިރުވެތިވާ މިންވަރުން ކޮޅަށް ޖަހާފައިވާ ދަނޑިއެއްފަދައެވެ.
ދުޢާކުރުމަކީ ހުރިހާ ހެވެއްގެ ތަޅުދަނޑިއެވެ. އަދި ހުރިހާ ނުބައިކަމަކުން ސަލާމަތްކޮށްދޭ އައްޑަނައެވެ. ﷲ ތަޢާލާއަށް ކުރިމަތިލައި އިޚްލާސްތެރިކަމާއެކު ނިކަމެތިވެ، ދުޢާކުރާށެވެ. ނުބައި ޢަމަލުތަކުންނާއި، ނުބައި އަޚުލާޤުންނާއި، ހަވާނަފްސަށް ހެއްލުމުންނާއި ބަލިތަކުން ސަލާމަތް ކޮށްދެއްވުން އެދިއެވެ. އެކަލާންގެއީ، އެއްކައުވަންތަ، އަޅުތަކުންނަށް ތައުފީޤުދެއްވާ އިލާހެވެ.
وصلى الله وسلم على نبينا محمد وآله وصحبه.