ކާފަރުންގެ ޢީދުތަކަށް ކަތިލެވޭ ތަކެތީގެ މަސް ކެއުމާއި، އަދި ތައްޔާރު ކުރެވޭ ކާނާ ކެއުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ކާފަރުންގެ ޢީދުތަކަށް ކަތިލެވޭ ތަކެތީގެ މަސް ކެއުމާއި، އަދި ތައްޔާރު ކުރެވޭ ކާނާ ކެއުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސުވާލުގެ ޖަވާބުގައި އެންމެ ފުރަތަމަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރަމެވެ.

އިސްލާމް ދީނަކީ ހައްޤުދީން ކަމުގައިވެ، އަދި އެއީ ޚާލިޤްވަންތަ ﷲ ފޮނުއްވި އިންސާނުން އެދީނެއްގެ މަތީގައި ޤާއިމްވެ ދެމިތިބުމަށް އަމުރުފުޅު ކުރެއްވި ދީން ކަމުގައިވެ، އެހެނަސް އިސްލާމްދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި، މީސްތަކުން ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ އެކިއެކި ބިދުޢަވެރި ޢީދުތަކުގައި ކަތިލެވޭ ތަކެތީގެ މަސް ކެއުމާއި އަދި ތައްޔާރު ކުރެވޭ ކާބޯތަކެތި ކެއުން ހުއްދަވެގެން ނުވާއިރު، ކާފަރުންގެ ބާޠިލް އަދި ކުފުރާއި ޝިރުކީ ޢީދު ތަކުގެ މައްޗަށް ތައްޔާރު ކުރެވޭ ކާބޯތަކެއްޗާއި މެދުގައި ބުނާނީ ކީކޭ ހެއްޔެވެ؟

ނުވަތަ، މުސްލިމުންގެ ތެރެއިން ދީންވެރިކަން ކުޑަ ވެފައިވާ އަދި ކާފަރުންގެ ޢާދަތައް ހޯދައި އެ ކާފަރުންގެ ޢަމަލުތަކާއި އެއްފަދަ ޢީދުތައް ހޯދައި އެފަދަ ޢީދުތަކާއި ގުޅިގެން ތައްޔާރު ކުރެވޭ ކާނާތައްވެސް ހުއްދަ ނުވާނެ ކަމުގައި ކަނޑައަޅުއްވާފައިވީހިނދު، ކުފުރާއި ޝިރުކުގެ އަހުލުވެރިންގެ ބާޠިލް ޢީދުތަކުގެ ކާތަކެތީގެ މައްޗަށް އޮންނާނީ ކޮންފަދަ ގަދަފަދަ ޙުކުމެއް ހެއްޔެވެ؟

ދެވަނައީ ޢިލްމުގެ އަހުލުވެރިން ބަޔާން ކުރައްވާފައިވާ ފަތުވާތަކެވެ.

އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ބިދުޢީ ޢީދުތަކުގެ ތެރޭގައި މާތް ނަބިއްޔާ -صلى الله عليه وسلم -ގެ ޢީދު މީލާދުގެ ނަމުގައި ފާހަގަ ކުރާ ދުވަސްވެއެވެ. ސުންނަތުގެ އެންމެހައި އަހުލުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި މިއީ ބިދުޢަވެރި ޢަމަލެކެވެ. ބާޠިލް ޢީދެކެވެ. މިއީ ރަސޫލާ -صلى الله عليه وسلم -އަދި އެއްވެސް ޞަޙާބީއެއް އަދި ތާބިޢީ ބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ފަރާތުން ބަޔާންވެގެންވާ ޢަމަލެއް ނޫނެވެ.

އަދި ކިޔެއްތަ އިސްލާމީ އުއްމަތުގެ ފުރަތަމަ 300 އަހަރު ފާއިތުވެދިޔަ ހިނދު މިއީ ދުނިޔެމަތީގައި ނެތް އެއްޗެކެވެ. ވުމުން، ޝައްކެއްވެސް ނެތް ގޮތުގައި މި ދުވަސް ފާހަގަކޮށް އެއީ ނަބިއްޔާ-صلى الله عليه وسلم -ގެ ޙައްޤުގައި ކުރެވޭ ޢަމަލެއްކަމުގައި ދެކުމަކީ ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ކަމެކެވެ.

ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު الشَّيخ العَلاَّمة صالِح الفَوزَان -حفظه الله – ވިދާޅުވެފައިވެއެވެ.

ސުވާލު : ﷲ ތަޢާލާ ޝެއިޚްއަށް ބަރަކާތް ލައްވާށިއެވެ. ނަބިއްޔާ -صلى الله عليه وسلم-ގެ ޢީދު މީލާދު ފާހަގަ ކުރުމަށްޓަކައި ކަތިލާ ތަކެތީގެ މަސް ކެއުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު: “ހުއްދައެއް ނުވާނެއެވެ. މިއީ ބިދުޢައެކެވެ. މިއީ ބިދުޢައެކެވެ. އަދި ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢީދެކެވެ. ފަހެ، ބިދުޢަވެރި ޢީދުތަކަށް ކަތިލެވޭ ތަކެތި ޙަރާމްވެގެންވެއެވެ. އަދި އެ ޢީދަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތިވެސް ޙަރާމްވެގެންވެއެވެ.

ސަބަބަކީ، ބިދުޢަ ދިރުވައި އިޙްޔާ ކުރުމަށްޓަކައި މެނުވީ އެކަންތައްތަކެއް ނުކުރެއެވެ. ބިދުޢަ އިޙްޔާކޮށް ދިރުވުމާއި އަދި ބިދުޢަ މަތިވެރި ކުރުމަށް މެނުވީ އެކަން ނުކުރެއެވެ. ވުމުން، އެއްވެސް ގޮތަކަށް އެބައިމީހުންނާއި ބައިވެރިވުމާއި އެމީހުން އެދުވަހަށް ތައްޔާރުކުރި ކާބޯތަކެއްޗެއް އަދި ކަތިލި އެއްވެސް އެއްޗެއް ޙުއްދައެއް ނުވާނެއެވެ. ސަބަބަކީ، (އެކަން ކޮށްފިނަމަ) އެއީ، އެބައިމީހުންނަށް ހިތްވަރު ދިނުމާއި އެމީހުންނަށް ވާގިވެރިވުމާއި އަދި އެމީހުންގެ އެ ބިދުޢަވެރި ޢަމަލަށް އެކަމުގައި އިޤްރާރުވުމެވެ.”

މިއީ އިސްލާމް ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި ޢީދުތަކަށް ތައްޔާރު ކުރެވޭ ކާބޯތަކެތީގެ މައްޗަށް އޮތް ޙުކުމެވެ.

ފަހެ، ކާފަރުން ފާހަގަ ކުރާ ބާޠިލް ޢީދުތަކުގެ ތެރޭގައި އުފަންދުވަސްތަކާއި، ކައިވެނީގެ އަހަރުފުރުން ފާހަގަ ކުރުންވެއެވެ. މި ދުވަސްތަކަށް ތައްޔާރު ކުރެވޭ ކާނާތަކުގެ މައްޗަށް އޮތީ ކިހިނެތް ހެއްޔެވެ؟

މި ސުވާލުތަކަށް މިއަދު ދުނިޔެމަތީގައިވާ ސުންނީ ސަލަފީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިން ތަފްޞީލުކޮށް ޖަވާބު ދެއްވާފައިވެއެވެ. އޭގެ ތެރޭގައި މަދީނާގެ މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައިދެއްވާ ޑރ. الشيخ سُلَيمَان الرحَيلي -حفظه الله- ހިމެނިވަޑައިގަންނަވައެވެ. ޝެއިޚާއި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ސުވާލު : އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި ތައްޔާރު ކުރެވޭ ކާބޯތަކެތި، އެ ޙަފްލާއަށް ޙާޟިރު ނުވެ ކެއުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބު : ތިކަމުގައި ތަފްޞީލުވެއެވެ. “އެ ކާބޯތަކެއްޗަކީ އެ މުނާޞަބަތަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ ކާބޯތަކެއްޗެއް ކަމުގައިވެއްޖެހިނދު، (މިސާލަކަށް، އުފަންދުވަހުގެ ހަދިޔާ އަދި ކާތަކެތި) މިފަދަ ތަކެތި ކެއުން ހުއްދައެއްނުވާނެއެވެ. ދެންއޮތީ، މި ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވޭ އެއްޗެއް ނޫނެވެ. މުޅި އަހަރު ދުވަސްތެރޭގައިވެސް އެ އެއްޗެއް ތައްޔާރުކޮށް ކެއުމާއި ބުއިމުގައިވެއެވެ. ފަހެ، މިފަދަ ތަކެތި ކެއުން މައްސަލައެއް ނެތެވެ. އެހެނަސް ދަންނައެވެ. ތިބާއަށް އެ ހަދިޔާ ކުރެވުނީއެވެ.

އެހިނދު ތިބާއަށް އެދެވިގެންވަނީ އެ އެއްޗެއް އެމީހަކަށް ރައްދު ކޮށްލުމެވެ. އެއީ އެ ކާބޯތަކެތީގެ ޒާތުގައި ނޫނެވެ. އެހެނަސް އެއީ، ދީނުގައި މަނާ ކުރެވިގެންވާ ޙަފްލާ ބޭއްވުން އިންކާރު ކުރުމަށްޓަކައެވެ. މިސާލަކަށް، ނަބިއްޔާ -صلى الله عليه وسلم -ގެ ޢީދު މިލާދު، މީހެއްގެ އުފަންދުވަސް، އާ އަހަރު ފާހަގަކުރުން، އަދި މިނޫންވެސް މިފަދަ ޙަފްލާއަށް ތައްޔާރު ކުރެވުނު ކާބޯތަކެތި ތިބާއަށް ހަދިޔާ ކުރެވުނީއެވެ. ފަހެ، ރައްދު ކޮށްލުން ހުއްޓެވެ. އެ ކާއެއްޗަކީ އާދަކޮށް ތައްޔާރު ކުރެވޭ އެއްޗެއް ކަމުގައިވީނަމަވެސްއެވެ. އެހެނަސް މި ޙަފްލާއަށްޓަކައި އެވަނީ ގެނެސްފައެވެ. ފަހެ، އެ ރައްދުކޮށްލާށެވެ.

އެއީ، ކީއްވެ ހެއްޔެވެ؟ އެއީ، އެފަދައިން ބޭއްވޭ ޙަފްލާ އިންކާރު ކުރުމަށްޓަކައެވެ. އެހެނަސް، އެއީ އެ ޙަފްލާއަށް ޚާއްޞަކޮށް ތައްޔާރު ކުރެވުނު އެއްޗެއް ނޫން ކަމުގައިވުމުން، އެ ކެއުން ހުއްދަވެގެންވެއެވެ.”

ވުމުން، މިފަދަ ޢީދުތަކުގެ މައްޗަށް އޮތް ޙުކުމަކީ މިއީ ކަމުގައިވެއްޖެހިނދު، ކުފުރު އަދި ޝިރުކުގެ އަހުލުވެރިންގެ ޝިރުކީ ކުފުރުގެ ޢީދުތަކުގެ މައްޗަށް މި ޙުކުމް ކޮންފަދަ ވަރުގަދަވާނެ ހެއްޔެވެ؟

ޝައްކެތްވެސް ނެތެވެ! އެތައް ގޮތަކުން އަދި ސަބަބުތަކުން އެ ކާތަކެތި ހުއްދަ ނުވާނެއެވެ. އެންމެ ބޮޑުވެގެންވާ އެއްސަބަބަކީ، އެ ކާތަކެތި ނެގުމާއި، އަދި ކެއުންވެގެންދަނީ އެމީހުންގެ ޢީދުތަކުގައި އެމީހުންނާއި ބައިވެރިވެ އެކަމުގައި އެމީހުންނަށް ވާގިވެރިވެވޭ ޢަމަލެއްގެ ގޮތުގައެވެ.

މުސްލިމެއްގެ ހިތުގައި އަދި ނަފްސުގައި އެންމެ ބޮޑުވެގެންވާ ނަފްރަތާއި ރުޅިވެރިކަން ވާހުށީ ކުފުރާއި ޝިކުރުގެ މައްޗަށެވެ. އަދި އެ ކުފުރާއި ޝިރުކީ ޢަމަލުތަކާއި އަދި އޭގެ އަހުލުވެރިންގެ މައްޗަށެވެ. އޭގެ ބަދަލުގައި އެމީހުންގެ މިފަދަ ދުވަސްތަކުގައި ތައްޔާރު ކުރެވޭ ތަކެއްޗާއި، ހަދިޔާތައް ނެގުމަކީ މި ކަންތައްތަކަށް އިންކާރުކޮށް ނަފްރަތު ކުރުމާއި ފުށޫއަރާ ކަމެކެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.