ނަމާދާއި އަޚުލާޤު

الحمد لله رب العالمين، وأفضل الصلاة وأتم التسليم على سيدنا محمد، وعلى آله وصحبه أجمعين، أما بعد:

ނަމާދަކީ، މާތް ﷲ ﷻ ގެ ޙަޟުރަތަށް އެންމެ ކުއްތަންވެވޭ އަޅުކަމެވެ. މީގެއިތުރުން، ނަމާދުން ލިބޭ ފައިދާތަކާއި، ފިލާވަޅުތަކުގެ ތެރޭގައި، އެތައް އަޚުލާޤީ ސިފަތަކެއް މިއަޅުކަމުގެ ތެރޭގައި ހިމެނެއެވެ. ނަމާދު އަދާކުރުމުން އިންސާނާގެ ނަފުސު މިފަދަ ޢަމަލުތަކަށް ހާނުވައި، އަޚުލާޤީ ރިވެތި ސިފަތަކުން އިންސާނާ ޒީނަތްތެރިކޮށްދެއެވެ. ނަމާދުން ލިބޭ ރިވެތި އަޚުލާޤުތަކުގެ ތެރޭގައި، ސާފުތާހިރުކަމާއި، މަޑުމައިތިރިކަމާއި، ކިޔަމަންތެރިކަމާއި، ހަމަހަމަކަމާއި އަދި ސަލާމްކުރުންފަދަ އަޚުލާޤީ ސިފަތައް ހިމެނެއެވެ.

ސާފުތާހިރުކަން: ނަމާދު ކުރުމަށް ގަސްތުކުރާ މީހާ، ޙިއްސީގޮތުން ސާފުތާހިރުވުމަކީ، އިސްލާމީ ޝަރީޢަތުގައި މުސްލިމުއަޅާގެ މައްޗަށް ޝަރުޠު ކުރާ ކަމެކެވެ. ނަމާދުކުރާ މީހާގެ ނަފުސު، ޙިއްސީ ގޮތުންނާއި، މަޢުނަވީގޮތުން ސާފުތާހިރުކޮށްދެއެވެ.

ނަމާދުގެ ސަބަބުން މުސްލިމުއަޅާ ޙިއްސީ ގޮތުން ސާފުތާހިރުކުރުވާ ކަންތައްތަކުގެ ތެރޭގައި، ދެ ޙަދަޘުން ޠާހިރުވެ ހުރުމާއި، ވުޟޫ ކުރުމާއި އަދި ހިނައިގަތުން ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ނަމާދަކަށް ދަތްއުނގުޅުމާއި، ސާފު ރީތި ފޭރާމެއްގައި ނަމާދުކުރުމާއި، ގައިން މީރުވަސްދުވާ ހާލަތުގައި ހުރުން އެދެވިގެންވެއެވެ. ނަމާދަކީ، މުސްލިމު އަޅާގެ މައްޗަށް ރެޔާއި ދުވާލު ފަސް ފަހަރު ކުރުން ލާޒިމުކުރާ އަޅުކަމަކަށް ވީހިނދު، މިދެންނެވި ޙާލަތުގައި ނަމާދު އަދާ ކުރާ ކަމުގައިވާނަމަ، މުސްލިމު އަޅެއްގެ ބޭރުފުށުގެ ބުރުސޫރަ ފެންނާނީ ވަރަށް ތާޒާކޮށެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ﴾‏ -سورة الأعراف:31- މާނައީ، “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ތަނެއްގައި ޒީނަތްތެރިކަން އިޚުތިޔާރު ކުރާހުށިކަމެވެ.”

عبد الله بن عمر -رضي الله عنهما- ގެ ޣުލާމު ނަމާދުގެ ޒީނަތްތެރިކަމާއި ޚިލާފު ހެދުމެއްގައި ފެނިވަޑައިގެންނެވިހިނދު ވިދާޅުވިއެވެ: “فَاللهُ أَحَقُّ أَنْ يُتَجَمَّلَ لَهُ” މާނައީ، “ﷲ އަށްޓަކައި ޒީނަތްތެރިވުމުގެ ޙައްޤުކަން މާބޮޑުވެގެންވެއެވެ.”

ނަމާދުން މުސްލިމުއަޅާއަށް މަޢުނަވީ ސާފުތާހިރުކަން ހާސިލުވެއެވެ. ފަރުޟު ފަސްނަމާދަކީ އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވިފައިވާ ފާފަތައް ޠާހިރުކޮށްދޭ ކަމެކެވެ. ނަމާދުގައި ކިޔުން ލާޒިމުކުރާ ޤުރްއާން ކިޔެވުމާއި، ﷲ އަށް ޛިކުރުކުރުމާއި އަދި ދުޢާތައް ކުރުމުން ނަފުސު ޠާހިރުކޮށްދެއެވެ. ފާފަތަކާއި މުންކަރާތްތަކުން ނަފުސު ސަލާމަތްކޮށްދެއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ﴾‏ -سورة العنكبوت:45- މާނައީ، “އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ.”

މަޑުމައިތިރިކަން: ނަމާދަކީ، މުސްލިމުއަޅާއަށް މަޑުމައިތިރިކަމުގެ އަޚުލާޤު ދަސްކޮށްދޭ އަޅުކަމެކެވެ. ނަމާދު ކުރުމަށް ގަސްތުކޮށް ގެއިން ނިކުންނަ ހިސާބުން ފެށިގެން، މިސްކިތުގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް މަޑުމައިތިރިކަމާއެކު އަޅުކަމުގައި މަޝްއޫލުވުމަށް އިސްލާމްދީން ބާރުއަޅައެވެ. އޭގެތެރޭގައި މިސްކިތުގައި އަޅުކަން ކުރާއިރު އަޑުމަޑުކޮށް ޛިކުރުތަކާއި ދުޢާތައް ކުރުމަކީ އަޅުކަމުގެ އަދަބު އަޚުލާޤެކެވެ.

ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ((إِذَا أُقِيْمَتِ الصَّلاَةُ ، فَلاَ تَأْتُوهَا وَأَنْتُمْ تَسْعَونَ ، وَلَكِن ائْتُوهَا وَأَنْتُمْ تَمْشُونَ ، وَعَلَيكُمُ السَّكِيْنَةَ فَمَا أَدْرَكْتُمْ فَصَلُّوا ، وَمَا فَاتَكُم فَأَتمُّوا)) أخرجه الترمذي (327).  މާނައީ، “ނަމާދަށް ޤަމަތްދީފިނަމަ ތިޔަބައިމީހުން ދުވަމުން ނަމާދަށް ނާންނާށެވެ. އެކަމަކު ހިނގާފައި ނަމާދަށް އަންނާށެވެ. ނަމާދަށް ހާޒިރުވުން އޮތީ ހިމޭންކަމާއި މަޑުމައިތިރި ކަމާއެކީގައެވެ. ނަމާދުން ލިބުނު ބައެއް ކުރާށެވެ. އަދި ނަމާދުން އުނިވީބަޔެއް ފަހުން ފުރިހަމަކުރާށެވެ.”

ކިޔަމަންތެރިކަން: މުސްލިމުއަޅާ ނަމާދު ކުރަނީ، މާތް ﷲ އަށް ކިޔަމަންތެރިވެ، އެކަލާންގެ ރަސޫލާ ﷺ އަށް ކިޔަމަންތެރިވެގެންނެވެ. އެކަލޭގެފާނު ނަމާދު ކުރެއްވިގޮތަށް ނަމާދުކޮށްގެން މެނުވީ، ނަމާދު ޞައްޙަވެގެން ނުވެއެވެ.

ނަމާދަކީ، މާތް ﷲ ފަރުޟު ކުރެއްވި އަޅުކަންތައްތަކުގެ ތެރެއިން ކިޔަމަންތެރިކަމުގެ އަޚުލާޤު އެންމެބޮޑަށް ދަސްކޮށްދޭ އަޅުކަމެވެ. ނަމާދު ކުރުމަށް މިސްކިތްތަކަށް ހާޒިރުވުމަށާއި، ނަމާދު އަދާކުރުމަށް އަންގަވައި ބަންގީގައި ގޮވާލެވޭ، “حَيَّ عَلَى الصَّلَاة،  حَيَّ عَلَى الفَلَاح” “ނަމާދަށް އަވަހަށް އަންނާށެވެ. ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.” މި ކަލިމައަށް ކިޔަމަންތެރިވެ، އެވަގުތަށް ސަމާލުކަންދީ މިސްކިތްތަކަށް ހާޒިރުވެއެވެ. އަދި މިސްކިތަށް ހާޒިރު ނުވާ އަންހެން ކަނބަލުންވެސް، މި ކަލިމައަށް އިޖާބަދީ ކިޔަމަންތެރިކަމާއެކު ނަމާދު ވަގުތުގައި އަދާކުރެއެވެ. މިއީ، މާތް ﷲ އަށް ކިޔަމަންވުމުގެ އެންމެ މުހިންމު ނަމޫނާއެވެ.

ބަންގިއަށް އިޖާބަދީ ކިޔަމަންތެރިވުމުގެ އިތުރުން، ނަމާދުގައި އިމާމާއަށް ކިޔަމަންތެރިވުން ހިމެނެއެވެ. ނަމާދަށް ފަށައިގަންނަހިނދު، އިމާމުމީހާ ކިޔާ اَللهُ أَكْبَر ގެ ކަލިމައަށް އިޖާބަދީ މައުމޫމުން ނަމާދަށް ފަށާއިގަނެއެވެ. އިމާމުމީހާ މިކަލިމަ ކިޔުމުން މެނުވީ އެއްވެސް މައުމޫމަކަށް ނަމާދަށް ފަށައެއް ނުގަނެވޭނެއެވެ. ހަމައެފަދައިން، ނަމާދުގެ ދެންހުރި ރުކުންތައް ފުރިހަމަ ކުރުމުގައިވެސް އިމާމު މީހާގެ އަޑަށް އިޖާބަދީގެން މެނުވީ ނަމާދު ފުރިހަމައެއް ނުވާނެއެވެ. ރުކުންތަކަށް ނަޤުލުވުމުގައި އިމާމުމީހާއަށްވުރެ މައުމޫމުން އިސްވެއްޖެނަމަ ނަމާދު ބާޠިލުވާނެއެވެ.

މިގޮތަށް މުޅި ނަމާދުގައިވެސް ވަނީ އިމާމާއަށް ކިޔަމަންތެރިވުމެވެ. މިފަދަ މާތް އަޅުކަމަކުން މުސްލިމުއަޅާއަށް އިސްލާމްދީން ދަސްކޮށްދެނީ ކިޔަމަންތެރިކަމުގެ މާތް އަޚުލާޤެވެ.

ހަމަހަމަކަން: ނަމާދަކީ، މުސްލިމުންގެ ހަމަހަކަން ހާމަކޮށްދޭ އަޅުކަމެކެވެ. މުސްލިމުންގެ ތެރެއިން ކޮންމެ މީހަކުވެސް ޖަމާވަނީ އެއްމިސްކިތަކަށެވެ. ވެރިއެއް، ރައްޔިތެއް، މުއްސަންޖެއް، ފަގީރެއް ވަކި ކުރުމެއް ނެތެވެ. ނަމާދު ކުރުމަށް ސަފުތައް ތަރުތީބުކޮށް ނަމާދު ކުރަނީވެސް އެއްސަފެއްގައި، ހުރިހާ ފަންތިއެއްގެ މީހުންވެސް އެއްހަމައެއްގައި ތިބެގެންނެވެ.

ހާލުބަލައި ހެދުން: ނަމާދަކީ ހުރިހާ މުސްލިމުންވެސް އެއްތަނަކަށް ޖަމާ ކުރުވާ އަޅުކަމެކެވެ. އޭގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ސަލާމްކޮށް ހާލުބަލާ ހެދެއެވެ. އާދަވެ ޖަމާޢަތަށް ދާ މީހަކު ޖަމާޢަތުން ނުފެނިއްޖެނަމަ އެމީހަކަށް ވީގޮތެއް ސާފުކޮށް، ބަލިވެއްޖެނަމަ ގޮވާލަން ދެއެވެ.

ފާޙިޝް ޢަމަލުތަކުން ރައްކާތެރިކޮށްދިނުން: ފަރުޟު ފަސްނަމާދަކީ، ދުވާލުގެ ތަފާތު ވަގުތުތަކުގައި ކުރުމަށް މާތް ﷲ އަމުރު ކުރައްވާފައިވާ އަޅުކަމެކެވެ. ފަރުޟު ފަސްނަމާދު ކުރާ މީހާ އަބަދުވެސް ހުންނާނީ ﷲ ހަނދުމަކުރުން މަތީގައެވެ. އެއް ނަމާދު ނިމުމުން އަނެއް ނަމާދުގެ ވަގުތަކީ ކޮބައިތޯ ބަލައި އެ ނަމާދަށް ހާޒިރު ވެވޭނެގޮތަށް އޭނާގެ މަސައްކަތުގެ ވަގުތުތައް ރާވާލާނެއެވެ. އެހިނދު އޭނާގެ ވިސްނުން ހުންނާނީ ނަމާދުގެ ޚިޔާލުގައެވެ. މިއީ، އޭނާގެ ތަޤުވާވެރިކަން އިތުރުކޮށްދޭ ޢަމަލެކެވެ. އެހެންކަމުން ފާޙިޝް ޢަމަލުތަކާއި އޭނާގެ ފިކުރުތައް ދުރު ކުރުވައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ‎﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ﴾‏  سورة العنكبوت: 45 މާނައީ، “އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.”

أسأل الله أن يوفقكم أجمعين. والله الموفق.