﴿مَا أَغْنَىٰ عَنِّي مَالِيَهْ﴾ “އަހަރެންގެ މުދާ، އަހަރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.”

﴿مَا أَغْنَىٰ عَنِّي مَالِيَهْ﴾

“އަހަރެންގެ މުދާ، އަހަރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ.”

 

މިއީ، سورة الحاقة ގެ 28 ވަނަ އާޔަތެވެ. މިއާޔަތް ވާރިދުވެފައިވަނީ، ޤިޔާމަތް ދުވަހު މީސްތަކުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވުމުގެ ވާހަކަ ބަޔާން ކުރައްވަމުން، އެމީހެއްގެ ވާތަށް ފަތް ދެވޭ މީހެއްގެ ޙާލަތާމެދުގައެވެ. ޤިޔާމަތްދުވަހު ޙިސާބު ބެއްލެވޭ ހިނދު، ދުނިޔޭގައި އޭނާ އެއްކުޅަ މުދާތަކުން އޭނާއަށް އެއްވެސް ފައިދާއެއް ނެތްކަމުގެ ހިތާމަ އޭނާކުރެއެވެ. ނަރަކާއިގެ ޢަޛާބުން ސަލާމަތްކޮށްދޭނެ އެއްޗެއް ކަމުގައި އެ މުދަލެއް ނުވިއެވެ.

މުދަލަކީ އިންސާނާގެ ދުނިޔޭގެ ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި ވަރަށް މުހިންމު އެއްޗެކެވެ. މުދަލަކީ މާތް ﷲ ދެއްވި ވަރަށްބޮޑު އަމާނާތެކެވެ. ބޮޑުވެގެންވާ ނިޢުމަތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا﴾ [الكهف: 46] މާނައީ، “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.”

މުދާ ހޯދަންވީ މަގުތަކާއި، މުދާ ހޭދަކުރަންވީ މަގުތަށް އިސްލާމީ ޝަރީޢަތުގައި މާތް ﷲ ބަޔާން ކުރެއްވިއެވެ. އެބަހީ، މުދަލާއިބެހޭ ޙަލާލު އަދި ޙަރާމް މަގުތައް ބަޔާންވެގެން ވެއެވެ.

ދުނިޔޭގައި އިންސާނާ ހޯދި މުދަލާއި ބެހޭގޮތުން ޤިޔާމަތް ދުވަހު ސުވާލު ކުރައްވާނެކަން ބަޔާން ކުރައްވައި ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ((لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ القِيَامَةِ حَتَّى يُسْأَلَ عَن عُمُرِهِ فِيْمَا أَفْنَاهُ، وَعَن عِلمِهِ فِيمَ فَعَلَ، وَعَن مَالِهِ مِن أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَعَن جِسْمِهِ فِيمَ أَبْلَاهُ)) [رواه الترمذي] މާނައީ، “ޤިޔާމަތްދުވަހު އިންސާނާއާ ސުވާލު ކުރެވިއްޖައުމަށްދާންދެން އޭނާ ހުރިތަނުން އޭނާގެފައި ގުޑުވާ ނުލެވޭނެއެވެ. އެހިނދު އޭނާ އާ ކުރެވޭ ސުވާލުތަކަކީ، އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި، އޭނާއަށް ދެއްވި ޢިލްމާމެދު ކަންތައް ކުރި ގޮތާއި، މުދާ ހޯދި ގޮތާއި އަދި އެ މުދާ ހޭދަ ކުރި ގޮތާއި، އަދި އޭނާގެ ހަށިގަނޑު (ގުންވަންތައް) ބޭނުން ކުރި ގޮތާމެދުގައެވެ.”

ދުނިޔޭގައި އިންސާނާ ހޯދި މުދަލާމެދު ޤިޔާމަތްދުވަހު އޭނާއާ ސުވާލު ކުރެވުމަކީ، އޭނާ އިމްތިޙާނު ކުރެވުމެވެ. އަދި ބައެއް މީހުންނަށް އެ މުދާ އޭނާއަށް ފިތުނައެއްކަމުގައި ވެއެވެ. މިކަން ބަޔާން ކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ﴾ [التغابن:15] މާނައީ، “ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިން ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ.”

މުދާ އިންސާނާއަށް ފިތުނައެއްކަމުގައިވަނީ، ޙަރާމް ކަންތައްތައް ހޯދުމުގެ ވަސީލަތަކަށް މުދާ ހެދުމާއި، ﷲ ގެ ޙައްޤުތައް އަދާކުރުމުން މަނާވެގަތުމުންނެވެ.

މުދާ އެމީހަކަށް ފިތުނައަކަށްވުމުގެ ސަބަބުތަކުގެ ތެރޭގައި، އެފަދަ މީހުން ދުނިޔޭގައި ހުރިހާ ކަމެއްވެސް ކުރަނީ ހަމައެކަނި މުދަލަށްޓަކައެވެ. ތެދުވެ އިށީންދެ ހަދަނީ މުދަލަށްޓަކައެވެ. ޙަރަކާތްތެރި ވަނީ މުދަލަށްޓަކައެވެ. ނިދީގައި ހުވަފެނަކީ މުދަލެވެ. މުދާ ހޯދަން ހޭދަކުރާ ވަގުތުގެ ސަބަބުން، ދީނީ ވާޖިބުތަކަށް ހުރަސްއަޅާ ކަމަކަށް ވެގެންދެއެވެ. ނަމާދު ކުރުމާއި، ﷲ އަށް ހަނދުމަކުރުންނާއި ޛިކުރުތަކާއި ދުޢާތަށް ކުރުމުން މަޝްޣޫލު ކުރުވާ ކަމަކަށް މުދާ ހަދައެވެ.

 

މުދަލަކީ، އިންސާނުންގެ ތެރެއިން ގިނަ ބަޔަކު ފިތުނަ ކުރުވާ އެއްޗެކެވެ.

މުދަލުގެ ފިތުނަވެރިކަން ތިން ދިމާއެއްގައި ވެއެވެ. އެއީ، މުދާ ހޯދުމާއި، މުދަލާއިމެދު އިންސާނާގެ ނަފުސު މަޝްޣޫލުވުމާއި އަދި މުދާ ހޭދަ ކުރުމުގައެވެ.

 

މުދަލުގެ ފިތުނަވެރިކަމުގެ އިންޒާރު ރަސޫލު ﷲ ﷺ މި އުންމަތަށް ދެއްވާފައި ވެއެވެ. عَمْرُو بن عَوْف -رضي الله عنه- ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ ﷺ ގެ އަޞްޙާބުބޭކަލުންނަށް ޙަދީޘް ކުރެއްވިއެވެ: ((فَأَبْشِرُوا وَأَمْلُوا مَا يَسَّرَكُم، فَوَاللهِ لَا الفَقْرَ أَخْشَى عَلَيْكُمْ، وَلَكِن أَخْشَى عَلَيْكُم أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بَسَطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا، وَتُهْلِكَكُم كَمَا أَهْلَكَتْهُ)) [صحيح البخاري] މާނައީ، “ފަހެ ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވަނީ ތިޔަބައިމީހުން ފަޤީރު ވެދާނެތީއެއް ނޫނެވެ. ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް ބިރުވެތިވަނީ، ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ މައްޗަށް ދުނިޔޭގެ މުއްސަނދިކަން ހުޅުވި، އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް މުދަލާއިގެން ވާދަކޮށް އުޅުމުގެ ސަބަބުން، އެމީހުން ހަލާކުވެގެން ދިޔަ ފަދައިން ތިޔަބައި މީހުން ހަލާކުވެދާނެތީއެވެ.”

 

މުދާ ހޯދުމުގެ މަރުޙަލާގައި އިންސާނާ އިމްތިޙާނު ކުރެވޭ ތަފާތު ގޮތްތައް ވެއެވެ. އެމަގުގައި އެބައިމީހުން ދެ ގިންތިއަކަށް ބެހެއެވެ.

ފުރަތަމަ ބަޔަކީ، އަމާނާތްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމާއި، ޙަރާމް މަގުތަކުން ދުރުހެލިވުމާއި އަދި އަނިޔާވެރިކަމުން ދުރުހެލިވުމާއެކު މުދާ ހޯދާ މީހުންނެވެ. އެފަދަ މީހުން މުދާ ހޯދުމުގައި ﷲ އޭނާއަށް ދެއްވުމަށް އިރާދަކުރެއްވި އެއްޗެއް މެނުވީ ނުލިބޭނެކަމުގައި ދަނެއެވެ.

ދެވަނަ ބަޔަކީ، މީސްތަކުން ތެރެއިން، މުދާ ހޯދުމުގައި ޙަރާމެއް ޙަލާލެއް ބެލުމެއް ނެތި، މުދާ އަތަށް އަރައިފިނަމަ މަޤުޞަދު ޙާޞިލުވީކަމުގައި ބަލައި މުދާ ހޯދާ މީހުންނެވެ. އެފަދަ މީހުން މުދާ ހޯދުމުގައި މަކަރާއި ޙީލަތާއި، ޚިޔާނާތްތެރިވުމާއި، ދޮގުހެދުން ފަދަ، ޙަރާމް މަގުތަކުން މުދާ ހޯދައެވެ.

ވުމާއެކު، މުދަލަކީ ފިތުނައެއް ކަމުގައި މާތް ﷲ ސިފަކުރެއްވިއެވެ. ﴿إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ﴾‏ [الأنفال:28] މާނައީ، “ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، امتحان އެއް ކަމުގައެވެ.”

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ((إِنَّ لِكُلِّ أُمَّةٍ فِتْنَةً، وَإِنَّ فِتْنَةَ أُمَّتِيْ الْمَالُ)) [صحيح الترمذي] މާނައީ، “ކޮންމެ އުންމަތަކަށްވެސް ފިތުނައެއް ވެއެވެ. މި އުންމަތުގެ ފިތުނައަކީ، މުދަލެވެ.”

އިމާމު އަޙްމަދު -رحمه الله- ވިދާޅުވިއެވެ: “ގެއްލުންވާ ކަންތައްތަކުން ތިމަންބޭކަލުން އިމްތިޙާނު ކުރެވި، އެކަންކަމުގެ މައްޗަށް ކެތްތެރިވީމުއެވެ. އަދި އުފާވާ ކަންތައްތަކުން ތިމަންބޭކަލުން އިމްތިޙާނު ކުރެވި، އެކަންކަމުގެ މައްޗަށް ކެތެއް ނުކުރެވުނެވެ.”

 

މުއުމިނުއަޅާ އޭނާގެ މުދަލުގައި އިމްތިޙާނު ކުރެވި، އެކަމުގެ މައްޗަށް ކެތްތެރި ވެވެނީ އެބައިމީހުންގެ ތެރެއިން ވަރަށްމަދު ބަޔަކަށެވެ.

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ((اتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ، فَإِنَّ نَفْسًا لَنْ تَمُوتَ حَتَّى تَسْتَوْفِيَ رِزْقَهَا وَإِنْ أَبْطَأَ عَنْهَا، فَاتَّقُوا اللَّهَ وَأَجْمِلُوا فِي الطَّلَبِ خُذُوا مَا حَلَّ وَدَعُوا مَا حَرُمَ)) [أخرجه ابن ماجه] މާނައީ، “ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ތިޔަބައިމީހުން މުދާ ހޯދުމުގައި ރިވެތި މަގުތައް އިޚްތިޔާރު ކުރާށެވެ. ރިޒުޤު ހާސިލުވުން ލަސްވިކަމުގައިވިޔަސް، އެމީހަކަށް ލިޔުއްވާފައިވާ ރިޒުޤު މާތް ﷲ ދެއްވައިފުމަށްދާންދެން، އެމީހަކު މަރުނުވާނެއެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ތިޔަބައިމީހުން މުދާ ހޯދުމުގައި ރިވެތި މަގުތައް އިޚްތިޔާރު ކުރާށެވެ! ޙަލާލު ގޮތްތައް ޚިޔާރު ކުރާށެވެ! ޙަރާމް ގޮތްތައް ދޫކޮށްލާށެވެ!”

މުދާ ހޭދަކުރުމުގެ ފިތުނައަށްބަލާއިރު، ޙަރާމް ގޮތުގައި މުދަލުން ހޭދަ ކުރާއިރު އެކަމަށް ސަމާލުކަން ނުދިނުން ހިމެނެއެވެ. އެފަދަމީހުން ﷲ ޙަރާމް ކުރެއްވި، އޭނާ ހިތް އުފާވާ ކަންކަމަށް މުދަލުން ޚަރަދު ކުރެއެވެ. މުދަލުން އިސްރާފު ކުރެއެވެ. މީހުންނަށް ކަން ދެއްކުމަށްޓަކައި މުދަލުން ހޭދަކުރެއެވެ. އޭނާއަށް ހީވާފަދައެވެ. މާދަމާ ﷲ ގެ ކުރިފުޅުމަތީގައި މި މުދަލާމެދު އޭނާއާ ސުވާލު ނުކުރެވޭނެއެވެ.

މާތް ﷲ މުދާ ދެއްވި މީހުންގެ ތެރޭގައި، ދަހި މީހުން ވެއެވެ. އެބަޔަކަށް އޭނާގެ މުދަލުން ޚަރަދު ކުރުން ވާޖިބުވާ ފަރާތްތަކަށް އޭނާ ޚަރަދެއް ނުކުރެއެވެ.

ހަމައެފަދައިން މީސްތަކުންގެ ތެރޭގައި، އިޚްލާސްތެރިކަމާއި، ހިތްހެޔޮކަމާއެކު، އޭނާގެ މުދަލުން ހެޔޮކަމުގެ މަގުތަކުގައި ހޭދަކުރާ މީހުންވެއެވެ. އޭނާ އޭނާގެ ނަފުސަށާއި އަނބިދަރިންނަށް ޚަރަދު ކުރެއެވެ. އެއީ އަޅުތަކުންގެ ތެރެއިން އެންމެ ހެޔޮ މީހުންނެވެ. އެފަދަމީހުންނަކީ، عِبَادُ الرَّحمن ގެ ގޮތުގައި މާތް ﷲ ސިފަކުރައްވައި ޘަނާ ދަންނަވާފައިވާ މީހުންނެވެ. ﴿وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا﴾‏ [الفرقان:68] މާނައީ، “އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.”

އެމީހެއްގެ މުދާ ކިތަންމެ ގިނަ ކަމުގައިވިޔަސް، ނުވަތަ މަދު ކަމުގައިވިޔަސް، ދުނިޔެ ދޫކޮށް ދާން ޖެހޭނީ އެއްވެސް މުދަލެއް ނެތި ހުސްއަތާއެވެ. އެއީ އޭނާ ދުނިޔެއަށް އަންނަ އިރު ހުރި ހާލަތުގައިވާ ފަދައިންނެވެ. އޭނާގެ މުދަލުން އޭނާއަށް އޮތީ، އޭނާ ކެއުމަށް ހޭދަކުރި އެއްޗެކެވެ. ނުވަތަ އަންނައުނަށް ހޭދަކުރިއެއްޗެކެވެ. ނުވަތަ ޞަދަޤާތުގެ ގޮތުގައި ދިން އެއްޗެކެވެ. އެނޫން މުދަލެއް ވާނަމަ ދުނިޔެ ދޫކުރި ވާރުތަވެރިން އެއްޗެއް ބޭނުން ކުރާނެއެވެ.

 

މުދާ ހޯދުމުގައި ﷲ އަށް ތަޤުވާވެރިވެ، ދެކަމެއް ފުރިހަމަކުރުން ވަރަށްމުހިންމުވެގެން ވެއެވެ.

ފުރަތަމަ ކަމަކީ، ﷲ އަށް ވަކީލު ކުރުމެވެ. ރިޒުޤު ހޯދުމަށް މަސައްކަތް ފަށައިގަންނަ ހިނދު، މާތް ﷲ އަށް ވަކީލުކޮށް، އެކަލާންގެ ފަޟުލުވަންތަކަމުން އެދި ދަންނަވާށެވެ. ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ((لَوْ أَنَّكُمْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ، تَغْدُو خِمَاصًا وَتَرُوحُ بِطَانًا)) [الترمذي وابن ماجه] މާނައީ، “ޙައްޤުގޮތުގައި ތިޔަބައިމީހުން ﷲ އަށް ވަކީލު ކުރާ ކަމުގައިވާނަމަ، ދޫނިތަކަށް ރިޒުޤު ދެއްވާފަދައިން ތިޔަބައިމީހުންނަށްވެސް ރިޒުޤުދެއްވާނެއެވެ. ދޫނިތައް ހާލިން ނިކުމެގެންދަނީ ބަނޑުހައިކަމާއެކުގައެވެ. އެސޮރުމެން އަނބުރާ ހާއްޔަށް އަންނަނީ ބަނޑު ފުރައިގެންނެވެ.”

މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ﴾ [الفرقان:17] މާނައީ، “ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ.”

ދެވަނައީ، އިންސާނާއަށް މުދާ ލިބޭހިނދު، މުދަލުގައި ހިފާނީ، ނަފުސުގެ ނިކަމެތިކަން އިޙުސާސް ކުރުމާއެކީގައެވެ. އޭގެހާޖަތަށް ބޭނުން ޖެހިފައިވާ ނިކަމެތި މީހެއްގެ ގޮތުގައެވެ. ﷲ ގެ ޙަޟުރަތުގައި އެދި ދަންނަވަންޖެހޭ ނިކަމެތި އަޅެއްގެ އިހުސާސާއި އެކުގައެވެ. ޝަރަފުވެރި ނަފުސަކާއި އެކުގައެއް ނޫނެވެ.

މުދަލަކީ މާތް ﷲ ދެއްވި އެއްޗެކެވެ. އޭގެ ވެރިފަރާތަކީ މާތް ﷲ އެވެ. ﴿اللَّهُ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ﴾ [الرعد: 26]. މާނައީ، ” اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ.”

މިކަންކަމަށް އިމާންވެ ޤަބޫލުކުރާ ކަމުގައިވާނަމަ، މުދަލުގެ ފިތުނައިން އިންސާނާ ސަލާމަތްވެ، ދުނިޔެއާއި އާޚިރަތް ބާއްޖެވެރި ކުރާ އެއްޗެއް ކަމުގައި މުދާ ވެގެންދާނެއެވެ.

 

ރަސޫލު ﷲ ﷺ ކުރެއްވި ދުޢާތަކުގެ ތެރޭގައި، ޙަލާލު ރިޒުޤުދެއްވުންއެދި ދުޢާ ކުރެއްވުން ހިމެނެއެވެ. ((اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا)) [رواه أحمد وابن ماجه]  މާނައީ، “އޭ ހައްދަވާބޮޑު ކުރެއްވި އިލާހު! ހަމަކަށަވަރުން މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުގައި ފައިދާކުރަނިވި ޢިލްމަކާއި، ޙަލާލުވެގެންވާ ރިޒުޤަކާއި، ޤަބޫލުކުރެވިގެންވާ ޢަމަލެއް ދެއްވުމަށް އެދި ދަންނަވަމެވެ.”

އަދިވެސް އެކަލޭގެފާނު ދުޢާކުރައްވައެވެ. ((اللَّهُمَّ اغْفِرْ لِي، وَاهْدِنِي، وَارْزُقْنِي، وَعَافِنِي، أَعُوذُ بِاللَّهِ مِنْ ضِيقِ الْمَقَامِ يَوْمَ الْقِيَامَةِ)). [رواه النسائي وابن ماجه]  މާނައީ، “އޭ ހައްދަވާބޮޑު ކުރެއްވި އިލާހު! މިއަޅާގެ ފާފަފުއްސަވައި، މިއަޅާއަށް ހިދާޔަތް ދައްކަވައި، މިއަޅާއަށް ޙަލާލު ރިޒުޤުދެއްވައި އަދި މިއަޅާއަށް މަޢާފު ދެއްވާންދޭވެ! އަދި ޤިޔާމަތްދުވަހު ކުރިމަތިވެދާނެ ހިތްދަތި މަޤާމަކުން ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ.”