ދުލުގެ އާފާތްތަކުން ރައްކާތެރިވާށެވެ!

ޖަވާބު ދެއްވީ: އުސްތާޛް عبد الفتاح بن عبد الحميد رشدي

إن الحمد لله نحمده ونستعينه ونستغفره ونتوب إليه ونعوذ بالله من شرور أنفسنا وسيئات أعمالنا ، من يهده الله فلا مضل له ، ومن يضلل فلا هادي له ، وأشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله ؛ صلى الله وسلم عليه وعلى آله وأصحابه أجمعين ؛ أما بعد :

ދުލުގެ ބަސްމޮށުންތެރިކަމުގެ ނިޢުމަތަކީ، މާތް ﷲ ދެއްވި ވަރަށްބޮޑު ނިޢުމަތެކެވެ. އެކަލާނގެ ދެއްވި މި ބޮޑު ނިޢުމަތުގެ މައްޗަށް ޝުކުރު ކުރުމަކީ، ކޮންމެ އަޅެއްގެ މައްޗަށް ވެސް ވާޖިބުވެގެންވާކަމެކެވެ. މި ނިޢުމަތް މާތް ﷲ ނުދެއްވިނަމަ، އޭނާގެ އަނގައިން އެންމެ ކަލިމައެއްވެސް ބޭރު ނުކުރެވުނީހެވެ. ވީމާ، މި ނިޢުމަތުގެ މަތިން ހަނދާންކޮށް ދުލުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުމަށް ފަރުވާތެރިވާން ޖެހެއެވެ. ދުލުގެ ނިޢުމަތުގެ ބޭނުންކުރާހިނދު، ދުލުގެ އާފާތްތަކުން ރައްކާތެރި ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބުއްދިވެރިންގެ ސިފައެކެވެ. ދުލުގެ އާފާތްތަކުން ދޫ ރައްކާތެރި ނުކޮށްފިނަމަ، ދުނިޔެއާއި އާޚިރަތުގައި އިންސާނާއަށް ދަތި އުނދަގުލާއި ވޭނާ ކުރިމަތިލާން ޖެހިދާނެއެވެ.

އާފާތަކީ ކޮބައިތޯ؟ އާފާތަކީ، އިންސާނާއަށް ކުރިމަތިވާ ކަންތައްތަކުގެ ތެރެއިން، އޭނާ ފަސާދަކޮށް ހަލާކުކޮށްލާ ކަންތައްތަކެވެ. ދުލުގެ އާފާތްތަކަކީ، އިސްލާމީ ޝަރީޢަތުގައި ނަހީކުރައްވާފައިވާ ކަންތައްތަކެކެވެ. ދުލަކީ، އެގުވަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ނުބައިގޮތުގައި ބޭނުން ނުކުރުމަށް އިސްލާމްދީނުގައި ވަރަށްބޮޑު ޢިނާޔަތެއް ދީފައިވާ ގުނަވަނެކެވެ. އެއީ، ނުބައިގޮތުގައި ބޭނުންކޮށްފިނަމަ، ނުރައްކާތެރިކަން ބޮޑު ހަތިޔާރެއްކަމުގައިވާތީއެވެ.

ދުލުގެ ބޭނުންކުރާހިނދު އެންމެ ފުރަތަމަ ދެނެގަންނަންޖެހޭ ކަމަކީ، އިންސާނާގެ ދުލުން ބޭރުކުރާ ބަސްތަކަކީ، އެއިން ކޮންމެ ކަލިމައެއް ފަތެއްގައި ލިޔެވި ރައްކާކުރެވޭނެ ބަސްތަކެކެވެ. އަދި އެބަސްތަކުގެ މައްޗަށް ހެކިވާންޖެހޭނެކަން އިންސާނާ ދަންނަން ޖެހެއެވެ. މިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ: ﴿سَنَكْتُبُ مَا قَالُوا﴾ [سورة آل عمران:181] މާނައީ، “އެބައިމީހުން ދެއްކި ވާހަކަތައް ތިމަން ﷲ ލިޔުއްވާ ހުށީމެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ: ﴿مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ [ق:18] މާނައީ، “(ކުރާ عمل ތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި حاضر ވެ ملائكة ބޭކަލަކު ނެތި، އެނާޔަކަށް އެއްވެސް ބަހެއް ނުބުނެވޭނެތެވެ.”

މިއާޔަތުގެ ތަފްސީރުގައި، ابْنِ عَبَّاسٍ-رضي الله عنهما- ގެ އަރިހުން عَلِيُّ بْنُ أَبِي طَلْحَةَ ރިވާކުރައްވައި ވިދާޅުވިއެވެ: “﴿مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ (މިބަސްފުޅުގައި އެވަނީ) ހެޔޮވިޔަސް ނުބައިވިޔަސް، އިންސާނާ ދައްކާ ކޮންމެ ވާހަކައެއް ލިޔުއްވާނެކަމަށެވެ. އެއީ، އިންސާނާ ދުލުން ބުނާ، “އަހަރެން ކައިފިން، އަހަރެން ބޮއިފިން، އަހަރެން ދިޔައިން، އަހަރެން މިއައީ، އަހަރެން ދުށީމު”، މިފަދަ ކޮންމެ ބަހެއްވިޔަސް މެއެވެ. އަދި ޤިޔާމަތްދުވަހު އޭނާ ދެއްކި ހުރިހާ ވާހަކައަކާއި ޢަމަލެއް އޭނާގެ ކުރިމައްޗަށް ހުށައެޅި، އެންކަންކަމުގެ މައްޗަށް އޭނާ ހެކިވާނެއެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ: ﴿يَمْحُو اللَّهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتَابِ﴾‏ [الرَّعْدِ: 39] މާނައީ، “ﷲ، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ.”

اَلْإِمَامُ أَحْمَدُ -رحمه الله- ގެ އަރިހުން ރިވާވެގެން ވެއެވެ: “އެކަލޭގެފާނު ބަލިހާލުކޮޅުގައި އޮންނެވި ހިނދު، ބަލީގެ ވޭނުގެ އަޑު އަނގައިން ބޭރުވިއެވެ. طَاوُسٍ އަށް އެކަމުގެ ޚަބަރު އިވިވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ: ބަލީގެ ވޭނުގެ އަޑަށްދާންދެން މަލާއިކަތާ ކޮންމެ އެއްޗެއްމެ ފަތުގައި ލިޔުއްވާ ހުއްޓެވެ.” އެއަށްފަހު، اَلْإِمَامُ أَحْمَدُ -رحمه الله- ބަލީގެ ވޭނުގެ އަޑު ބޭރެއް ނުކުރައްވައެވެ.”

ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްގެ ޢަމަލުތައް ބިނާވެފައިވަނީ ދުލުގެ މައްޗަށެވެ.

ރަސޫލުﷲ  ޙަދީޘްކުރެއްވިއެވެ: ((إِذَا أَصْبح ابْنُ آدَمَ، فَإنَّ الأعْضَاءَ كُلَّهَا تُكَفِّرُ اللِّسانَ، تَقُولُ: اتِّقِ اللَّه فينَا، فَإنَّما نحنُ بِكَ؛ فَإنِ اسْتَقَمْتَ اسَتقَمْنا، وإنِ اعْوججت اعْوَججْنَا)) [الترمذي: 2407، إسناده حسن، الألباني] މާނައީ، “އާދަމުގެ ދަރިޔާ ހެނދުނު ތެދުވާ ހިނދު، ހަމަކަށަވަރުން ހުރިހާ ގުނަވަންތަކެއް ދުލަށް އިލްތިމާސްކުރެއެވެ. އެ ގުނަވަންތައް ބުނެއެވެ: ‘އަހަރެމެންނާ މެދު ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން އަހަރެމެންވަނީ ތިބާއާ އެކުގައެވެ. ފަހެ، ތިބާ ސީދާވެއްޖެނަމަ، އަހަރެމެންވެސް ސީދާވާނެއެވެ. އަދި ތިބާ އަނބުރާލައިފިނަމަ، އަހަރެމެންވެސް އަނބުރާލާނެއެވެ.'”

ދުލުގެ ނިޢުމަތަކީ، މާތް ﷲ ދެއްވި ބޮޑު ނިޢުމަތެއްކަމާއި، ދުލުން ބޭރުކުރާ ކޮންމެބަހެއް ފަތެއްގައި ލިޔުއްވާނެކަން އެނގުމަށްފަހު، މި ނިޢުމަތް ހެޔޮގޮތުގައި ބޭނުން ނުކުރުމަކީ ކިހާބޮޑު ކަމެއްކަން ދެނެގަންނަމާތޯއެވެ؟ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ ﷺ އެންގެވި ގޮތް ނޫން މަގުތަކުގައި، ދޫ ބޭނުން ކުރާނަމަ، އެއީ، ދުލުގެ އާފާތްތަކޭ ބުނެވެއެވެ. އެއީ، އެފަދަ ބަސްތަކުގެ ސަބަބުން، އެބަސް ބުނި މީހަކަށް އާފާތްތައް ކުރިމަތިވެދާނެތީއެވެ. ވީމާ، ދުލުގެ އާފާތްތަކުން މުސްލިމުއަޅާ ސަލާމަތް ކުރުމަށްޓަކައި، ދުލުގެ އާފަތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ. ދުލުގެ އާފާތްތައް ވަރަށްގިނައެވެ. ﷲ ގެ ވާގިފުޅާއެކު ދުލުގެ ބައެއް އާފާތްތައް މިފަދަ އެހެން މަޒުމޫނެއްގައި ބަޔާންކުރާނަމެވެ.

 

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.