
ލިޔުނީ: ޢަބްދުލްފައްތާޙް ޢަބްދުލްޙަމީދު ރުޝްދީ
_________________
الحمد لله رب العالمين، الصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد:
ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެންމެ މުހިންމުކަމެއްދެއްވި އެއްކަމަކީ، މުހާޖިރުންނާއި އަންޞާރުންނާއި ދެމެދު އަޚުވަންތަކުރެއްވުމެވެ. ސަބަބަކީ، މުއުމިނުންނަކީ، ޤައުމެއް ނަސްލެއް ތަފާތުކުރުމެއްނެތި، މާތް ﷲ އަށް އީމާންވެއްޖެނަމަ، އެއްބަނޑުއެއްބަފާ ޢާއިލާއެއްފަދަ ބަޔަކަށްވާތީއެވެ. މުއުމިނުންގެ އަޚްވަންތަކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ:
﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ …﴾ (الحجرات:10)
މާނައީ، “މުއުމިނުންނަކީ، އެބައިމީހުންގެ ދީނުގައި އަޚުންތަކެކެވެ.”
މުއުމިނުންގެ މެދުގައި މާތް ﷲ ލައްވާފައިވާ މި މާތްވެގެންވާ ގުޅުން ކެނޑިގެން ހިނގައިދާނެ އެންމެހާ ކަންތައްތަކެއް ކުރުން އެކަލާނގެވަނީ ނަހީކުރައްވާފައެވެ. މީގެތެރެއިން އެއްކަމަކީ، ޙަސަދަވެރިކަމެވެ.
ޙަސަދައަކީ، އަނެކާގެ ކިބާގައިވާ ނިޢުމަތެއް ފިލައިދިޔުމަށް އެދުމެވެ.
ޙަސަދަވެރިކަން ފެށިގެން އަންނަނީ، މީހެއްގެ ކިބާގައިވާ ނިޢުމަތަކާއި ގުޅިގެންނެވެ. ކޮންމެ އިންސާނަކީވެސް މާތް ﷲ އެމީހަކަށް ނިޢުމަތްތަކެއް ދެއްވާފައިވާ މީހެކެވެ. އަނެކާއަށް ލިބިފައިވާއެފަދަ ނިޢުމަތެއް ތިމާއަށްވެސް ލިބުމަށް އެދުމަކީ މައްސަލައެއްނޫނެވެ. އަދި އެފަދައިން އެ ފަދަ ނިޢުމަތެއް ތިމާއަށްވެސް ދެއްވުންއެދި މާތް ﷲ އަށް ދުޢާކުރެވިދާނެއެވެ. ނަމަވެސް، މާތް ﷲ ނަހީކުރައްވާފައިވަނީ، އަނެކާގެ ކިބައިން އެނިޢުމަތް ފިލައި ދިޔުމަށް އެދުމެވެ. ޙަސަދަވެރިކަމަކީ އެއީއެވެ. މިކަން ނަހީކުރައްވައި އެކަލާނގެ ވަޙީކުރެއްވިއެވެ:
﴿أَمْ يَحْسُدُونَ النَّاسَ عَلَى مَا آتَاهُمُ اللَّهُ مِنْ فَضْلِهِ…﴾ (النساء:54)
މާނައީ، “ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް (އެކަލާނގެ ރަސޫލާއާއި އަޞްޙާބުބޭކަލުންނަށް) ދެއްވާފައިވާ (އީމާންކަމާއި، އަމާންކަމާއިއެކު ބިމުގައި ލެއްވުމުން) ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟”
ޙަސަދަވެރިކަން ނަހީކުރައްވައި މާތް ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
((لاَ تَقَاطَعُوا وَلاَ تَدَابَرُوا وَلاَ تَبَاغَضُوا وَلاَ تَحَاسَدُوا وَكُونُوا عِبَادَ اللَّهِ إخوانًا وَلاَ يَحِلُّ لِمُسْلمٍ أَنْ يَهُجُرَ أَخَاهُ فَوقَ ثَلَاثٍ)) أخرجه البخاري (6065)، ومسلم (2558)
މާނައީ، “ތިޔަބައިމީހުން އެކަކު އަނެކަކުގެ ގުޅުން ކަނޑައިނުލާށެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކާ ފުރަގަސްދީ ނުދާށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ. އަދި ތިޔަބައިމީހުންނަކީ އަޚުންތަކެއްގެ ގޮތުގައިވާ ﷲ ގެ އަޅުންތަކަކަށްވާށެވެ. އެއްވެސް މުސްލިމަކު އޭނާގެ އަޚާއާ ގުޅުން ކަނޑާލައިގެން ތިންދުވަހަށްވުރެ އިތުރަށް ހުރުން ހުއްދަވެގެން ނުވެއެވެ.”
ދަންނާށެވެ! ޙަސަދަވެރިވުން އެންމެ ފުރަތަމަ ފެށިގެންއައީ، އާދަމްގެފާނަށް ދެއްވި ނިޢުމަތްތަކަށް އިބިލީސް ޙަސަދަވެރިވި ހިސާބުންފެށިގެންނެވެ. ﷲ ގެ އަތްޕުޅުން އާދަމްގެފާނު ހައްދަވައި، ހުރިހާ މަލާއިކަތްބޭކަލުން އެކަލޭގެފާނަށް ސަޖިދަކުރައްވައި، ސުވަރުގޭގައި އެކަލޭގެފާނު ލައްވަވައި އަދި ހުރިހާ ނަންތަކެއް އެކަލޭގެފާނަށް ދަސްކޮށްދެއްވުން އެއީ، އިބިލީސް އާދަމްގެފަނަށް ޙަސަދަވެރިވި ނިޢުމަތްތަކެވެ.
ޙަސަދަވެރިވުމަކީ އެކަމުގެ ގެއްލުން ބޮޑުވެގެންވާ ފާފައެކެވެ. އެކަމުގެ ގެއްލުން ޙަސަދަވެރިވާ މީހާގެ އަމިއްލަ ނަފްސަށާއި އަނެކާއަށްވެސް ލިބިގެންދެއެވެ. ޙަސަދަވެރިވާމީހާ އެކަމުގެ ނަތީޖާއަށް ވިސްނައިފިކަމުގައިވަނީނަމަ، އޭނާއަށް އެކަމުން ފައިދާކުރާނެ އެއްވެސް އެއްޗެއް ނެތެވެ. ދުނިޔެއާއި އާޚިރަތުގައި އޭނާއަށްއޮތީ ހިތިކަމެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކަށް ﷲ ދެއްވާފައިވާނިޢުމަތްތަކާއިމެދު ވިސްނައި އެކަމަށް ޝުކުރުވެރިވާށެވެ. އަނެކާގެ ނިޢުމަތްތަކަށް ޙަސަދަވެރިނުވާށެވެ. ނިޢުމަތްތައް ދެއްވުންއެދި ﷲ އަށް ދުޢާކުރަށެވެ. ﷲ ވަޙީކުރެއްވިއެވެ:
﴿ وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَى بَعْضٍ لِلرِّجَالِ نَصِيبٌ مِمَّا اكْتَسَبُوا وَلِلنِّسَاءِ نَصِيبٌ مِمَّا اكْتَسَبْنَ وَاسْأَلُوا اللَّهَ مِنْ فَضْلِهِ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا ﴾ (النساء:32)
މާނައީ، “ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ.”
ޙަސަދަވެރިވާ މީހާގެ އަމިއްލަ ނަފްސަށް ލިބޭ ގެއްލުންތަކުގެތެރޭގައި، ކަންބޮޑުވުމާއި މޮޅިވެރިކަމުގެ މުޞީބާތް އޭނާއަށް ޖެހެއެވެ. އަދި އެއީ، އޭނާގެ ހެޔޮޢަމަލުތައް ފޮހެލާކަމެކެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ:
((إيَّاكُمْ والحَسَدَ، فَإنَّ الحَسَدَ يأكُلُ الحَسَنَاتِ كَما تَأْكُلُ النًارُ الحَطَبَ، أوْ قَالَ العُشْبَ)) (رواه أَبُو داود:1494)
މާނައީ، “ތިޔަބައިމީހުން ޙަސަދަވެރިވުމާ ދުރުހެލިވާށެވެ! ފަހެ ހަމަކަށަވަރުން ޙަސަދަވެރިކަމަކީ، އަލިފާނުން ދަރު އަންދައިލާފަދައިން، ހެޔޮކަންތައްތައް ފޮހެލާކަމެކެވެ.”
އެހެންމީހުންގެ ނިޢުމަތްތަކަށް ޙަސަދަވެރިވާމީހާ، އެހެންމީހުންގެ ކިބައިން އެނިޢުމަތްތައް ނައްތައިލުމަށް ތެދުވާ ހިސާބުން، އެކަން ވަރަށް ނުރައްކާ ކަމަކަށްވެއެވެ. ބައެއްފަހަރު އޭނާގެ ދުލުން އަނެކާއަށް އެފަދަ ބަދުބަސްތައްބުނެ އުނދަގޫކުރެއެވެ. އަނެއްބައިފަހަރު ވަޒީފާގެ މަޤާމަށް ޙަސަދަވެރިވެ، އެމަޤާމުން ދުރުކުރުމަށް މަސައްކަތްކުރެއެވެ. އަދި ޙަސަދަވެރިވުމުގެ ސަބަބުން އަނެކާގެ ހަށިގަނޑަށް ގެއްލުން ދިނުމަށް މަސައްކަތްކުރާ ހިސާބަށްވެސް ދެއެވެ. އާދަމްގެފާނުގެ އެއްދަރިކަލަކު އަނެއްދަރިކަލަކު ޤަތުލުކުރުމުގެ ސަބަބަކީވެސް ޙަސަދަވެރިކަމެވެ. ޙަސަދަވެރިކަމަކީ، އެމީހެއްގެ ލޮލުގެ އެސްފީނާވެސް ޖެހިދާނެފަދަ ކަމެކެވެ.
ޙަސަދައިގެ މުޞީބާތް ކުރިމަތިވެއްޖެނަމަ، އެކަމުން ސަލާމަތްވުމަށްޓަކައި، ކުރެވިދާނެ ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި:-
މީހަކަށް ޙަސަދަވެރިވެވިއްޖެނަމަ، އެކަމުން ސަލާމަތްވުމަށްޓަކައި، އެފަދަމީހާ ﷲ އަށް ޛިކުރުކުރުން ގިނަކުރާށެވެ. ޛިކުރުކުރުމަކީ، ހިތުގެ ބަލިތަކުގެ ފަރުވާއެކެވެ. ހިތާއި ހަށިގަނޑުގެ އަށްޑަނައެކެވެ. އަނެކާއަށް ޙަސަދަވެރިވުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި، ﷲ ގެ އަޅުންނަށް ދޭ ގެއްލުމެއްކަންދަނެ، އެކަމާ ދުރުހެލިވާން މަސައްކަތްކުރާށެވެ.
އަޖައިބު ކުރުވާފަދަ ރީތިއެއްޗެއް ތިމާއަށް ފެނިއްޖެނަމަ، ޙަސަދަވެރިކަން ކުރިމަތިވުމުގެ އައްޑަނައެއްގެގޮތުން ދުޢާކުރާށެވެ. އެފަދަ ދުޢާތަކުގެތެރޭގައިވެއެވެ.
- مَا شَاءَ الله
- لَا قُوَّةَ إِلاَّ باِللهِ
- بَارَكَ اللهُ فِي هَذَا
- اَللَّهُمَّ بَارِكْ لِي فِي هَذَا
ޙަސަދަވެރިކަމުގެ ސަބަބުން އެސްފީނާޖެހިއްޖެނަމަ، ޙަސަދަވެރިވިމީހާ، މޫނާއި ދެއަތް އަދި އަނގަދޮންނާށެވެ. އަދި ތިރިން އަންނަ އަންނައުނުގެ އެތެރެފަރާތް ދޮވެ، އެފެނުން ފެންފޮދެއްބޮއި، ބޮލަށާއި ގަޔަށް ފެންއަޅާށެވެ. ﷲ ގެ އިރާދަފުޅުން އެކަން ފިލައި ހިނގައިދާނެއެވެ.[1]
ޙަސަދަވެރިކަމުން ސަލާމަތްވުމަށްޓަކައި ޛިކުރުތަކާއި ދުޢާތައް ކިޔުން އެދެވިގެންވެއެވެ.
ﷲ ގެ ފޮތުގައި ޙަސަދަވެރިކަމުގެ ފަރުވާ ﷲ ގެ ފޮތުގައިވެއެވެ. އަނިޔާވެރިންނާއި މުޖުރިމުންގެ ފަރާތުން ކުރިމަތިވެދާނެ އެންމެހާ ގެއްލުންތަކުން ސަލާމަތްކޮށްދެއްވުންއެދި، ﷲ ގެ ޙަޟުރަތުގައި މުއުމިނުއަޅާ ދަންނެވުން މިއާޔަތުގައިވެއެވެ. ﴿وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ﴾ މާނައީ، “ޙަސަދަވެރިވާމީހާ ޙަސަދަވެރިވާހިނދު، އޭނާގެޙަސަދަވެރިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ!” މިއާޔަތާއި އަދި ސޫރަތުލްފަލަޤުގައިވާ މިނޫން އާޔަތްތަކުގައި ވަނީ މިފަދަ ދުޢާތަކެވެ.[2]
قُلْ أَعُوذُ بِرَبِّ الْفَلَقِ مِنْ شَرِّ مَا خَلَقَ * وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ [الفلق:1-5].
ސަބަބުތަކުގައި ހިފައި އެސްފީނާއިން ރައްކާތެރިކޮށްދެއްވުންއެދި ﷲ އަށް ދުޢާކުރާށެވެ. މިފަދަ ދުޢާތަކުގެ ތެރޭގައި، ހެނދުނާއި ހަވީރު ތިންފަހަރު ކިޔުމަށް ވާރިދުވެގެންވާ މިދުޢާވެއެވެ.
(( بِسْمِ اللهِ الذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيْعُ العَلِيم ))
މާނައީ، “ﷲ ގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަމަށް އެދެމެވެ.) އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު، ބިމާއި އުޑުން އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހުއެވެ.”
އަޅަމެންގެ ހިތްތައް އީމާންކަންމަތީ ޘާބިތުކުރައްވައި، ޙަސަދާއިގެ ވަބާއިން އަޅަމެންގެ ހިތްތައް ސަލާމަތް ކުރައްވާނދޭވެ!
وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كثيراً
[1] (https://binbaz.org.sa/fatwas/1930)
[2] (https://binbaz.org.sa/fatwas/1928)