ރަމަޟާން 1
بسم الله الرحمن الرحيم .
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ރޯދަ ވީއްލާ ވަޤުތު ޖެހެން ކައިރި ވީ އެވެ. އެހިނދު ރަމަޟާން މަހުން ފާއިތުވެ ދަނީ އެއް ދުވަހެވެ.
ގެއަށް އެއްއަހަރު ކޮށްފައި އައި މެހުމާނަށް ފުރަތަމަ ދުވަސް ދައްކައި ދިނީ ކޮން ގޮތަކަށް ހެއްޔެވެ؟
ދެވަނަ ދުވަސްވެސް ގޭގައި ހުންނަ ހިތްވާނެ ގޮތަކަށް ތޯ އެވެ؟
ނުވަތަ ގެއިން ނިކުމެ އެހެން ގެއަކަށް މެހުމާނު ދާން ވާނެހެން ހީވޭ ހެއްޔެވެ؟
ހައްތަހާވެސް ނަފްސަށް ކުރަންޖެހޭ ސުވާލެވެ. ހަމަ އެ ނަފްސުން ޖަވާބުވެސް ދެވޭނެ އެވެ.
އަޚުންނޭވެ! އަޅުކަންތަކުގެ އެންމެ ފަހުކޮޅަކީ އަޅުކަމުގެ އަޖުރު އަދި ހެޔޮކަން ބޮޑުވާ ވަޤުތެވެ. މިއަދު މިވަނީ ނޫރުގެ މައްޗަށް އިތުރު ނޫރެއް ފާޅުވެފަ އެވެ.
ރަމަޟާން މަހުގެ ދުވަހެއްގެ ރޯދަ ،ރޯދަވެރިޔާ ރޯދަ ދޫކޮށްލާ ވަޤުތެވެ. ދުޢާ އިޖާބަ ކުރެވޭ ވަޤުތެކެވެ. ޙަދީޘްގައިވެ އެވެ. (ثلاثٌ لا تُرَدُّ دعوتُهُم، ….. والصَّائمُ حينَ يُفطرُ) ” ތިން މީހެއްގެ ދުޢާ (އިޖާބަ ނުކުރައްވާ) ރައްދު ނުކުރެވޭ ހުއްޓެވެ. ރޯދަ ވެރިޔާ ރޯދަ ދޫކުރާ ވަޤުތުގަ އެވެ.“
ދެވަނަ މާތްކަމަކީ، ހުކުރު ދުވަހުގެ އަޞްރުފަހުގައި އިރު އޮއްސެން ކައިރިވާ ވަޤުތެވެ. ޙަދީޘްގައިވެ އެވެ.
(التمِسُوا الساعةَ التي تُرجَى في يومِ الجمعةِ بعدَ العصرِ إلى غَيْبُوبَةِ الشمسِ) ހުކުރު ދުވަހު ޢަޞްރުފަހުން އިރު އޮއްސުމާ ހަމައަށް، ދުޢާ އިޖާބަކުރައްވާ ވަޤުތުހޯދުމަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ.“ صحيح الترمذي 489
އަޚުންނޭވެ! ﷲ އެއިލާހުގެ ރަޙްމަތް އަހަރެމެންގެ މައްޗަށް ތަނަވަސް ނުކުރައްވާހެއްޔެވެ؟
ރަމަޟާން މަސް ފެއްޓިގެން މިދިޔައީ ކޮންފަދަ ހެޔޮ ދުވަސްތަކުގެ ތެރެއިންހެއްޔެވެ؟
ލޯތައް ހުޅުވައި، ހިތް ޚާލިޞްކޮށް ވިސްނުން ހުއްޓެވެ. އަޚުންނޭވެ! ވަޤުތުގެ ބޭނުން ހިފާށެވެ!
الإمام الشيخ ابن العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ރޯދަ ވީއްލާ ވަޤުތަކީ ދުޢާ އިޖާބަ ކުރެވޭ ވަޤުތުތަކުގެ ތެރެއިން ވަޤުތެކެވެ. ސަބަބަކީ އެއީ އަޅުކަމުގެ އެންމެ ފަހު ވަޤުތުކޮޅެވެ. ފަހެ، ޢާންމުކޮށް އިންސާނާ އެންމެ ބޮޑަށް ނަފްސު ނިކަމެތިވެ، ބަލިކަށި ޙާލުގައިވާނީ ރޯދަ ދޫކުރާ ވަޤުތުގަ އެވެ. ފަހެ، އިންސާނާ ނަފްސު ބަލިކަށިކަމުގައި ދެމިހުންނަ މިންވަރަކަށް އަދި ހިތް މަޑުމޮޅި ޙާލަތަށް ދެވޭހާ މިންވަރަކަށް އަދި ދެރަ ނިކަމެތިވެ ކިޔަމަންތެރިވާ މިންވަރަކަށް ﷲއަށް ރުޖޫޢަވުމާއި ކުށްތަންވާ މިންވަރު ބޮޑުވާނެ އެވެ.“ فتاوى 19-341
އަޚުންނޭވެ! ކާބޯތަކެއްޗާއިގެން މަޝްޣޫލު ނުވެ މި ފުރުސަތުގެ ބޭނުން ހިފާށެވެ .
ލޯބިވާ އަޚުންނޭވެ! ކިތައް ނަފްސު އެ ނަފްސުގައިވާ ކާބޯތަކެތީގެ ޝަހުވަތާއިގެން ނަފްސަށް މަޝްޣޫލުވާނެ ހެއްޔެވެ؟ މެހުމާނު ބަލަހައްޓައިގެން ހުންނަހިދު މެހެމާނު އުފާވެ، ހިތްހަމަޖެހޭ ގޮތަށް ނޫނީ ޢަމަލު ކުރާނަން ހެއްޔެވެ؟
އެއަށްފަހު ރޯދަ ވީއްލުމެވެ. ނަބިއްޔާ ގެ ހިދާޔަތް އިސްކުރާށެވެ! ރޯދަ ވީއްލާ ވަޤުތުގައި ދެތިން ކަދުރާއި ފެންފޮދަކުން ނިންމައި ނަމާދަށް މަޝްޣޫލުވާށެވެ!
އެހެނީ އެ ވަޤުތަކީ ގިނަ ކާތަކެއްޗަށް މަޝްޣޫލު ކުރުވާ ގަޑިއެއް ނޫނެވެ. الإِمَامُ العَلاَّمَة ابن العُثَيمين رحمه الله ވިދާޅުވެފައިވެ އެވެ. ”ބައެއް މީހުން ރޯދަ ވީއްލުމާއެކު، ރޭގަނޑު ކެއުމާއިގެން (އެ ވަޤުތުގައި ގިނައިން ކެއުމަކީ) ޑޮކްޓަރީގޮތުންވެސް ރަނގަޅު ކަމެއް ނޫނެވެ.
އަދި ކިޔެއްތަ! ޑޮކްޓަރީގޮތުން ބަޔާންވެގެންވަނީ ވަރަށް މަދު އެއްޗެއް މަޢިދާތެރެއަށް ފޮނުވައިލުމެވެ. ސަބަބަކީ މަޢިދާ ހުސްކޮށް އޮތުމުގެ ސަބަބުންނެވެ.“
ﷲ ތަޢާލާ އެންމެހައި އަޚުންނަށް އެ އިލާހު ރުއްސަވާވޮޑިގެންވާ މަގަށް ތަޥްފީޤު ދެއްވާށި އެވެ.