އަންހެނުން މަހާނަ (ގަބުރުސްތާނު) އަށް ޒިޔާރަތް ކުރުން އެއްވެސް ހާލަތެއްގައި ހުއްދަވާނެ ތޯ؟ އަދި ފިރިހެނުން މަހާނަ (ގަބުރުސްތާނު) އަށް ޒިޔާރަތްކުރުމަށް ބާރު އަޅުއްވާފައިވޭ ތޯ؟

އަންހެނުން މަހާނަ (ގަބުރުސްތާނު) އަށް ޒިޔާރަތް ކުރުން އެއްވެސް ހާލަތެއްގައި ހުއްދަވާނެ ތޯ؟ އަދި ފިރިހެނުން މަހާނަ (ގަބުރުސްތާނު) އަށް ޒިޔާރަތްކުރުމަށް ބާރު އަޅުއްވާފައިވޭ ތޯ؟

 

أُسْتَاذ أبو أنس محمد حسن حفظه الله

އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުމާމެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފްވެފައިވެއެވެ.

ފުރަތަމަ ޤައުލަކީ : އަންހެނުން ޤަބުރަށް (ބަރުރުސްތާނަށް) ޒިޔާރަތް ކުރުން ހުއްދަ ވެގެންވުމެވެ.

ދެވަނަ ޤައުލަކީ : އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ކަރާހަތްތެރި ވެގެންވާ ކަމެވެ.

ތިންވަނަ ޤައުލަކީ : އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ހަރާމްް ވެގެންވުމެވެ. މި ޤައުލަކީ الحنفية އަދި المالكية އިންގެ ޢައުލެކެވެ. الحنابلة އިންގެ އެއް ރިވާޔަތެވެ. ކުރީގެ ޢިލްމުވެރިންގެ ތެރެއިން شيخ الإسلام ابن تيمية މި ޤައުލު އިޚްތިޔާރު ކުރައްވައެވެ. އަދި މި ޤައުލު ގިނަ މުހައްޤިގުން ވިދާޅުވެފައިވެއެވެ.

އެންމެހައި ޤައުލުތަކުގެ ދަލީލުތަކަށް ބަލާހިނދު، ޙަރާމްވެގެންވާ ކަމަށް ބުނެފައިވާ ޤައުލުތައް ވަރަށް ޞަރީޙަވެގެންވެއެވެ. އެ ފަދަ ދަލީލުތަކުގެ ތެރޭގައި :

އިމާމް أبو داود 3236، ابن عباس ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (لعن رسول الله صلى الله عليه وسلم زائرات القبور) “ޤަބުރުތަކަށް ޒިޔާރަތް ކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވިއެވެ”.

އަދި الترمذي 1056 أبي هريرة رضي الله عنه ގެ އަހިރުން ރިވާކޮށްފައިވެއެވެ. (أن رسول الله صلى الله عليه وسلم لعن زوارات القبور) “ހަމަކަށަވަރުން ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ގެ ރަސޫލާ ލަޢުނަތް ލެއްވިއެވެ”.

އަޚާއެވެ! ފާފައިގެ މައްޗަށް ލަޢުނަތް އައުމުން އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ފާފަތަކެއް ކަމުގައި ބަޔާންވެއެވެ. މިއީ ދެބަސް ވެވޭނެ ކަމެއް ނޫނެވެ. ފަހެ، ޙަދީޘްތަކުގައި زوارات “ގިނަގިނައިން ޒިޔާރާތް ކުރާ އަންހެނުން” މިފަދައިން މާނައިން ދޭހަވިކަމުގައި ވީނަމަވެސް އެއީ ޒިޔާރަތް ކުރުން ނަފީކުރުން ކަމުގައި އެހެނިހެން ދަލީލުތަކުގައި މިފަދައިން ޛިކުރު ކުރެވިގެންވާ އުސްލޫބުން އެކަން ދޭހަވެއެވެ.

މާނައީ : ތަކުރާރުކޮށް ގިނަގިނައިން ކުރުމަށް ބޭނުންކުރާ ލަފްޒެއްކަމުގައި ވީނަމަވެސް އެންމެ ފަހަރަކު އެކަން ކުރުން ވެސް ދޭހަވާކަން އެއީ ޢަރަބި ބަސް އެކަމަށް ހެކިދޭ އުޞްލޫބެއްކަމަށް ހެކިދެއެވެ.

އެކަން ﷲ ތަޢާލާގެ މި ވަޙީބަސްފުޅުންވެސް އެނގިގެން ދެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. (وَمَا رَبُّكَ بِظَلَّامٍ لِّلْعَبِيدِ) “ނަބިއްޔާގެ ވެރި ރައްބު އެއްވެސް އަޅަކަށް ظَلَّامٍ (ގިނަގިނައިން އަނިޔާވެރި ދޭހަވިކަމުގައި ވީނަމަވެސް މާނައަކީ) އެއްވެސް ގޮތަކަށް އަނިޔާވެރި ވޮޑި ނުގަންނަވާނެއެވެ”. ބަހުގެ އަޞްލަށް ބަލައިފިނަމަ މާނައަކީ ގިނަގިނައިން އަނިޔާވެރި ވާހަކައެވެ. އެހެނަސް ﷲ އެއްވެސް އަޅަކަށް އެއްވެސް ވަރަކަށް، ކުޑަ ވެސް ޛައްރެއްގެ މިންވަރަށް ވެސް އެންމެ ފަހަރަކު ވެސް އަނިޔާވެރިވޮޑި ނުގަންނަވާނެއެވެ. އެހެންވުމުން މިތަނުގައި މާނައަކީ ކޮންމެހެން ގިނަގިނައިން ޒިޔާރަތް ކުރުންކަމުގައިވުން ލާޒިމެއް ނޫނެވެ.

އަދިވެސް ބުނެވިފައިވެއެވެ. އިސްލާމް ދީންވަނީ އެންމެހައި ފިތުނަވެރި ދޮރުތަކެއް ބަންދުކުރުމަށްޓަކައި ޛަރީޢަތްތައް ލައްވާފައެވެ. ފަހެ، މި ޢަމަލަކީ އަންހެނުން އޭގެ ސަބަބުން ފިތުވެރިވެ، ޝަރީޢަތުގައި ކަނޑައެޅިފައިވާ އިންތައް ފަހަނައަޅައި ދިއުމަށް އޮތް ސަބަބެއް ކަމުގައި ވެދާނެއެވެ. އެކަނބަލުންނަކީ ކެތްތެރިކަން ކުޑަ ބައެއްގެ ގޮތުގައި ވުމުން، އެކަންތަކާއި ގުޅިގެން ނުކުންނަ އެހެނިހެން ޢަމަލުތަކެވެ. ފަހެ މި ދޮރުތައް ހުޅުވި ނުދިނުމަށް މި ކަންތައް ދީނުގައިވަނީ ބަންދު ކުރެވިގެންނެވެ.

އަދިވެސް މި ޤައުލަށް ބާރުދެވޭ އެއް ސަބަބަކީ މި ބަސްފުޅުތަކަކީ “އަންހެނުންނަށް ޤަބުރަށް ޒިޔާރަތް ކުރުން ހުއްދަވެގެން ނުވާކަން” ނަބިއްޔާ ﷺ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަސްތަކުގައި ވިދާޅުވެފައިވުމެވެ.

الإمام ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. “ޤަބުރަށް އަންހެނުން ޒިޔާރަތް ކުރުން ޙަރާމްވެގެންވާކަން ބަޔާންވެގެންވާ ޙަދީޘްތަކުގައި ބަވާންވެގެންވާ މާނަ ނުހަނު ޞަރީޙައެވެ. ފަހެ، ހަމަކަށަވަރުން ﷲ ގެ ރަސޫލާވަނީ ޤަބުރުސްތާނަށް ޒިޔާރަތްކުރާ އަންހެނުންނަށް ލަޢުނަތް ލައްވާފައެވެ. ފަހެ، ޢަމަލެއްގެ މައްޗަށް ލަޢުނަތް ލެއްވުމަކީ އެއީ އެކަން ޙަރާމްވެގެންވާކަމުގެ ދަލީލެކެވެ…”.

الإمام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. “އަންހެނުންނަށް ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ހުއްދަވެގެންވާ ނަމަ ފިރިހެނުންނަށް މުސްތަޙައްބުވެގެންވާ ފަދައިން އަންހެނުންނަށް ވެސް މުސްތަޙައްބު ވެގެންވީއެވެ. …(ދީނުގެ) އިމާމުންގެ ތެރެއިން އެއްވެސް ބޭފުޅަކު އަންެހެނުންނަށް ޤަބުރަށް ޒިޔާރަތް ކުރުން މުޞްތަހައްބުކަމަށް ދެކެވަޑައިގެންނެވި ކަމަށް އަހަރެމެންނަށް އެނގިފައެއް ނުވެއެވެ. އަދި ނަބިއްޔާގެ ޢަހުދުގައި އަދި ޚުލަފާއުއް ރާޝިދޫންގެ ޢަހުދުގައި ފިރިހެނުން ޤަބުރުސްތާނަށް ނުކުންނަ ފަދައިން އަންހެނުން ނިކުމެފައެއް ނުވެއެވެ”. مجموع الفتاوى 24/345

މި ޒަމާނުގައި ފާޅުވި ފިޤުހު ޢިލްމުވެރިޔާ العلامة محمد بن صَالح العثَيمِين -رحمه الله- ވިދާޅުވެފައި ވެއެވެ”. އެހެނަސް އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ދީނުގައި ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤަބުރަށް ޒިޔާރަތްކުރާ އަންހެނުންނަށް، ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ބަލައި އެތަނުގައި އަޅުކަންކުރާ މީހުން އަދި ޤަބުރުތަކުގައި ވޮށްބެހެއްޓުން، މިހުރިހައި އެންމެނަށް ލަޢުނަތް ލެއްވިއެވެ.

ވުމާއެކު އަންހެނުން އެބައިމީހުން ޤަބުރުސްތާނަށް ޒިޔާރަތްކުރުމަށް ޤަސްދުކޮށް ގެއިންނިކުމެގެން ނުވާނެއެވެ. އެހެނަސް އެފަދަ ޤަސްދެއް ނެތި ޤަބުރުސްތާނު ކައިރިން ދެވޭ ފަހަރުގައި އެޤަބުރުސްތާނުގެ އަހުލުވެރިންނަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އުގަންނަވާ ދެއްވާފައިވާ ދުޢާ ކުރެވިދާނެއެވެ. ޤަސްދުކޮށްގެން ޒިޔާރަތްކުރާ އަންހެނާއި އެނޫން އަންހެނާ މި ޙުކުމުގައި ތަފާތު ކުރެވޭނެއެވެ. ޤަސްދަކާނުލައި ޤަބުރުސްތާން ކައިރިން ދެވޭ ޙާލަތްތަކުގައި އެބައި މީހުނަށް ސަލާމް ދަންނަވައި ދުޢާ ކުރެވޭނެއެވެ. ޤަބުރުސްތާނަށް ދިއުމަށް ޤަސްދުކޮށްގެން އެމީހެއްގެ ގެއިން ނިކުންނަ އަންހެނާ ދީނުގައި އޭނާގެ މައްޗަށް ޙަރާމް ވެގެންވާ އަދި ލަޢުނަތެއްގެ ތެރެއަށް އޭނާގެ ނަފްސުު ގެންގޮސްފިއެވެ. ޤަޞްދަކާ ނުލައި އެކަންކުރި އަންހެނާއަށް އެއްވެސް ނުބައިކަމެއް ނެތެވެ”. مجموع الفتاوى، دفن الميت ص 285

ހަމަ އެފަދައިން މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الإمام ابن باز -رحمه الله- ވިދާޅުވެފައިވަނީ ވެސް މިފަދައިންނެވެ. އަންހެނުން ޤަބުރުސްތާނަށް ޒިޔާރަތް ކުރުން ޙަރާމްވެގެންވުމެވެ.”