ރަވާތިބު ސުންނަތްތަކަކީ ކޮބާ؟
أُسْتَاذ أبو أنس محمد حسن حفظه الله
ރަވާތިބު ސުންނަތްތަކަކީ ބައެއް ފަރުޟު ނަމާދުގެ ކުރިއަށް އަދި ބައެއް ނަމާދުގެ ފަހަތަށް ކަނޑައެޅިފައިވާ ޚާއްޞަ ރަކުޢަތްތަކެވެ. އެ ރަކުޢަތްތައް ޙަދީޘްގައި ޛިކުރު ކުރެވިފައިވެއެވެ. އެ ރަކުއަތްތައް رسول الله ﷺ ޙަދީޘް ކުރެއްވިއެވެ. ނަބިއްޔާގެ އަނބިކަނަބލުން أم حبيبة أم المؤمنين ވިދާޅުވެފައިވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (من صلَّى في يومٍ وليلةٍ ثنتيْ عشرةَ ركعةً ، بُنيَ له بيت في الجنةِ : أربعًا قبلَ الظهرِ ، وركعتيْنِ بعدَها وركعتيْنِ بعدَ المغربِ ، وركعتيْنِ بعدَ العشاءِ ، وركعتيْنِ قبلَ الفجرِ)
”ކޮންމެ ރެއަކާ ދުވާލަކު 12 ރަކުޢަތް ކޮށްފިމީހާއަށް، ﷲ ޤިޔާމަތް ދުވަހުގައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވާނެއެވެ. މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް، މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތް، މަޣްރިބް ނަމާދުގެ ފަހުން ދެ ރަކުޢަތް، ޢިޝާ ނަމާދުގެ ފަހުން ދެ ރަކުޢަތް އަދި ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ“. ރަވާތިބު ސުންނަތްތަކަކީ މި 12 ރަކުޢަތެވެ. މި ޙަދީޘް الترمذي (414)، النسائي (1794) އަދި ابن ماجه (1140)ރިވާކުރެއްވި އެވެ. މިއީ ޞައްޙަ ޙަދީޘެކެވެ.