ފިރިހެން މައްޔިތެއްގެ މޫނު އަންހެނުން ބެލުމަކީ ކޮންކަހަލަ ކަމެއް ތޯ؟

ފިރިހެން މައްޔިތެއްގެ މޫނު އަންހެނުން ބެލުމަކީ ކޮންކަހަލަ ކަމެއް ތޯ؟

 

أُسْتَاذ أبو أنس محمد حسن حفظه الله

ނަބިއްޔާ صلى الله عليه وسلم ގެ ބައެއް އަޞްޙާބު ބޭކަލުންގެ މޫނުފުޅު، ހިނެވުމަށްފަހު ކަޝްފު ކުރެއްވިކަން ސުންނަތުން ޘާބިތުވެއެވެ. އެގޮތުން عثمان بن مظعون-رضي الله عنه- އަވަހާރަފުޅުވިހިނދު ޞަޙާބީގެ މޫނުފުޅު ކަޝްފު ކުރައްވާ މޫނުފުޅަށް ބޮސް ދެއްވިކަން ޘާބިތުވެގެންވެއެވެ. ހަމައެފަދައިން ރަސޫލާ ﷺ އަވަހާރަފުޅުވިހިދނު، ޞަޙާބީ أبو بكر -رضي الله عنه- ރަސޫލާގެ އަރިއަހަށް ވެދެވަޑައިގެން މިފަދައިން ކަންތައް ކުރެއްވިކަން ޘާބިތުވެގެންވެއެވެ. އަދި ހަމައެފަދައިން، ކޮންމެ ޞަޙާބީ ބޭކަލަކަށް މިފަދައިން ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ޘާބިތުވެގެންނުވެއެވެ. ވުމާއެކު، މި ޢަމަލަކީ ކުރުން ހުއްދަވެގެންވާ ކަމެއް ކަމުގައި ވެއެވެ.

އެހެނަސް މިކަން ޢިއުލާނުކޮށް، މީހުން އެއްތަނަކަށް ޖަމަޢަކޮށްގެން ކުރަންއޮތް ކަމެއް ނޫނެވެ. މިޘާލަކަށް “މޫނު ދައްކަން ބާއްވާފައި ބޭއްވުން” “މޫނު ބަލަން ބަޔަކު އަންނަންދެން ބޭއްވުން” މިފަދަ ޢަމަލު ތަކަކީ ޘާބިތު ޢަމަލުތަކެއް ނޫނެވެ.

ހަމައެފަދައިން މޫނު ދެއްކުމަށްޓަކައި މައްޔިތާގެ ޖަނާޒާ ފަސްކުރުންވެސް އެދެވިގެން ނުވެއެވެ. އެހެނަސް ޙާޖަތެއް ނުވަތަ މަޞްލަޙަތެއް އޮވެގެން މައްޔިތާއަށް ގެއްލުމެއް ނުވާ ހިނދެއްގައި ލަސްކުރުން ހުއްދަވީނަމަވެސް، މައްޔިތާއަށް މަންފާ ކުރާނީ ޖަނާޒާ އަވަސް ކުރުމުންނެވެ. ފަހެ، މިފަދައިން މޫނު ބެލުން ހުއްދަވާނީ ދުނިޔެމަތީގަ ވެސް ބެލުން ހުއްދަ މީހުންނަށެވެ. އެއީ ދިރިހުރި ޙާލުގައި އިންސާނާގެ ހަށިގަނޑު ޙުރުމަތްތެރިވެގެންވާ ފަދައިން އެ ޙުރުމަތް މަރުވުމަށް ފަހުގައި ވެސް ލިބިގެންވާތީއެވެ. އެޙުރުމަށްތެރިކަން ދޭން ޖެހޭނެއެވެ. ވުމާއެކު، ހިލޭ ފިރިހެނަކަށް ހިލޭ އަންހެނެއްގެ، މައްޔިތެއްގެ މޫނު ބެލުމެއް ނުވެއެވެ. އަންހެނެއްގެ މޫނު ބެލުން ހުއްދަވެގެންވާނީ ގާތް ތިމާގެ މީހުންގެ ގެތެރެއިން މަޙްރަމުންނާއި އަދި އަންހެނުންނަށެވެ.

އެހެންކަމުން މި ޒަމާނުގައި ފާޅުކުރާ ޝިޢާރުތައް ކަމުގައިވާ “ދަޥްލަތަށް ޚިދުމަތްކުރި” “މުޖުތަމަޢުއަށް ފައިދާ ހޯދައިދިން” މިފަދަ ބަސްތައް ބުނެ، އެ މައްޔިތާގެ މޫނު ކަޝްފުކޮށް، މޫނު ބެލުމަށް ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން ވަދެ، ޢަމަލު ކުރާ މި ސިފަތަކަކީ ހުއްދަވެގެންވާނެ ޢަމަލުތަކެއް ނޫނެވެ. އޭގެ އިތުރަށް ދެ ޖިންސު އެކުވުމާއި، މައްސުނިވުން އޮވެއްޖެހިނދު އޭގެ ނުބައިން މާބޮޑަށް ބޮޑުވެގެން ވެއެވެ.