ނިދީގެ ސަބަބުން ފަތިސް ނަމާދު ނުކުރެވުނު ނަމަ އެ ނަމާދު ގަޟާ ކުރާނީ ކިހިނެއް؟ މެންދުރު ނަމާދުގެ ކުރިން ނުވަތަ މެންދުރު ނަމާދުގެ ފަހުން ތޯ؟

ނިދީގެ ސަބަބުން ފަތިސް ނަމާދު ނުކުރެވުނު ނަމަ އެ ނަމާދު ގަޟާ ކުރާނީ ކިހިނެއް؟ މެންދުރު ނަމާދުގެ ކުރިން ނުވަތަ މެންދުރު ނަމާދުގެ ފަހުން ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

ތިމާގެ އަމިއްލަ އިޚްތިޔާރުގައި، ބުއްދި ސަލާމަތުންހުރެ އެއްވެސް ނަމާދެއް، އެންމެ ނަމާދެއް ވެސް އެ ނަމާދެއްގެ ވަޤުތުން ނެރުން އެންމެ ބޮޑުވެގެންވާ ޙަރާމް ޢަމަލެކެވެ. އެއްވެސް އިންސާނަކަށް ހުއްދައެއް ނުވާނެއެވެ. ‎ދެންފަހެ، ނިދުން ފަދަ ޢުޛުރެއް ދިމާވެ، ނަމާދުގެ ވަޤުތުގައި ނުކުރެވިއްޖެ މީހާއަށް އޮތީ ނަމާދު ޤަޟާ ކުރުމެވެ. ‎އޭނާއަށް ހޭލެވުމާއި އެކުގައި ނަމާދަށް އަވަސްވެގަތުމެވެ. ނަމާދުގެ މައްޗަށް އެހެނިހެން ކަންތައްތައް ނުގެނެސް ﷲ ގެ ހައްޤު އަދާކުރުމަށް އަވަސްވެގަތުމެވެ.

‎ދަންނާށެެވެ! ހޭލެވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެގަތުން ހުއްޓެވެ. ދުނިޔެވީ ޢަމަލުތަކާއި، އޭނާގެ އެދުންތަކުގެ މައްޗަށް މަޝްޣޫލުވެ ނަމާދު ކުރުން ލަސްކޮށްގެން ނުވާނެއެވެ. ޙަދީޘްގައި ވެއެވެ. (مَن نَسِيَ صَلَاةً، أَوْ نَامَ عَنْهَا، فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا) صحيح مسلم 684 “ނާމާދު ހަނދާންނެތުނު މީހާ ނުވަތަ ނަމާދުގެ (ވަޤުތުގައި) ނިދިފައޮތް މީހާ، އޭނާގެ މައްޗަށް އޮތް ކައްފާރާއަކީ ހަނދާންވުމާއެކު ނަމާދު ކުރުމެވެ”.

‎ފަހެ، އޭނާގެ ޙައްޤުގައި އޭނާއަށް އެ ވަޤުތު ވަނީއެވެ. އަދި ނަމާދަށް އަވަސްވެގަތުން ހުއްޓެވެ. ‎ފަތިސް ނަމާދަށް ނުހޭލެވި އޭނާ ހެނދުނުވުމުން ހޭލެވުމާއިއެކު ނަމާދު ކުރުން ހުއްޓެވެ. މެންދުރު ފަހުން ކުރުމަށް ނަމާދު ލަސްކުރުން ހުއްދައެއް ނުވާނެއެވެ.

‎މަދީނާގައި މިހާރު ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة الشيخ عَبد المُحسن العبَّاد -حفظه الله- ވިދާޅުވެފައިވެއެވެ. “ނިދުމުގެ ސަބަބުން ނުވަތަ ހަނދާންނެތުމުގެ ސަބަބުން ނަމާދު އޭގެ ވަޤުތުން ނުކުމެއްޖެ ނަމަ އޮތީ ނަމާދު ޤަޟާކުރުމެވެ. އެހެން ފާފައެއްނެތެވެ. އެނޫން ގޮތެއްގައި ނަމާދު ލަސްކޮށްފިހިނދު ފާފަވެރިވާނެއެވެ. އަދި ނަމާދު ޤަޟާކުރަންޖެހޭނެއެވެ”.

‎އެހެންވުމުން އުޛުރެއް ދިމާވެ، ނަމާދުގެ ވަޤުތުން ނޫން ވަޤުތެއްގައި ނަމާދު ކުރަންޖެހިއްޖެހިނދު އޭނާގެ ނިޔަތް ކަމުގައިވާހުށީ ނަމާދު ޤަޟާއަށް ކުރުމެވެ.