އިމާމް ޝާފީ، އިމާމް މާލިކު، އިމާމް އަޙުމަދު ބިން ޙަންބަލް މި އިމާމުންނަނީ “ސަލަފީ” މަޒުޙަބުގެ އިމާމުން ތޯ؟

އިމާމް ޝާފީ، އިމާމް މާލިކު، އިމާމް އަޙުމަދު ބިން ޙަންބަލް މި އިމާމުންނަނީ “ސަލަފީ” މަޒުޙަބުގެ އިމާމުން ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

‎ އަޚާއެވެ! ސުވާލަށް ޖަވާބު ދިނުމުގެ ކުރިން ޢިލްމުވެރިން (މަޛްހަބުތަކުގެ މެދުގައި) ޚިލާފް އުފެދިފައިވަނީ ކޮން ސަބަބުތަކަކާއި ގުޅިގެންކަން އެނގުން މުހިންމު ވެގެންވެއެވެ. ފަހެ، އެހިނދު އެފަދައިން ޚިލާފް އޮތުމަކީ ވެދާނެ ކަމެއްކަމާއި އެ ބޭކަލުންނަށް ފަހުގައި އަންނަ މީސްތަކުން އެއަށްފަހު ދެ ލޯމަރާލައި އެއްވެސް ބަލައިލުމެއް ނެތި ތަބަޢަވުން ހުއްދަވެގެން ނުވާނެ ކަން އެނގިގެން ދެއެވެ.

ފުރަތަމަ ސަބަބު: އެ ބޭކަލުންނަށް ލިބިވަޑައިގެންނެވި ޢިލްމުގެ މިންވަރެވެ. އެހެނީ، އެ ޒަމާނަކީ އެންމެހައި ޙަދީޘްތަކެއް އަދި ރިވާޔަތްތަކެއް ޖަމަޢަވެ، ފޮތްތަކަށް އެއްކޮށްފައިވާ ޒަމާނެއްް ކަމުގައި ނުވުމެވެ. އެއް ބޭކަލަކަށް ލިބިވަޑައިގެންނެވި ޢިލްމު، ދަލީލު އަދި ޙުއްޖަތް، އަނެއް ބޭކަލަށް ލިބިވަޑައިގެންފައި ނުވުމެވެ. ފަހެ، އެހިނދު ދަލީލެއް ނެތުމުން ކޮންމެވެސް އެހެން ޢަމަލެއްގެ މައްޗަށް ޤިޔާސް ކުރައްވައެވެ. ނުވަތަ އަމިއްލަ ރައުޔެއް ނެރުއްވައެވެ. ފަހެ، ރިވާޔަތް ލިބިވަޑައިގެންފައިވާ އިމާމު އެ ރިވާޔަތުގެ މައްޗަށް ބަސް ވިދާޅުވާހިނދު އެ ބޭކަލުންގެ މެދުގައި އެހިނދުވަނީ ޚިލާފް އުފެދިފައެވެ. ފަހެ، އެއަށްފަހު ދަލީލު އެމީހަކަށް ބަޔާންވުމުން ޚިލާފުވުން ހުއްދަވާނެ ހެއްޔެވެ؟

ދެވަނަ ސަބަބު: ސުންނަތުގެ ދަލީލުތަކުގެ މައްޗަށް އުފެދިފައިވާ ޚިލާފެވެ. ޙަދީޘް ޞައްޙަވުމާއި ބަލިކަށިވުމުގެ މައްޗަށް އެ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައި ވުމެވެ. އެގޮތުން އެއީ ޞައްޙަ ޙަދީޘެއްގެ މައްޗަށް ދެކެވަޑައިގަންނަވާ، ފަތުވާ ދެއްވާހިނދު އެއީ ބަލިކަށި ޙަދީޘެއް ކަމުގައިވުން އެކަށީގެން ވުމެވެ. މިފަދަ ސަބަބުތަކާއި އެކު އެބޭކަލުންގެ މެދުގައި ޚިލާފު އުފެދުމެވެ.

ތިންވަނަ ސަބަބު: ޢަރަބި ބަހުގެ (އެ ލަފްޒުތަކުން) ދޭހަވާ މާނައިގެ މައްޗަށް އުފެދިފައިވާ ޚިލާފެވެ. މިޘާލަކަށް އާޔަތެއްގައި ނުވަތަ ޙަދީޘެއްގައި ވާރިދުވެފައިވާ ކަލިމައެއްގެ މާނަ ޢަރަބި ބަހުގައި ތަފާތުވެފައިވުމެވެ. އެއް ބޭކަލަކު އެއް މާނައެއް ނަންގަވާހިނދު އަނެއް ބޭކަލަކު އެއީ އޭގެ މުރާދުކަމުގައި ދެކެވަޑައިނުގަންނަވައި އެހެން މާނައަކައަށް ރުޖޫޢަވުމެވެ.

ހަތަރުވަނަ ސަަބަބު: ދަލީލުތައް ފުށުއަރާ ގޮތުގައި ވާރިދުވެފައިވުމުން އިމާމަށް އެ ދަލީލުތަކުން ފަހުމްވާ އެއްމެ ޞައްޙަގޮތާއި ނުވަތަ ދަލީލުތައް ޖަމްޢު ކުރުމުގައި އުފެދުނު ޚިލާފެވެ. މިޘާލަކަށް އަޞްރުފަހުން ސުންނަތް ނަމާދު ކުރުން ނަޙީ ވެފައިވެއެވެ. އަދި މިސްކިތަށް ވަންނަ މީހާ މިސްކިތުގައި އިށީނުމުގެ ކުރިން 2 ރަކުޢަތް ނަމާދު ކުރުމަށް އަމުރުކުރެވިފައި ވެއެވެ. ފަހެ އަޞްރުފަހުން ވަންނަ މީހާގެ މައްޗަށް ނަޙީ އިސްވާނެ ކަމުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ބައެއް ޢިލްމުވެރިން މަސްޖިދު ސުންނަތް އިސްވާނެ ކަމުގައި ދެކެވަޑައި ގަންނަވައެވެ.

ފަސްވަނަ ސަބަބު: ޞައްޙަ ޙަދީޘް ލިބިވަޑައިގެންފައި ނުވުމެވެ. އެހެން ވުމުން އެއީ ދީނުގައި އޮތްކަމެއް ކަމެއް ދެނެވަޑައި ނުގެންނެވުމެވެ. މިތާގައި ބަޔާން މިކުރަނީ މިފަދަ މިޘާލަކެވެ. الإمام وهب ވިދާޅުވެފައިވެއެވެ. الإمام ماَلك ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. “ވުޟޫ ކުރާ މީހާ އޭނާގެ އިނގިލިތައް ވިނަވައިލުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟” އެހެިނދު ވިދާޅުވިއެވެ. އެއީ މީސްތަކުންނަށް އޮތް ކަމެއް ނޫނެވެ. އެހިނދު ދަރިވަރު ކަމުގައިވާ الإمام وهب ވިދާޅުވިއެވެ. އެ މަޖްލިސްއިން މީހުން ދިއުމަށްދާންދެން މަޑުކުރީމެވެ. އަދި އެއަށްފަހު އިނގިލިތައް ވިނަވައިލުމާއި ގުޅޭގޮތުން ވާރިދުވެފައިވާ ޙަދީޘް (އޭގެ ސަނަދާއި އެކު) އިމާމަަށް ރިވާކޮށްދިނީމެވެ. ފަހެ އެހިނދު އެއީ ރަނގަޅު ޙަދީޘެއް ކަމުގައި ވިދާޅުވިއެވެ. އަދި އެއަށްފަހު އިނގިލިތައް ވުޟޫކުރުމުގައި ވިނަވައިލުމާއި ބެހޭގޮތުން ސުވާލު ކުރެވޭހިނދު “ސުންނަތެއް ކަމުގައި “ވިދާޅުވާ އަޑު އަހަމެވެ”. އެބަހީ: ޙަދީޘް އެކަމުގައި އޮތްކަން އެނގިވަޑައިނުގެންނެވުމުން ދެއްވި ފަތުވާ، އެ ހަދީޘް އެނގިވަޑައިގެންނެވުމުން ކުރިން ދެއްވި ފަތުވާ ބަދަލުކޮށްލެއްވިއެވެ.

މިތަނުގައި ބަޔާންކޮށްފައިމިވަނީ ބައެއް ސަބަބުތަކެވެ. މީނޫނަސް އެބޭކަލުންގެ މެދުގައި ފިޤުހީ މައްސަލަތަކުގައި ޚިލާފު އުފެދިފައިވާ އެހެނިހެން ސަބަބުތަކެއް ވެސް ވެއެވެ.

އަޚާއެވެ! އެހެންވުމުން ޙަދީޘް އޮވެމެ، ހުއްޖަތް ފެންނަންއޮވެމެ، އިމާމު ވިދާޅުވިއޭ ބުނެވޭނެ ހެއްޔެވެ؟ އެބޭކަލުންގެ މެދުގައި ޚިލާފުތައް އޮތީ ސަބަބުތަކާއި ގުޅިގެންނެވެ. އެހެނަސް އެއަށްފަހު ހުއްޖަތާއި ދަލީލު ފާޅުވުމުން އޮތީ ދަލީލަށް ރުޖޫޢަވުމެވެ.

الإمام الشافعي -رحمه الله- ވިދާޅުވެފައިވެއެވެ. “ޙަދީޘް އެއް ޞައްޙަވެއްޖެހިނދު އެއީ ތިމަން އިމާމުގެ މަޛްހަބެވެ”. ސަބަބަކީ އެ ބޭކަލުންނަށް އެންމެހައި ޙަދީޘްތަކެއް ލިބިވަޑައިނުގަންނަވާކަން އެ ބޭކަލުން ދެނެވަޑައިގަންނަވައެވެ. ވީމާ، އެބޭކަލުން އަވަހާރަފުޅު ވުމަށްފަހުގައި ވެސް ޙަދީޘްއެއް ލިބި، އޭގެ ޞައްޙަކަން ބަޔާން ވެއްޖެހިނދު އެއީ الشافعي ގެ މަޛްހަބު ކަމުގައިވާނެއެވެ. އެހެނަސް ހިތާމައަކީ، މިފަދައިން ޙައްޤު ދަލީލަށް ރުޖޫޢަވުމަށް ބޭނުން ނުވުމެވެ. ހަޤީޤަތަކީ މި އިމާމުން ޤިޔާމަތް ދުވަހު ޙަދީޘާއި ދަލީލު ފެންނަން އޮއްވައި އެ ދަލީލަށް ތަބަޢަނުވެ، އިމާމުންގެ މަޛްހަބޭޭ ކިޔައިގެން އުޅުނު މީސްތަކުންގެ ކިބައިން ބަރީއަވެ ވަޑައިގަންނަވާނެއެވެ. އިސްވެ ދިޔައީ އެފަދަ ބަސްފުޅުތަކެވެ.

މި ހަތަރު އިމާމުންނަކީ ވެސް ޚާލިޞް ސުންނަތަށް ތަބަޢަވެވަޑައިގެންނެވުމަށް ނުހަނު މަސައްކަތްޕުޅު ކުރެއްވި ބޭކަލުންނެވެ. އެ އެންމެހައި ބޭކަލުންގެ އަޤީދާއަކީ ޤުރުއާނާއި ސުންނަތަށް އުއްމަތުގެ ޞަލަފުއް ޞާލިޙުންނަށް ފަހުމްވަޑައިގެންނެވި ގޮތަށް ތަބަޢަވެވަޑައިގެންނެވި ބޭކަލުންނެވެ. ސުންނީ، ސަލަފީ ދަޢުވަތަކީ މިއީއެވެ. އަހުލުއް ސުންނަތަކީ މިއީއެވެ. ފިރުޤަތުއް ނާޖިޔާއަކީ މިއީއެވެ. ޠާއިފަތުލް-މަންޞޫރާއަކީ މިއީއެވެ.

އަޚާއެވެ! މިހާރު ހިތައް އަރާނެއެވެ. “ޤުރުއާނާއި ސުންނަތަށް ޞަޙާބީންނަށް ފަހުމްވަޑައިގެންނެވި ގޮތަށް ތަބަޢަވުން” ފަހެ، އެފަދައިން ޤައިދު ކުރެވިގެންވަނީ ކީއްވެތޯ އެވެ؟

އަޑުއެހުން ހުއްޓެވެ! ﷲ ޤުރުއާން ބާވައިލައްވައި، އެ ޤުރުއާންގައިވާ އާޔަތްތައް މިސްތަކުންނަށް ފަހުމްވުމަށް އެ އިލާހު އިރާދަފުޅު ކުރައްވާ، ބޭނުންވެ ވޮޑިގަންނަވާ ގޮތެއް އޮންނާނެއެވެ. ނޫން ހެއްޔެވެ؟ ފަހެ، އެގޮތް އެނގިވަޑައިގަތުމާއެކު ނަބިއްޔާ ޞަޙާބީންނަށް އުނގަންނަވައި ދެއްވިއެވެ. ފަހެ، އެހިނދު ޤުރުއާން ޤަބޫލުކޮށްފައިވަނީ ﷲ ގެ މުރާދުފުޅާ އެއްގޮތަށެވެ. މިއަދު މި ފެންނަ ތަފާތުތަކާއި ބައިބައިވުންތަކަކީ، އެ މީހަކަށް، އެ ބައިގަނޑަކަށް، އެ ޖަމާޢަތަކަށް ފެންނަ ގޮތަކަށް އެ އާޔަތްތައް މާނަކުރުމުގެ ނުބައިކަމާއި ނުރައްކަލެވެ.

ހަމައެފަދައިން ޙަދީޘް ވެސް އެބަ ހުއްޓެވެ. އެ ޙަދީޘްފުޅުތަކުގެ މައްޗަށް މީސްތަކުން ޤަބޫލުކުރަން އޮތް މުރާދަކީ ކޮބައިކަން، އެ މީސްތަކުންނަށް ބަޔާންކުރުމަށް ރަސޫލާ ﷺ ބޭނުންފުޅު ވަޑައިގެންނަވައެވެ. އެ މުރާފުދުޅު އުނގަންނަވައި ދެއްވިއެވެ. ފަހެ، ބާޠިލާއި، ފިތުނައާއި ފަސާދައިގެ ޢަޤީދާތަކާއި ހަވާނަފްސުގެ އަހުލުވެރިން އެ ޙަދީޘްތައް އެ މީހުން ބޭނުންވާ މުރާދަށް ބަދަލުކޮށް އެއިން އެ މީހުން އެދޭ ގޮތްތަކަށް މާނަ ނަގަމުން ގެންދިޔައެވެ. އެހިނދު އެވަނީ ސަޙާބީންނަށް ފަހުމްވަޑައިގެންނެވި ގޮތް ދޫކޮށް ބާޠިލަށް ގޮސްފައިއެވެ.

ސަލަފީ ޢަޤީދާއަކީ މިއީއެވެ. މިސްތަކުންގެ ވިސްނުމާއި އެމީހުންގެ ފަހުމް އާއި އެމީހުންގެ މުރާދު ދޫކޮށް ﷲ އާއި ރަސޫލާގެ ފަހުމްގެ ޚާލިޞް ކަމުގައި ވުމެވެ. ހަތަރު އިމާމުންގެ އަޤީދާއަކީ ވެސް މިއީއެވެ. ޤުރުއާނާއި ސުންނަތް ޞަޙާބީންނަށް ފަހުމްވެވަޑައިގެންނެވި ގޮތުގައި ފަހުމްވެ ތަބަޢަވުމެވެ. ސަލަފީ ޢަޤީދާއަކީ މިއީއެވެ.

ހަތަރު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންވާ الإِمَام أَحْمَد رحمه الله އަރިހުގައި، ޞަޙާބީން އެއްބަސްވަޑައިގެންފައިވާ ކަންކަމުގެ މައްޗަށް ޚިލާފްވެ އެ ބަސްފުޅުތަކުން ބޭރުވެގަތުން ހުއްދަވާނެތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. ”ތިޔައީ މުޑުދާރުވެގެންވާ ބަސްތަކެވެ. ތިޔައީ ބިދުޢައިގެ އަހުލުވެރިންގެ ބަސްތަކެވެ. ޞަޙާބީން އެކަމެއްގެ މައްޗަށް ވިދާޅުވެފައިވާ ބަސްފުޅުތަކުން ބޭރުވެގަތުން އެއްވެސް މީހަކަށް ހުއްދައެއް ނުވާނެއެވެ“(المسودة ص 283).

އަޚާއެވެ! މިއަދު މި ފެންނަ “ދީނީ ޕާޓީ”، “މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުން”، “މުޒާހަރާ”، “ޖިހާދު ނަމުގައި ވެރިންނާއި ދަޥްލަތަށް ނޭނގި ފުރައިގެން ދިއުން”، “ޖާނުން ފިދާވެ ޙަމަލާ ދިނުން”، “އިންޤިލާބް ގެނައުން” “ވެރިންނާ ދެކޮޅު ޕާޓީ ހެދުން” …… މިއީ ކޮން ބައެއްގެ ފަހުމް ހެއްޔެވެ؟ އާޔަތްތައް އަދި ހަދީޘްތައް މިވަނީ އެމީހުންގެ ފަހުމަށް ގެނެސް ބޭނުންވާ މާނަ ނެރެ ބޮޑުވެގެންވާ އޮޅުވާލުންތަކުން ދީން އޮޅުވާލައިފައެވެ. ހަތަރު އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإِمَام أَبُو حَنِيفة ވިދާޅުވެފައިވެއެވެ. ”ތިބާ އަޘަރުތަކުގައި އަދި ސަލަފުއް ޞާލިޙުންގެ މަގުގައި ދެމިހުންނާށެވެ. އަލަށް ދީނަށް ގެނެވޭ ކަންތައްތަކުގެ މައްޗަށް ސަމާލުވާށެވެ. ފަހެ، އެއީ ހަމަކަށަވަރުން ބިދުޢައެވެ“ (ذم التأويل لإبن قدامة ، 13 ). ފަހެ، ފާޅުކޮށްފައި މިވަނީ ސަލަފީ ޢަޤީދާ ނޫންތޯއެވެ؟

الإمامُ الشَّافعي ވިދާޅުވެފައިވެއެވެ. ”ތިޔަބައިމީހުންނަށް ﷲގެ ރަސޫލާ ﷺ ގެ ސުންނަތް ފެނިއްޖެހިނދު އެ ސުންނަތަށް ތަބަޢަވާށެވެ. އެހެން އެއްވެސް ފަރާތަކަށް ބެލުމެއް ނެތެވެ“ (ذم الكلام للهروي، ٣٩٣).

މި އިމާމުންގެ ޢަޤީދާ ބަޔާން ކުރައްވާ الإمام شيخ الإسلام ابن تيمية ވިދާޅުވެފައިވެއެވެ

”أبُو حَنِيفَة ނުވަތަ މުސްލިމުންގެ އިމާމުންގެ ތެރެއިން އެހެން އިމާމެއް، ޤިޔާސްކޮށް ނުވަތަ އެހެނިހެން ސަބަބެއްގައި ހިފަހައްޓައި ޤަސްތުގައި ޞައްޙަ ޙަދީޘަކާއި ޚިލާފްވުމަށް ޤަޞްދުކޮށްފައިވާ ކަމަށް ބުނެފި މީހަކީ ކުށްބަސް ބުނެފައިވާ މީހެކެވެ. އަދި އެފަދަ މީހާ ވާހަކަ ދައްކައިފައިވަނީ އޭނާއަށް ހީކުރެވޭ ހީތަކުގެ މައްޗަށް ބިނާކޮށެވެ. ނުވަތަ އޭނާ ވާހަކަ ދައްކާފައިވަނީ އޭނާގެ ހަވާނަފްސުންނެވެ“ (االفتاوى ، 20-204).

މިއަދުގެ ޙާލަތެވެ! އޭނާގެ ޕާޓީގެ އަސާސެވެ. އޭނާގެ ޕާޓީގެ ގައިޑްލައިނެވެ. އޭނާގެ މަޤާމަށް ކޮށޭނެ އެންމެހައި ދޮރެއް ކޮށައި ޚިލާފްއޭ ބުނި ކަމުގައިވީނަމަވެސް އޭނާގެ ބަސްތައް ދިފާޢު ކުރުމުގައެވެ. އެއީ އެންމެހައި ދަލީލަކާއި ޚިލާފަށް، ބަލިކަށި ބަސްތައް ކަމުގައިވީނަމަވެސް އޭނާގެ ހަވާނަފުސު ދިފާކުރުމަށް އެ ހިފަހައްޓައި އޭނާގެ ޢަމަލު ދިފާޢު ކުރުމެވެ. މިއަށްވުރެ ބޮޑުވެގެންވާ ހަވާނަފްސުގެ އަހުލުވެރިއެއް ކޮބައި ހެއްޔެވެ؟

އަޚާއެވެ! ވިސްނާލުމަށް ގެނެސްގަތުން ހުއްޓެވެ. ބާޠިލްގެ ގިނަ ކަމާއި، ބާޠިލް ބައިގަނޑުތަކާއި ޖަމާޢަތްތައް ގިނަވެ، ޙައްޤު ނުހަނު މަދުވާނެކަން ބަޔާންވެގެންވެއެވެ. ސަލަފީން އަދި ސަލަފީ ޢަޤީދާ ނުހަނު ބީރައްޓެހިވާނެކަމެވެ. ޝައްކެތް ވެސް ނެތެވެ. މިފަދަ ގިނަ ބައިގަނޑުތަކަށް، ޢަޤީދާތަކަށް، އުޞޫލުތަކަށް މީސްތަކުން ބައިބައިވެގޮސް އަދި އެންމެ ބަޔަކު ޙައްޤުގައި ވުމުން އޭގެ ބީރައްޓެހިކަން ފެންނާނެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (أَلَا إِنَّ مَنْ كَانَ قَبْلَكُمْ مِنْ أَهَلِ الْكِتَابِ افْتَرَقُوا عَلَى اثْنَتَيْنِ وَسَبْعِينَ مِلَّةً وَإِنَّ هَذِهِ الْأُمَّةَ سَتُفَرِّقُ عَلَى ثَلَاثٍ وَسَبْعِينَ مِلَّةً اثْنَتَانِ وَسَبْعُونَ فِي النَّارِ وَوَاحِدَةٌ فِي الْجَنَّةِ وَهِيَ الْجَمَاعَةُ)

”ހަމަކަށަވަަރުން ތިޔަބައިމީހުންގެ ކުރިން އަހުލުކިތާބީން ވަނީ 72 ބައިގަނޑަށް ބެހިގެން ގޮސްފައެވެ. އަދި ހަމަކަށަވަރުން މި އުއްމަތް 73 ބައިގަނޑަށް ބެހިގެންދާނެއެވެ. އޭގެ ތެރެއިން 72 ބައިގަނޑު ވާހުށީ ނަރަކައިގައެވެ. އަދި ސުވަރުގޭގައި ވާހުށީ އެންމެ ޖަމާޢަތެކެވެ. އަދި ޖަމާޢަތަކީ އަލްޖަމާޢާއެވެ“ (صحيح أبوداود ، 4597).

ފަހެ، މިއަދު މި ފެންނަނީ މި ފިތުނައާއި މި މުޞީބާތްތަކެވެ. ސަލަފީ ދަޢުވަތާއި އެ މަންހަޖާއި އެ އަހުލުވެރިންގެ މަދުކަން އެއީ އެއްބަޔަކު މި މަންހަޖު ދޫކޮށް މި ދަޢުވަތަށް ފުރަގަސްދިނުން ކަމުގައި ވެސް ވެއްޖެއެވެ. و الله المستعان

الإِمَام الألباني رحمه الله ވިދާޅުވެފައިވެއެވެ. ”އަހަރެމެންގެ ލަނޑުދަނޑިއަކީ ﷲގެ ފޮތާއި، ﷲގެ ރަސޫލާގެ ސުންނަތަށް އެނބުރި ރުޖޫޢަވުމެވެ. އަދި އެ (ޤުރުއާނާއި ސުންނަތް) ސަލަފުއް ޞާލިޙުންނަށް ފަހުމްވެވަޑައިގެންނެވި ގޮތުގެ މަތީގައި ފަހުމުވުމެވެ. މިޘާލަކަށް އާޔަތެއް، ޞަޙާބީންނަށް ފަހުމްވެވަޑައިގެންނެވީ ވަކި ގޮތަކަށެވެ. އަދި ފަހުގެ މީސްތަކުންނަށް އެއާޔަތް ފަހުމްވީ ވަކި ގޮތަކަށެވެ. ފަހެ، އަހަރެމެން ވާހުށީ ޞަހާބީންނަށް ފަހުމްވެވަޑައިގެންނެވި ގޮތުގެ މަތީގައެވެ“. متفرقات