ސުންނަތް ނަމާދުގައި އައްތަހިޔާތަށް އިނުން އެންމެ ރަނގަޅީ ކިހިނެތްތޯއެވެ؟

 

ސުވާލު: ސުންނަތް ނަމާދުގައި އައްތަހިޔާތަށް އިނުން އެންމެ ރަނގަޅީ ކިހިނެތްތޯއެވެ.

އައްތަހިޔާތަށް އިށީނުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ފުރަތަމައީ : އެ ނަމާދެއްގައި 2 އައްތަހިޔާތު އޮންނަ ނަމާދުތަކެވެ. މިޘާލަކަށް މެންދުރު ނަމާދު، ޢަޞްރު ނަމާދު، މަޣްރިބް ނަމާދު އަދި އިޝާ ނަމާދު ފަދަ ނަމާދު ތަކެވެ.

މިފަދަ 2 އައްތަހިޔާތަށް އިށީންނަ އެންމެހައި ނަމާދުތަކުގައި، ފުރަތަމަ އައްތަހިޔާތުގައި އިފްތިރާޝަށް (ފޮޓޯއިން ފެންނަ ގޮތަށް) އެވެ.

އަދި ދެވަނަ އައްތަހިޔާތުގައި ތަވައްރުކަށް (ފޮޓޯއިން ފެންނަ ގޮތަށް)ފަހެ، މި ސިފައިގައި 2 އައްތަހިޔާތަށް އިނުން މުސްތަޙައްބުވެގެންވުމެވެ.

މިފަދައިން الشافعيَّةِ، الحنابلةِ ދެކެވަޑައިގަންނަވަ އެވެ. އަދި މިފަދައިން ابنِ القيِّمِ، ابنِ بازٍ އަދި ابنِ عُثَيمين އިޚްތިޔާރު ކުރައްވާފައިވެ އެވެ.

އެބޭކަލުން މި ޤައުލަށް ގިނަ ދަލީލުތަކެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިމާމް البخاري (828) ގައި أبو حُمَيدٍ السَّاعديُّ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. (أنا كنتُ أحفَظَكم لصلاةِ رسولِ اللهِ صلَّى اللهُ عليه وسلَّم، رأيتُه إذا كبَّرَ جعَل يدَيْهِ حِذاءَ مَنْكِبَيْهِ، وإذا ركَع أمكَنَ يديه مِن رُكبتَيْهِ، ثم هصَر ظَهرَه، فإذا رفَع رأسَه استوى، حتَّى يعودَ كلُّ فَقَارٍ مكانَه، فإذا سجَدَ وضَعَ يديه غيرَ مُفتَرَشٍ ولا قابضِهما، واستقبَلَ بأطرافِ أصابعِ رِجْلَيْهِ القِبْلةَ، فإذا جلَس في الرَّكعتينِ جلَس على رِجْلِه اليُسرى، ونصَبَ اليُمنى، وإذا جلَس في الرَّكعةِ الآخِرةِ، قدَّم رِجْلَه اليُسرى، ونصَبَ الأخرى، وقعَدَ على مَقعدتِه)

“ނަބިއްޔާ ގެ ޞަޙާބީންގެ ތެރެއިން ބައެއްޞަޙާބީންނާއިއެކު އިށީނދެވަޑައިގެން އިންނެވިކަމަށް محمد بن عمرو بن عطاء ގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އެހިނދު أبو حميد الساعدي ވިދޅުވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން އެންމެބޮޑަށް ރަސޫލާ صلى الله عليه وسلمގެ ނާމާދު ދަންނަ ފަރާތެއްކަމުގައި ތިމަންނަ ވަމުއެވެ. އެކަލޭގެފާނު ޙަރަމްބަންނަ ތަކްބީރު ކިޔުއްވާއިރު ދެކޮނޑާއި ދާދި އެއްވަރަކަށް އަތްޕުޅު ނަންގަވައެވެ. އަދި ރުކޫޢު ކޮށްފި ނަމަ (ދެއަތްޕުޅު ކަކޫމަތީގައި ބޭއްވުމުގެ ބަދަލުގައި ) ދެއަތްޕުޅު ދެކަކުލުގައި (ބާރަށް) ހިތްޕަވައެވެ. ދެން އެއްވެސް ގުދެއްނެތި ބުރަކަށި ސީދާ ކުރެއްވިއެވެ. ދެން (ރުކޫޢުއިން) އިސްތަށިފުޅު އުފުއްލަވައިފިނަމަ މައިބަދައިގެ ކޮންމެ ބަދައެއް އޭގެ މަޤާމަށް އަނބުރާއައިސް ސީދާ ވެއްޖައުމަށްދާންދެން ( ކޮޅަށް ހުންނެވުމުގައި) ހަށިގަނޑު ސީދާ ކުރައްވައެވެ. އަދި ސަޖިދަ ކުރައްވައިފިނަމަ އަތްދަނޑިއާއިއެކު ބިންމަތީގައި އަތް ފަތުރާލައިފައި ނުބާއްވަވައެވެ. އަދި މުއްކަވާފައި ދެ އަތްތިލައިގެ އިނގިލިތަށް ލައްޕަވާލައިފައިވެސް ނުބާއްވަވައެވެ. ދެ ފައިންޕުޅުގެ އިނގިލިފުޅުތަކުގެ ކޮޅުތައް ޤިބްލަޔަށްކުރިމަތި ލައްވައެވެ. އަދި ފުރަތަމަ ދެ ރަކްޢަތަށްފަހު އިށީނދެވަޑައިގެންފިނަމަ (އެބަހީ: ފުރަތަމަ އައްތަޙިއްޔާތަށް) އިށީނދެ ވަޑައިގެންފިނަމަ އިށީނދެވަޑައިގަންނަވަނީ ވާތު ފައިންޕުޅުގެ މައްޗަށެވެ. އަދި ކަނާތު ފައިންޕުޅު ކޮޅަށްވިއްދަވައެވެ. އަދި ފަހު ރަކުޢަތުގައި (އައްތަޙިއްޔާތަށް ) އިށިންދެ ވަޑައިގެންފިނަމަ ވާތު ފައިންޕުޅު ނެރުއްވައި (އެބަހީ: މާކަޅުވާފުޅާއި ކަށިމަތިފުޅުގެ ދަށަށް ލައްވައިގެންނެވެ.) އަދި ކަނާތު ފައިންޕުޅު ކޮޅަށް ވިއްދަވައެވެ. އަދި ފިނދުކިބަފުޅު ބިންމަތީގައި ޖައްސަވައިގެން އިށީނދެވަޑައިގަންނަވައެވެ.“

ދެވަނައީ : އަދި އެއް އައްތަހިޔާތު ކޮށްފައި ސަލާމްދޭ ނަމާދުތަކުގައި، މިޘާލަކަށް ފަތިސް ނަމާދުފަދަ ނަމާދުތަކުގައި އައްތަހިޔާތަށް އިންނަގޮތެވެ.

މިފަދަ އެންމެހައި ނަމާދު ތަކުގައި އިފްތިރާޝްކޮށް އިނުން ސުންނަތް ވެގެންވެ އެވެ.

މިފަދައިން الحنفيَّةِ، الحنابلةِ އަދި ގިނަ ސަލަފުއް ޞާލިހުންނާއި ފަހުގެ އިމާމުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ابنُ بازٍ އަދި ابنُ عُثَيمين މިފަދައިން ދެކެވަޑައިގަންނަވަ އެވެ.

އެބޭކަލުން މިފަދައިން ބަޔާންކޮށްފައިވަނީ ވާރިދުވެގެންވާ ދަލީލު ތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި އިމާމް مسلم (498) ސަޙީޙުގައި عائشةَ رَضِيَ اللهُ عَنْها ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘް ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. (وكانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَسْتَفْتِحُ الصَّلَاةَ بالتَّكْبِيرِ.

والْقِرَاءَةِ، بـ {الْحَمْدُ لِلَّهِ رَبِّ العَالَمِينَ} ، وكانَ إذَا رَكَعَ لَمْ يُشْخِصْ رَأْسَهُ، ولَمْ يُصَوِّبْهُ ولَكِنْ بيْنَ ذلكَ، وكانَ إذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ، حتَّى يَسْتَوِيَ قَائِمًا، وكانَ إذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ، لَمْ يَسْجُدْ حتَّى يَسْتَوِيَ جَالِسًا، وكانَ يقولُ في كُلِّ رَكْعَتَيْنِ التَّحِيَّةَ، وكانَ يَفْرِشُ رِجْلَهُ اليُسْرَى ويَنْصِبُ رِجْلَهُ اليُمْنَى، وكانَ يَنْهَى عن عُقْبَةِ الشَّيْطَانِ. ويَنْهَى أنْ يَفْتَرِشَ الرَّجُلُ ذِرَاعَيْهِ افْتِرَاشَ السَّبُعِ، وكانَ يَخْتِمُ الصَّلَاةَ بالتَّسْلِيمِ. وفي رِوَايَةِ ابْنِ نُمَيْرٍ، عن أبِي خَالِدٍ، وكانَ يَنْهَى عن عَقِبِ الشَّيْطَانِ)

ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ނަމާދު ހުޅުއްވާލައްވަނީ ތަކްބިރުގެ އިތުރުން ( الحمد لله رب العالمين ) ( މިސޫރަތް ) ކިޔަވައި ވިދާޅުވަމުންނެވެ. އަދި އެކަލޭގެފާނު ރުކޫޢު ކުރައްވާހިނދު، އެކަލޭގެފާނުގެ އިސްތަށިފުޅު ނުއުފުއްލަވައެވެ. އަދި ތިރިނުކުރައްވައެވެ. އެހެނެއްކަމަކު އެދެމެދުގައެވެ. އަދި ރުކޫޢުން ތެދުވެވަޑައިގެންފިނަމަ ކޮޅަށް ހުންނަވުމުގައި ސީދާވެ ވަޑައިގެންފުމަށް ދާންދެން ސަޖިދައެއްނުކުރައްވައެވެ. އަދި ސަޖިދައިން އިސްތަށިފުޅު އުފުއްލަވައިފިނަމަ އިށީނދެވަޑައިގަތުމުގައި ސީދާވެވަޑައިގެންފުމަށް ދާންދެން ސަޖިދައެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނު ކޮންމެ ދެރަކުޢަތުން އައްތަޙިއްޔާތު ވިދާޅުވެއެވެ. އަދި ނަބިއްޔާ ވައަތު ފައިންޕުޅު ފަތުރާލައްވައެވެ. އަދި އެނަބިއްޔާ ކަނާތު ފައިންޕުޅު ކޮޅަށް ވިއްދަވަ އެވެ. އަދި ޝައިޠާނާގެ ޢުޤުބާ ޖައްސައިގެން އިންނަގޮތަށް އިނުމުން އެކަލޭގެފާނު ނަހީ ކުރައްވާކަމުގައިވެއެވެ. އަދި މިނިކާސޫފި (އެއްޗެހީގެ ދެ އުޅަނބޮއްޓާއިއެކު ދެއަތްދަނޑި) ފަތުރައިގެން ތިބޭގޮތަށް މީހާ އޭނާގެ ދެއަތްދަނޑި ފަތުރައިލުމުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. އަދި ސަލާމްދިނުމުން ނަމާދު ނިންމަވައެވެ.”

ވުމުން މައްސަލައިގެ ޚުލާޞާއަކީ، ދެ އައްތަހިޔާތު އޮންނަ ނަމާދެއް ކަމުގައި ވެއްޖެހިނދު، ފުރަތަމަ އައްތަހިޔާތުގައި އިފްތިރާޝަށް އިނުމެވެ.

އަދި ދެވަނަ އައްތަހިޔާތުގައި ތަޥައްރުކަށް އިނުމެވެ.

އަދި އެއް އައްތަހިޔާތުގެ ނަމާދެއް ކަމުގައިވެއްޖެހިނދު އައްތަހިޔާތަށް އިންނާނީ ފުރަތަމަ އައްތަހިޔާތަށް އިންނަ (އިފްތިރާޝަށް އިންނަ) ސިފައިގަ އެވެ.