ފިރިހެނުން ގޭ ތެރޭގައި އުޅޭ އިރު ބޭނުންކުރާ ފޭރާން ތަނބިކަށްޓަށްވުރެ ތިރީގައި ބެހެޓުން ޙަރާމްވެގެން ވޭ ހެއްޔެވެ؟
ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله
އަޚާއެވެ! ޙަރާމް އެއްވެސް ކަމެއް، މަޖަލަށް، ސަމާސައަކަށް، ގޭތެރޭގައި، ބޭރުގައި ކުޅިވަރުގައި މޫދުގައި، އެއްވެސް ތަނެއްގައި ޙުއްދަވާނެ ހެއްޔެވެ؟ ނަފްސާ، މި ސުވާލުކޮށްލުން ހުއްޓެވެ. ހަރާމް ޢަމަލެއް ހުއްދަ ވާނެ ޙާލަތެއް އޮތް ނަމަ އެކަން ވެސް އޮންނާނީ ޝަރީޢަތުގައި ބަޔާން ކުރައްވާފައިއެވެ.
ފިރިހެނުންގެ ފޭރާން ތަނބިކަށްޓަށްވުރެ ތިރީގައި ބެހެއްޓުން ޙަރާމް ވެގެންވާކަމާއި އަދި އެއީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ނުރައްކާތެރިކަން ބޮޑު ޢަމަލެއްކަމުގައި ގިނަ ޙަދީޘްތަކެއްގައި ބަޔާންކުރައްވާފައި ވެއެވެ.
އޭގެ ތެރޭގައި:
1. رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
(ثلاثةٌ لا يُكلِّمُهمْ اللهُ يومَ القِيامةِ، المَنَّانُ الذي لا يُعطِي شيئًا إلا مِنَّةً، والمُنفِقُ سِلْعَتَهُ بِالحَلِفِ الفاجِرِ، والمُسبِلُ إزارَهُ)
“ޤިޔާމަތް ދުވަހުގައި ﷲ ބަސްވަޙީ ނުކުރައްވާނެ ތިން މީހަކު ވެއެވެ. އެއީ އެއްޗެއް ހޭދަކޮށްފިހިނދު މިންތެއްނެތި ނޫނީ ހޭދަ ނުކުރާ ކަލަގޮވާ މީހާއެވެ. ދޮގު ހުވާތަކެއް ކޮށްގެން އޭނާގެ އަތުގައިވާ އެއްޗެއް ވިއްކާލާ މީހާއެވެ. އަދި އޭނާގެ އިޒާރު އިސްބާލު (ތަނބިކަށްޓަށްވުރެ ތިރީގައި) ބަހައްޓާ މީހާއެވެ”.
2. އެހެން ރިވާޔަތެއްގައި ވެއެވެ. (ثلاثةٌ لا يُكلِّمُهمْ اللهُ ولا يَنظُرُ إليهِمْ ولا يُزَكِّيهِمْ ولهمْ عذابٌ ألِيمٌ)
“ޤިޔާމަތް ދުވަހުގައި ﷲ ބަސްވަޙީ ނުކުރައްވާނެ، އެ ބަޔަކަށް ބައްލަވައިވޮޑި ނުގަންނަވާނެ އަދި އެ ބައެއްގެ ފާފަ ނުފުއްސަވާނެ ތިން މީހަކު ވެއެވެ” (صحيح مسلم رقم ، 106).
3. رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (ما أسفلَ من الكعبين من الإزارِ ففي النارِ)
“އޭނާގެ އިޒާރުން ތަނބިކަށްޓަށްވުރެ ތިރީގައިވާ ބައި ވަނީ ނަރަކައިގައެވެ” (صحيح البخاري رقم ،5787).
4. رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (إِزْرَةُ المؤمنِ إلى عضَلَةِ ساقِه، ثم إلى نصفِ ساقِه، ثم إلى كعبِه، وما تحت الكعبَين من الإزارِففى النَّارِ)
“މުއުމިނު އަޅާގެ އިޒާރުހުށީ އޭނާގެ ފައިގެ ކުޑަކަޅުވާ ހަމައަށެވެ. (އެއަށްވުރެ ތިރިއަށް ބަހައްޓާނަމަ) އޭނާގެ ފައިގެ މެދާ ހަމައަށެވެ. (އެއަށްވުރެ ތިރިއަށް ބަހައްޓާނަމަ) އޭނާގެ ތަނބިކަށްޓާ ހަމައަށެވެ. އަދި އޭނާގެ އިޒާރުން ތަނބިކަށްޓަށްވުރެ ތިރީގައިވާބައި ވަނީ ނަރަކައިގައެވެ” (صححه الألباني في صحيح الترغيب رقم ،2029).
5. رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (كلُّ شيءٍ جاوز الكعْبَينِ مِنَ الإزارِ في النارِ) “އިޒާރުން ތަނބިކަށްޓަށްވުރެ ތިރިއަށް ގޮސްފައިވާ ކޮންމެ މިންވަރެއް ވަނީ ނަރަކައިގައެވެ” (صححه الألباني في صحيح الجامع – رقم ، 4532).
6. رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (مَنْ جَرَّ ثَوْبَهُ خُيَلَاءَ، لم ينظُرِ اللهُ إليه يومَ القيامةِ) “ބޮޑާވެރިކަމާ އެކީގައި އޭނާގެ އިޒާރު ތަނބިކަށްޓަށްވުރެ ތިރީގައި ބަހައްޓައިފި މީހާއަށް ﷲ ޤިޔާމަތް ދުވަހުގައި ބައްލަވައިވޮޑި ނުގަންނަވާނެއެވެ” (صحيح البخاري رقم ، 3665).
ގިނަ ޙަދީޘްތަކެއް މި މައުޟޫގައި ވާރިދު ވެގެންވާހިނދު މުސްލިމުންގެ ތެރެއިން ގިނަ ބަޔަކުވަނީ މި އަމުރުގެ މައްޗަށް ފަރުވާކުޑަކޮށް އިހުމާލުވެ އަދި މި ޙަރާމްވެގެންވީ ޢަމަލަށް ބަލާލުމެއް، ޖެހިލުމެއްނެތި އަރައިގެންފައެވެ. އެންމެހައި މުސްލިމުންނަށް ހެޔޮމަގަށް މަގު ދެއްކެވުންއެދި ﷲ އަށް ދަންނަވަމެވެ.
މިތަނުގައިވާ ކޮންމެ ޙަދީޘަކީ ވެސް މިކަމުގެ ނުރައްކަލާއި ފާފައިގެ ބޮޑުކަމަށް ފުދޭ ހަދީޘެކެވެ. މިއަދު މި މައުޟޫގައި ބާޠިލްގެ އަހުލުވެރިން އުފައްދާފައިވާ އޮޅުވާލުންތައް ކަމުގައިވާ “ކިބުރުވެރި ނޫން ވިއްޔާ ރަނގަޅު” “ހިތް ރަނގަޅުވިއްޔާ ރަނގަޅު” މިފަދަ އޮޅުވާލުންތަކަށް ޢިލްމުވެރިން ވަނީ ނުހަނު ފުރިހަމައަށް ޖަވާބު ދެއްވާ އެ ބަސްތަކުގައި އެއްވެސް އޮށްޓަރެއް ނެތްކަން ހާމަކުރައްވާފައިއެވެ. މީގެ ކުރިން ބައެއް އަޚުން ކޮށްފައިވާ ސުވާލުތަކުގެ ޖަވާބުގައި އެކަން އިޝާރަތް ކޮށްފައި ތަފްޞީލު ކޮށްފައި ވާނެއެވެ.