ދޯނި ނުވަތަ ދަތުރު ކުރާ ސަވާރީގައި ނަމާދު ކުރާ އިރު ދޯނި ނުވަތަ ސަވާރީ އެނބުރޭ ވަރަކަށް ޤިބްލައަށް އެނބުރެން ޖެހޭނެ ތޯ؟

ދޯނި ނުވަތަ ދަތުރު ކުރާ ސަވާރީގައި ނަމާދު ކުރާ އިރު ދޯނި ނުވަތަ ސަވާރީ އެނބުރޭ ވަރަކަށް ޤިބްލައަށް އެނބުރެން ޖެހޭނެ ތޯ؟

 

ޖަވާބު ދެއްވީ: أُسْتَاذ أبو أنس محمد حسن حفظه الله

ނަމާދުގައި ޤިބްލައަށް ކުރިމަތި ލުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ. ޔަޢުނީ؛ ޤިބްލައަށް ކުރިމަތި ނުލައި ނަމާދުކޮށްފި މީހާގެ ނަމާދު ބާޠިލް ވާނެއެވެ. ޤުރުއާނުން، ސުންނަތުން އަދި އުއްމަތުގެ އިޖްމާޢުން، މި މައްސަލަ ބަޔާންވެގެންވެއެވެ.

ޤުރުއާނުގެ ދަލީލުތަކުގެ ތެރޭގައި ﷲ ވަޙީ ކުރެއްވިއެވެ. قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ (البقرة: 144) “އުޑާދިމާއަށް މަތި ބައްލަވައިގެން ހުންނަވައި، ނަބިއްޔާގެ މޫނުފުޅު އެ ފުށްމިފުށަށް އަނބުރުއްވާތަން ތިމަން އިލާހު ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، އިބަ ނަބިއްޔާ ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަން އިލާހު އިބަ ނަބިއްޔާގެ މޫނުފުޅު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ނަބިއްޔާގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެ ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!”

ސުންނަތުގައި ނުހަނު ގިނަގުނަ ޙަދީޘްތައް މި މައުޟޫގައިވެއެވެ. އޭގެ ތެރޭގައި ނަމާދު ތަކުރާރުކޮށް (ނުބައިކޮށް ކުރުމުން) އަލުން އިޢާދަ ކުރުމަށް ނަބިއްޔާ ﷺ އިރުޝާދު ދެއްވެވި ޞަޙާބީގެ ޙަދީޘް ހިމެނެއެވެ. މި މަޝްހޫރު ޙަދީޘް صحيح البخاري 757 ގައި އަދި صحيح مسلم 397 ގައި ވެއެވެ.

البخاري ގެ ރިވާޔަތެއްގައިވެއެވެ. أنس بن مالك ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ބައިތުލްމަޤްދިސްއާ ދިމާލަށް ރަސޫލާ صلى الله عليه وسلم ނަމާދު ކުރައްވަނިކޮށް ﷲ ތަޢާލާގެ (މި ވަޙީބަސްފުޅު) ބާވައިލެއެވުނެވެ. ( قد نرى تقلب وجهك في السماء فلنولينك قبلة ترضاها فول وجهك شطر المسجد الحرام )

މާނައީ: އުޑާދިމާއަށް މަތި ބައްލަވައިގެން ހުންނަވައި، ނަބިއްޔާ މޫނުފުޅު އެ ފުށްމިފުށަށް އަނބުރުއްވާތަން ތިމަންއިލާހު ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، އިބަ ނަބިއްޔާ ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަން އިލާހު ނަބިއްޔާ ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ނަބިއްޔާ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! ”

بَنُو سَلمَة ގެ ބޭކަލުން ފަތިސް ނަމާދުގައި އެއް ރަކްޢަތްކޮށް އަވަދިވެފައި ވަނިކޮށް އެ ބޭކަލުން ގާތުން ދިޔަ މީހަކު ގޮވާލައްވާ ދެންނެވިއެވެ. ހަމަކަށަވަރުން ޤިބުލަ ބަދަލުވެއްޖެއެވެ. ދެން ފަހެ އެ ބޭކަލުން ތިބި ގޮތަށް ތިބެފައި ޤިބުލައާ ދިމާއަށް އެނބުރުނެވެ.

އަދިވެސް البخاري 6251 އަދި مسلم 397 ގެ ޙަދީޘްގައިވެއެވެ. ނަބިއްޔާ އެ ޞަޙާބީއަށް ޙަދީޘްފުޅު ކުރެއްވިއެވެ. (…..ثم استقبلِ القِبلةَ فكبَّر…) “އެއަށްފަހު ތިބާ ޤިބްލައަށް ކުރިމަތިލާށެވެ. ދެން ޙަރަމް ބަންނަ ތަކްބީރު ކިޔާށެވެ…”.

ނަމާދަށް ހުންނަހިނދު ޤިބްލައަށް ކުރިމަތިލުން ޝަރުޠު ވެގެންވާކަމުގެ އިޖުމާޢު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ابنُ حزمٍ ، ابنُ عبد البرِّ ، ابنُ رُشدٍ އަދި النوويُّ ހިމެނި ވަޑައިގަންނަވައެވެ.

ފަހެ، އެހެންވުމުން މިކަމުގެ މުހިންމުކަމުގެ އިސްވެ ދެންނެވުނު ދަލީލުތަކުން ބަޔާންވެއްޖެއެވެ. ބިންމަތީގައި، މީސްތަކުން ދިރިއުޅޭ ތަނެއްގައި ޤާއިމްވެ ހުރި، މީހެއްގެ ހައްޤުގައި ޤިބްލަ ހޯދައި އަދި މީސްތަކުންގެ ފަރާތުން އޮޅުން ފިލުވައި، އެމީހަކަށް އެކަމުގައި ކުރެވުނު އެންމެ ފުރިހަމައަށް މަސައްކަތް ކުރުން އެ މީހެއްގެ މައްޗަށް ލާޒިމްވެ ވާޖިބުވެގެންވެއެވެ.

މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عبد المحسن العبَّاد-حفظه الله- ވިދާޅުވެފައިވެއެވެ. “ތަނެއްގައި ޤާއިމްވެ ހުރި މީހާ ނުވަތަ އޭނާއަށް ޤިބްލަ ބަޔާންކޮށްދޭނެ ބައެއް ތިބި ތަނެއްގައިވާ މީހާއަށް ވާޖިބުވެގެން ވަނީ ސުވާލުކޮށް ޤިބްލައަށް ކުރިމަތިލެވޭ ފަރާތް ހޯދުމެވެ. އެފަދަ ތަނެއްގައި އެއްވެސް ޙާލެއްގައި އޭނާ އަމިއްލައަށް އިޖްތިޙާދުކޮށް ޤިބްލައަށް ހުރުމަކީ ހުއްދަ ވެގެންވާނެ ގޮތެއްނޫނެވެ. އޭނާއަށް ޤިބްލަ އޮޅުން ފިލުވައިދޭނެ ބަޔަކު ތިބި ތަނެއްގައި އަމިއްލަ އިޖްތިހާދަށް ޤިބްލަ ހޯދައި ނަމާދުކުރި ފަހުން އެއީ ޤިބްލަ ނޫންކަމުގައި އެނގިއްޖެ ނަމަ، އެ ނަމާދު އަލުން އިޢާދަކުރަން ވާޖިބު ވެގެންވެއެވެ. އެހެނަސް ދަތުރެއްގެމަތީގައިވެ އިޖްތިހާދުކޮށް ނަމާދު ކުރުމަށްފަހުގައި އެއީ ޤިބްލަނޫންކަމުގައި ބަޔާން ވިޔަސް، اللهގެ ވަޙީބަސްފުޅުގައިވާ ފަދައިން އޭނާގެ ނަމާދު ޞައްޙަވާނެއެވެ. {فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ} [التغابن:16] “ފަހެ ތިޔަބައިމިހުންނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ”.

އެއަށްފަހުގައި، ސުވާލުގައި ޛިކުރުކޮށްފައިވާ، ސަވާރީ މަތީގައި ދަތުރު ކުރަމުންދާ މީހާ ނަމާދުގައި ޤިބްލައަށް ކުރިމަތިލުމާއި މެދުގައި ކޮށްފައިވާ ސުވާލަށް ޖަވާބު ދެމެވެ. އަޚާއެވެ! ދަންނާށެވެ. ދަތުރު މަތީގައިވާ މީހާގެ ފަރުޟު ނަމާދާއި ސުންނަތް ނަމާދު، ތަފާތު ކުރުން ހުއްޓެވެ. އެއީ ދަލީލުތަކުގައި ތަފާތު ބަޔާންވެގެން ވުމުންނެވެ.

ފުރަތަމައީ: ދަތުރު ކުރަމުންދާ މީހާގެ ފަރުޟު ނަމާދެވެ. ފަރުޟު ނަމާދު ފެށުމުގައި ޤިބްލަ ހޯދައި ޤިބްލައަށް ކުރިމަތިލާން ޖެހޭނެއެވެ. (ކަނޑުމަތީގައި ދަތުރު ކުރާ މީހުންނަށް އެ ބައިމީހުންގެ ކުޅަދާނަކަމާއެކު އަދި އަތުގައިވާ ސަމުގާފަދަ ޒަމާނީ އާލަތްތަކުން އެއީ މިއަދު ނުހަނު ފަސޭހަ ކަމެއް ކަމުގައިވެއެވެ.)

ފަހެ، ފަރުޟު ނަމާދުގައި ޤިބްލައަށް ހުއްޓާ އެ ބޯޓު ނުވަތަ ދޯނި އެނބުރިއްޖެހިނދު އޭނާއަށް ކުޅަދާނަވީ ވަރަކުން ޤިބްލައަށް އެނބުރުން ހުއްޓެވެ. މިތަނުގައި ‘ކުޅަދާނަ’ ޛިކުރުކޮށްފައި މިވަނީ މިޘާލަކަށް ކަނޑުގަދަވެ، އެކި ފަރާތްފަރާތަށް އުޅަނދު އެނބުރި އެކި ފަރާތްތަކަށް ޖަހަމުންދާހިނދު، އެ މީހަކަށް އެކީ ކުޅަދާނަކަމަށް ނުވާނެއެވެ. ފަހެ، ކުޅަދާނަ ނުވާ ޙާލަތުގައި އެފަދަ މީހާ އެވަނީ ޢުޛުރުވެރި ޙާލަތުގައިވާ ފާރަތެއްގެ ގޮތުގައިއެވެ. މިފަދައިން ފަރުޟު ނަމާދުގައި އެ މީހަކު ޤިބްލައަށް އެބުރެން ޖެހޭނެކަން ބަޔާންވެގެންވަނީ ޙަދީޘްގައެވެ. ޞަޙާބީންގެ ޖަމާޢަތެއް ރިވާކޮށް، ޞަހާބީންގެ ޖަމާޢަތެއްގެ ފަރާތުން ޘާބިތުވެގެންވެއެވެ.

އޭގެތެރޭގައި البخاري (1097) އަދި مسلم (701) عامر بن ربيعة ގެ ފަރާތުން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅު ހިމެނެއެވެ. “رأيت رسول الله صلى الله عليه وسلم وهو على الراحلة يسبّح، يومىء برأسه قبل أي وجه توجه، ولم يكن رسول الله صلى الله عليه وسلم يصنع ذلك في الصلاة المكتوبة” “ރަސޫލާ ﷺ ދަތުރުފުޅުގައި ސަވާރީ މަތީގައި އިންނަވައިގެން ސަވާރީ ދިޔަ ދިމާލަކަށް ހުންނަވައިގެން ސުންނަތް ނަމާދު ކުރައްވާތަން ދެކެމެވެ. ނަބިއްޔާ صلى الله عليه وسلم ގެ އިސްތަށިފުޅުން ސަވާރީ މިސްރާބުޖެހި ކޮންމެ ދިމާލަކަށް ކުރިމަތިލައްވަމުން (ބޮލުގެ) ޙަރަކާތުން ނަމާދު ކުރެއްވިއެވެ. މިއީ ރަސޫލާ ﷺ ދަތުރުމަތީގައި ފަރުޟު ނަމާދުގައި ޢަމަލުކުރައްވާ ގޮތެއްނޫނެވެ.”

ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ އެ ފަދައިން ފަރުޟު ނަމާދު ނުކުރައްވާކަމެވެ. ޔަޢުނީ؛ ފަރުޟު ނަމާދުގައި ސަވާރީ ދާނެ ދިމާލަކަށް ދާހިނދު އެއްގޮތަކަށް ނުއިންނަވާ ކަމެވެ. ސަވާރީ ދާނެ ދިމާލަކަށް ދާހިނދު އެއްވެސް ގޮތަކަށް އެނބުރި ނަހައްދަ ވަނީ ސުންނަތް ނަމާދުގައިއެވެ. މިތަނުގައި ދަންނަން ޖެހޭ ނުކުތާއެއްވެއެވެ.

(މަތީގައި ބަޔާންކުރެވުނު عامر بن ربيعة ގެ ޙަދީޘްގައި ފަށާހިނދު ޤިބްލައަށްހުރެ، އެހެނަސް ސުންނަތް ނަމާދުގައި އެއަށްފަހު ސަވާރީ އެނބުރެމުންދާހިނދު، ޤިބްލައަށް ނަމާދު ކުރާ މީހާ އެނބުރެން ނުޖެހޭކަން، ޚާއްޞަ ކުރެވިގެންވަނީ ސަވާރީއެއްގެ މަތީގައިވެ، ދަތުރު ކުރަމުންދާ މީހާއަށެވެ. އެހެނަސް މީހަކު ސުންނަތް ނަމާދު ތަނެއްގައި ޤާއިމްވެގެން ހުރެ ކުރާހިނދު، ޤިބްލައަށް ކުރިމަތިލުމަކީ އެ މީހާގެ މަތިން ވެއްޓޭނެ ކަމެއް ނޫނެވެ. އަދި އެފަދައިން ޤިބްލައަށް ކުރިމަތި ނުލައި ނަމާދުކޮށްފި ނަމަ، ނަމާދު ބާޠިލްވާނެއެވެ.)

ދެވަނައީ: ދަތުރު މަތީގައި ސުންނަތް ނަމާދު ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތެވެ. (މާނައަކީ، ސަވާރީއެއްގެ މަތީގައި ދަތުރު ކުރަމުންދާހިނދު، ސުންނަތްނަމާދު ކުރުމުގައި އޮތް ޙުކުމެވެ.) ސުންނަތުން ބަޔާން ވަނީ، ނަމާދު ފައްޓަވާ ހިނދު، ޤިބަލައަށް ހުންނަވައި ނަމާދު ކުރެއްވުމެވެ. އެއަށްފަހު ސަވާރީ އެނބުރުނު ކަމުގައިވީނަމަވެސް، ނަމާދުގައި ހުންނަވައި އެއްވެސް ގޮތަކަށް އެނބުރި ވަޑައިނުގަންނަވާކަމެވެ. މަދީނާގެ މިއަދު ތިއްބެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة عَبد المحسن العباد – حفظه الله- ވިދާޅުވެފައިވެއެވެ.

“ދަތުރުވެރިޔާ ސުންނަތް ނަމާދު ސަވާރީ މަތީގައި ކުރާއިރު، އެންމެ ފުރަތަމަ ހަރަންބަންނަ ހިނދުގައި ޤިބްލައަށް ކުރިމަތިލާންޖެހޭނެއެވެ. ދެން ސަވާރީ ދަތުރުކުރާ ދިމާލަކަށް ހުރެ ނަމާދުކުރެވޭނެއެވެ. އެއީ أبي داود (1225) ގައި أنس بن مالك ގެފަރާތުން ރިވާވެގެންވާ ފަދައިންނެވެ. “أن رسول الله صلى الله عليه وسلم كان إذا سافر فأراد أن يتطوع استقبل بناقته القبلة فكبّر ثم صلّى حيث وجهه ركابه” “ހަމަކަށަވަރުން ރަސޫލާ ﷺ ދަތުރުފުޅުމަތީގައި ސުންނަތް ނަމާދުކުރެއްވުމަށް ބޭނުންފުޅުވަޑައިގެންނެވި ހިނދުގައި ހަރަންބަންނަ ތަކުބީރު ވިދާޅުވާހިނދު، ސަވާރީ ޤިބްލައަށް ބަހައްޓަވައެވެ. އޭގެފަހުގައި ސަވާރީ ދަތުރުކުރާ ދިމާލަކަށް ނަމާދުގައި ދެމިހުންނަވައެވެ”.

މިޙަދީޘްފުޅާމެދުގައި الحافظ ابن حجر ބުލޫޣުގައި ވިދާޅުވެފައިވެއެވެ. “މިޙަދީޘްފުޅުގެ އިސްނާދު ޙަސަންއެވެ”. އަދި އަހަރުމެންގެ ޝެއިޚް عبد العزيز بن باز رحمه الله މިފޮތުގެ(1/176) ޙާޝިޔާގައި ވިދާޅުވެފައިވެއެވެ. “ابن حجر ވިދާޅުވެފައިވާ ފަދައިން ޙަދީޘްފުޅުގެ އިސްނާދުގައިވާ ރިޖާލުންނަކީ ޘިޤާއިންނެވެ. އަދި މިޙަދީޘްފުޅު ވެގެން ދަނީ ދަތުރުމަތީގައި ނަމާދުގައި ބޭނުން ދިމާލަކަށް ނަމާދުކުރުމަށް އައިސްފައިވާ އެހެން ރިވާޔަތްތަކަށް ޚާއްޞަ ޙުކުމެއް ބަޔާންކޮށްދޭ ރިވާޔަތެއްގެ ގޮތުގައެވެ”.

އަޚާއެވެ! ފަހުން ބަޔާންވި ޙަދީޘްގައި ވެސް ނަބިއްޔާ ﷺ ސުންނަތް ނަމާދު، ސަވާރީ މަތީގައި، ދަތުރު މަތީގައި ކުރައްވާހިނދުގައި ބަޔާންވަނީ ފައްޓަވާހިނދު، ޤިބްލައަށް ކުރިމަތި ލައްވާކަމެވެ. އެއަށްފަހު ސުންނަތް ނަމާދުގައި ސަވާރީ އެނބުރުނު ކަމުގައިވީނަމަވެސް ޤިލްލައަށް އެނބުރި ވަޑައިނުގަންނަވައެވެ.

ޙަދީޘްގައި “ސުންނަތް ނަމާދު” މިފަދައިން ޤައިދުވެފައިވަނީ ވަރަށް ޞަރީޚަ ކޮށެވެ. ވީމާ އެއީ ފަރުޟު ނަމާދުގައި ޢަމަލުފުޅު ކުރެއްވި ގޮތް ނޫންކަން އޭގެ ކުރިން ބަޔާންވި ޙަދީޘްގައިވާ ފަދައިން ބަޔާންވެއެވެ.

ޚުލާޞާ އަކީ، ފަރުޟު ނަމާދު ކުރާހިނދު، ސަވާރީ، ދޯނިފަދަ އެއްޗެއް އެނބުރިއްޖެނަމަ، އެނބުރުމަށް އެ މީހަކަށް ކުޅަދާނަ ޙާލަތެއްގައިވާނަމަ، ޤިބްލައަށް އެނބުރުމެވެ. އަދި ސުންނަތް ނަމާދުގައި، ސަވާރީގައި އިންނަ މީހާ، ފަށާހިނދު، ޤިބްލައަށް ހުރުމެވެ. އަދި އޭގެފަހުގައި ސަވާރީ އެނބުރުނަސް އެނބުރެން ނުޖެހޭނެ ކަމެވެ.