ނަމާދުގައި “تبّت يدا أبي لهبٍ (ސޫރަތް އަލް-މަސަދް)” ކިޔެވުން އެދެވިގެންނުވާ ކަމަށް ބުނާ ބުނުމުގެ ހަޤީގަތް
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
سبحان الله! މި ބުނުން ބުނާ މީހުންގެ ބަސްތައް ވެސް އަހަރުމެންގެ މުޖްތަމަޢަށް އައީ ހެއްޔެވެ؟
لاحول ولاقوة إلا بالله!
ދަންނާށެވެ! އިސްލާމް ދީނުގެ ތެރެއަށް އެ ބައިމީހުންގެ ރީތި ޞޫރަތަކާއި ރިވެތި އަޚްލާޤު ފާޅުކޮށް ނުކުމެފައިވާ ބައިގަނޑެއް ކަމުގައި “ސޫފީން” މި ބަސްތައް ފާޅުކޮށްފައި ވެއެވެ. އެ މީހުން ބުނެއެވެ. “ރަސޫލާ ﷺ އަށް ހެޔޮކޮށް ހިތުމަށްޓަކައި تبّت يدا أبي لهبٍ (ސޫރަތް އަލް-މަސަދް) ނުކިޔުން ހުއްޓެވެ. أبُولَهب އެއީ ރަސޫލާ ބޮޑުބޭބެ އެކެވެ”.
އެމީހުންގެ ދަޢުވާއަކީ އެ ޞޫރަތުގައި ނަބިއްޔާގެ ބޮޑުބޭބޭ އިން ތެރޭގައި ހިމެނިގެންވާ أبُولَهب އަށް ހަލާކު ހުރުން އަދި ނަރަކައިގެ އަލިފާނުގައި އޭނާ ވާނެ ކަމުގައި ބަޔާންވެގެންވާ ހިނދު، އެ ސޫރަތް ކިޔެވުމަކީ ނަބިއްޔާގެ ޝަފަރުގައި އެދެވޭ ކަމެއް ނޫނެވެ. ފަހެ، އެހެންވުމުން އެ މީހުން އެ ސޫރަތް ޖަހްރިއްޖަ ނަމާދުތަކުގައި ނުކިޔަވައެވެ. ޚަތިމް ކުރާ ޙާލުގައި ފިޔަވައިއެވެ. އަދި އެ މީހުން ތަރުބިއްޔަތު ކުރާ ދަރިންނަށް ވެސް މިފަދައިން ކިޔައި ދެއެވެ. ނަމަވެސް ހިތާމައަކީ، މި ޞޫރަތް ގިނަގިނައިން ކިޔެވުން، އެއީ ނަބިއްޔާގެ ޝަރަފާއި ޤަދަރާއި މަތިވެރި ކުރުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި އެ ބަޔަކަށް ނޭނގިފައިވުމެވެ.
ފަހެ ދަންނާށެވެ! އެ މީހަކު ކާފަރެއްގެ ގޮތުގައި މަރުވުމަށްފަހު، އެ މީހަކަށް އެއްވެސް ގޮތަކަށް، އެއީ ނަބިއްޔާގެ ބޮޑުބޭބެފުޅު ކަމުގައި ވީނަމަވެސް، އެއްވެސް ގޮތަކަށް އެ މީހަކަށް ހަމްދަރުދީވުމަކީ ދީނުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި މިއީ ރަސޫލާ ﷺ ވެސް ކުރައްވާނެ ކަމެއް ނޫނެވެ. ސަބަބަކީ، ނަބިއްޔާ ﷺ އަކީ، ނަބިއްޔާގެ ވެރި ރައްބު ކުރައްވާފައިވާ އެއްވެސް އަމުރުފުޅަކާ ޚިލާފްވެ ވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ.
ހަމަޔަޤީނުން ވެސް ޚިލާފްވަޑައެއް ނުގަންނަވާނެއެވެ. މިކަމަށް ޤުރުއާނުގައި ދަލީލު ބަޔާންވެގެން ވެއެވެ.
ﷲ ވަޙީކުރެއް ވިއެވެ. (مَا كَانَ لِلنَّبِيِّ وَالَّذِينَ آمَنُوا أَن يَسْتَغْفِرُوا لِلْمُشْرِكِينَ وَلَوْ كَانُوا أُولِي قُرْبَىٰ مِن بَعْدِ مَا تَبَيَّنَ لَهُمْ أَنَّهُمْ أَصْحَابُ الْجَحِيمِ) التوبة 113
“ނަބިއްޔާއަކަށް ވެސް އަދި އީމާންވި މީހުންނަކަށް ވެސް މުޝްރިކުންނަށްޓަކައި ފާފަ ފުއްސެވުން އެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެ ބައިމީހުންނަކީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެސްއެވެ. ހަމަކަށަވަރުން، އެ ބައިމީހުންނަކީ ނަރަކައިގެ އަހުލުވެރިންކަން އެ ބައިމީހުންނަށް ފާޅުވެ އެނގުމަށްފަހުއެވެ”.
އަދިވެސް ބުނަމެވެ. އެއްވެސް ޞައްޙަ ރިވާޔަތަކުން މާތް ނަބިއްޔާ އެ ސޫރަތް ވިދާޅުވުމަށް މަނާ ވެގަތްކަން ނުވަތަ ވިދާޅު ނުވާކަން، އެއްކިބާ ވެވަޑައިގެންނެވިކަން ބަޔާން ކުރުމަށް ދެއްކޭނެ އެއްވެސް ޙުއްޖަތެއް ނޯންނާނެއެވެ. ވީމާ، މިއީ އެއްވެސް އަސާސެއް ނެތި، ޙުއްޖަތެއް ނެތި ބުނާ ބަސްތަކެއްް ކަމުގައިމެނުވީ ނުވެއެވެ. މިފަދަ ބަސްތައް ބުނާ މީހުންނާއި، ބަސްތަކުގެ ގިނަކަމާއެވެ!
ފަހެ، އެ މީހުން އެ ބުނާބުނުމުގެ ދަލީލަކީ ކޮބައިހެއްޔެވެ؟ ހުއްޖަތަކީ ކޮބައިހެއްްޔެވެ؟ ނަބިއްޔާ މި ޞޫރަތް ވިދާޅުވުމަށް މަނާވެގަތް ތޯއެވެ. ފަހެ، އެއްވެސް ގޮތަކަށް މި ޞޫރަތް ނުކިޔެވޭނެ ކަމާއި، އެދެވިގެން ނުވާކަމުގައި ބުނާ ބުނުމަކީ އިސްވެ ބަޔާންކުރި “ހެޔޮމަގުން އެއްކިބާ ވެގެންވާ” ޢަޤީދާގެ ބައެއްްގެ ނުވަތަ އެ ވިސްނުމުގައިވާ ފަރާތްތަކުގެ ބަހެކެވެ. އޭގެ ބަދަލުގައި ނަމާދުގައި މި ޞޫރަތް ކިޔެވުން ވެސް އަދި އެހެނިހެން ސޫރަތް ކިޔެވުމުގައި ވެސް އެއްވެސް ނޭދެވޭކަމެއް، އަދި ކިޔެއްތަ! އެފަދަ އެއްވެސް ކަމެއް ނުވެއެވެ. ކިޔެވުމުގައި ކުރިއަށް ދާންވީއެވެ.
ނިންމާލުމުގެ ކުރިން ބުނަމެވެ. ނަބިއްޔާގެ ޙަޔާތްޕުޅުގައި ނަބިއްޔާއަށް ދުއްތުރާ ކުރުމާއި، ގޯނާ ކުރުމާއި އެކިއެކި ފުރައްސާރަ ކުރުމުގައިވި މީހެއްގެ މައްޗަށް މި ޞޫރަތް ބާވައިލައްވައި އޭނާގެ ނިކަމެތި ކަމާއި، އެއްވެސް ކަމަކަުން އޭނާގެ ނަފްސަށް އެއްވެސް ކަމެއް ނުފުއްދޭނެ ކަމާއި، ނަރަކައިގެ ޢުޤޫބާތުން ސަލާމަތް ނުވާނޭކަން ބަޔާންކުރައްވާ، ﷲ އެއިލާހުގެ ނަބިއްޔާގެ ދިފާޢުގައި މި ޞުރަތް ބާވައިލެއްވިއެވެ. ފަހެ، ނަބިއްޔާ ﷺ ގެ ދިފާޢުގައި ޤާއިމްވާ މީހަކު “މި ސޫރަތް ނުކިޔަވާށޭ” ނުވަތަ “ސޫރަތް ކިޔުމަށް އެދެވިގެން ނުވޭ” ބުނާނެ ހެއްްޔެވެ؟ ފަހެ، އެމީހުންގެ ނަޟަރުގައި أبُولَهب އަށް ނަރަކަ ޙައްޤު ނުވަނީ ބާއެވެ! ޢަޖައިބު ޙައިރާން ނުވޭ ހެއްޔެވެ؟ ނަބިއްޔާގެ ދިފާޢުގައި ވުމަށާއި ނަބިއްޔާ ދެކެ ލޯބިވާކަމަށް ދަޢުވާކުރާ ބަޔަކު، އެ މީހުންގެ ޢަމަލުގައި މިފަދައިންވާނެ ހެއްްޔެވެ؟