ފަތިސް ނަމާދަށް ފަހު ނިދުމުން ބިރުވެރި ހުވަފެން ފެންނަނީ ކީއްވެގެންތޯ؟

ފަތިސް ނަމާދަށް ފަހު ނިދުމުން ބިރުވެރި ހުވަފެން ފެންނަނީ ކީއްވެގެންތޯ؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ސުވާލުގައި 2 ބައެއް ބަޔާންވުމުން، އެ ދެ ބަޔަށް ވެސް އަލިއަޅުވާލަމެވެ.

ފުރަތަމައީ: ފަތިސް ނަމާދުކޮށްގެން އޭގެ ފަހުން ނިދުން މަނާ ކުރާނެ ދަލީލެއް ނެތެވެ. އެކަން މަނާކުރާނެ ދަލީލެއް ނުވާ ހިނދު، އެއީ ހުއްދަވެގެންވާ ކަމެވެ. ނަމަވެސް އެނގިގަތުން މޮޅު އިތުރު ވެގެންވާ ނުކުތާތަކެއް ވެއެވެ. އެއީ:

1. ފަތިސް ނަމާދަށް ފަހުގައި މާތް ނަބިއްޔާ ﷺ ގެ ހިދާޔަތަކީ، ފަތިސް ނަމާދު ކުރެއްވުމަށްފަހު، އިރު އެރުމަށް ދާންދެން އެގޮތުގައި ޤާއިމްވެވަޑައިގެން އިންނެވުމެވެ.

2. ނަބިއްޔާ ﷺ ވަނީ މި އުއްމަތަށް، އުއްމަތުގެ ކުރީ ކޮޅުގައި ބަރަކާތް ލެއްވުމަށް އެދި ﷲ އަށް ދުޢާ ދަންނަވާފައެވެ. ފަހެ، އެ ކުރީ ކޮޅުގެ ތެރެއަށް ދުވަހުގެ އެންމެ ފުރަތަމަ ކޮޅު ވަންނާނެއެވެ. ވީމާ، އެއީ ދުވަހުގެ އެންމެ ހެޔޮވެގެންވާ ވަޤުތު ކަމުގައިވެއެވެ.

3. ބައެއް ޞަޙާބީ ބޭކަލުންގެ ރިވާޔަތްތަކުގައި ވާރިދުވެގެންވާ ގޮތުގައި، ހެނދުނުގެ ވަޤުތަކީ ﷲ އެ އިލާހުގެ އަޅުތަކުންގެ އެ ދުވަހުގެ ރިޒްޤް ބައްސަވާ ވަގުތެވެ.

މިފަދަ ސަބަބުތަކަށްޓަކައި، އުއްމަތުގެ ސަލަފުއް ޞާލިޙުން، އެ ވަޤުތުގައި ނިދުމަކީ، ނުވަތަ ނިދާފައި އޮތުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ޚުލާޞާއަކީ، ހެނދުނުގެ މި ހެޔޮ ވަޤުތުގައި، ކޮންމެ މީހަކު ވެސް ދުނިޔެ އަދި އާޚިރަތް ޙާޞިލްވާނެ ކަމެއްގައި މަޝްޣޫލުވުމެވެ. އަދި ހަމައެފަދައިން އޭނާގެ އެ ދުވަހުގެ މަސައްކަތަށް ދިއުމާއި، އެ ދުވަހުގެ ބުރަކަމަށްޓަކައި އެ ވަޤުތުގައި ނިދާލަން ބޭނުންވާ މީހާއަށް އެ ވަޤުތުގައި ނިދުމުގައި މައްސަލައެއް ނެތެވެ.

ދެވަނައީ: ހުވަފެނުގައި ފެންނަ ތަކެއްޗާ މެދުގައި ބުނަމެވެ. ނިދީގައި ބިރުވެރި ތަކެތި ފެނުމާއި އަދި އެކަމަށް ޙާސްވުން އެއީ އެތައް ބަޔަކަށް ދިމާވާ ކަމެކެވެ. ދީނުގައި މާތް ނަބިއްޔާގެ ﷺ އަރިހުން އެކަމުގައި ޢަމަލު ކުރަންވީގޮތް ބަޔާން ވެގެންވެއެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި (جاءَ رجلٌ إلى النبيِّ -صلى الله عليه وسلم- فشكَا إليهِ أهاويلَ يراها في المنامِ فقال إذا أويتَ إلى فراشِكَ فقلْ : أعوذُ بكلماتِ اللَّـهِ التامَّة، من غضبِهِ وعقابِهِ، ومِن شرِّ عبادِهِ، ومن همزاتِ الشياطينِ، وأنْ يحضرونَ) ”النبيِّ صلى الله عليه وسلم އަރިއަހަށް މީހަކު ވަޑައިގަތުމަށްފަހު، އޭނާ ނިދާފައި އޮންނަ ހިނދު، ފެންނަ ނާމާން (ބިރުވެރި، ހާސްކުރުވާ) ތަކެތީގެ ޝަކުވާ އުފުލިއެވެ. ފަހެ، އެހިނދު ޙަދީޘްފުޅު ކުރެއްވިއެވެ. ތިބާ އެދުދާނަށް އަރާހިނދު (މި ޛިކުރު) ކިޔާށެވެ.

“أعوذُ بِكَلِمَاتِ اللَّـهِ التَّامَّة، مِنْ غَضَبِهِ وَعِقَابِهِ، وَمِنْ شَرِّ عِبَادِهِ، وَمِنْ هَمَزَاتِ الشَّيَاطِيْنِ وَأَنْ يَحْضُرونِ” (صحيح الترمذي 3528. السلسلة الصحيحة 264). މިއީ، އެކަމަށް އޮތް ފަރުވާ އެކެވެ. އަދި ހަމަ އެފަދައިން ނިދަން އޮށޯންނަ ހިނދު،

އާޔަތުލް ކުރްސި ކިޔެވުމާއި،

އިޚްލާޞް ފަލަޤި އަދި ނާސީ ސޫރަތް ކިޔެވުން ވެސް ހުއްޓެވެ.

އަދި ޛިކުރު ކުރުމުގެ މަތީގައި އޮވެ ނިދުމަށް ވެސް މުހިންމުކަން ދިނުން ހުއްޓެވެ.

ހަމައެހެންމެ، ވުޟޫ މަތީގައި ހުރެ ނިދުމަށް ވެސް ފަރުވާތެރިކަން ބެހެއްޓުން ހުއްޓެވެ.