ނަމާދަށް ވަކި ޚާއްޞަ ފޭރާމެއް ގޮތުގައި ޖުއްބާ ނުވަތަ އެނޫންވެސް ވަކި ޚާއްޞަ ފޭރާމެއްވޭ ހެއްޔެވެ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
ނަމާދުގެ ފޭރާމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ނަމާދަށް ވަކި ޚާއްޞަ ފޭރާމެއް ގޮތުގައި ޖުއްބާ ނުވަތަ އެނޫންވެސް ފެރާމެއް ގޮތުގައި ޚާއްޞަ ނަން ދެވިފައިވާ ފޭރާމެއް ކަނޑައެޅިފައި ނުވެއެވެ.
އެ ފޭރާމަކީ ފިރިހެނާގެ ޢަޥްރަ އާއި ހަށިގަނޑު ނިވާ ކުރެވޭނެ އަދި ހަށިގަނޑުގެ ޢަޥްރަ ގުނަވަންތަކަށް ބާރު ނޫން ފޭރާމެއްް ގޮތުގައި ނުވެއްޖެހިނދު އެ ކަމުގައި މައްސަލައެއް ނެތެވެ. މިތަނުގައި ނަމާދުގައި ބޭނުންކުރަން އެކަށޭނެ ފޭރާމަކީ ކޮބައިކަން އަޚާއަށް ބަޔާންކޮށްދެމެވެ.
ހަށިގަނޑާށް ބާރު ފޭރާމުގެ ގޮތުގައި ޢިލްމުވެރިން ސިފަކޮށްފައިވާ އެއް ފޭރާމުގެ ގޮތުގައި العلامة الأَلْبَانِي رحمه الله ވިދާޅުވެފައިވެއެވެ. “ފަހެ، ފަޓުލޫނުގައި ދެ މުޞީބާތެއް އެކުލެވިގެން ވެއެވެ.
ފުރަތަމައީ: އެ ފަޓުލޫނު ލުމަކީ ކާފަރުންނާ އެއްގޮތްވެވޭ ކަމެކެވެ. މުސްލިމުން ބޭނުން ކުރަމުން ގެންދިޔަ ފޭރާމަކީ ނުލާހިކު ފުޅާވެގެންވާ ސިރުވާލެވެ. މިއަދާ ޖެހެންދެން ވެސް ސޫރިޔާގައި އަދި ލުބުނާނުގައި ބައެއް މީސްތަކުން ބޭނުން ކުރަމުން ދެއެވެ.
ކާފަރުން މުސްލިމް ދައުލަތްތައް އިސްތިޢުމާރު ކުރުމުގެ ކުރީގައި މުސްލިމުން ފަޓުލޫނެއް ނުދަނެއެވެ. އިސްތިޢުމާރު ކުރި މީހުން އެ ތަންތަނުން ފައިބައިގެން ދިޔައިރު މިފަދަ ހުތުރު ޢާދަތައް މުސްލިމުންގެ ތެރެއަށް އެބައިމީހުން ދޫކޮށްފައި ދިޔުމުން މުސްލިމުން އެ ޢާދަތައް ދިރުވިއެވެ. އެއީ މުސްލިމުންގެ ޖާހިލުކަމުންނާއި އަދި އެބައިމީހުން ސިކުނޑީގެ އުނިކަމުންނެވެ.
ދެވަނަ މުޞީބާތަކީ: ފަހެ، ހަމަކަށަވަރުން ފަޓުލޫނަކީ ޢައުރަ ބައްޓަން ކޮށްދޭ އެއްޗެކެވެ. ފިރިހެނާގެ ޢައުރަ އަކީ އޭނާގެ ކަކުލާއި ފޫޅާއި ދެމެދެވެ. ނަމާދުކުރާ މީހާއަށް ފަރުޟުވެގެންވަނީ އޭނާގެ ނަމާދުގައި އޭނާއަށް ކުޅަދާނަވީ އެންމެހައި ބޮޑަކަށް ﷲ އަށް އުރެދިގަތުމުން އެއްކިބާވެ ހުރުމެވެ. އެއިލާހަށް އޭނާ ސަޖިދަކުރާ ޙާލުގައިއެވެ. ފަޓުލޫނުގައި ހުންނަމީހާގެ ފޫކޮޅު މަސްގަނޑު ސަޖިދައިގައި ރަގަޅަށް ފެންނަން އޮވެއެވެ. އަދި އެއާއެކު، އެ ދެމެދުގައިވާ ގުނަވަން ސިފަވެ ފެންނަން ހުރެއެވެ!
ފަހެ، މިފަދަ އިންސާނާ ނަމާދުކުރަނީ ކިހިނަކުން ތޯއެވެ؟ ޢާލަމްތަކުގެ ވެރިއިލާހުގެ ކުރިފުޅުމަތީގައި ދެމި ހުންނަނީ ކިހިނަކުންތޯއެވެ؟
މިއަށްވުރެ ޢަޖައިބުވާ ކަމަކީ: އަންހެނުން އެބައިމީހުން ހަށިގަނޑަށް ބާރު ހެދުންލުމުން އެކަމަށް ހަމަކަށަވަރުން އެތަކެއް ޒުވާން މުސްލިމުން އިންކާރު ކުރެއެވެ. ސަބަބަކީ، އެ ހެދުންތަކަކީ އެ އަންހެންތަކުންގެ ހަށިގަނޑު ސިފަކުރެވޭ ހެދުންތަކެއްގެ ގޮތުގައި ވުމުންނެވެ. މި ޒުވާނާ ވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލާފައެވެ. އޭނާ އަމިއްލައަށް އިންކާރު ކުރާ ކަމުގެ ތެރެއަށް އޭނާވަނީ ވެއްޓިފަ އެވެ. ހަށިގަނޑަށް ބާރު ހެދުންލައިގެން އޭނާގެ ހަށިގަނޑު ސިފަކުރެވޭ ޙާލުގައި ހުންނަ އަންހެނާއާ ފަޓުލޫނު ލައިގެން އޭނާގެ ފޫކޮޅު މަސްގަނޑު ސިފަކުރެވޭ ގޮތުގައިވާ ފިރިހެނާއާ ދެ މީހުންގެ އެއްވެސް ތަފާތެއް ނެތެވެ. އަންހެނާގެ ފޫކޮޅު މަސްގަނޑާއި ފިރިހެނާގެ ފޫކޮޅު މަސްގަނޑަކީ ޢައުރައެވެ. މި ދެކަމުގެ ވެސް ޙުކުމް އެއްފަދައެވެ. ފަހެ، ޒުވާނުންނާ އެންމެހައި މީސްތަކުންގެ ތެރެއަށް ޢާއްމު ވެފައިވާ މި މުޞީބާތުގެ މަތިން ފަރުވާކުޑަ ނުކުރުން ވާޖިބު ވެގެންވެއެވެ. ފަހެ މިކަން ހަނދުމަކުރަނީ މަދު ބައެކެވެ”.
الإمام ابن بَاز -رحمه الله އާ ސުވާލު ކުރެވުމުން ވިދާޅުވެފައިވެއެވެ. ސުވާލު؛ ފަޓުލޫނު ލައިގެން ނަމާދު ކުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ. ޚާއްޞަކޮށް ފަޓުލޫނު ލައިގެން ނަމާދުކުރާ ބައެއް މީހުންގެ ޢައުރައިން ބައެއް ކަޝްފުވެއެވެ. އެއީ ނަމާދުގައި އޭނާ ރުކޫޢު އަދި ސުޖޫދު ކުރާ ވަޤުތުއެވެ.
ޖަވާބު: “އޭނާ ލައިގެން ހުރި ފަޓުލޫނަކީ ފިރިހެނެއްގެ ފޫޅާއި ކަކުލާ ދެމެދު ނިވާކުރެވޭ އެއްޗެއްގެ ގޮތުގައިވެ އަދި އެ ފަޓުލޫނަކީ އެ އެއްޗެއްގެ ފުޅާކަމުން ހަށިގަނޑަށް ބާރު އެއްޗެއްގެ ގޮތުގައި ނުވާނަމަ، އޭނާގެ ނަމާދު ޞައްޙަ ވާނެއެވެ. އެންމެ ހެޔޮކަންބޮޑީ ގަމީސް ދިގުކޮށް އޭނާގެ ފޫޅާއި ކަކުލާ ދެމެދު ފޮރުވޭ ގޮތުގައި ބެހެއްޓުމެވެ. އަދި އެ ގަމީސް ދިގުކޮށް، ފައިގެ މެދާ ހިސާބަށް ނުވަތަ ތަނބިކައްޓާ ހިސާބުގައި ބެހެއްޓުމެވެ. ސަބަބަކީ އެއީ ނިވާކުރުމުގައި އެންމެ ހެޔޮގޮތް ކަމުގައި ވުމެވެ.”
މި މައްސަލައިގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ-ކޮމެޓީން ދެއްވާފައިވާ ފަތުވާގައި ބަޔާން ކުރައްވާފައިވެއެވެ.
“އެ ފޭރާމެއް އޭގެ ފުޅާކަމާއެކު ހަށިގަނޑުގެ ބައްޓަން (ވަނާތައް) ފާޅުނުވާނަމަ އަދި އެފޭރާމުގެ ބޯކަމާއެކު ހަށިގަނޑުގެ ހަން ނުފެންނަ ނަމަ ނަމާދުކުރުމަށް އެފަދަ ފޭރާމެއް ބޭނުންކުރުން ހުއްދަވާނެއެވެ.
އަދި އެފޭރާމުގެ ތެރެއިން އޭނާގެ ޢައުރަ ފެންނަ ނަމަ، އެފަދަ ފޭރާމެއްގައި ހުރެ ނަމާދުކުރުމުން އޭނާގެ ނަމާދު ބާޠިލްވާނެއެވެ. ލައިގެން ހުރި ފޭރާމަކީ ހަމައެކަނި އޭނާގެ ހަށިގަނޑުގެ ބައްޓަން ފާޅުކޮށްދޭ އެއްޗެއްނަމަ އެފަދަ ފޭރާމެއްގައި ހުރެ ނަމާދުކުރުން މަކްރޫހަ ވާނެއެވެ. އެހެން ފޭރާމެއް ލިބުމުގެ ކުޅަދާނަކަން ނެތް މީހާ ފިޔަވައެވެ”.
މި ފަތުވާތައް ޖަމަޢަކޮށްފައިވާ އެއް ފޮތް ކަމުގައިވާ القول المبين في أخطاء المصلين މި ފޮތުގައި ބަޔާން ކުރައްވާފައިވެއެވެ.
” ހަށިގަނޑަށް ބާރު ފޭރާން ލުމަކީ ޞިއްޙީގޮތުން ގެއްލުންހުރި އަދި ޝަރުޢީ ގޮތުން މަކްރޫހަ ވެގެންވާ ކަމެކެވެ. ބައެއްފަހަރު މިފަދަ ފޭރާމުގައި ހުންނަ މީހާ ސަޖިދަ ޖެހުން ޢުޒުރުވެރިވާ ޙާލަތުގައި ވެއެވެ. ވުމާއެކު އެއީ ނަމާދު ކުރުމަށް އެކަށޭނެ ފޭރާމެއް ކަމުގައި ނުވާހިނދު އެއްވެސް ޝައްކެތްނުވާ ގޮތުގައި އެއީ ޙަރާމްވެގެންވާ ފޭރާމެކެވެ. އަދި ބައެއް ނަމާދު ކަމުގައި ވިޔަސް މެއެވެ.
ތަޖުރިބާގެ އަލީގައި ބުނެވޭނީ، މިފަދަ ފޭރާން ބޭނުންކުރާ ގިނަ މީހުންނަކީ ނަމާދުކުރާ ބައެއް ނޫނެވެ. ނުވަތަ އެއީ މުނާފިޤުން ފަދައިން، މަދުން މެނުވީ ނަމާދެއް ނުކުރާ މީހުންނެވެ.
މިއަދު ނަމާދުކުރާ ގިނަ މީހުންނަކީ އެބައިމީހުންގެ ފޫކޮޅު މަސްގަނޑު ސިފަކުރެވޭ ފަދަ ފޭރާމުގައި ނަމާދުކުރާ މީހުންނެވެ. އެއްފަރާތުގެ މަސްގަޑު ނުވަތަ ދެފަރާތުގެ މަސްގަޑު ސިފަ ކުރެވޭ ގޮތުގައެވެ!
އިމާމް الحَافظ ابن حجر، އަޝްޙަބުގެ ފަރާތްޕުޅުން ގެނެސްފައިވެއެވެ. އޭނާއަށް ކުޅަދާނަކަން ލިބިގެންވާ ޙާލުގައި ސިރުވާލު (ފިރިހެނުން ހަރުވާޅުފަދައިން ތިރިން ލާފައިހުންނަ ހެދުމެއް) ލައިގެން ނަމާދު ކުރާ މީހާ އަށް އޮތީ އެ ނަމާދުގެ ވަޤުތުގައި ނާމާދު އަލުން އިޢާދަ ކުރުމެވެ. އެހެނަސް ސިރުވާލު އެއީ ފުޅާ ސިރުވާލެއް ކަމުގައިވާ ނަމަ މައްސަލައެއް ނެތެވެ. އަދި ޙަނަފީ މަޒްހަބުގެ ބައެއް ޢިލްމުވެރިން މިގޮތުގައި ނަމާދު ކުރުމަކީ މަކްރޫހަ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަ އެވެ.
މިއީ، އެބައިމީހުން ބޭނުން ކުރަމުންދިޔަ، ނުލާހިކު ފުޅާވެގެންވާ ސިރުވާލުގައި ނަމާދު ކުރުމާމެދު ދެކެވަޑައިގެންފައިވާގޮތެވެ. ފަހެ، ތިބާ ހަށިގަނޑަށް ބާރު ފަޓުލޫނުގައި ނަމާދު ކުރާ މީހާއާ މެދުގައި ދެކޭނީ ކިހިނަކުން ހެއްޔެވެ. އެއީ ނުލާހިކު ބާރުކޮށް ހުންނަ އެއްޗެކެވެ”.
އިސްވެ ބަޔާން ކުރެވިފައިވަނީ މި ޒަމާނުގައި އުއްމަތަށް ފާޅުވެފައިވާ އެންމެ ބޮޑެތި ސުންނީ ސަލަފީ އިމާމުންގެ ބަސްފުޅުތަކެވެ. މި ޢިލްމުވެރިންގެ ބަސްފުޅުތައް މިއަދު ވަނީ ކޮންތާކު، ކޮން ގޮތަކަށްކަމާމެދު ވިސްނައި ފިކުރުކޮށްލުން ހުއްޓެވެ. އެ ޢިލްމުވެރިންގެ ޢިލްމާއި، ތަޤްވާވެރިކަމާއި، ވަރަޢުވެރިކަމާއި، ޒުހުދުވެރިކަމާއި، ﷲ އަށް ކުއްތަންވުމާއި، ދީންވެރިކަމުގެ މައްޗަށް ވިދާޅުވެފައިވާ ބަސްފުޅުތަކަކީ މިއީއެވެ. އެހެންވުމުން މި މަންހަޖު އުފުލި “ޝެއިޚުން، ޢިލްމުވެރިން، އުސްތާޛުން” ކޮބައިހެއްޔެވެ؟ މިއީ ކުރާ ދަޢުވާއެއް ނޫނެވެ. މިއީ ތަބަޢަވާންޖެހޭ ތަބަޢަވުމެކެވެ.
އިތުރަށް ބުނަމެވެ. -الامام الالباني ވިދާޅުވެފައިވާ ފަދައިން، އަންހެނުން ހަށިގަނޑަށް ބާރު އެއްޗެއްހި ލައިގެން ހުރުމުން އިންކާރުކޮށް، އެއީ ބަރަހަނާވެފައިވާ ކަމުގައި އިންކާރު ކުރުމުގެ އެތައް ބަސްތަކެއްބުނެހަދާ ޒުވާނުން އެކަން އިންކާރު ކުރަނީ، ހަށިގަނޑުގެ ޢަވްރަ ގުނަވަނެއްގައި ބާރު ހެދުން ލައިފައި ވަނާތަކާއި، ބައްޓަން ކުރެވިފައި ވުމުންނެވެ. އެހިނދު މި ޒުވާނާގެ ވެސް ޢަޥްރަ ކަމުގައިވާ ފޫޅާއި ކަކުލާ ދެމެދުގައި އެ ޙުކުމް ނޯވޭ ހެއްޔެވެ؟ އެ ޙުކުމް ކޮބައިތޯ އެވެ؟ އެ އިންކާރު ކުރަންޖެހޭ ބަސްތައް ކޮބައި ހެއްޔެވެ؟ އަޚާއެވެ! މިއަދު މި ބަސްތައް މިފަދައިން އެބައިމީހުންނަށް ނުބުނެވޭ ސަބަބަކީ ކީއްވެ ތޯއެވެ؟ އެމީހުން ތިބީ މި ބާރު ފަޓްލޫނާއި، ހަށިގަނޑުގެ ވަނާތައް ފާޅުކުރެވޭ ވަރުގެ ހެދުމުގެ ތެރޭގައިއެވެ. و الله المستعان
އަދިވެސް ބުނަމެވެ. ފިރިހެނުން ލާފައިހުންނަ ފަޓްލޫނު އޭގެ ބާރުކަމާއި، ހަށިގަނޑުގެ ގުނަވަން ސިފަވެފައި ވުމާއި މެދު އެކަމުގެ ޝައްކެއް ނެތެވެ.
ހަށިގަނޑަށް ދޫވެގެންވާ އަދި ބައްޓަންފާޅުނުވާނެ ފަދަ ފަޓްލޫނު ލަނީ ނުހަނު މަދު ބައެކެވެ. ނުވަތަ އެ ފަޓްލޫނުގެ ބާރުކަން ނިވާކުރެވޭ ގޮތަށް ދިގު ޤަމީސް ލަނީ ނުހަނު މަދު ބައެކެވެ. ތިމާގެ އަންހެނުން ނުހަނު ފުޅާ ކަޅުހެދުން ލައްވާފައި، އެންމެހައި ޒީނަތެއް ފޮރުވާފައި، އެއްވެސް ގުނަވަނެއް ބައްޓަން ފާޅުނުވާނެ ގޮތަށް ބަހައްޓައި އެކަމަށް އަމުރު ކުރާހިނދު ދަންނައެވެ.
ތިބާގެ ނަފްސަށް އެއީ ދީނީ ޙުކުމް ކަމުގައި ޤަބޫލު ކުރެވިފައިވާ ކަމުގެ މައްޗަށް ﷲ އަށް ޙަމްދު ކުރަމެވެ. އެ އަންހެނާގެ ފޫޅާއި ކަކުލާ ދެމެދު ނިވާ ކުރުމަށް ތިބާ ލައިގެން ހުންނަ ފަޓްލޫނު ދީފިހިނދު ބުނާނީ ކީކޭ ހެއްޔެވެ؟
ޖަވާބަކީ: ބުނާނީ އެއަންހެނާ އެހުރީ އޮރިޔާން ހާލުގައިއެވެ. ހެދުން ލައިގެން އޮރިޔާން ޙާލުގައިވާ އަންހެނެކެވެ. ޙަދީޘްގައިވާ ނަރަކައިގެ އަންހެނުންގެ ފޭރާމަކީ އެއީ އެވެ. އެހެންވުމުން ދެންއޮތް ސުވާލަކީ އަންހެނުންނަށް އެފޭރާން ޢައުރަ ނިވާވުމަށް ހުއްދަ ނުވެއްޖެހިނދު، ތިބާގެ ޢަވްރަ ނިވާކުރަން އެފޭރާން ހުއްދަވީ ކިހިނަކުން ހެއްޔެވެ؟ ޢާލަމްތަކުގެ ވެރި އިލާހުގެ ކުރިފުޅުމަތީގައި އެންމެ ލަދުވެތި ގުނަވަނު ބައްޓަން ފާޅުކޮށް އެފަދައިން އޮތުން ހުއްދާވާނެ ހެއްޔެވެ؟
މިކަމާ ވިސްނާލަން ޖެހެއެވެ! ދީންވެރިކަމަކީ ބުނާ ބަހެއް ކުރާ ދަޢުވާއެއް ނޫނެވެ. އެއީ ޢަމަލީ ގޮތުން ނެރެން ޖެހޭ ޢަމަލުތަކެވެ. ޢިލްމުވެރިންނަށް މިކަމުގައިވެސް ރުޖޫޢަވުން ހުއްޓެވެ.
މިއީވެސް އުއްމަތުގެ ތެރެއަށް ޢިލްމުވެރިންގެ ބަސްފުޅުތަައް ފާޅުނުކޮށް، ނުވަތަ ބަޔަކު ފޮރުވައިފައި ނުވަތަ ޢިލްމުވެރިންގެ ބަސްފުޅުތައް ވަންހަނާ ކުރުމުގައިވާ ކޮންފަދަ މައްސަލައެއް ހެއްޔެވެ؟
މި މަދީނާގެ މަސްޖިދުއް ނަބަވީގައި ކިޔަވާ ދެއްވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ سُلَيمان الرحيلي حفظه الله ވިދާޅުވެފައިވެއެވެ. “މީހަކު ފަހަރެއްގައި ފަޓުލޫނު ލައިގެން ނަމާދު ކޮށްފާނެ އެވެ. (ފަޓްލޫނާއިމެދު) އަހަރެން ދެކެނީ، އެ ފަޓްލޫނަކީ ހަށިގަނޑަށް ފުޅާ، ދޫ ފަޓްލޫނެއް ކަމުގައިވެ އަދި ކާފަރުންނަށް ޚާއްޞަވެގެންވާ ސިފައިގައި ނޫން ގޮތުގައި ވެއްޖެހިނދު ފިރިހެނުންނަށް އެފަޓުލޫނު ލުން ހުއްދަ ވެގެންވެއެވެ. و لله الحمد މީހަކު ބުނެފާނެއެވެ. އަހަރެން ނަމާދު ކުރަނީ ފަޓުލޫނުގައިއެވެ. އެ ފަޓްލޫނަކީ ހަށިގަނޑަށް ބާރު ފަޓްލޫނެއް ނޫނެވެ. ފަހެ، ބައެއް މީހުން ލައިގެން ތިބޭ ފަޓްލޫން ހަށިގަނޑަށް ބާރުކަމުން އޭނާގެ ހަށިގަނޑު ފަޅައިގެން ނުކުމެދާނެފަދައެވެ. އެހެނަސް އޭނާ ބުނެއެވެ. އަހަރެންގެ ފަޓުލޫނަކީ ފުޅާވެގެންވާ ފަޓުލޫނެކެވެ. އެހެނަސް ރުކޫޢަށް ގޮސްފިހިނދު ބާރުކަމުން އުނދަގޫވެއެވެ. އަދި ސަޖިދައަށް ގޮސްފިހިނދު އުނދަގޫވެއެވެ. ފަހެ، އަހަރެން ބުނަމެވެ. މިކަމުގައި ޢިލްމުވެރިން ކަނޑައަޅާފައިވާ ޝަރުޠަކީ، ޢާންމުކޮށް ސިފަވާ މިންވަރަށްވުރެ ބޮޑަށް ސިފަވެގެން ނުވުމެވެ. މީގެ މާނައަކީ: ތިބާކޮޅަށް ހުންނަހިނދު ތިބާ ލައިގެން ހުރި ފަޓުލޫނަކީ އެފޭރާން ނިވާކުރަން ބޭނުންކޮށްފައިވާ ގުނަވަންތައް ސިފަ ނުކުރާ ކަމުގައިވާނަމަ އެ ޝަރުޠައް އެހިނދު އެވަނީ ޤާއިމްވެފަ އެވެ. އެހެނަސް ތިބާ ސަޖިދައަށް، ރުކޫޢަށް ދިއުމުން އުނދަގޫވަނީއެވެ. ފަހެ، މިޙާލަތުގައި އެ ޝަރުޠާއި ޚިލާފްވެ ނުދެއެވެ. لله الحمد و المنة ، ފަހެ، އެހެންވުމުން ތިބާއަށް (ލާޒިމްވެގެންވަނީ) ނަމާދުގައި ތިބާގެ ހަށިގަނޑު ހުއްދަވެގެންވާ ފޭރާމަކުން ނިވާކުރުމެވެ. އެ ފެރާމަކީ ގުނަވަންތައް ސިފަނުކުރާނެ އަދި (ފޭރާމުގެ ތުނިކަމުން) އެތެރެ ނުފެންނަ ފޭރާމެއް ކަމުގައިވުމެވެ. އެހެނަސް ފަޓުލޫނު ލުމުގެ ޙުކުމާ މެދުވަނީ އިސްވެ ތަފްޞީލު ކުރެވުނު ފަދައިންނެވެ.