ސުންނަތް ރޯދަ ހިފުމުގައި ދެމިހުންނަން ބޭނުންވާ މީހާ ރޯދައަށް ހުންނާނީ ކޮން ދުވަސްތަކެއްގައި ހެއްޔެވެ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
އަޚާއެވެ! ކައިވެންޏެއް ކޮށްގެން އަދި ކައިވެންޏެއް ނުކޮށް ކަމުގައި ވީނަމަވެސް ރޯދަ ހިފުން ސުންނަތް ވެގެންވާ ދުވަސްތައް އެނގިގަތުން ހުއްޓެވެ. ވީމާ، ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އެންމެ ފުރަތަމަ އެފަދަ ދުވަސްތައް ބަޔާން ކުރަމެވެ.
މުޙައްރަމް މައްސަރުގައި ރޯދަ ހިފުން އަދި އެ މައްސަރުގެ 10 ވަނަ ދުވަސް ޚާއްޞަވެގެންވެ އެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ. (أفضل الصيام بعد رمضان شهر الله المحرم) ”ރަމަޟާން މައްސަރަށް ފަހު ރޯދަ ހިފުން އެންމެ ހެޔޮވެގެންވާ މައްސަރަކީ ﷲ ގެ މައްސަރު ކަމުގައިވާ المحرَّم މައްސަރެވެ“ (صحيح مسلم 1163). الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެއެވެ. ”ﷲ ގެ މުޙައްރަމް މައްސަރަކީ، ރަމަޟާން މައްސަރަށް ފަހު އެންމެ ހެޔޮވެގެންވާ މައްސަރެވެ. ފަހެ، މުޅި މި މައްސަރު އެކުގައި ނުވަތަ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފުން ހުއްޓެވެ. އެހެނަސް މައްސަރުގެ ހުރިހައި ދުވަހަކު ރޯދަ ހިފައި ހަމަނުކުރެވޭ ގޮތަށް ގިނަ ދުވަސްތަކުގައި ރޯދަ ހިފާ ގޮތަށެވެ. މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. (މިފަދައިން ކުޅަދާނަ ނުވާ މީހާ) އެންމެ މަދު މިނުން މި މައްސަރުގެ 10 ވަނަ ދުވަހު ރޯދައަށް ހުރުން ހުއްޓެވެ. އަދި އޭގެ ކުރިއަށް 1 ދުވަސް (މި މައްސަރުގެ 9 ވަނަ ދުވަސް) ނުވަތަ އޭގެ ފަހުން 1 ދުވަސް (މި މަހުގެ 11 ވަނަ ދުވަސް) ރޯދައަށް ހުރުން ހުއްޓެވެ“.
ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިފުން އަދި ޚާއްޞަކޮށް 9ވަނަ ދުވަހު ރޯދަ ހިފުމެވެ. އެއީ ޢަރަފާތް ދުވަހެވެ. ނަބިއްޔާ ﷺ ގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ރިވާވެގެންވެއެވެ. (كان رسول الله صلى الله عليه وسلم يصوم تسع ذي الحجة، ويوم عاشوراء، وثلاثة أيام من كل شهر) (صحيح أبي داود 2437) “ރަސޫލާ ﷺ ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދައަށް ހުންނަވައެވެ. އަދި ޢާޝޫރާ ދުވަހު ރޯދައަށް ހުންނަވައެވެ. އަދި ކޮންމެ މަހެއްގެ ތިން ދުވަހު ރޯދައަށް ހުންނަވައެވެ”. الإمام النووي رحمه الله ، މިދުވަސްތަކުގައި ރޯދަ ހިފުން ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން މި ދުވަސްތަކުގައި ރޯދައަށް ހުރުން ނުހަނު ގަދައަށް މުސްތަޙައްބު ވެގެންވެއެވެ”.
ޝަޢުބާން މަހުގެ ދުވަސްތަކުގައި ރޯދައަށް ހުރުން. عائشة رضي الله عنها ވިދާޅުވެފައިވެއެވެ. (ما رأيتُ النَّبيَّ في شهرٍ أكثرَ صيامًا منه في شعبانَ، كان يصومُه إلا قليلًا) صحيح الترغيب 1024 ”ޝަޢުބާން މައްސަރަށްވުރެ ގިނައިން އެ މައްސަރެއްގައި ނަބިއްޔާ ﷺ ރޯދައަށް ހުންނަވާ މައްސަރެއް ނުދެކެމެވެ. އެ މައްސަރުގެ މަދު ދުވަސްތަކެއް މެނުވީ ހުރިހައި ދުވަހެއްގައި ރޯދައަށް ހުންނަވައެވެ“. الإِمَام العلامة العثيمين ވިދާޅުވެފައިވެއެވެ. ”شَعْبَان މަހުގައި ރޯދަ ހިފުމާއި އަދި ރޯދަ ހިފުން ގިނަ ކުރުމަކީ ސުންނަތެކެވެ. އެއީ عائشة رضي الله عنها ވިދާޅުވެފައިވާ ބަސްފުޅުގެ މައްޗަށް ބިނާކޮށެވެ. ”شَعْبَان މައްސަރަށްވުރެ ގިނައިން ނަބިއްޔާ ﷺ ރޯދަ ހިއްޕަވާ މަައްސަރެއް ދެނެވަޑައި ނުގަންނަވަމެވެ“ )الفتاوى 20-22(.
ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުން: ޞައްޙަ ޙަދީޘްގައިވެއެވެ. (إنَّ الأعمالَ تُرفَعُ يومَ الاثنيْنِ و الخميسِ ، فأُحِبُّ أنْ يُرفَعَ عمَلِي و أنا صائِمٌ) “ހަމަކަށަވަރުން އަޅުތަކުންގެ ޢަމަލުތައް ހޯމަ އަދި ބުރާސްފަތި ދުވަހުގައި ﷲ ގެ ހަޟުރަތަށް އުފުލެއްވެއެވެ. ފަހެ، ތިމަން ނަބިއްޔާ ގެ ޢަމަލުތައް އުފުއްލެއްވޭހިނދު ރޯދައަށް ހުރުމަށް ލޯބި ކުރަމެވެ”.
ކޮންމެ (ހިޖުރީ) މައްސަރެއްގެ 13، 14 އަދި 15 ގައި ރޯދަ ހިފުމެވެ. ހަނދުމަހުގެ 13،14އަދި 15 ގައި ރޯދައަށް ހުރުމެވެ. ގިނަ ޙަދީޘްތަކެއް މި މައުޟޫގައިވެސް ވާރިދުވެފައިވެއެވެ. އެގޮތުން صحيح الترغب،ބަޔާންވެގެންވާ ރިވާޔަތެއްގައިވެ އެވެ. (كان رسولُ اللهِ صلَّى اللهُ عليهِ وسلَّم يأمُرنا بصيامِ أيامِ البِيضِ ثلاثَ عشرَ وأربعَ عشرَ وخمسَ عشرَ قال وقال : هو كهيئةِ الدهرِ) “އައްޔާމުލް ބީޟް (ހަނދުމަހުގެ 13، 14، އަދި 15) މި ތިން ދުވަހު ރޯދައަށް ތިބުމަށް ނަބިއްޔާ ތިމަން ޞަޙާބީންނަށް އަމުރުފުޅު ކުރައްވައެވެ. އަދި ޙަދީޘް ކުރެއްވިއެވެ. އެއީ، މުޅި އަހަރުގައި ރޯދަ ހިފުމާ އެއްފަދައެވެ”.
ދެ ދުވަހުން އެއްދުވަހު ރޯދައަށް ހުރުން: ދެ ދުވަހުން އެއްދުވަހު ރޯދައަށް ހުރުންވެސް ހިމެނެވެ. ޙަދީޘްގައިވެއެވެ. أحبُّ الصيامِ إلى اللهِ صيامُ داودَ، و كانَ يصومُ يومًا، و يفطرُ يومًا، “ﷲ ގެ ޙަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގންވާ ރޯދަ ހިފުމަކީ، داودَ عليه السلام ރޯދަހިއްޕެވި ގޮތެވެ. އެއް ދުވަހު ރޯދައަށް ހުންނަވައި ޖެހިގެން އަންނަ ދުވަހު ރޯދަ ދޫކުރައްވައެވެ. (އެބަހީ: ދެ ދުވަހުން އެއްް ދުވަހު ރޯދައަށް ހުންނަވައެވެ.) ބުނަމެވެ! ނަފަސުގައި ހީވާގިކަމާއި، ހިތްވަރު ހުރެ، މިފަދައިން ރޯދަ ހިފޭނަމަ، އެމީހެއްގެ ޙައްޤުގައި މިފަދައިން ރޯދައަށް ހުރުން އެންމެ އެދެވިގެންވެއެވެ.
ސުންނަތް ރޯދަ ހިފުމުގައި ދެމި ހުންނަ މީހާއަށް ހާޞިލް ކުރެވިގެންދާ މާތްކަމާއި މަތިވެރިކަމާއި، އަދި އެކަމުގެ އަޖުރުގެ މައްޗަށް އިތުރު ނުކުތާތަކެއް ފާހަގަކޮށްލާނަމެވެ.
ފުރަތަމައީ: ލޯބިވާ އަޚާއެވެ! ރޯދައިގެ މާތްކަމާއި މަތިވެރިކަމާއި، އެކަމުގެ އަޖުރު ބަޔާންވެގެންވާ މީހާ މި ހެޔޮ ޢަމަލުގެ މައްޗަށް ނުހަނު ދަހިވެތި ފަރާތެއްގެ ގޮތުގައިވާނެކަން ކަށަވަރެވެ. އެކަމުގައި ވާރިދުވެގެންވާ ޙަދީޘްތައް އަޚާއަށް އޮޅުން ފިލަފައިވާނެކަމަށް ދެކެމެވެ. އަޚާއެވެ! ދުނިޔޭގައި އެހިނދު އޭނާއަށް ހާޞީލްވަނީ ކޮންފަދަ އަޖުރެއް ތޯއެވެ. މި ބަސްފުޅަށް ނަޟަރު ހިންގާލުން ހުއްޓެވެ. الإمام سُفيَان الثَّوْرِي އެބޭފުޅާގެ ޞާޙިބަކަށް ވިދާޅުވެފައިވެއެވެ. ”ރޯދަހިފުން (ސުންނަތް ރޯދަހިފުން) ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެއީ ފާޖިރު ދޮރުތައް ތިބާގެ މައްޗަށް ބަންދު ކުރާނެ ކަމެކެވެ. އަދި އެއީ އަޅުކަމުގެ ދޮރުތައް ތިބާއަށް ހުޅުވިގެންދާނެ ކަމެކެވެ“. މި ހެޔޮ ޢަމަލަށް ވާޞިލް ވުމަށްޓަކައި ރޯދަ ހިފުން ހުއްޓެވެ. ކުޅަދާނަވީ މިންވަރަކަށެވެ.
ދެވަނައީ: ސުންނަތް ރޯދަ ހިފުމުގައި އަބަދުވެސް ވަކި މިންވަރެއްގައި ދެމިހުރެވޭތޯ ބަލާށެވެ. މިޘާލަކަށް އަބަދުވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ރޯދާ ހިފާ މީހާ އެ ގޮތުގައި ދެމިހުރުމެވެ. އެހެނަސް އެއް ހަފްތާ ހޯމަ ދުވަހު ރޯދަ ހިފާފައި ބުރާސްފަތި ދުވަހު ރޯދަ ދޫކޮށްލާފައި، އަނެއް ހަފްތާގެ ބުރާސްފަތި ދުވަހު ރޯދަ ހިފާފައި ހޯމަ ދުވަހު ރޯދަ ދޫކޮށް، މި ގޮތަށް ވަކި ނިޒާމެއެް ނޯންނަގޮތަށް ވުރެ އަބަދުވެސް ވަކި މިންގަނޑެއްގައި ހިފޭތޯ ބަލާށެވެ. ސަބަބަކީ އެފަދައިން ޢަމަލު ކުރުމަކީ، ސުންނަތް ޢަމަލުތަކުގެ ތެރޭގައިވާ އެންމެ ހެޔޮވެގެންވާ ސިފައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (وإنَّ أحبَّ الأعمالِ إلى اللهِ ما دُووِمَ عليه وإن قَلَّ ) “ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވާ ޢަމަލަކީ، އެ ޢަމަލެއް މަދުން ކުރެވުނު ކަމުގައި ވީނަމަވެސް މެދުކެނޑުމެއް ނުވާގޮތުގައި ކުރެވޭ ޢަމަލެވެ”. الحَافِظ النووي ވިދާޅުވެފައިވެއެވެ. “މެދުނުކެނޑި ޢަމަލުތައް ކުރުމަށް ހަދީޘްގައި ބާރު އަޅުއްވާފައިވެއެވެ. އަދި ހަމަކަށަވަރުން މެދުކެނޑިގެންދާ ގޮތުގައި ކުރާ ގިނަ ޢަމަލުތަކަށްވުރެ، މެދުނުކެނޑި ކުރާ މަދު ޢަމަލުތައް ހެޔޮކަން ބޮޑު ވެގެންވެއެވެ. ސަބަބަކީ، މެދުނުކެނޑި ކުރެވޭ ޢަމަލުގައި ޛިކުރު ކުރުމާއި ކިޔަމަންގަތުމުގައި އަބަދު ދެމިހުރެވެއެވެ. އަދި ޚާލިޤްވަންތަ ﷲ އަށް ކުއްތަން ވުމުގައިވެއެވެ”.
ތިންވަނައީ: މި ދުވަސްތަކުގެ ތެރެއިން އަހަރެމެންނާ އެންމެ ގިނައިން ބައްދަލުވާނެ ދުވަސްތަކަކީ ހޯމަ އަދި ބުރާސްފަތި ދުވަސް ކަމަށް ވުމުން އެ ދުވަސްތަކާމެދު ބަސްތަކެއް ބަޔާން ކުރަމެވެ. الإِمَام العلامة الشيخ العثيمين ވިދާޅުވެފައިވެއެވެ. ”ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދައަށް ހުރުން ސުންނަތް ވެގެންވެއެވެ. ސަބަބަކީ އެ ދެ ދުވަހަކީ ﷲ عزوجل ގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ ދެ ދުވަސްކަމުގައި ވުމެވެ. އަދި ބުރާސްފަތި ދުވަހަށްވުރެ ހޯމަ ދުވަހު ރޯދައަށް ހުރުން އިތުރުކަން (ގަދަކަން) ބޮޑެވެ“. الإِمَام العَلاَّمَة ابن بَاز ވިދާޅުވެފައިވެއެވެ. ”ބުރާސްފަތި ދުވަހު ރޯދައަށް ނުހުރެ ހޯމަ ދުވަހުގައި ރޯދައަށް ހުރުން މައްސަލައެއް ނޫނެވެ. އަދި ހޯމަ ދުވަހު ރޯދައަށް ނުހުރެ ބުރާސްފަތި ދުވަހު ރޯދައަށް ހުރުންވެސް މައްސަލައެއް ނޫނެވެ. މި ދެ ދުވަހުގައި ރޯދަ ހިފުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. މި ދެދުވަހުގައި ރޯދައަށް ހުރުން ނުވަތަ އެއްދުވަހުގައި ރޯދައަށް ހުންނަ މީހާ ވަނީ ބޮޑުވެގެންވާ ހެޔޮކަމެއްގައެވެ. މި ދެދުވަސް އެކުގައި ރޯދައަށް ހުރުމަކީ ވާޖިބު ވެގެންވާ ޢަމަލެއް ނޫނެވެ. އެހެނަސް މުޞްތަޙައްބު ވެގެންވެއެވެ“.