ނަމާދުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކުގެ ތެރެއިން އެކި ނަމާދުގައި ކިޔާނީ އެކި ޛިކުރު ތޯއެވެ؟

D:\SALAFI\wesite\POST\pics\Articlal pix\ARTCL74.png

ނަމާދުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކުގެ ތެރެއިން އެކި ނަމާދުގައި ކިޔާނީ އެކި ޛިކުރު ތޯއެވެ؟

 

ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)

ނަމާދުގައި ކިޔުމަށް ވާރިދު ވެފައިވާ އެކި ޛިކުރުތަކުގެ ތެރެއިން އެކި ނަމާދުގައި އެކި ޛިކުރު ކިޔުމާމެދު އޮތް ތަފްޞީލަކީ ކޮބައިކަން އޮޅުން ފިލުވުމަށްޓަކައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ނަމާދުގެ އެކި ޙަރަކާތްތަކުގެ މައްޗަށް ވަކިވަކި ތަފްޞީލުތަކެއްވެއެވެ. ސުވާލުގެ ޖަވާބު ރަނގަޅަށް ފަހުމްވެ ދިއުމަށްޓަކައި، ޖަވާބު ވަކިވަކި ނުކުތާތަކެއްގެ މައްޗަށް ބަޔާން ކުރަމެވެ.

ފުރަތަމައީ: ޙަރަމް ބަނުމަށް ފަހުގައި ކިޔާ ދުޢާއުލް-އިސްތިފްތާޙް ކިޔާ ދަނޑިވަޅެވެ. ފަހެ، މި މަޙައްލުގައި ސުންނަތް ވެގެންވަނީ އެކި ފަހަރު އެކި ދުޢާތައް ކިޔުމުގައި، ތަފާތު ކުރުމެވެ. ބައެއްފަހަރު، سبحانَكَ اللهمَّ وبحمدِكَ ، وتبارَكَ اسمُكَ ، وتعالَى جَدُّكَ ، ولا إلهَ غيرُكَ މި އިސްތިފްތާޙް ކިޔުމެވެ.

އަދި އެހެން ފަހަރުތަކުގައި اللَّهُمَّ بَاعِدْ بَيْنِي وبيْنَ خَطَايَايَ، كما بَاعَدْتَ بيْنَ المَشْرِقِ والمَغْرِبِ، اللَّهُمَّ نَقِّنِي مِنَ الخَطَايَا كما يُنَقَّى الثَّوْبُ الأبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْ خَطَايَايَ بالمَاءِ والثَّلْجِ والبَرَدِ މި އިސްތިފްތާޙް ކިޔުމެވެ.

ނުވަތަ اللَّهمَّ ربَّ جبريلَ وميكائيلَ وإسرافيلَ فاطرَ السَّمواتِ والأرضِ عالمَ الغيبِ والشَّهادةِ أنتَ تحكُمُ بينَ عبادِكَ فيما كانوا فيهِ يختلِفونَ ، اهدني لما اختُلِفَ فيهِ منَ الحقِّ بإذنِكَ إنَّكَ أنتَ تَهْدي مَن تشاءُ إلى صِراطٍ مُستَقيمٍ މި އިސްތިފްތާޙް ކިޔުމެވެ.

އަދި އެހެން ފަހަރުތަކުގައި وَجَّهتُ وَجهي للذي فطَرَ السَّمَواتِ والأرضَ حَنيفًا، وما أنا منَ المُشركينَ، {إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لَا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ{ކިޔުމެވެ. މިއީ މި ދަނޑިވަޅުގައި ސުންނަތް ވެގެންވާ ގޮތެވެ. އަދި އެންމެ އަޥްލާވެގެންވާ ގޮތެވެ.

ދަންނައެވެ! މިއީ މުޅިން ވެސް އިސްތިފްތާޙްގެ ގޮތުގައިވާ ދުޢާތައް ކަމަށްވުމުން، ދެ ދުޢާއެއް އެއްފަހަރާ ކިޔުމަކީ ސުންނަތުގައި ވާރިދު ވެގެންވާ ގޮތެއް ނޫނެވެ. މިޢަމަލު ކޮށްގެން ނުވާނެއެވެ.

ދެވަނައީ: ރުކޫޢުގައި އަދި ސަޖިދައިގައިވާ ޙާލަތުގައިއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާން ވެގެންވަނީ سبحان ربي العظيم މި ޛިކުރު އެއްފަހަރު ރުކޫޢުގައި ކިޔުން ވާޖިބުވެގެންވާ ކަމެވެ. 3 ފަހަރަށް ތަކުރާރު ކުރުން އެއީ އެންމެ އެދެވިގެންވާ މިންވަރުގެ މަދު މިންވަރެވެ.

އަދި ސަޖިދައިގައި سبحان ربي الأعلى އެއްފަހަރު ކިޔުން ވާޖިބުވެގެންވުމެވެ. 3 ފަހަރަށް ކިޔުން އެދެވިގެންވެއެވެ. 3 ފަހަރަށްވުރެ ގިނައިން ވެސް ކިޔުން ހުއްދަ ވެގެންވެއެވެ. އަދި އެއަށްވުރެ ގިނައިން ވެސް ކިޔުން ހުއްދަ ވެގެންވެއެވެ. ރުކޫޢުގައި އަދި ސަޖިދައިގައި ކިޔާ ވާޖިބު ޛިކުރު ކިޔުމަށްފަހު، ވާރިދު ވެގެންވާ އެހެނިހެން ޛިކުރުތައް ކިޔުން މުޞްތަޙައްބު ވެގެންވެއެވެ.

މާތް ނަބިއްޔާގެ އަނބިކަނބަލުން عائشة رضي الله عنها ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ރުކޫޢުޢުގައި އަދި ސަޖިދައިގައި سبحانك اللهم ربنا وبحمدك اللهم اغفر لي ކިޔުން ގިނަ ކުރައްވައެވެ.

އަދި ހަމައެފަދައިން سبوح قدوس رب الملائكة والروح ކިޔުން ވެސް މުސްތަޙައްބު ވެގެންވެއެވެ.

ވީމާ، ވާރިދުވެފައިވާ މިފަދަ ޛިކުރުތައް ޖަމްޢުކޮށް ކިޔުން ހެޔޮކަން ބޮޑުވެގެންވެއެވެ. ބައެއް ޛިކުރުތައް ކިޔައި އަނެއް ބައި ޛިކުރުތައް ދޫކޮށްލިކަމުގައި ވީނަމަވެސް އެކަމުގައި މައްސަލައެއް ނެތެވެ.

އެހެނަސް ދެނެގަތުން ހުއްޓެވެ. سبحان ربي العظيم ރުކޫޢުޢުގައި އަދި ސަޖިދައިގައި سبحان ربي الأعلى އެއްފަހަރު ކިޔުން ދޫކޮށްލައިގެން ނުވާނެއެވެ.

ސަޖިދައިގައި ދުޢާކުރުން އިތުރުކުރުން ވެސް މުސްތަޙައްބު ވެގެންވެއެވެ. ފަހެ، އަޅާ ސަޖިދައިގައި އޮންނަ ވަޤުތަކީ ﷲ އާ އެންމެ ކުއްތަންވެގެންވާ ވަޤުތެވެ. އެހެންކަމުން ރުކޫޢުޢުގައި އަދި ސަޖިދައިގައި ޢަމަލު ކުރަންވީ ގޮތަކީ މިއީއެވެ. ދުޢާތައް ޖަމަޢަކުރުމެވެ. އަދި ސަޖިދައިގައި ގިނައިން ދުޢާ ކުރުން ހެޔޮކަން ބޮޑު ވެގެންވެއެވެ.

ތިންވަނައީ: ދެންފަހެ، ދެ ސަޖިދަ ދެމެދުގައި އިނުމާއި މެދުގައި ބުނަމެވެ. ޙަދީޘްގައި ވާރިދު ވެގެންވަނީ ނަބިއްޔާ صلى الله عليه وسلم ދެ ސަޖިދަ ދެމެދުގައި އިނުން، މި ރުކުން ދިގު ކުރައްވާ ކަމެވެ. އެގޮތުން ބުނެވެއެވެ. ނަބިއްޔާއަށް ހަނދުމަފުޅު ނެތުނީ ތޯއެވެ؟ ފަހެ، ދެ ސަޖިދަ ދެމެދުގައި رب اغفر لي އެއްފަހަރު ކިޔުން ވާޖިބު ވެގެންވެއެވެ. ފަހެ، ތިންފަހަރު އަދި އެއަށްވުރެ ގިނައިން ތަކުރާރު ކުރުން ހެޔޮކަން ބޮޑު ވެގެންވެއެވެ. އަދި އޭގެ އިތުރަށް للهم اغفر لي وارحمني واهدني وارزقني وعافني واجبرني ކިޔުން އަޥްލާކަން ބޮޑު ވެގެންވެއެވެ.

ހަތަރުވަނައީ: އިޢުތިދާލުގެ ޙާލަތާއިމެދުގައި ބުނެމެވެ. މި ރުކުނަކީ ވެސް ނަބިއްޔާ صلى الله عليه وسلم ދިގުކޮށް ކުރައްވާ ޢަމަލެއް ކަމުގައި ވާރިދު ވެގެންވެއެވެ. އިޢުތިދާލަށް ތެދުވަމުން އިމާމް އަދި އެކަނި ނަމާދު ކުރާ މީހާ سمع الله لمن حمده ކިޔުން ހުއްޓެވެ. އިމާމެއްގެ ފަހަތުގައި ނަމާދުކުރާ މީހާ އެފަދައިން އިމާމް ގޮވުމުން ربنا ولك الحمد ކިޔުން ހުއްޓެވެ. މިއީ އިމާމް އަދި މައުމޫމީންގެ މައްޗަށް ވެސް ކިޔުން ވާޖިބުވެގެންވާ މިންވަރެކެވެ. އެއަށްފަހު އޭގެ އިތުރަށް ربَّنا ولك الحمدُ مِلْءَ السَّمواتِ ومِلْءَ الأرضِ ومِلْءَ ما شِئْتَ مِن شيءٍ بعدُ ކިޔުން އަޥްލާ ވެގެންވެއެވެ. ހެޔޮކަން ބޮޑު ވެގެންވެއެވެ. ޖަވާބު ރަނގަޅަށް ފަހުމް ވެއްޖެކަމަށް އުއްމީދު ކުރަމެވެ.