ޖުނުބުވެރި ޙާލުގައި ހުރެ ޤުރުއާން ކިޔެވޭނެ ހެއްޔެވެ؟

ޖުނުބުވެރި ޙާލުގައި ހުރެ ޤުރުއާން ކިޔެވޭނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

ޖުނުބުވެރި ޙާލުގައި ހުރެ މުޞްޙަފްގައި ނުބީހި ނުވަތަ ބީހިގެން ޤުރުއާން ކިޔުވުމުގެ ޙުކުމާމެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.

ހަތަރު މަޛްހަބުގެ ފިޤުހީ ޢިލްމުވެރިންނާއި އަދި އެނޫންވެސް ޢިލްމުވެރިން ވިދާޅުވެފައިވަނީ ޖުނުބުވެރިޔާ ޤުރުއާނުގައި ބީހިގެން ނުވަތަ ނުބީހި ކިޔެވުން ވެސް ޙަރާމް ވެގެންވާ ކަމަށެވެ.

އިމާމް الترمذي رحمه الله ވިދާޅުވެފައިވެއެވެ. “މި ބަސްފުޅަކީ (ޖުނުބު ވެރިޔާ ޤުރުއާން ކިޔެވުން ޙަރާމް ވެގެންވާކަން) މިއީ ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އޭގެ ތެރޭގައި މާތް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބު ބޭކަލުންނާއި، ތާބިއީ ބޭކަލުން އަދި އެއަށްފަހު ވަޑައިގެންނެވި އަހުލުވެރިންގެ ވެސް ބަސްފުޅެވެ. …”.

އިމާމް الكاساني رحمه الله ވިދާޅުވެފައިވެއެވެ. “ޢާންމުކޮށް ޢިލްމުވެރިން ދެކެވަޑައި ގަންނަވަނީ ޤުރުއާން ކިޔެވުން ޖުނުބުވެރިޔާއަށް ހުއްދަވެގެން ނުވާކަމަށެވެ”.

ފަހެ، ޢިލްމުވެރިން މިފަދައިން ވިދާޅުވެފައިވަނީ ދަލީލުތަކުގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ. އޭގެ ތެރޭގައި މާތް ނަބިއްޔާ ﷺ ޙަދީޘްފުޅުތައް ވެއެވެ. ޞަރީޙަކޮށް އޭގެ ޞައްހަކަން ޘާބިތުވެފައިވާ ޙަދީޘް ފުޅެއް ނެތްކަމުގައި ވީނަމަވެސް، ގިނަ ހަދީޘްތަކެއް މި މައުޟޫގައި ވާރިދު ވެފައިވުމުން، މި މޭރުމުން ބަލާއިރު، ޙަދީޘްތަކަށް ބާރު ލިބިގެންދެއެވެ. އެފަދަ ރިވާޔަތްތަކުގެ ތެރޭގައިވެއެވެ. ޞަޙާބީ علي بن أبي طالب -رضي الله عنه- ވިދާޅުވެފައިވެއެވެ. ( لَا يَحْجُزُهُ عَنْ الْقُرْآنِ شَيْءٌ إِلَّا الْجَنَابَةُ ) “ޖުނުބުވެރިވުން ފިޔަވައި އެހެން ކަމެއް ނަބިއްޔާ ﷺ ޤުރުއާން ވިދާޅުވުން މަނާ ނުކުރައްވައެވެ”. މި ޙަދީޘް ބައެއް ޢިލްމުވެރިން ބަލިކަށި ކުރާހިނދު އެހެނިހެން ޢިލްމުވެރިން ޞައްޙަ ކަމުގައި ވިދާޅުވެއެވެ. އިސްވެ ބަޔާން ކުރި ފަދައިން މި މައުޟޫގައި ގިނަ ރިވާޔަތްތަކެއް ބަޔާން ވެގެެންވުމުން މި ޙަދީޘްތަކަށް މި އެންމެހައި ޙަދީޘްތައް ޖަމްޢުކުރުމުން ބާރު ލިބިގެންދެއެވެ.

المباركفوري رحمه الله ވިދާޅުވެފައިވެއެވެ. “ޖުނުބުވެރި ޙާލުގައިވާ މީހާއަށް ޤުރުއާން ކިޔެވުން ޙަރާމް ވެގެންވާކަމަށް ޙަދީޘްތައް ވާރިދު ވެގެންވެއެވެ. ފަހެ، އެންމެހައި ހަދީޘްތަކެއްގައި ވެސް (އެ ޙަދީޘް ބަލިކަށިކަމުގެ މައްޗަށް) ބަސްތައްވެއެވެ. އެހެނަސް އެ ޙަދީޘްތައް އެއް ޙަދީޘް އަނެއް ޙަދީޘްއާ އެކުވުމުން އެ ޙަދީޘްތަކަށް ބާރުލިބި އެގޮތުން އޭގައި (ޙަދީޘްތަކުގައި ބަޔާން ވެގެންވާ ޙުކުމުގައި) ޤާއިމްވެ ދެމިހުރުމަށް ބާރުލިބިގެން ދެއެވެ”.

އަޚާ އެވެ! ޤުރުއާން ކިޔެވުން ޖުނުބު ވެރިޔާއަށް ހަރާމް ވެގެންވާކަން މާތް މަތިވެރި ނަބިއްޔާގެ ﷺ އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުން ބަޔާން ވެގެންވެއެވެ. އޭގެ ތެރޭގައި:

ޞަޙާބީ عمر بن الخطاب رضي الله عنه އަދި علي بن أبي طالب رضي الله عنه (މިއީ ހަތަރު ޚަލީފާއިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 2 ޚަލީފާއިންނެވެ.) އެބޭކަލުންނަށް ތަބަޢަވުމަށް އަމުރުފުޅު ކުރެވިގެންވާ ބޭކަލުންނެވެ.

އަދިވެސް މި ޤައުލު ވިދާޅުވެފައިވާ ޞަހާބީންގެ ތެރޭގައި ابن مسعود رضي الله عنه ، عبد الله بن عمر رضي الله عنهما ، سلمان الفارسي رضي الله عنه ހިމެނި ވަޑައިގަންނަވައެވެ. ވީމާ މި މައްސަލައިގެ ޙުކުމް ނުހަނު ސާފުވެގެންވާ މިންވަރަށް ބަޔާން ވެގެންދެއެވެ.

އުއްމަތުގެ ބޮޑެތި ޢިލްމުވެރިންގެތެރެިން މި ޤައުލު ބަޔާންކޮށްފައިވާ شيخ الإسلام رحمه الله ވިދާޅުވެފައިވެއެވެ. “ކީރިތި ޤުރުއާން ކިޔެވުން ޖުނުބު ވެރިޔާއަށް މަނާ ވެގެންވެއެވެ”.

އަދިވެސް ވިދާޅުވެފައިވެއެވެ. “ޖުމްހޫރު ޢިލްމުވެރިންނާއި އަދި ފިޤުހުވެރިން ވިދާޅުވެފައިވަނީ ޖުނުބު ވެރިޔާ ޤުރުއާން ކިޔެވުން ހުއްދަވެގެން ނުވާނެ ކަމެވެ. އޭގެ ތެރޭގައި ހަތަރު އިމާމުންނާއި އަދި އެހެނިހެން ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. އަދި މިކަމަށް ސުންނަތުން ދަލީލު ކުރެވިގެންވެއެވެ”.

 

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ. ” ދެންފަހެ ޖުނުބުވެރިޔާ މުޞްޙަފްގައި ބީހުން ހުއްދަވެގެން ނުވާނެއެވެ. އަދި ޤުރުއާން ކިޔަވައިގެން ނުވާނެއެވެ. އަދި ހިނައިގަތުމަށް ދާންދެން ދަރިވަރުންނަށް ޤުރުއާން އުނގަންނައި ދީގެން ވެސް ނުވާނެއެވެ”.

މިފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިޔާ الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ. “ޖުނުބުވެރި ޙާލަތު ދިމާވެފައިވާ މީހާއަށް ވާޖިބު ވެގެންވަނީ ޤުރުއާން ކިޔެވުމުގެ ކުރިން ހިނައިގަތުމެވެ. ސަބަބަކީ، ޞައްޙަ ޤައުލަކީ ޖުނުބު ވެރިޔާއަށް ޤުރުއާން ކިޔެވުން ޙަރާމް ވެގެންވުމެވެ”.