ހަށިގަނޑުން ވަކިކުރެވޭ އިސްތަށި އަދި ނިޔަފަތި ފަދަ ތަކެއްޗާމެދު ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ އަދި ބޮލުގެ ބައެއް އިސްތަށިތައް އަނެއްބައި އިސްތަށްޓަށްވުރެ ދިގުކޮށް ބެހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

hashigandun vaki kurvey isthashi

ހަށިގަނޑުން ވަކިކުރެވޭ އިސްތަށި އަދި ނިޔަފަތި ފަދަ ތަކެއްޗާމެދު ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ އަދި ބޮލުގެ ބައެއް އިސްތަށިތައް އަނެއްބައި އިސްތަށްޓަށްވުރެ ދިގުކޮށް ބެހެއްޓުމަކީ ކޮންކަހަލަ ކަމެއް؟

 

ޖަވާބު ދެއްވީ – އުސްތާޛް أبو أنس محمد حسن (حفظه الله)

ސުވާލުގެ ޖަވާބުގައި ނުކުތާތަކެއްގެ އަލީގައި ބަޔާން ކުރާނަމެވެ.

  1. ހަށިގަނޑުން ވަކި ކުރެވޭ އިސްތަށިތަކާއި، ނިޔަފަތިފަދަ ތަކެތި ރައްކާތެރި ކުރުމަށް ނަބިއްޔާ ﷺ ގެ އަރިހުން ސުންނަތެއް އައިސްފައެއް ނުވެއެވެ. ހަމައެފަދައިން އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން އެކަމަށް އެއްވެސް ބަސްފުޅެއް އަދި އެބޭކަލުން ކޮށް އުޅުއްވި ކަމެއްގެ ގޮތުގައި އެއްވެސް އެފަދަ ކަމެއް ދޭހަވާ އެއްވެސް ރިވާޔަތެއް ނުދެކެމެވެ.
  2. އެހެނަސް މި ތަކެއްޗާ މެދު ޢަމަލު ކުރަންވީގޮތުގެ މައްޗަށް ޢިލްމުވެރިން ދެއްވާފައިވާ ފަތުވާތަކަށް ބަލާއިރު، ފެންނަން އޮތީ އެ ތަކެތި އުކާލުމަށް އިރުޝާދު ދެއްވާފައިވާ ތަނެވެ. އަދި ބައެއް ޢިލްމުވެރިން ބައެއް ޞަޙާބީންގެ ފަރާތުން އެ ތަކެތި ވަޅުލައްވާކަމަށް އައިސްފައިވާ ބައެއް ރިވާޔަތްތަކުގެ މައްޗަށް ބުރަވެ، އެފަދައިން ޢަމަލު ކުރާކަމަށް ވިދާޅުވެފައިވެއެވެ. އެހެނަސް އެއީ ލާޒިމް ކަމެއް ނޫނެވެ.
  3. ފަހަރެއްގައި ނަބިއްޔާ ﷺ ގެ އަނބިކަނބަލުން أُم سَلَمَة -رضي الله عنها- އަރިހުން، ރިހިންވާ ގަހަނާ އަޅަން ގެންގުޅޭ جلجل އެއްގައި ނަބިއްޔާ ﷺ ގެ އިސްތަށިކޮޅެއް ރައްކާ ކުރައްވާ ގެންގުޅުއްވާ ކަމަށް އަދި އޭގެއިން މީސްތަކުންނަށް ބޭސްފަރުވާ ކޮށްދެއްވާކަމަށް އައިސްފައިވާ ޞައްޙަ ރިވާޔަތަކީ މީސްތަކުން، މިފަދަ ތަކެތި ރައްކާ ކުރުމަށް އޮތް ޙުއްޖަތެއް ކަމަށް ދެކެފާނެ ކަމަށްޓަކައި ބުނަމެވެ.

މިކަމުގެ ސަބަބަކީ، ﷲ ތަޢާލާ ވަނީ، ރަސޫލާ ﷺ ގެ ހަށިކޮޅަކީ ބަރަކާތްތެރި ހަށިކޮޅެއް ކަމުގައި ލައްވާފައިއެވެ. އެގޮތުން ނަބިއްޔާ ﷺ ، ވުޟޫ ކުރައްވާފައި ހުންނަ ފެނާއި، ނަބިއްޔާގެ ހަށިކޮޅުން އޮހޮރޭ ދަލުންނާއި، ކުޅު ފޮދާއި، އިސްތަށި ފުޅާއި، އަދި ނަބިއްޔާގެ ހަށިކޮޅު ބީހި ވަޑައިގެންފައިވާ ތަންތަނުން ﷲގެ ޙަޟުރަތުން ބަރަކާތްތެރިކަން ލިބިގަތުމަށް އެދެވެއެވެ.

ސަބަބަކީ ﷲ ތަޢާލާ ބަރަކާތް ލައްވާފައިވާ ސަބަބެއް ކަމުގައި ވާތީއެވެ. އެގޮތުން ޙައްޖަތުލް ވަދާޢުގައި، އިސްތަށިފުޅު ބޭލެއްވުމަށްފަހު އިސްތަށިފުޅުގެ އެއްބައި أبُو طَلحة -رضي الله عنه- އަތްޕުޅަށް ދެއްވުމަށްފަހު، އަނެއްބައި ޞަޙާބީން މެދުގައި ބެއްސެވީ މި ސަބަބަށްޓަކައިއެވެ. އެއްވެސް ގޮތަކުން ޝަރުޢީ ގޮތުން ސަބަބެއް ނެތި، ބޭކާރު ގޮތުގައި ރައްކާ ކުރުމަށް ނޫނެވެ.

  1. ދެންފަހެ، ޞާލިޙު މީހުންގެ ކިބައިން މިފަދައިން ބަރަކާތް ލިބިގަތުން ވާކަމަށް ޤިޔާސް ކުރުމަކީ، އަދި އެފަދައިން ބުނުމަކީ އެކަމަށް އެއްވެސް ދަލީލެއް ނެތް ފާސިދު ޤިޔާސް އެކެވެ. ﷲ ތަޢާލާ ބަރަކާތުގެ ގޮތުގައި ލައްވާފައިވާ ނުވާ ސަބަބެއް، ސަބަބެއް ކަމުގައި ދެކުމެވެ. އަދި އެއީ ނަބިއްޔާ ﷺ އަށްފަހު ވަޑައިގެންނެވި ޞަޙާބީން ކުރައްވާފައިވާ ކަމެއްވެސް ނޫނެވެ. އެއީ ހުއްދަ ކަމެއް ކަމުގައިވާނަމަ، އެބޭކަލުން އެކަން ކުރެއްވީހެވެ.

އެބޭކަލުންގެ ތެރޭގައި ސުވަރުގެ ވަންނާނެކަމުގެ މަތިވެރި އުފާވެރި ޚަބަރު ލިބި ވަޑައިގެންފައިވާ ބޭކަލުން ފާޅުވެގެންވާހިނދު، އެއީ އެބޭކަލުން ކުރެއްވި ކަމެއް ނޫނެވެ. ފަހެ، އެހެންވުމުން އެއީ ދީނުގައި ކުރެވޭނެ ކަމެއް ނޫންކަން ވަރަށް ފާޅުކޮށް ޞަރީޙަކޮށް ބަޔާން ވެގެންވެއެވެ. ބަރަކާތް ލިބުމުގައި ހަމަހަމަ ވުމަށްޓަކައި، ސަބަބެއްް ކަމުގައި ޞާލިޙުކަން ހަދައިގެން ޤިޔާސް ކުރާއިރު، ޞާލިޙް ކަމުގައި ނަބިއްޔާ ﷺ އާ ހަމަޔަށް ފޯރާނީ ނޫނީ ގާތް ކުރާވަރަށްވެސް ފޯރާނީ ކާކު ހެއްޔެވެ؟ އަދި ޞާލިޙް ކަމަކީ ބޭރުފުށުން ފެންނަ ކަމެއް އެކަންޏެއް ނޫނެވެ. އެހެންކަމުން ޞާލިޙްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ކޮން މީޒާނެއްގެ މަތިން ތޯއެވެ؟ އަދި ކަން އޮތްގޮތަކީ މިއީ ކަމުގައިވާނަމަ، ޞާލިޙް ކަމުގައި އެފަދަ ދެވަނައެއް ނުވާ ޞަޙާބީން أبوبَكر އަދި عُمر -رضي الله عنهما- ގެ އަރިހުން ޞަޙާބީން ބަރަކާތް ހާޞިލް ކުރީސްކަން ކަށަވަރެވެ. ނަމަވެސް ޞަޙާބީން އެފަދައިން ޢަމަލުކޮށްފައި ނުވެއެވެ.

  1. އެހެންކަމުން، ނަބިއްޔާ ﷺ ނޫން އެހެން މީހެއްގެ މިފަދަ އެއްޗެއް ރައްކާ ކުރުމުގެ އެއްވެސް ޙުއްޖަތެއް ނެތެވެ. އަދި އިރުޝާދެއް ވެސް ނެތެވެ. ވީމާ، ޒީނަތެއްގެ ގޮތުން ނުވަތަ ހުންނަ ޝައުޤުވެރި ކަމެއްގެ ގޮތުން ކަމުގައި ވީނަމަވެސް، އެފަދަ ކަމެއް ނުކުރުން ހުއްޓެވެ. އޭގެއިން ބަރަކާތް ހޯދުމަށް އޮތް ސަބަބެއް ކަމުގައި ނުވަތަ އޭގެ މައްޗަށް ހިތް ޖެހި، އެއަށް ބަރޯސާވުމަށް ޝައިޠާނާ މަގުފަހި ކޮށްފާނެ ދޮރަކަށް ހެދިޔަ ނުދިނުމަށްޓަކައި އޭނާއަށް މިފަދަ ކަންކަމުގައި ވާގިވެރި ނުވާށެވެ.
  2. މިފަދަ ޢަމަލުތައް ކުރުމުގެ ނަމޫނާއަކީ ކާފަރުން އެކަން ކުރުމުން އެއަށް ތަބަޢަވުން ކަމުގައި ހަދައިފިނަމަ، ނުވަތަ އެމީހުންގެ ވައްޓަފާޅި ކޮޕީ ކުރުން ކަމުގައިވާނަމަ އެއީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ ދީނުގައި ބަޔާން ވެގެންވަނީ ކާފަރުންގެ މިފަދަ ޢާދަކާދަތަކަށް ތަބަޢަ ނުވުމެވެ. މިއީ އެހިނދު އެމީހަކު ފާފަވެރިވެ، ފާފަ އުފުލަން ޖެހިދާނެ ކަމެއް ކަމުގައި ބިރުވެތިވެ ދޫކުށްލުން ލާޒިމް ވެގެންވާ ކަމެކެވެ.

ދަންނައެވެ. މިއީ ފުރަތަމަ ކުރާނެ މިފަދަ ޢަމަލެވެ. އެއަށްފަހު އިންސާނާއަށް ނޭނގި ނަމަވެސް މަޑުމަޑުން ކާފަރުންގެ އެހެނިހެން ޢާދަތަކަށް ހިތްޖެހި އެހެނިހެން ޢަމަލުތަކަށް ދޮރު ހުޅުވިގެން ދާނެއެވެ. ވުމާއެކު، މިއީ އެއްވެސް ޙާލެއްގައި ކުރުން ހުއްދަވެގެންވާ ޢަމަލެއް ނޫނެވެ.