ވިޔަފާރި ދެމެހެއްޓުމަށް ނުވަތަ ދަރަނި އަދާ ކުރުމަށް ދޫކުރާ “ރިކަވަރީ ލޯން” ނެގުން ހުއްދަވާނެ ހެއްޔެވެ؟
ޖަވާބު ދެއްވީ – أبو أنس محمد حسن (حفظه الله)
ރިކަވަރީ ލޯނާމެދު ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބުނަމެވެ. އަޚާއެވެ! އަހަރުމެން ބަލަންވީ ކިޔާ ނަމަކަށް ނޫނެވެ. “ރިކަވަރީ ލޯން”، “ލުއި ލޯން”، “ފްލެޓް ލޯން”، “އެއްޕަސެންޓް އިންޓެރެސްޓް ލޯން”، “ގެދޮރޮވެރި ކަމުގެ ލޯނު” މިއީ ޝަރީޢަތުގައި ޙުކުމް ކަނޑައެޅޭ ނަންތަކެއް ނޫނެވެ. މިއީ، މަކަރާއި، ޙީލަތާއި، ނޭނގުމާއި އޮޅުވާލުމުގެ ތެރެއިން މީސްތަކުންނަށް ޙަރާމް މަގުތަކަށް އަރުވައި އެ މަގުތަކުގައި ޣަރަޤުކޮށްލުން ކަމުގައި ވެދާނެއެވެ.
އަޚާއެވެ! ލޯނާމެދު ބަލަންޖެހޭނީ، އެ މީހަކު ސަރުކާރުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައި ވީނަވެސް، އެ ދަރަނި އަނބުރާ ދައްކާއިރު، އެންމެ ލާރިއެއް (މާގިނައިން ނޫނެވެ. އެންމެ ލާރިއެކެވެ.) ނުވަތަ އެންމެ ފައިސާ ފޮއްޗެއް ވެސް އެ މީހަކު ދަރަންޏަށް، ލޯނަށް ނެގި ޢަދަދަށް އިތުރުކޮށްފައި ދޭން ޖެހޭނަމަ، އެއީ އުއްމަތުގެ ޢިލްމުވެރިން އިއްތިފާޤުވެފައިވާ، ކަނޑައެޅި ބަޔާންވެގެންވާ ރިބާއެވެ.
ރިބާއަކީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެންމެ ބޮޑެތި ފާފަތަކުގެ ތޭރަގައިވާ ފާފަ އެކެވެ. އަދި ކިޔެއްތަ! އެތައް ސަތޭކަ ބޮޑެތި ފާފަތައް ވާހިނދު އެންމެ ބޮޑު 7 ފާފައިގެ ތެރޭގައި ހިމެނޭ އެއް ފާފައެވެ. އެންމެ ލާރިއެއް އަދާކުރަންޖެހޭ ދަރަންޏެއް ވެސް އިތުރަށް ދައްކަން ޖެހޭ ނަމަ، އެއީ ރިބާ ކަމުގައިވާއިރު، މި ރިބާގެ ނުބައިކަމާއި، މުޑުދާރުކަމާއި، ފާފައިގެ މިންގަނޑު ކިޔާލުން ހުއްޓެވެ.
1. (وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا) سورة البقرة 275
”ވިޔަފާރި ކުރުން ﷲ ވަނީ ޙަލާލު ކުރައްވާފައިއެވެ. އަދި ރިބާ ވަނީ ޙަރާމް ކުރައްވާފައިއެވެ“.
الربيع بن أنس رحمه الله ވިދާޅުވެފައިވެއެވެ. ”ﷲ عزوجل ވަނީ އެންމެ ބޮޑުވެގެންވާ ނަޙީ ކުރެއްވުމަކުން ރިބާ ޙަރާމް ކުރައްވާފައިއެވެ. ފަހެ، ތިޔަބައިމީހުން ރިބާގެ މައްޗަށް ބިރުވެތިވާށެވެ. އަދިވެސް ވިދާޅުވިއެވެ. ރިބާއަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ އެއްޗެކެވެ“(تفسير ابن أبي حاتم 2893).
2. (يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ) ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ].
عَبد الله بن مَسعُود رضي الله عنه ވިދާޅުވެފައިވެއެވެ. ”އެންމެ ނުބައި ވެގެންވާ އާމްދަނީ އަކީ ރިބާގެ އާމްދަނީއެވެ“(صحيح/ابن أبي شيبة ٣٥٦٩٤).
3. جَابِر -رضي الله عنه ވިދާޅުވެފައިވެއެވެ. (لعن رسول الله ﷺ آكل الربا، وموكله وكاتبه، وشاهديه، وقال هم سواء) “ރިބާ ކާ މީހާއަށާއި، ރިބާ ހޯދައިދޭ މީހާއަށާއި، ރިބާ ލިޔެދޭ މީހާއަށާއި، ރިބާއަށް ހެކިވާ ދެ ހެކިވެރިންނަށް رسول الله صلى الله عليه وسلم ލަޢުލަން ލައްވާފައިވެއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. އެ އެންމެހައި ފަރާތްތައް ފާފައިގައި ހަމަހަމަވެގެންވެއެވެ”. މި ޙަދީޘް مسلم ޞަޙީޙުގައި ރިވާކޮށްފައިވެއެވެ.
وقال هم سواء ޔަޢުނީ ލަޢުނަތުގައި ހަމަހަމަ ވެގެންވެއެވެ. އަޚުންނޭވެ! ﷲގެ ޙަޟުރަތުން އަހުރެން ރައްކާތެރިކަމަށް އެދެމެވެ. ރިބާގެ ނުރައްކާ ނުހަނު ބޮޑުވެގެންވެއެވެ. ރިބާ ކާ މީހާއަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފައިއެވެ. އަދި ރިބާގެ މުޢާމަލާތަށް ހެކިވާ ފަރާތްތަކަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފައިއެވެ. ރިބާ ލިޔެދޭ މީހާ، އެއީ ކޮންޕިއުޓަރުން ލިޔުނު ކަމުގައި ވީނަމަވެސް، އެ މީހާއަށް ލަޢުނަތުގެ ވަޢީދުގެ އިންޒާރުވަނީ އައިސްފައިއެވެ.
މި ޙަރާމް ވެގެންވާ، ނުބައިކަން ބޮޑުވެގެންވާ، އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ކަނޑައެޅިފައިވާ ފާފަގެ ނުރައްކާ ކިހާ ބޮޑުވެގެންވޭ ހެއްޔެވެ؟ މިއަދު ގެދޮރު ހެދުމަށް ލޯނުނަގައި، އެ ލޯނަށް ފައިސާ އަނބުރައި ދައްކާހިނދު، ނެގި ޢަދަދަށްވުރެ އިތުރުކޮށްފައި ދެވޭ މުޢާމަލާތަކީ، ފާޅުވެ ބަޔާން ވެގެންވާގޮތުގައި ރިބާ ކެއުމާއި ރިބާގެ މުޢާމަލާތް ކުރުމެވެ. މިކަންތައްތައް މިއަދު އެތަކެއް ސިފައިގައި އެތަކެއް ޞޫރަތަކެއްގައި، މަކަރާއި އޮޅުވާލުމުގެ ތެރެއިން ހިންގަމުންދެއެވެ. ރިބާގެ ގޮތުގައި ފައިސާ ފޮއްޗެއްގެ މިންވަރަކީ އޭގެ ނުރައްކާ ނުހަނު ބޮޑުވެގެންވާ ފާފައެއް ކަމުގައިވާހިނދު، ހާހުން، ލައްކައިން، މިލިޔަނުން ރިބާ ހޯދުން ކޮންފަދަ ބޮޑުވެގެންވާ ޖަރީމާއެއް ހެއްޔެވެ؟
4. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (دِرهمُ رِبًا يأكلُه الرجلُ، و هو يعلمُ، أشدُّ عندَ اللهِ من سِتَّةٍ و ثلاثِينَ زَنْيةً) “އެ މީހަކަށް އެނގިހުރެ، ރިބާގެ ގޮތުގައިވާ ފައިސާފޮއްޗެއްގެ މިންވަރު ކެއުން ﷲ ހަޟުރަތުގައި ތިރީސް ހަ ފަހަރު ޒިނޭ ކުރުމަށްވުރެ ނުބައިކަން ބޮޑުވެގެންވެއެވެ” (صحيح الجامع ، 3375 ).
5. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (الرِّبا اثَنانِ و سبعونَ بابًا، أَدْناها مثلُ إِتْيانِ الرجلِ أُمَّهُ) “ހަތްދިހަ ދެ ބާވަތުގެ ރިބާ ވެއެވެ. އެ ބާވަތްތަކުގެ ތެރެއިން އެންމެ ދަށް ބާވަތުގެ މިޘާލަކީ ފިރިހެނަކު އޭނާގެ މަންމައާ އެއްދާން ކުރުމެވެ” (السلسلة الصحيحة، 1871).
އަޚާއެވެ! މި ފާފައިގެ ނުރައްކަލާމެދު ނަފްސަށް ބިރުވެރިކަން ނުވަދޭ ހެއްޔެވެ؟ ހިތާއި ހަށިގަނޑަށް މި ނުބައިކަން ބޮޑުވެގެންވާ ޢަމަލަށް ސަމާލުވާން ނުޖެހޭ ހެއްޔެވެ؟ މިއަދު އެތައް ތަނަކުން، އެތައް ބަޔަކު “އިސްލާމީ” އަޅުވައިގެން މި ނުބައިވެގެންވާ ޙަރާމް ވެގެންވާ ޢަމަލު ކުރަމުން ގެންދާކަމަކީ އެއްވެސް ޝައްކެތް ނެތް ކަމެކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން މިކަމުގެ ޖަރީމާ އާއި ނުރައްކާލާމެދު ވިސްނާލުން ހުއްޓެވެ.
6. الإِمَام مَالك -رحمه الله- ވިދާޅުވެފައިވެއެވެ. ”ހަމަކަށަވަރުން އަހަރެން ﷲގެ ފޮތަށް ނަޟަރު ހިންގައި ބެލީމެވެ. އަދި އެ އިލާހުގެ ރަސޫލާގެ ސުންނަތް ބެލީމެވެ. ރިބާ އަށްވުރެ (ޢަޛާބާއި ޢުޤޫބާތުގައި) ގަދަފަދަ އެއްޗެއް ނުދެކެމެވެ. ސަބަބަކީ ﷲވަނީ އެއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިޛުނަ ދެއްވާފައިއެވެ“(تفسير القرطبي ٤٠٥/٤ ).
އަޚުންނޭޥެ! އެތައް އާޔަތްތަކެކެވެ. އެތައް ޙަދީޘްތަކެކެވެ. އެތައް އެތައް ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ނަޖިސްކަމަށް ނުފުދޭ ހެއްޔެވެ؟ މުޑުދާރުކަމަށް ނުފުދޭ ހެއްޔެވެ؟ ރިބާގެ ފައިސާ ފޮއްޗެއް ޢުޤޫބާތަކީ 36 ފަހަރު ޒިނޭ ގެ ޖަރީމާއެވެ. سبحان الله! އެންމެ ޒިނޭގެ ފާފައަށް ވިސްނާލުން ހުއްޓެވެ. ތިމާ ތިމާގެ މަންމައާއި އެއްދާން ކުރުން މިއީ ބުއްދި ހުރި އިންސާނަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ ތިމާގެ މަންމައެވެ! ހުތުރުކަމާއި، އޭގެ ނުބައި މުޑުދާރުކަމެވެ. އެހެނަސް މިއީ މިއަދު ފެން ފޮދެއްފަދަ ޢަމަލެކެވެ. ޚިޔާލެއް ވިސްނުމެއް ނެތި ކޮށްލާ ޢަމަލެކެވެ. އަނބުރާ ދައްކާއިރު، އެންމެ ލާރިއެއް ދޭން ޖެހުނަސް އެއީ ޙަރާމްވެގެންވާ ރިބާގެ މުޢާމަލާތެކެވެ. މިއަދު ދައްކަނީ ލައްކައިން ނުވަތަ މިލިޔަނުންނެވެ. މި ފާފަ ތިމާ ކޮނޑުގައި އަޅައި އުފުލުމަށް ބިރު ނުގަންނަނީ ބާއެވެ.
މިއަދު މި ރިބާ ކެއުމަށް ކިތައް ނަމެއް އެބައިމީހުން ދީފި ހެއްޔެވެ؟ “ލުއި ލޯނެވެ.” ތިމާގެ މަންމައާ އެއްދާން ކުރާ ފާފަ ލުއިވާނެ ހެއްޔެވެ؟
ޙަދީޘްގައިވަނީ ބަނގުރަލަށް ވެސް އެހެނިހެން “ރީތި ނަން ކިޔައި” އެ ބޯނެ މީހުން އުއްމަތުގައި ނުކުންނާނެ ކަމެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވިއެވެ. (ليشربَنَّ ناسٌ من أُمَّتِي الخمرَ يُسمُّونها بغيرِ اسمِها) ”ތިމަން ނަބިއްޔާގެ އުއްމަތުގެ ތެރެއިން ބަޔަކު، ބަގުރަލަށް އޭގެ ނަން ނޫން އެހެން ނަންތައް ކިޔައިގެން ބަގުރާ ބޯނެއެވެ“ (صحيح أبي داود 3688).
އަޚާއެވެ! ﷲ އަށް ބިރުވެރި ވާށެވެ! މުދަލަކުން، އަތްބެއްގެ ކިބައިން، ދަރިއެއްގެ ކިބައިން މަންފާއެއް ނުކުރާނެ ދުވަހަކަށް ބިރުވެތި ވާށެވެ. ރިބާ ކެއުމުގެ ޖަރީމާއާ ދުރުވާށެވެ. އަޚާއެވެ! ސަލާމް ޖަހައި، ޖިފުޓިއެއްގައި، ނުވަތަ މަގުމަތިވެފައި ހުރެ ޣުލާން ކޮށްގެން ދިރިއުޅުން ވެސް މި ފާފައަށް އަރައިގަތުމަށްވުރެ ޠާހިރުވެފައި ހެޔޮކަން ބޮޑެވެ. ފަހެ، ތިމާ ކާނެ، ބޯނެ ތަކެތި ހުރެ، އަރާމާއި ނިޢުމަތުގައި އުޅެ، މި ޙަރާމް، ބޮޑުވެގެންވާ ޙަރާމްއަށް ދިއުން ހެޔޮ ވާނެ ހެއްޔެވެ؟
އިންސާނުންގެ ވިސްނުމާއި ބުއްދި ހުރި ޙާލަތު މިއަދު ފެނިފައި ލޮލުން ކަރުނަ އޮހެރެއެވެ. ތިޔަ އަޚާ އަކީ ވިޔަފާރީގައި އުޅޭ އަޚެއް ކަމުގައި ވާނަމަ، މި ރިބާ ކެއުމުގައި، މުޢާމަލާތް ކުރުމުގައި މީސްތަކުން ތިބި ގޮތް ފެންނާނެއެވެ.
އެއަށްފަހު ﷲ ބަލި މަޑިމަޑުކަމާއި ތަދުމަޑުކަން ލެއްވީއެވެ. ކީއްވެ ހެއްޔެވެ؟ އެ ފާފައިން އެބައިމީހުން އެއްކިބާވެ، ﷲ އަށް ރުޖޫއަވެ އެ އިލާހުގެ ބޮޑުވެގެންވާ ކޯފާއެއް އައިސްދާނެ ކަމަށް ބިރުވެތިވެ އެ ފާފަތައް ހުއްޓާ ލުމަށެވެ. (ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ) “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެބައިމީހުން ކުރި ބައެއް ޢަމަލުގެ ރަހަ އެބައިމީހުންނަށް ދެއްކެވުމަށެވެ. އެއީ އެބައިމީހުން (ތަޥްބާވެ) ރުޖޫޢަ ވުމަށްޓަކައިއެވެ”.
މި އާޔަތުގައި، ވަބާތަކާއި، މުޞީބާތްތަކާއި، ބަލިމަޑުކަމާއި، އަދި ދަތި ޙާލަތް މެދުވެރިވާ ސަބަބު ވަރަށް ސާފު ބަޔާނުން ބަޔާން ވެގެންވެއެވެ. ޔަޢުނީ؛ ބަލި އަދި ބަލިން ސަލާމަތް ވެވޭނެ ގޮތެވެ.
“އެބައި މީހުން ކުރަމުންދާ ނޭދެވޭ، އުރެދިފައިވާ ޢަމަލުތަކުން ތަޥްބާވެ އެބައިމީހުން ޙައްޤަށް ރުޖޫޢަ ކުރުމަށްޓަކައިއެވެ”. އެހެނަސް ރުޖޫޢައެއް ނުވެއެވެ! ހުއްޓައެއް ނުލައެވެ! އާ ނަމެއްގައި، އާ ޞުރުޚީއެއް ދަށުން އަނެއްކާ ވެސް ރިބާއެވެ! حسبنا الله ونعم الوكيل. ولا حول ولا قوة إلا بالله