ސުވަރުގެ ވަދެވޭނީ ﷲގެ ރުއްސެވުމާއި އެ އިލާހުގެ ރަޙްމަތުންނެވެ. ވީމާ، “ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ” ބުނެވޭ ބުނުމުގެ ޙަޤީގަތަކީ ކޮބައިތޯއެވެ؟

ސުވަރުގެ ވަދެވޭނީ ﷲގެ ރުއްސެވުމާއި އެ އިލާހުގެ ރަޙްމަތުންނެވެ. ވީމާ، “ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ” ބުނެވޭ ބުނުމުގެ ޙަޤީގަތަކީ ކޮބައިތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

މައިން ބަފައިންނާ މެދު ރިވެތި ގޮތުގައި މުޢާމަލާތް ކުރުމާއި، އަދި ސުވަރުގެ ވަދެވުމާ މެދު ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ބުނެމެވެ.

ﷲގެ ރުއްސެވުމާއި އެ އިލާހުގެ ރަޙްމަތް ޙާޞިލްވެގެން މެނުވީ ސުވަރުގެ ނުވަދެވޭނެކަން މިއީ މުސްލިމަކު ދެބަސް ނުވާނެ ކަމެކެވެ. އެހެނަސް ދަންނައެވެ! ﷲ ތަޢާލާގެ ރުއްސެވުން އަދި އެއިލާހުގެ ރަޙްމަތް ޙާޞިލްވާނެ ސަބަބުތަކެއް ﷲ ލައްވާފައިވާކަން ދަންނަން ޖެހެއެވެ. އެހިނދު، އެ ޢަމަލުތައް ކުރުމުން އަޅާއަށް ސުވަރުގެ ވަދެވުމުގެ ސަބަބެއް ކަމުގައި އެ ޢަމަލުތައް ވެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ” އަދި އެއީ ތިޔަބައިމީހުން ކޮށްއުޅުނު ހެޔޮ ޢަމަލުތަކުގެ ސަބަބުން ތިޔަބައިމީހުންނަށް މިލްކު ކޮށްދެއްވި ސުވަރުގެއެވެ.”

އެއަށްފަހުގައި އެ ސުވަރުގެއަށް ވާޞިލްވުމަށް އޮތް ޢަމަލުތަކުގެ ތެރޭގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުން ހިމެނޭކަން ދަންނަން ޖެހެއެވެ. އަދި ކިޔެއްތަ! މި ޢަމަލަކީ ﷲ ގެ ރުއްސެވުމާއި، ރަޙްމަތް ޙާޞިލްވުމަށް އޮތް އެންމެ ބޮޑެތި ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ.

ﷲ ވަޙީ ކުރެއްވިއެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً* وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِى صَغِير

އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ނަބިއްޔާގެ ވެރި އިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ!

މި އާޔަތުން ބަޔާން ވެގެންވާ ފައިދާތަކުގެ ތެރޭގައި:

  1. ﷲ އަށް އަޅުކަން ކުރުމާއި ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުން ބަޔާން ވެގެންވުމުން، އިސްލާމް ދީނުގައި މައިންބަފައިންނަށް ދެއްވާފައިވާ މަޤާމާއި މަތިވެރިކަމާއި އެކަމުގެ މުހިންމުކަން ދޭހަވެއެވެ.

 

  1. އުއްފު ފަދަ ބަހެއް ބުނުން ހުއްދަ ވެގެންނުވާނަމަ، އެ މައިންބަފައިން ނުރުހޭ ގޮތަށް ނުވަތަ ނޭދޭ ގޮތަށް ހިތުގައި ޖެހޭގޮތަށް ވާހަކަ ދެއްކުން ހުއްދަ ނުވުން އަޥްލާ ވެގެންވެއެވެ.
  2. މި އާޔަތުގައި ﷲ ތަޢާލާވަނީ، އެންމެހައި ހުތުރު ވެގެންވާ ބަސްތަކާއި، އެގޮތުން ހުތުރު ވެގެންވާ ބަސްތަކުގެ ތެރެއިން އެންމެ ކުޑަމިންވަރުގެ ބަސް ކަމުގައި ވީނަމަވެސް، “އުއްފު” ވިޔަސް ބުނުން ހުއްދަ ނުވާނެ ކަމެވެ. އަދި ހުތުރު ވެގެންވާ އެންމެހައި ޢަމަލުތައް، ހަޅޭއްލެވުމާއި މިފަދަ އެންމެހައި ޢަމަލުތަކެއް ނަޙީ ކުރައްވާފައި ވެއެވެ. އަދި އެއަށްފަހު އާޔަތުގައި މި ދެ ވާބަތުގެ ކަންތައް ނަޙީ ކުރެއްވުމާއި އެކުގައި، ރީތި ބަސްތަކުން މުޢާމަލާތް ކުރުމާއި، ރީތި ޢަމަލުތަކުން މުޢާމަލާތް ކުރުމަށް ވެސް އަމުރު ކުރެވިގެންވެއެވެ. ހެޔޮވެގެންވާ ބަސްތައް ކަމުގައި “ކަރާމާތް، ހެޔޮބަސްތައް ބުނާށެވެ”. ހެޔޮ ޢަމަލުތަކުގެ ތެރޭގައި “ހެޔޮ ކަމުގެ ފިޔަގަނޑު އެމީހުންނަށްޓަކައި ތިރިކޮށްލާށެވެ”.
  3. އަޑުލައި ހެދުން ޙަރާމް ވެގެންވާކަން ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވެ އެވެ.

މިފަދަ ގިނަގުނަ އާޔަތްތަކެއް ކީރިތި ޤުރުއާންގައި ﷲ ތަޢާލާވަނީ ވަޙީ ކުރައްވާފައި ވެއެވެ. އަދި މި މައުޟޫގައި ގިނަ ހަދީޘްތަކެއް ވާދިރު ވެފައިވެއެވެ. މިފަދަ ޙަދީޘްތަކުގެ ތެރޭގައި:

رَسول الله ޙަދީޘް ކުރެއްވިއެވެ. (أكبر الكبائرِ الإشراكُ باللهِ، و قتلُ النفسِ، و عقوقُ الوالدَينِ، و شهادةُ الزُّورِ) “އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ﷲ އަށް ޝަރީކު ކުރުމާއި، ނަފްސެއް ޤަތުލު ކުރުމާއި، މައިންބަފައިންނަށް ކިޔަމަން ނުވުމާއި އަދި ދޮގު ހެކި ދިނުންވެއެވެ”.

މި ޙަދީޘްގައި މައިން ބަފައިންނަށް ނުކިޔަމަންތެރިވުމާއި، އެ މައިންބަފައިންނާ މެދު ނުބައިކޮށް މުޢާމަލާތް ކުރުމުގައި ހުރި ނުބައި ކަމާއި، އޭގެ ނުރައްކާ ބަޔާން ވެގެންވަނީ އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނިގެންވާ ޢަމަލެއްގެ ގޮތުގައެވެ.

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.

(اثنانِ يُعَجِّلُهُما اللهُ في الدنيا: البغي وعقوق الوالدين)

”ދެ ފާފައެއް ވެއެވެ. އެ ދެކަމުގެ ޢުޤޫބާތް ދުނިޔެމަތީގައި ﷲ އަވަސް ކުރައްވައެވެ. އެ (ދެ ފާފައަކީ) މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަދި އަދި ބަޣްޔު (ޙައްޤަކާއި ނުލައި އަނިޔާވެރިވުމެވެ.)“.

މިތަނުގައި ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭ އަމުރެއް ވެއެވެ. ވަރަށްވެސް ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ތިމާގެ އަތުން ޚަރަދު ކުރުމާއި ހުންނާނެތަނެއް ދެއްކުން ފަދަ ކަންކަމެވެ. އެހެނަސް މިއީ ކުށް ހީއެކެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމުގެ ތެރެއަށް 2 ކަމެއް ވަންނާނެ އެވެ. އެއީ ހެޔޮ ފޯރުކޮށްދޭ ފަދައިން އެމީހުންގެ ކިބައިން އުނދަގޫތައް ވެސް ދުރުކުރަން ޖެހޭނެއެވެ.

މީގެ މިޘާލަކީ، ތިމާއަށް މައިންބަފައިން ބެލެއްޓުމާއި ކަންތައްތައް ކުރުމުގެ ޞިއްޙަތާއި އަދި ޤާބިލްކަން ލިބިގެންވާ ޙާލުގައި، އެ މައިންބަފައިންނަށް ތިމަންނަ ޚަރަދުކޮށް އެހެނަސް ބަންގްލަދޭޝް، އިންޑިޔާ ނުވަތަ އެފަދަ މީހެއް އެ މަންމަ އަދި ބައްޕަ ބަލަން ގެނެސްފައި ވުމެވެ. ތެދެކެވެ. އޭނާ ބަރާބަރަށް ޙަރަދު ކުރެއެވެ. އެހެނަސް އޭނާގެ ފަރާތުން ލިބެންޖެހޭ، ދޭންޖެހޭ ބެލެހެއްޓުންތެރިކަމެއް ގާތް ކަމެއް ނޯވެއެވެ. ފަހެ، މައިންބަފައިން ހިތުގައި ޖެއްސުން، ހިތް ނުތަނަވަސް ކުރުން، ހިތާމަ ކުރުވުމާއި އަދި ހިތާމަ ކުރާނެ ފަދަ ގޮތުގައި ޢަމަލު ކުރުން މިއީ ކަނޑައެޅިގެން ޙަރާމް ވެގެންވާ ޢަމަލެކެވެ. ޙަރާމް ވެގެންވެއެވެ.

ތިމާގެ ބޯމަތީގައި މައިންބަފައިންނަށް އަދާ ކުރުމަށް އަމުރު ވެގެންވާ އެތައް ޙައްޤުތަކަކާއި، އަދި ހެޔޮ ގޮތުގައި މުޢާމަލާތް ކުރުމަށް އަމުރު ކުރެވިގެންވާ ހިނދު، އެ މައިންބަފައިން ދޫކޮށް އެހެން ބަޔަކާއި ރިވެތި ގޮތުގައި މުޢާމަލާތްކޮށް އަދި ހެޔޮ ގޮތުގައި ޢަމަލުކުރުމަށްފަހު، މައިންބަފައިންގެ ހިތުގައި ޖެހޭ ގޮތަށް ޢަމަލުކުރުން މިއީ އިންސާނެއް ކުރާނެ ކަމެއް ނޫނެވެ. އިންސާނިއްޔަތުގެ އަހުލުވެރިން ވެސް ކުރާނެ ކަމެއް ނޫނެވެ.

ފަހެ، މިފަދަ ޢަމަލުތަކުން އެއްކިބާވެ ހުއްޓާލުން ވާޖިބު ވެގެންވެއެވެ. މި ޢުޤޫބާތް ތިމާގެ މައްޗަށް ފާޅުވުމުގެ ކުރިން ﷲ އަށް އިސްތިޣްފާރުކޮށް ތަޥްބާވުން ހުއްޓެވެ. އަޚާއެވެ! އުޚުތާއެވެ! އެ މައިންބަފައިންނާ މެދު އެފަދައިން ޢަމަލު ކުރެވިފައިވާނަމަ، އެކަމަށް މަޢާފަށް އެދި އަދި މަޢާފު ލިބި، އެ މައިންބަފައިންނަށް ހެޔޮ ދުޢާކުރާ ފަރާތެއްގެ ގޮތުގައިވާށެވެ.

ވުމާއެކު، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، އެބައިމީހުންނަށް ހިތާމަ އާއި މޮޅިވެރި، ހިތްދަތިކަން ގެނުވާނެ އެންމެހައި ޢަމަލުތަކުން ދުރުވެ، އެބައިމީހުންނަށް އުފަލާއި ހިތްހަމަޖެހުން ގެނުވާ އަދި ލޯބިކުރާ އެންމެހައި ޢަމަލުތައް އަހަރެމެން އުފަލާއެކު ކުރުމުގައި ދެމިތިބުން ވާޖިބު ވެގެންވެއެވެ.

ސުވާލުގައި ބުނެފައިވާ “މައިމީހާގެ ފައިތިލަ ދަށުން ދަރިން ސުވަރުގެ ވެއްދުން” މި ޖުމްލައިގެ ޞައްޙަކަމާ މެދު ބުނަމެވެ.

ފުރަތަމައީ: މި ފަދައިން ނަބިއްޔާ صلى الله عليه وسلم އަށް ނިޞްބަތްކޮށްފައިވާ ޙަދީޘެއް ވެއެވެ. އެ ޙަދީޘްގައި ވެއެވެ. (الجنَّةُ تحتَ أقدامِ الأُمَّهاتِ ) “ސުވަރުގެވަނީ މައިންގެ ފައިތިލަ ދަށުގައެވެ”. އެހެނަސް މި ޙަދީޘްއަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. އިމާމް الألباني ވިދާޅުވެފައި ވެއެވެ. “ޘާބިތު ޙަދީޘެއް ނޫނެވެ”. އަދި السلسلة الضعيفة ގައި ވިދާޅުވެފައި ވެއެވެ. “ނަބިއްޔާ ގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ”.

ދެވަނައީ: ސުވަރުގެ ވަނީ މައިންގެ ފައިތިލަ ދަށުގައި މިފަދައިން ވާރިދުވެފައިވާ ރިވާޔަތެއް، ޙަދީޘެއް ނެތް ކަމުގައި ވީނަމަވެސް މިފަދަ މާނަދޭހަވާ ޙަދީޘް ވެއެވެ. އެފަދަ ޙަދީޘެއް މިތަނުގައި ޛިކުރު ކުރަމެވެ. ޞަޙާބީ معاوية بن جاهمة السلمي ވިދާޅުވެފައި ވެއެވެ. (ތިމަން ޞަޙާބީ ﷲގެ ރަސޫލާ صلى الله عليه وسلم އަރިއަހަށްވަޑައިގެން ދެންނެވީމެވެ.) يا رسولَ اللَّهِ إنِّي كنتُ أردتُ الجِهادَ معَكَ أبتغي بذلِكَ وجْهَ اللَّهِ والدَّارَ الآخرةَ قالَ ويحَكَ أحيَّةٌ أمُّكَ قُلتُ نعَم قالَ ارجَع فبِرَّها ثمَّ أتيتُهُ منَ الجانبِ الآخَرِ فقلتُ يا رسولَ اللَّهِ إنِّي كنتُ أردتُ الجِهادَ معَكَ أبتغي بذلِكَ وجهَ اللَّهِ والدَّارَ الآخرَةَ قالَ وَيحَكَ أحيَّةٌ أمُّكَ قلتُ نعَم يا رسولَ اللَّهِ قالَ فارجِع إليْها فبِرَّها ثمَّ أتيتُهُ من أمامِهِ فقُلتُ يا رسولَ اللَّهِ إنِّي كنتُ أردتُ الجِهادَ معَكَ أبتغي بذلِكَ وجْهَ اللَّهِ والدَّارَ الآخرةَ قالَ ويحَكَ أحيَّةٌ أمُّكَ قُلتُ نعَم يا رَسولَ اللَّهِ قالَ ويحَكَ الزَم رِجلَها فثمَّ الجنَّةُ

“ﷲގެ ރަސޫލާއެވެ. އަހަރެން ﷲގެ ވަޖުހުފުޅަށް އެދި އަދި އާޚިރަތް ހޯދުމަށް އެދި، އިބަ ނަބިއްޔާ އަރިހުގައި ޖިހާދުކުރަން ބޭނުމެވެ. އެހިނދު (ހަދީޘްފުޅު ކުރެއްވިއެވެ.) “ތިބާއަށް ހަލާކު ހުއްޓެވެ! ތިބާގެ މަންމަ ދުނިޔޭގައި ދިރި އެބަހުންނެވި ހެއްޔެވެ؟” (ޞަޙާބީ ދެންނެވިއެވެ.) އާދޭހެވެ! (އެހިނދު ޙަދީޘް ކުރެއްވިއެވެ.) “އަނބުރައި ދާހުށި ކަމެވެ. މަންމައަށް ހެޔޮކޮށް ހިތުމުގައި ދެމިހުންނަ ހުއްޓެވެ”. (ޞަޙާބީ ދެންނެވި އެވެ.) އެހިނދު އެހެން ދިމާލަކުން (އެހެން ފަރާތަކުން) ނަބިއްޔާގެ އަރިއަހަށް ވަޑައިގެން، ދެންނެވީމެވެ. ﷲ ގެ ރަސޫލާއެވެ! ﷲ ގެ ވަޖްފުޅަށްއެދި އަދި އާޚިރަތަށް އެދޭ ޙާލުގައި އިބަ ނަބިއްޔާ އަރިހުގައި ޖިހާދުކުރުމަށް އަހަރެން ބޭނުމެވެ. (ހަދީޘްފުޅު ކުރެއްވިއެވެ.) “ތިބާއަށް ހަލާކު ހުއްޓެވެ! ތިބާގެ މަންމަ ދުނިޔޭގައި ދިރި އެބަހުންނެވި ހެއްޔެވެ؟” (ޞަޙާބީ ދެންނެވިއެވެ.) އާދޭހެވެ! (އެހިނދު ޙަދީޘް ކުރެއްވިއެވެ.) “އަނބުރައި ދާހުށި ކަމެވެ. މަންމައަށް ހެޔޮކޮށް ހިތުމުގައި ދެމިހުންނަ ހުއްޓެވެ”. އެއަށްފަހު ނަބިއްޔާގެ ކުރިފުޅުމަތިން އަރިއަހަށް ވަޑައިގެން ދެންނެވީމެވެ. “ﷲގެ ރަސޫލާއެވެ. ﷲ ގެ ވަޖްހުފުޅަށް އަދި އާޚިރަތަށް އެދޭ ޙާލުގައި އަހަރެން އިބަ ނަބިއްޔާއަރިހުގައި ހުންނަވައި ޖިހާދު ކުރުމަށް ބޭނުމެވެ”. (އެހިނދު ޙަދީޘް ކުރެއްވި އެވެ.) “ތިބާއަށް ހަލާކު ހުއްޓެވެ! ތިބާގެ މަންމަ ދުނިޔޭގައި ދިރި އެބަހުންނެވި ހެއްޔެވެ؟” (ޞަޙާބީ ދެންނެވިއެވެ.) އާދޭހެވެ! (އެހިނދު ޙަދީޘް ކުރެއްވިއެވެ.) “އެ މަންމަގެ ފައިތިލައާ ލާޒިމްވާށެވެ. (އެބަހީ: މަންމައަށް ޚިދުމަށް ކުރުމުގައި ޤާއިމްވެ ދެމިހުންނާށެވެ.) ފަހެ، ސުވަރުގެ ވަނީ އެތާނގައެވެ”.

މުރާދަކީ: ސުވަރުގެއިން އެމީހަކަށް ލިބިގެންވާ ނަޞީބު މަންމަގެ ރުހުމެއްނެތި ޙާޞިލް ނުވާނެ ވާހަކައެވެ. މި ޙަދީޘް އިމާމް الأَلبَانِي صحيح ابن ماجه ގައި ޞައްޙަ ކުރައްވާފައި ވެއެވެ. ވީމާ، މަންމަގެ ފައިގައި ޤާއިމްވެ ލާޒިމްވެ ދެމިހުރުން، އޭގެ މާނައަކީ ކޮބައިކަން ޙަދީޘްގައި ވަނީ ބަޔާން ވެފައިއެވެ.

އެއީ މަންމައަށް ހެޔޮކޮށް ހިތުމުގައި، މެދުކެނޑުމެއް ނެތި ދެމިހުރުމެވެ. އެންމެހައި ޙާޖަތްތަކެއް ފުއްދައި ދިނުމުގައެވެ. މަންމަ ހިތުގައި ނުޖެއްސުމާއި، މަންމަ ދެރަވާނެ އެންމެހައި ޢަމަލުތަކުން އެ މަންމަ އެއްކިބާ ކުރުމާއި، ހެޔޮ އެންމެހައި ކަންކަމެއްގައި މަންމައަށްޓަކައި ޤާއިމްވެ ދެމިހުރުމެވެ. ފަހެ، ފައިގައި ލާޒިމްވެ ހުރުމުގެ މާނައަކީ އެއީއެވެ.