ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުން ހުއްދަވާނެ ހެއްޔެވެ؟

namaadhu nukura meehaka kaiveni kurumuge hukum

ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުން ހުއްދަވާނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުމާ މެދު ކޮށްފައިވާ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ބުނަމެވެ. ފަހެ ދެނެގަތުން ހުއްޓެވެ. ފަރުވާ ކުޑަކުރުމާ އެކު ނަމާދުއަޅާ މީހާގެ މައްޗަށް އޮތް ޙުކުމާ މެދު (ޢިލްމު ވެރިން) ދެބަސްވެ، ޚިލާފުވެފައި ވެއެވެ. މި މައްސަލައަކީ، ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން މައްސަލަ އެކެވެ. މި ޚިލާފު މި އުންމަތުގެ ސަލަފުންނަށް ފަހުގައި، އެބޭކަލުންނަށް ތަބާވި ޚަލަފުންގެ ތެރޭގައި ވެސް ވެއެވެ.

މި މައްސަލައާ މެދު ބަޙުޡް ކުރުން އެކި ވަޖުހުތަކުން ވެއެވެ.

ވަޖުޙު- 1: ނަމާދުގެ ވާޖިބުކަން އިންކާރުކޮށް ނަމާދުއަޅާ މީހާ ދެ ޙާލަތުން ކޮންމެވެސް އެއް ޙާލެއްގައި ނުވެ ނުދާނެއެވެ.

ފުރަތަމަ ޙާލަތަކީ އަލަށް އިސްލާމްވެ، ޖާހިލުކަމުގައި ވުމެވެ. ނުވަތަ ޢިލްމާއި، ޢިލްމުގެ އަހުލުވެރިންނާ ދުރުގައި، ރަށްބޭރު ހިސާބެއްގައި އުޅެބޮޑުވުމުގެ ސަބަބުންނެވެ. އޭނާއަށް އޭގެ ވާޖިބުކަން ނަމާދު ކުރުމެއް އަދި ނުކުރުމެއް، މިކަންތައް އޭނާ ގާތު ހަމަހަމައެވެ. މިފަދައިން މީހާއަށް ނަމާދުގެ ވާޖިބުކަން ދަލީލުތަކުން ބަޔާންކޮށް އުނގަންނައި ދިނުން ހުއްޓެވެ. އެއަށްފަހު ނަމާދު ޤާއިމްކުރަން ފެށުމުން އިސްލާމްދީނުގެ އަހުލުވެރިއެއް ކަމުގައި ވާނެއެވެ. އެހެނަސް ނަމާދު އެޅުމުގައި މެދުކެނޑުމެއް ނެތި އެގޮތުގައި ދެމިހުރެއްޖެ ހިނދުގައި މުސްލިމުންގެ الإمام އަށް އޮތީ އޭނާ ތަޥްބާ ވުމަށް ތިންދުވަހުގެ މުއްދަތަށް ގޮވާލުމެވެ. އަދި އޭނާ ހައްޔަރުކޮށް ދަތިކުރުމެވެ. އެއާ އެކުވެސް އޭނާ ނަމާދު ކުރުމަށް އިންކާރު ކުރާނަމަ، މުރުތައްދެއްގެ ގޮތުގައި ޤަތުލު ކޮށްލުމެވެ. މީގެ މާނައީ އޭނާ ހިނެވާ، ކަފުން ކޮށް، ކަށުނަމާދު ކޮށް އަދި މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލައިގެން ނުވާނެކަމެވެ. އަދި އޭނާގެ ވާރުތަ މުދާ އިސްލާމް ކަމުގެ އެއްވެސް އަހުލުވެރިޔަކަށް ނުލިބޭނެއެވެ. އޭނާގެ އަހުލުވެރިންނަށް އޭނާގެ މުދަލެއް ވާރުތައެއް ނުކުރާނެއެވެ. އޭނާގެ އަހުލުވެރިންގެ ގޮތުގައިވާ ނަމާދުކުރާ މީހުންނަކަށް އެމުދާ ވާރުތައެއް ނުކުރާނެއެވެ. އޭނާގެ މުދާ، މުސްލިމް ވެރިޔާގެ ބެލެހެއްޓުމުގައިވާ މުސްލިމުންގެ ބައިތުލް މާލަށް ފައިޔު (ހަނގުރާމަ ކުރުމެއްނެތި ލިބޭ މުދާ) ގޮތުގައި ވަންނާނެއެވެ.

ވަޖުޙު- 2: ޢިލްމު ލިބިގެންވާ ޙާލުގައި، ނަމާދުގެ ވާޖިބު ކަމުގެ މައްޗަށް އިންކާރު ކުރާ މީހާއެވެ. ފަހެ މި މީހާއަށް ވެސް އޮތީ ކުރީގެ މީހާ ފަދައިން ތަޥްބާ ވުމަށް ގޮވާލުމެވެ. ތަޥްބާ ވުމެވެ. ނޫންނަމަ ޤަތުލު ކުރެވޭނެއެވެ. ފަހެ އޭނާ ތަޥްބާވެ ނަމާދު ޤާއިމްކުރަން ފަށައިފި ނަމަ އިސްލާމްދީނުގައި އޭނާގެ ލެއާއި އޭނާގެ މުދާ ހުރުމަތްތެރި ވެގެންވެއެވެ. އެހެންނަމަވެސް އޭނާ ނަމާދު ކުރުމަށް އިންކާރުކޮށް، އެގޮތުގައި ނަމާދު އެޅުމުގައި މެދުނުކެނޑި ދެމިހުރެއްޖެ ނަމަ، މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި އޭނާ ޤަތުލު ކުރެވޭނެއެވެ.

ވަޖުޙު- 3: ނަމާދު ކުރުން ވާޖިބުވާކަން އިޤްރާރުވެ، ފަރުވާކުޑަވެ ނަމާދު ކުރުން ދޫކޮށްލުމެވެ. އުއްމަތުގެ އިމާމުން މިފަދަ މީހާގެ މައްޗަށް ދެ ޤައުލެއްގެ މައްޗަށް ޚިލާފް ވެގެންވެއެވެ. އެއީ:

  • ފުރަތަމަ ޤައުލު: އެފަދަ މީހަކީ ފާސިޤެއް ކަމުގައި ބުނެފައި ވުމެވެ. ފާސިޤެއް ކަމުގައި ބުނެފައިވުމުގެ މާނައަކީ، ނަމާދު އަޅާ މީހާއަކީ ފާސިޤެކޭ ބުނުމެވެ. އެފަދަ މީހާއަށް އޮތީ ތަޥްބާވުމަށް ގޮވާލުމެވެ. ތަޥްބާނުވެ އެގޮތުގައި ދެމިހުރެއްޖެ ހިނދު އޭނާ ޤަތުލުކުރުމެވެ. ފަހެ މިޤައުލުގެ މުރާދަކީ، އެމީހަކު ހިނަވާ، ކަފުންކޮށް، ކަށުނަމާދުކޮށް، މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލާ އޭނާގެ އަހުލުވެރިންގެ ތެރޭގައިވާ ނަމާދު ކުރާމީހުންނަށް އޭނާގެ ވާރުތަމުދާ ވާރުތަ ވުމެވެ. ސަބަބަކީ އޭނާ ޤަތުލް ކުރެވުނީ ޙައްދެއްގައެވެ. މުރުތައްދު ވެގެނެއް ނޫނެވެ. މި މަޛްހަބުގެ ޢިލްމުވެރިންގެ ތެރޭގައި الزُّهْرِيْ، الشَّافِعيْ، ابو خنيفة ވެއެވެ. އަދި أحمد -رحمهم الله الجميع- ގެ ދެ ރިވާޔަތުގެ ތެރެއިން އެއްރިވާޔަތުން މިކަން ބަޔާންވެއެވެ. އެހެނަސް ابو خنيفة ވިދާޅުވެފައި ވަނީ އޭނާއަށް އޮތީ ތަޢުޒީރު ކުރުމެވެ. ޤަތުލު ކުރުމެއް ނޫނެވެ.
  • ދެވަނަ ޤައުލު: އެފަދަ މީހަކީ ކާފަރެއް ކަމުގައި ބުނެފައި ވުމެވެ. މިފަދައިން الإمام أحمد ގެ އެއްރިވާޔަތެއްގައި ވެއެވެ. އަދި ދީނުގެ މުޙައްޤިޤުން އަދި އެނޫން ފަރާތްތައް ވެސް ބަޔާންކޮށްފައި ވަނީ އޭނާއަކީ ކާފަރެއް ކަމަށެވެ. އޭނާއަކީ ކާފަރެއްގެ ގޮތުގައި ވުމުން ތަޥްބާ ވުމަށް ގޮވާލުމެވެ. ތަޥްބާ ނުވެއްޖެނަމަ، މުރުތައްދެއްގެ ގޮތުގައި ޤަތުލު ކުރުމެވެ. މި ޤައުލަކީ (މި ޙުކުމަކީ) الإمام أحمد رحمه الله އިޤްރާރުވެ ވަޑައިގެންފައިވާ ގޮތެވެ. امام احمد ވިދާޅުވެފައިވެއެވެ. وَمَنْ تَرَكَ اَلصَّلَاةَ فَقَدْ كَفَرَ وَلَيْسَ مِنْ اَلْأَعْمَالِ شَيْءٌ تَرْكُهُ كُفْرٌ إِلَّا اَلصَّلَاةُ، مَنْ تَرَكَهَا فَهُوَ كَافِرٌ، وَقَدْ أَحَلَّ اَللَّهُ قَتْلَهُ. މާނައަކީ “ނަމާދު އަޅައިފި މީހަކީ ހަމަކަށަވަރުން ކާފަރެކެވެ. ޢަމަލެއް ދޫކުރުމުން ކާފިރުވާނެ އެއްވެސް ޢަމަލެއް ނަމާދު ނޫނީ ނުވެއެވެ. ނަމާދު އަޅައިފި މީހަކީ ކާފަރެކެވެ. އޭނާ ޤަތުލުކުރުން ހަމަކަށަވަރުން ޙަލާލުވެއްޖެއެވެ”.

މި ބަސްތަކުން ދޭހަވަނީ ނަމާދު އަޅާ މީހާއަކީ ކާފަރެއްގެ ގޮތުގައި ވުމެވެ. އެއީ ފަރުވާކުޑަ ކުރުން ނޫންގޮތަކަށް ނަމާދު އެޅި ކަމުގައިވީ ނަމަވެސްއެވެ. ސަބަބަކީ الإمام أحمد -رحمه الله- ގެ އަރިއަހުން ރިވާވެގެންވާ ދެވަނަ ރިވާޔަތް އަދި އެގޮތުގައި الإمام أحمد -رحمه الله- ގެ އަޞްޙާބުންގެ ތެރޭގައިވާ މުހައްޤިގުން އިޤްރާރު ވެފައިވަނީ ނަމާދު އިންކާރުކޮށް ދޫކޮށްލާ މީހާ އަދި ފަރުވާކުޑަކޮށް ނަމާދު އަޅާ މީހާއަކީ ވެސް ކާފަރެއް ކަމުގައެވެ. މި ޤައުލުގެ އަހުލުވެރިންގެ ދަލީލުތައް ނުހަނު ގިނައެވެ. އެ ދަލީލުތަކުގެ ތެރޭގައި:

ނަބިއްޔާ ﷺ ގެ މި ޙަދީޘްފުޅު ހިމެނެއެވެ. (العَهدُ الذي بَينَنا وبَينَهُم الصلاةُ، فمن تَرَكَها فَقَد كَفَرَ) “އަހަރެމެންނާއި އެބައިމީހުންނާ ދެމެދުގައިވާ ޢަހުދަކީ ނަމާދެވެ. ފަހެ، އެނަމާދު އަޅައިފި މީހާ ކާފަރު ވެއްޖެއެވެ”.

މިފަދަ އެހެން ހަދީޘެއްގައި ވެއެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (أُمِرتُ أن أُقاتِلَ الناسَ حتى يشهدوا أن لا إلهَ إلا اللهُ وأن محمدًا رسولُ اللهِ، ويقيموا الصلاةَ، ويؤتوا الزكاةَ، فإذا فعلوا ذلك عَصَموا مني دماءَهم وأموالَهم إلا بحقِّ الإسلامِ، وحسابُهم على اللهِ) “މީސްތަކުން لا إلهَ إلا اللهُ އަދި محمدًا رسولُ اللهِ (މި ދެކަލިމައަށް) ހެކިދިނުމާއި، ނަމާދު ޤާއިމްކުރުމާއި ޒަކާތްދިނުމަށް ދާންދެން، އެބައިމީހުންނާ ހަނގުރާމަ ކުރެއްވުމަށް ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެވިގެން ވެއެވެ. އަދި އެބައިމީހުން އެކަން ކޮށްފި ނަމަ، އެބައިމީހުންގެ ލެއާއި މުދާ ތިމަން ނަބިއްޔާގެ އަރިއަހުން ރައްކައު ކޮށްފިއެވެ. އިސްލާމްގެ ޙައްޤު ފިޔަވައެވެ. އަދި އެބައިމީހުންގެ ޙިސާބު ވަނީ ﷲ تعالى ގެ މައްޗަށެވެ”.

ފުރަތަމަ ޙަދީޡް، އެއީ بُرَيْدَة رضي الله عنه ގެ ޙަދީޡެވެ. މި ޙަދީޡް އިން ޙާޞިލްވަނީ، ހަމަކަށަވަރުން ނަމާދު އަޅާމީހާގެ މައްޗަށް އޮތީ އާންމު ޙުކުމެކެވެ. އެއީ އިންކާރުކޮށް ނަމާދު އެޅިކަމުގައިވީ ނަމަވެސް ނުވަތަ ފަރުވާ ކުޑަކަމުން ނަމާދު އެޅިކަމުގައިވީ ނަމަވެސް އެވެ.

ދެވަނަ ޙަދީޘް، އެއީ ابن عمر رضي الله عنه ގެ ޙަދީޘެވެ. (މި ޙަދީޡްގައި) ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވަނީ އެމީހެއްގެ ލެޔާއި މުދާ ހިމާޔަތް ކުރެވިގެންވާ ސަބަބެއް ކަމުގައި ވަނީ މި ތިންކަމުގެ މައްޗަށެވެ. އެއީ: ޝަހާދަތުގެ ދެކަލިމަ އާއި، ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމެވެ.

މި މާނައަށް ބާރުވެރިކަން ގެނެސްދޭ ދަލީލުތަކުގެ ތެރޭގައި ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ : “ފަހެ އެބައިމީހުން ތަޥްބާވެ، ނަމާދު ޤާއިމްކޮށް ޒަކާތްދީ އުޅެފިނަމަ އެބައިމީހުން މިނިވަން ކަމާއެކު ދޫކޮށްލާށެވެ”.

އަޚާއެވެ! މި އާޔަތުން ވެސް ބަޔާންވެގެންވަނީ ތަޥްބާނުވެ، ނަމާދު ނުކުރާނަމަ އެމީހުން މިނިވަނުންގެ ގޮތުގައި އުޅެން ދޫކޮށްލައިގެން ނުވާނެ ކަމެވެ. ފަހެ، އެފަދަ މީހަކު އަތްބެއްގެ ގޮތުގައި ނުވަތަ ފިރިއެއްގެ ގޮތުގައި ގެންގުޅެވޭނެތޯ އަމިއްލަ ނަފްސަށް ސުވާލުކޮށްލުން ހުއްޓެވެ.

އަދި އެހެން އާޔަތެއްގައި ވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ “ފަހެ، އެބައިމީހުން ތަޥްބާވެ ނަމާދު ޤާއިމްކޮށް ޒަކާތް ދީފިނަމަ، ފަހެ އެބައިމީހުންނަކީ ދީނުގައި ތިޔަބައި މީހުންގެ އަޚުންނެވެ”.

މާނައީ؛ އެމީހުން ނަމާދު ނުކުރާހިނދެއްގައި ތިޔަބައިމީހުންގެ އަޚުންގެ ގޮތުގައި އެމީސްތަކުން ނުވާނެ ކަމެވެ. އެއީ ދީނުގައިވާ އަޚުންނެއް ނޫނެވެ.

މި އާޔަތްތަކުން ބަޔާންވެގެންވާ ދަލީލަކީ، އެއްއާޔަތެއްގައި ދީނުގެ އަޚުން ކަމުގައި ނިސްބަތް ކުރައްވާފައި ވުމެވެ. އަދި އަނެއް އާޔަތުގައި ތަޥްބާވުމުން މިނިވަން ކަމާއެކު ދޫކޮށްލުން ނިސްބަތް ކުރައްވާފައި ވުމެވެ. ޔަޢުނީ؛ ކުފުރުން ސަލާމަތްވެ އިސްލާމް ދީން އެބައިމީހުންގެ ފަރާތުން ޤަބޫލުވުމެވެ. އެގޮތުން ދީނުގެ ތެރެއަށް ވައްދައިދޭ ކަންތައްތަކުގެ ގޮތުގައި ވަނީ ޝަހާދަތާއި ނަމާދު ޤާއިމް ކުރުމާއި ޒަކާތް ދިނުމެވެ.

ޙަދީޘް ގައިވެއެވެ. (بُنِيَ الإسلامُ على خمسٍ : شَهادةِ أن لا إلهَ إلا اللهُ وأنَّ محمدًا رسولُ اللهِ، وإقامِ الصلاةِ، وإيتاءِ الزكاةِ، والحجِّ، وصومِ رمضانَ) “އިސްލާމްދީން ބިނާ ވެގެންވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ ފަރާތެއް ނުވާކަމަށް ހެކިވުމާއި، ހަމަކަށަވަރުން މުޙައްމަދު ﷺ އަކީ ﷲ ގެ އަޅާ އަދި ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ﷲ ގެ ގެކޮޅަށް ޙައްޖު ކުރުމާއި ރަމަޟާން މަހު ރޯދަ ހިފުމެވެ”.

ނަމާދަކީ ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ޢަމަލެވެ. އެމީހެއްގެ ނަމާދާއި މެދު އެންމެ ފުރަތަމަ ސުވާލު ކުރެވޭހިނދު، އެ ސުވާލަށް ޖަވާބު ނުދެވިއްޖެ މީހާގެ އެހެނިހެން އެންމެހައި ޢަމަލުތައް ފަސާދަވެދާނެކަމުގެ މައްޗަށް ނަބިއްޔާ ޙަދީޘް ކުރައްވާފައި ވެއެވެ. ޤިޔާމަތް ދުވަހު ނަމާދުގެ ސުވާލަށް ޖަވާބު ދެވިއްޖެމީހާގެ އެހެނިހެން ސުވާލުތައް ފަސޭހަ ވާނެއެވެ.

މިފަދަ އެހެން ހަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (إِنِّي نُهِيت عنْ قَتْل المُصلِّين) “ނަމާދުކުރާ މީހުން ޤަތުލުކުރުން ތިމަން ނަބިއްޔާއަށް ނަޙީ ކުރެވިގެން ވެއެވެ”. ފަހެ، މި ޙަދީޘްއިން ދަލީލު ކުރެވެނީ، ނަމާދު ނުކުރާމީހުންގެ މައްޗަށް އޮތް ޙުކުމަކީ އެމީހުން ޤަތުލުކުރުމެވެ.

އެހެނަސް ދަންނައެވެ! ޤަތުލުކުރުން މިއީ މުސްލިމް ވެރިންނަށް އޮތް ޙައްޤެކެވެ. އެއީ ޢާންމު ރައްޔަތުން ނުކުމެ ޙުކުމް ތަންފީޛު ކުރުމެއް ނޫނެވެ. ފަހެ، ސުންނަތް ޖަމާޢަތުގެ އަހުލުވެރިންގެ ޢަޤީދާއަކީ މިފަދަ ޙުކުމްތަށް ވެރިންނާ ހަވާލުކޮށް ވެރިން ޤާއިމްކުރާ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމެވެ.

ޖުމްހޫރު ޢިލްމުވެރިން، މިފަދަ ޢިލްމުވެރިންގެ ތެރޭގައި مَالك، أحمد އަދި الشافعي رحمهم الله ދެކެވަޑައިގަންނަވަނީ އަދި ސަލަފުއް ޞާލިޙުންގެ ޖުމްހޫރުން ވިދާޅުވަނީ، ހަމަކަށަވަރުން ނަމާދު އަޅައިފި މީހާ، ނަމާދު ވާޖިބުކަމުގައި ދެކޮޅު ނެހެދިކަމުގައިވީ ނަމަވެސް، ނަމާދު ވާޖިބުވެގެންވާ ކަމުގެ މައްޗަށް ދެކޮޅު ނެހެދިކަމުގައި ވީނަމަވެސް އޭނާއަށް އޮތީ ތަޥްބާވުމެވެ. ތަޥްބާ ނުވެއްޖެހިނދު އޮތީ ޤަތުލުކުރުމެވެ. އެއްގޮތަކީ، އޭނާ ޤަތުލުކުރުންއޮތީ ކުފުރުވުމުންނެވެ. ނުވަތަ ޤަތުލުކުރުން އޮތީ ޙައްދެއްގެ ގޮތުގައިއެވެ.

މިކަމުގައި ޞައްޙަ ގޮތަކީ، އޭނާ ޤަތުލުކުރަނީ ކާފަރެއްގެ (ކުފުރު) ގޮތުގައިއެވެ. أبُو حَنِيفة އަދި ޖަމާޢަތެއްގެ ޢިލްމުވެރިން رحمهم الله ނަޤުލުކުރައްވާފައިވެއެވެ. ނަމާދު އަޅާ މީހާގެ މައްޗަށް އޮތް (ޙުކުމަކީ) އޭނާ ހައްޔަރު ކުރުމެވެ. (ޖަލަށް ލުމެވެ.) އަދި އެކަމުގެ މައްޗަށް އޭނާއަށް ޢުޤޫބާތް ދިނުމެވެ. ހަށިގަނޑަށް އަނިޔާ ދިނުމާއި އަދި އެނޫންވެސް އެކިބާވަތްތަކުގެ އަޛާބު އޭނާއަށް ދިނުމެވެ. އެއީ އޭނާ ނަމާދުކުރުމަށް ދާންދެނެވެ. ނުވަތަ މަރުވެގެން ދާންދެނެވެ.

އަދި ތިންވަނަ ދަލީލަކީ، ޞަޙާބީން މިގޮތުގައި އިޖްމާޢު ވެވަޑައިގެންފައި ވުމެވެ. އަޚާ އެވެ! މިއީ މާތް ނަބިއްޔާ އަޞްޙާބު ބޭކަލުންނަށް ދީން އުނގަންނަވައި ދެއްވިގޮތެވެ. ފަހެ، އެ ގޮތުގައި އެބޭކަލުން އަހަރެމެންނަށް މިވަނީ ދީން އުނގަންނައި ދެއްވާ ދަސްކޮށް ދެއްވާފައިއެވެ. ވިސްނާލުން ހުއްޓެވެ. އެ ޞަހާބީން މިފަދައިން ޤަބޫލު ކުރާހިނދު އަހަރެމެންނަށް މިނޫން ގޮތްގޮތަށް ޢަމަލު ކުރުން ހުއްދަވާނެ ހެއްޔެވެ؟

އެގޮތުގައި، عبدالله بن شقيق -رحمه الله- އަރިއަހުން ރިވާޔަތެއް ނަޤުލުވެގެން ވެއެވެ. ވިދާޅުވިއެވެ. (كانَ أصحابُ محمَّدٍ صلَّى اللَّهُ عليهِ وسلَّمَ لا يَرونَ شيئًا منَ الأعمالِ تركُهُ كُفرٌ غيرَ الصَّلاةِ) “ނަބިއްޔާ ﷺ ގެ އަޞްޙާބުން، ނަމާދު މެނުވީ އެއްވެސް ޢަމަލެއް ދޫކުރުމުން ކާފަރުވާނެ ކަމުގައި ދެކެވަޑައި ނުގަންނަވައެވެ.”މި އިޖްމާޢު ނަބިއްޔާ ﷺ ގެ ޞަޙާބީންގެ ފަރާތްޕުޅުން ނަޤުލު ކުރައްވާފައި މިވަނީ ތާބިޢީންގެ ތެރޭގައިވި ޡިޤާ އެކެވެ. ތާބިޢީ ވިދާޅުވެފައިވަނީ، ތާބިޢީއާ ބައްދަލުވި محمّد صلى الله عليه وسلم ގެ ޞަޙާބީން އެފަދައިން ވިދާޅުވާކަމުގައެވެ.

އަޚާއެވެ! ބުއްދިން ވިސްނާލުން ހުއްޓެވެ. އިސްލާމް ދީން ނެގެހެއްޓިފައިވާ އެއްޗަކީ ކޮބައިކަން ބަޔާންކުރައްވާ ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ، ނަމާދަކީ އެދީނުގެ ތަނބުކަމުގައެވެ. ތަނބެވެ. ފަހެ އެއްވެސް އެއްޗެއް އުފުލުމަށް ޤާއިމްވެފައިވާ ތަނބު ނެތިވެއްޖެހިނދު އެ އެއްޗެއް، ޢިމާރާތް ހުންނާނެ ގޮތާއި މެދު ވިސްނާލުން ހުއްޓެވެ. ތަނބު ނެތިވެއްޖެހިނދު އެ އެއްޗެއް އޮންނާނެގޮތާއި އަދި އެ އިމާރާތް ނުވަތަ ބިނާއަކީ ވެއްޓިފައިވާ އެއްޗެއްގެ ގޮތުގައިވާނެއެވެ. މާނައަކީ، އެމީހެއްގެ އިސްލާމް ދީނެއް ނޯންނާނެ ކަމެވެ.

ނަމާދަކީ، މުސްލިމުންނާއި ކާފަރުންނާ ދެމެދު ފަރަޤު ކުރެވިގެންވާ ޢަލާމާތެވެ. ނަމާދު ނުކުރާ މީހެއްގެ ދީނެއް ނޯންނާނެއެވެ. ނަމާދަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ގޮތުގައި އެ ނަމާދަށް ޙާޟިރުނުވާ ފިރިހެނުންނަށް ޢުޤޫބާތެއްގެ ގޮތުގައި އެބައިމީހުންނާއި އެބައިމީހުންގެ ގެދޮރުތައް އަންދާލުމަށް ބޭނުންފުޅުވި ކަމެކެވެ.

އިސްލާމް ދީނުގައި ނަމާދު އަޅާ މީހާއަކީ ޒިނޭ ކުރާ މީހާއަށްވުރެ، ވައްކަން ކުރާ މީހާއަށްވުރެ އަދި ބަނގުރާ ބޯ މީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ.

އަޚާއެވެ! މިއީ ނަމާދުގެ މަޤާމެވެ. މަތިވެރި ކަމެވެ. އެ ދޫކޮށްލައިފި މީހާގެ ނުބައިކަމެވެ. ފަހެ، މިފަދައިން ނަމާދު މަޢުރިފާވެއްޖެ މީހާ ނަމާދު ދޫކޮށްލާނެ ހެއްޔެވެ؟ ނަމާދަށް އިހުމާލުވާނެ ހެއްޔެވެ؟

އެއީ އޭނާގެ ޙަޔާތުގައި މަތިވެރިކަމެއް، ޤަދަރެއް ނުދެވި، ހުސްވަޤުތެއް ވެއްޖެއްޔާ، ވަޤުތެއް ބާކީ އޮތިއްޔާ ކުރާފަދަ އެއްޗެއް ކަމުގައި ހަދާނެ ހެއެޔެވެ؟

ދެންއޮތީ ނަމާދުގެ މަތިވެރިކަމާއި މަޤާމް އެނގި ބަޔާންވުމުން، ނަމާދު ނުކުރާ މީހަކާ ކައިވެނި ކުރުމުގެ ޙުކުމެވެ.

މި ކަމަށް އިސްވެ ބަޔާންވި ޖުމްލަތަކުގެ ތެރެއިން ޖުމްލައެއް ހަނދާންކޮށްލަދެމެވެ. އެއީ شَيخ الإسلام ابن تَيمية -رحمه الله- ވިދާޅުވެފައިވާ ބަސްފުޅެކެވެ. ނަމާދު އަޅާމީހާގެ ނުބައިކަން ބަޔާންކުރައްވާ ވިދާޅުވިއެވެ. “އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި ނަމާދު އަޅާ މީހާއަކީ ވައްކަން ކުރާމީހާއަށްވުރެ، ޒިނޭ ކުރާމީހާއަށްވުރެ ނުބައިކަން ބޮޑުވެގެންވާ މީހެކެވެ“.

އަޚާއެވެ! ޒިނޭ ކުރާކަން އެންމެން ދަންނަ، މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟ ވައްކަން ކުރާކަން އެންމެން ދަންނަ މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟ ބަނގުރާބޯކަން އެންމެ ދަންނަ މީހަކާ ކައިވެނި ކުރާނަން ހެއްޔެވެ؟ ޖަވާބަކީ ނުކުރާނެއެވެ. ކައިވެނިކުރަން އުޅެފިނަމަ، މައިންބަފައިން، އަވަށްޓެރިން، ގާތް، ދަންނަ މީހުން، ތިމާގެ މީހުން …. މިއެންމެން ނުކުންނާނެއެވެ. ދުނިޔޭގެ ލަދަށްވިޔަސް ތިމާ އެކަން ނުކުރާނެއެވެ. ވީއިރު، ވިސްނާލުން ހުއްޓެވެ. މި އެންމެހައި ފާފަތަކާއި ނުބައްދަލު، މި އެންމެހައި ފާފަތަކާއި ގާތްވެސް، ކައިރިވެސް ނުކުރާ ނުބައިކަންބޮޑުވެގެންވާ ފާފައެއް ކަމުގައިވާ ނަމާދު އެޅުމުގައިވާ މީހަކާ ކައިވެނި ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީއިން ބަޔާން ކޮށްފައިވާ ފަތުވާއެއްގައިވެއެވެ.

ސުވާލު: އަހަރެމެންގެ މައްޗަށް ﷲ ވަނީ ޒިނޭ ޙަރާމް ކުރައްވާފައިއެވެ. އަދި ނަމާދު އެޅުންވަނީ ޙަރާމް ކުރައްވާފައިއެވެ. ފަހެ، މި ދެ ފާފައިގެ ތެރެއިން ނުބައިކަން ބޮޑުވެގެންވަނީ ކޮން ފާފައެއް ތޯއެވެ؟

ޖަވާބު: “ޒިނޭ ކުރުމުގެ ފާފައަށްވުރެ ނަމާދު ދޫކޮށްލުމުގެ ފާފަ ބޮޑުވެގެންވެއެވެ. ސަބަބަކީ ނަމާދު އެޅުމަކީ އިސްލާމް ދީނުން ބޭރުވާނެ ބޮޑު ކުފުރެކެވެ. އެހެނަސް ޒިނޭ އަކީ ބޮޑުފާފައިގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެ ފާފަ ޙަލާލު ނުކުރާހިނދެއްގައި އެ ފާފައިގެ އަހުލުވެރިޔާ ކާފަރެއް ނުވާނެއެވެ. އެހެނަސް އެ ކަންތައް ޙާކިމާ ހަމައަށް އުފުލިއްޖެހިނދު އޭނާގެ މައްޗަށް ޝަރުޢީ ޙައްދު ތަންފީޛު ކުރުން ވާޖިބުވާނެއެވެ. وبالله التوفيق، و صلى الله على نبينا محمد وآله وصحبه وسلم.”

އަޚާއެވެ! ބުނަމެވެ. ނަމާދު ނުކުރާ މީހަކާއި ކައިވެނި ކުރުން ޙަރާމްވާނެއެވެ. ކައިވެނި ޞައްޙަ ވެސް ނުވާނެއެވެ. ސަބަބަކީ ޢިލްމުވެރިންގެ ބަސްފުޅުތަކުން ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޞައްޙަ ޤައުލަކީ ނަމާދު އަޅާފައިވާ މީހާއަކީ ކާފަރެއް ކަމެވެ. މިއީ މުސްލިމް އަންހެނަކު އަދި ފިރިހެނަކު ކުރާނެ ކަމެއް ނޫނެވެ.