ނަމާދުގެ ޖަމާޢަތަށް މިސްކިތަށް ޙާޟިރުވެފައިވާ ފަރާތްތައް ނަމާދަށް ކޮޅަށް ތެދުވާނީ ޤަމަތް ދިނުމުން ހެއްޔެވެ؟ އަދި ޤަމަތުގެ ކިހާ ހިސާބަކުން ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
މި ސުވާލުގެ ޖަވާބު ތަފްސީލުކޮށް ނުކުތާތަކެއްގެ މައްޗަށް އަލިއަޅުވައިލާނަމެވެ. ދަންނަހުއްޓެވެ! މި މައްސަލައިގައި ފިޤުހުގެ އަހުލުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.
ފުރަތަމަ ޤައުލަކީ: މިސްކިތުގައިވާ މީހުން ނަމާދަށް ތެދުވާނީ މުޥައްޒިން حي على الفلاح ކިޔާ ހިނދުގައިއެވެ. މި ޤައުލަކީ އިމާމް أبو حنيفة ވިދާޅުވެފައިވާ ޤައުލެވެ.
ދެވަނަ ޤައުލަކީ: ޤަމަތްދޭން ފެށުމާ އެކު ތެދުވުމެވެ.
ތިންވަނަ ޤައުލަކީ: އޭނާއަށް އެކަމުގައި ތަނަވަސް ވެގެންވުމެވެ. ފަސޭހަ ވަޤުތުގައި އޭނާ ކޮޅަށް ތެދުވުމެވެ. (ޔަޢުނީ: ވަކި ވަޤުތެއް ޚާއްޞަކޮށް ތެދުވުމަށް ކަނޑައެޅިފައި ނުވުމެވެ.) ޤަމަތްދޭން ފަށާހިނދު، މެދުތެރެއިން އަދި ޤަމަތްދޭ ނިމޭފަހުން ކަމުގައި ވީނަމަވެސް މެއެވެ. މިއީ އިމާމް مالك ގެ މަޛްހަބުގައި މަޝްހޫރުވެފައިވާ ޤައުލެވެ.
ހަތަރުވަނައީ: ޤަމަތްދީ ނިމުމާއެކު ތެދުވުމެވެ. މި ޤައުލަކީ އިމާމް الشافعي ގެ ކިބައިން ނަޤުލު ކުރެވިފައިވާ ޤައުލެވެ. އެއަށްފަހުގައި އޮތީ މި ޤައުލުތަކުން ޞައްޙަ ގޮތަކީ ކޮބައިކަމާއި އަދި އެ ޤައުލެއްގެ މައްޗަށް ދަލީލު ބިނާވެގެންވާ ބަސްފުޅަކީ ކޮބައިކަން ދެނެގަތުމެވެ.
ދެނެގަތުން ހުއްޓެވެ! މި ޤައުލުތަކުން ޞައްޙަ ޤައުލަކީ އިމާމް أحمد بن حنبل ނުވަތަ حَنَابِلة ގެ ޤައުލެވެ. އެއީ މުއައްޒިން (ޤަމަތްދޭ މީހާ) قد قَامت الصلاة ކިޔާހިނދުގައި ތެދުވުމެވެ. މިއީ މިމައްސަލައިގައި މުސްޠަޙައްބުވެގެންވާ އަދި ސުންނަތްވެގެންވާ ގޮތެވެ. މިއީ ޞައްޙަ ގޮތް ކަމުގައި ބުނެވޭ ދަލީލުތަކުގެ ތެރޭގައި ޞަޙާބީންގެ އަރިހުން ނަޤުލު ކުރެވިފައިވާ، ޙުއްޖަތްތައް ބަޔާންވެފައިވެއެވެ.
ޞަޙާބީ أَنَس -رضي الله عنه- ގެ އަރިހުން ޘާބިތު ވެގެންވެއެވެ. “(މުއައްޒިން) قد قَامت الصلاة ކިޔާހިނދު ނަމާދަށް ތެދުވެ ވަޑައިގަންނަވައެވެ”. މިފަދައިންވާ ރިވާޔަތް الإمام المُنذر ޙަސަން ސަނަދެއްގައި الأوسط ގައި ރިވާކުރައްވާފައިވެއެވެ. އަދި ޞަޙާބީ حَسن بن عَلي -رضي الله عنه- ގެ އަރިހުން الإمام عبد الرزاق ރިވާކޮށްފައިވެއެވެ.
މި މަޢުޟުގައި އިތުރަށް ބުނަމެވެ. އެންމެހައި މަޛްހަބުތަކެއްގެ އިމާމުން މެދުގައި ޚިލާފެއްނުވާގޮތުގައި الحنفية، مالكية، الشافعية އަދި الحنابلة ، މި މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތަކީ، ނަމާދަށް މިސްކިތަށް ޙާޟިރުވެފައިވާ މީސްތަކުންނަށް، އިމާމް ޙާޟިރުވެއްޖެކަން އެނގުނު ކަމުގައި ވީނަމަވެސް (އިމާމް ޙާޟިރު ވެފައިވާތަން ފެނުނުނަސް) ނަމާދަށް ތެދުވެގެން ނުވާނެއެވެ. ސަބަބަކީ އަދި ނަމާދަށް ނުގޮވޭތީއެވެ. ފަހެ، އެހެންވުމުން އިމާމް ފެނުނު ކަމުގައި ވިޔަސް ނަމާދަށް ނުގޮވޭހާ ހިނދެއްގައި މައުމޫމުން ތެދުވުމެއް ނުވެއެވެ.
ހަމައެހެންމެ، ޤަމަތްދެވުނު ކަމުގައި ވީނަމަވެސް އިމާމް ނަމާދަށް ނުނުކުންނަ ހިނދެއްގައި މައުމޫމުން ނަމާދަށް ތެދުވުމެއް ނުވެއެވެ. ސަބަބަކީ ޞަރީޙަ ޙަދީޘް މިމައުޟޫގައި ވާރިދުވެގެންވުމެވެ. ޞަޙީޙު مُسلم ގައި ޞަޙާބީ أبو قتادة الحارث بن ربعي އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. إذا أُقِيمَتِ الصَّلاةُ فلا تَقُومُوا حتَّى تَرَوْنِي “ނަމާދަށް ގަމަތް ދެވުނު ކަމުގައި ވީނަމަވެސް ތިޔަބައިމީހުންނަށް ތިމަން ނަބިއްޔާ ފެނުމަށް ދާންދެން ތިޔަބައިމީހުން ނުތެދުވުން ހުއްޓެވެ”. އަދިވެސް ރިވާޔަތުގައި ވެއެވެ. حتَّى تَرَوْنِي قدْ خَرَجْتُ “ތިމަން ނަބިއްޔާ ނަމާދަށް ނުކުމެ ވަޑައިގަންނަވައިފިކަން ތިޔަބައިމީހުންނަށް ފެނިއްޖެއުމަށް ދާންދެން (ތިޔަބައިމީހުން ނަމާދަށް ތެދުނުވުން ހުއްޓެވެ)”.
އަދި މިފަދައިން ޞަޙާބީ عَلي رضي الله عنه އަރިހުން އަޘަރެއް ވާރިދު ވެގެންވެއެވެ. ޞަޙާބީ އަކީ އިމާމްވެ ނަމާދު ކުރައްވާ ފަރާތެވެ. މިސްކިތުގައި ނަމާދަށް ޤަމަތް ދެވިއްޖެއެވެ. މިސްތަކުން އެހިނދު ކޮޅަށް ތެދުވެ ތިއްބެވިއެވެ. ފަހެ ޞަޙާބީ މިސްކިތައް ވަދެވަޑައިގަންވަނާ ވިދާޅުވިއެވެ. جاءَنا علِيٌّ رضِي اللهُ عنه وقد أُقيمَتِ الصَّلاةُ ونحن قيامٌ ننتظرُه، فقال: ما لي أراكُم سامِدِينَ؟
“އަހަރެމެންގެ ތެރެއަށް علِيٌّ ވެދެވަޑައި ގެންނެވިއެވެ. ފަހެ އެހިނދު ޤަމަތްވަނީ ދެވިފައިއެވެ. މީސްތަކުން ކޮޅަށްތެދުވެ علِيٌّ އަށް އިންތިޒާރު ކުރުމުގައި ދެމިތިއްބެވިއެވެ. ފަހެ، އެހިނދު ވިދާޅުވިއެވެ. ތިޔަބައިމީހުން ތެދުވެ ކޮޅަށް ތިބޭތަން އަހަރެންނަށް މިފެންނަނީ ކީއްވެ ތޯއެވެ؟ މާނައީ؛ އިމާމް ނުފެންނަނީސް ތިޔަބައިމީހުން ތެދުވެގެން ނުވާނެ ކަމެވެ.
އަހަރެމެންގެ ރާއްޖޭގައި އިމާމް އަދި މުއައްޒިނެއް ލެވިފައި ނެތުމުން، އިމާމް އަކީ މުވައްޒިނެވެ. އެހެންވުމުން އިމާމް އަކީ ޤަމަތްދޭ ފަރާތްވެސްމެއެވެ. އެހިނދު މިސްކިތުގައިވާ މައުމޫމިން ތެދުވުމަށް ސުންނަތްވެގެންވާ ޙާލަތަކީ، މަޤާމަކީ އިމާމް قد قَامت الصلاة ކިޔާހިނދުގައެވެ. އިމާމް މިސްކިތުގައި ފެންނަން ހުއްޓަސް ތެދުވުމެއް ނުވެއެވެ.
އެންމެހައި އަޚުންނޭވެ! މި މައްސަލަ ނިންމާލުމުގެ ކުރިން ޢާންމު ވަޞިއްޔަތެއްގެ ގޮތުން ބުނަމެވެ. މިފަދަ ސުންނަތްތައް ދިރުވުން ހުއްޓެވެ. ނަސްފުގައި ﷲ ގެ ރަސޫލާއަށް އޮތް ލޯތްބަކީ މަތިވެރި ލޯތްބެއް ކަމުގައި ހަދާށެވެ. އެއީ ޙަޤީޤަތުގައި ވެސް ހިތުގެ އަޑިން އިޚްލާޞްތެރި ލޯތްބެއްގެ ގޮތުގައި ހަދާށެވެ. މުނާފިޤު ދޫތަކުން، ޖަމާޢަތްތަކާއި، ޙިޒްބިއްޔާތްތަކުގެ އަހުލުވެރިން ދަޢުވާކުރާފަދަ ލޯތްބެއް ކަމުގައި ނުހަދާށެވެ.
الإمام العَلاَّمَة رَبيع بن هَادي حفظه الله ވިދާޅުވެފައިވެއެވެ. ”އަހަރުމެން ބޭނުންވަނީ ހެޔޮވިސްނޭ، ތޫނުފިލި ޒުވާނުންނެވެ. އެ ޒުވާނުންގެ ނަފްސުގައި އެންމެހައި ލޯތްބެއް ވަނީ ﷲ އަށާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم އަދި މުއުމިނުންނަށެވެ. އެ މުއުމިނުންގެ ތެރޭގައިވާ އެންމެ މަތީ ފަރާތަކީ ނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނެވެ. މި ލޯބިވުމުގައި އެބައެއްގެ ފަރާތުން އަހަރެމެންނަށް މައްސަލަ އުޅޭކަން ފެނިއްޖެހިނދު އެބައިމީހުންގެ ޢަޤީދާ ފުރިހަމަ ނުވެއެވެ. ޢަޤީދާގައި އުނިކަމެއްވެއެވެ. މި އުނިކަމަކީ ބޮޑުވެގެންވާ ނުރައްކަލެކެވެ. ބޮޑުވެގެންވާ މަގުގެއްލި ދިއުމެކެވެ“.