އިންސާނުން ނުވަތަ ޖަނަވާރުންގެ ސޫރަ ހުންނަ “އިމޯޖީ” އިސްޓިކަރ ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

emoji beynunkurumuge hukum

އިންސާނުން ނުވަތަ ޖަނަވާރުންގެ ސޫރަ ހުންނަ “އިމޯޖީ” އިސްޓިކަރ ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

އިމޯޖީ ބޭނުން ކުރުމާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. އެއްގޮތަކީ ތިފަދައިން އިޙްސާސުތައް ރަމްޒުކޮށްދޭން ހުންނަ އިމޯޖީގައި ބޭނުން ކުރެވިފައިވާ މޫނަކީ، ދިރުންހުރި ޙަޤީޤީ މޫނަކާއި އެއްގޮތް ވެގެންވާ މޫނެއް ކަމުގައި ވުމެވެ. އެޙާލުގައި އެފަދަ އިސްޓިކާތައް ބޭނުން ކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ ދިރުން ހުންނަ މަޚްލޫޤުންގެ ޞޫރަ 2 ގޮތަކުން ޙަރާމް ވެގެންވެއެވެ.

  • އެއްގޮތަކީ އެއަށް ރޫޙު އެޅުން އެކަށީގެންވާ ގޮތުގައިވާ މުޅި ހަށިގަނޑުގެ ޞޫރައެވެ.
  • ދެވަނަ ގޮތަކީ، ހަމައެކަނި މޫނާއި ބޮލެވެ. އެއީ މޫނާއި ބޯ އެކަނިވާއިރު، އެ ޞިފައަކީ، ރޫޙު އެއަށް އެޅިގެންވުން އެކަށީގެންވާ ސިފައެއް ކަމުގައި ނުވީނަމަވެސް ޙަދީޘްގައި ޞޫރައަކީ ބޯ ކަމުގައި ވާރިދުވެގެން އައިސްފައި ވާތީއެވެ.

ޙަދީޘްގައިވެއެވެ. (الصورة الرأس فإذا قطع الرأس فلا صورة) الصحيحه 1921 ”ޞޫރައަކީ އޭގެ ބޮލެވެ. (އޭގައި ބޯ ހުރުމެވެ.) ފަހެ، އޭގެ ބޯ ކަނޑައިފި ހިނދު، އޭގައި ޞޫރައެއް ނުވެއެވެ“.

ވީމާ، އެ އެއްޗެއްގެ ބޯ ހުރުން އެއީ ޞޫރަކަމުގައި ޙަދީޘްގައި ބަޔާންވުމުން، ޞޫރަކުރުން މަނާ ކުރެވިގެންވާ އަދި ނަހީ ކުރެވިގެންވާ ޙުކުމްގެ ތެރެއަށް ވަންނާނެއެވެ.

ابن عباس ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަޑު އެހީމެވެ. (كلُّ مصوِّر في النار، يجعل له بكلّ صورةٍ صوّرها نفس يعذّب بها في جهنم) “ޞޫރަކުރާ ކޮންމެ މީހަކު ވަނީ ނަރަކައިގައެވެ. އޭނާ ސޫރަކުރި ކޮންމެ ޞޫރައަކަށް (ޤިޔާމަތް ދުވަހު) ރޫހެއް ލެވި، އެއިން އޭނާއަށް ނަރަކައިގައި ޢަޛާބު ދެވޭ ހުށްޓެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. (من صور صورة في الدنيا كُلِّف أن ينفخ فيه الروح وليس بنافخ) “ދުނިޔޭގައި ޞޫރައެއް ހަދައިފި މީހަކު، ޤިޔާމަތް ދުވަހު އެއަށް ރޫހެއް ފުމެ އެޅުއްވުމަށް ޖެއްސެވޭނެތެވެ. އޭނާ އަކީ އެކަން ކުރެވޭނެ މީހެއް ނޫނެވެ”.

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. (أشد الناس عذابا يوم القيامة المصوّرون) “ޤިޔާމަތް ދުވަހުގައި އެންމެ ގަދަފަދަ ޢަޛާބުގައިވާ މީސްތަކުންނަކީ ޞޫރަ ކުރުމުގައިވާ މީހުންނެވެ”.

މިފަދަ ގިނަ ޙަދީޘްތަކެއް މި މައުޟޫގައި ވެއެވެ. ފަހެ، މި އެންމެހައި ޙަދީޘްތަކުގައި ބަޔާންވެގެންވަނީ ޞޫރަ ކުރުން މަނާ ވެގެންވުމާއި، އަދި އެ ފާފައިގެ ބޮޑު ކަމެވެ. ފަހެ، ދިރޭ އެއްޗެއްގެ ބޮލަކީ އެއީ ޞޫރަ ކަމުގައިވުމުން، އެފަދަ އެއްޗެއް ބޭނުން ކުރުން ނަހީވެގެންވާކަން އެހިނދު ބަޔާންވެއެވެ. އެއަށްފަހު ބުނަމެވެ.

މިހާރު ގިނައިން މި ފެންނަ އިމޯޖީތަކަކީ، އަދި އެ އިމޯޖީތަކުގައިވާ މޫނުތަކަކީ، އެއްވެސް ދިރުންހުރި އެއްޗެއްގެ ޙަޤީޤީ މޫނުކަމުގައި ނުވާ، ޙަޤިޤީ ދިރިހުންހުރި އެއްޗެއްގެ މޫނުކަމުގައި ނުވުން ގާތެވެ. އަދި އެ މޫނުތަކަކީ، ވަކި އިޙްސާސުތަކެއް ރަމްޒުކޮށްދޭ ޚިޔާލީ މޫނެކެވެ. ވުމާއެކު، އެފަދަ މޫނުތައް ބޭނުން ކުރުމަކީ، ސީދާ ޙަރާމް ކަމެކޭ ބުނަން ޖެހިލުންވަމެވެ.

އަދި ކިޔެއް ހެއްޔެވެ! ބައެއް ޢިލްމުވެރިން ފުރަތަމަ މޭރުމުން އެ ޙަރާމްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ. ވުމާއެކު، އެކުއެކީގައި އެތަކެތި ދޫކޮށްލުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ އެކަމުގައި އެންމެ ސަލާމަތްތެރިކަން އެކުލެވިގެންވާ ގޮތެވެ. ދީނަށާއި ތިމާގެ ނަފްސަށް އެންމެ ރައްކާތެރިކަމުގައިވާ ގޮތެވެ.

އެއްވެސް ޝައްކެތް ނުވާގޮތުގައި އެފަދަ ތަކެތި ބޭނުން ކުރުމަކީ، މުރޫއަތުގެ އަހުލުވެރިންނާ އެކަށީގެންވާ ކަމެއް ނޫނެވެ. ޢިލްމަށް ނިޞްބަތްވާ، ޢިލްމީ އަހުލުވެރިންނާއި އަދި ދީންވެރި ކަމާއި، ދީނުގައި ޤާއިމްވެ އެފަދައިން ޝަރީޢަތަށް ލޯބިކޮށް އެފަދައިން ޤާއިމްވެގެންވާ ފަރާތްތަކަށް އެކަށީގެންވާ ޢަމަލެއް ނޫނެވެ. والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.