ތާސްބައި ބޭނުން ކޮށްގެން ކުޅޭ ‘ޑިގު’ އަދި އެހެނިހެން ކުޅިވަރުތައް ކުޅުމުގެ ޙުކުމަކީ ކޮބައިތޯ؟ އަދި މިކަން މުބާރާތެއްގެ ގޮތަށް ބައިވެރިންގެ އަތުން ފައިސާ ނަގައިގެން، މޮޅުވާ ޓީމަކަށް ފައިސާގެ އިނާމް ދޭގޮތަށް ކުޅުމަކީ ޙަރާމްކަމެއް ތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ޖަވާބު: “ތާސް ކުޅެނީ ބަދަލުގެ ގޮތުގައި އެއްޗެއް ދީގެން ނަމަ، އެވަންނާނީ ޙަރާމްވެގެންވާ ޖުވާގެ ތެރެއަށް ކަމާމެދު ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވެއެވެ.
ޖުވާގެ ގޮތުގައި ނުވާ ގޮތަށް ތާސްބައި ކުޅެވޭ ޙާލަތާ މެދު ބުނަމެވެ. އެއްވެސް ޝައްކެތް ނުވާ ގޮތުގައި ތާސްބަޔަކީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވާ ފަދައިން، ޣާފިލްކޮށް ހެއްލުންތެރި ކުރުވާ އާލަތެކެވެ. އަދި އެއީ އެކަމަކަށްޓަކައި އެތައް ވަޤުތުތަކެއް ބޭކާރު ވެގެންދާ ކުޅިވަރެކެވެ. އަދި އިންތިހާއަށް ﷲގެ މަތިން ހަނދުމަކުރުމުން ޣާފިލު ކުރުވާ ކުޅިވަރެކެވެ. ނަމާދު ފަދަ އަޅުކަންތައް އޭގެ ސަބަބުން އަޅާލެވި ނުވަތަ ޖަމާޢަތުގައި ކުރުމަށް ފަރުވާކުޑަ ކުރުމަށްވާ ސަބަބެކެވެ. އަދި މި ކުޅިވަރަކީ އެ ކުޅިވަރު ކުޅޭ މީހުންގެ މެދުގައި ހަޑިހުތުރު ބަހުން ޒުވާބުކުރުމަށް ވެސް މަގުފަހި ކުރުވާ ކުޅިވަރެކެވެ.
ހަމައެހެންމެ އޭގައި އެކުލެވިގެންވާ ޞޫރަތަކަކީ ﷲ ގެ މަގުން ޣާފިލް ކުރުވާ ބުދުތަކެއްގެ ޞޫރައެވެ. އިސްވެދިޔަ ސަބަބުތަކާއެކު، ބައެއް މީހުން އެއީ ހުއްދަ ކަމެކޭ، ހަމައެކަނި އެކަންވަނީ ކުޅުން އެކަށީގެންނުވާ މުރޫއަތާއި ޚިލާފް ކުޅިވަރެކޭ ބުނުމަށްވުރެ އެއީ ޙަރާމް ކަމެއްގެ ގޮތުގައި ބެލެވުން ސަލާމަތްތެރިވެފައި އެގޮތް ގާތްކަންވެސް ބޮޑެވެ. މިޒަމާނުގެ އެންމެ ބޮޑެތި ޢިލްމުވެރިންކަމުގައި الإمام ابن باز، الشَّيخ ابن العُثيمين އަދި الشيخ العلامة نَاصر السعدي-رحمهم الله- އިތުރުން ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓިގެ ފަތުވާއަކީ ވެސް މިއީއެވެ.
ބުނަމެވެ. މި ދަނޑިވަޅުގައި شَيخ الإسلام ابن تَيمية -رحمه الله- ޛިކުރުކޮށްފައިވާ ވަރަށްމުހިންމު ޤަވާޢިދެއްގެ މަތިން ހަނދުމަކޮށްލުން ހުއްޓެވެ. “ﷲގެ މަތިން ގިނަގިނައިން ޣާފިލުކޮށް ވާޖިބު ކަންތައްތަކުގެ މަތިން އިންސާނާ މަޝްޣޫލު ކުރުވާ ކޮންމެ އެއްޗެއް ވަނީ ހަރާމް ވެގެންނެވެ”.
الشيخ ابن العُثيمين -رحمه الله- ދެކެވަޑައިގަންނަވާ ގޮތުގައި الشيخ العلامة نَاصر السعدي ތާސް ބައި ކުޅުން އެއީ ޙަރާމް ވެގެންވާ ކަމަށް ވިދާޅުވަނީ މި ޤާޢިދާގެ މައްޗަށެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.