އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތް ގަނެގެން ހުންނަ މީހާގެ ގަޔަށް ޙިޖާމާ ޖެހުން ހުއްދަވާނެ ހެއްޔެވެ؟ އަދި އެފަދަ އިން ނިޔަތް ގަނެގެން ހުންނަ މީހާ އެހެން މީހެއްގެ ގަޔަށް ޙިޖާމާ ޖެހުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

udhuhiyya kathila meeha hijama jehumuge hukum

އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތް ގަނެގެން ހުންނަ މީހާގެ ގަޔަށް ޙިޖާމާ ޖެހުން ހުއްދަވާނެ ހެއްޔެވެ؟ އަދި އެފަދަ އިން ނިޔަތް ގަނެގެން ހުންނަ މީހާ އެހެން މީހެއްގެ ގަޔަށް ޙިޖާމާ ޖެހުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތްގަނެފި މީހާއަށް ކަނޑައެޅިފައިވާ ޚާއްޞަ ޙުކުމްތަކަށް ބަލައިލާނަމެވެ. އެއީ:

ފުރަތަމައީ: އޭނާއަށް ޙަރާމްވެގެންވާ ޢަމަލުތަކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. إِذَا دَخَلَ الْعَشْرُ وَأَرَادَ بَعْضُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعْرِهِ وَبَشَرِهِ شَيْئًا “އުޟްޙިއްޔާ ކަތިލުމަށް ބޭނުންވެ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ބައްދަލުކުރުމުން، އެމީހަކު އެނާގެ އިސްތަށި ކެނޑުމުންނާއި، އަދި ހަންގަޑުގައި ނުބީހުން (ހަށިގަނޑުގެ ހަންކޮޅު ނުނެއްޓުން) ހުއްޓެވެ”. މި ޙަދީޘް އިމާމް مسلم، أم سلمة -رضي الله عنها- ގެ ފަރާތުން ރިވާކޮށްފައިވެއެވެ.

އަދި ބައެއް ރިވާޔަތްތަކުގައި ނިޔަފަތި ކެނޑުމުން އެއްކިބާވުން ބަޔާން ވެގެންވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކުން، އުޟްޙިއްޔާ ޤުރުބާން ކުރުމަށް ނިޔަތް ގަތް މީހާގެ މައްޗަށް މި ޢަމަލުތައް ކުރުން ޙަރާމް ވެގެންވެއެވެ. الإِمَام ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. ”އުޟްޙިއްޔާ ޤުރުބާން ކުރާ މީހާ، އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުން، ނަހީކުރެވިފައިވުމުން އެއީ އެކަންތައްތައް ކުރުން ޙަރާމް ވެގެންވުމެވެ. (ދަލީލުތަކުން) ފާޅުވެ ބަޔާންވާ ގޮތަކީ މިއީއެވެ“(فوائد من دروس سماحة الشيخ عبد العزيز بن باز ص 49).

ދެވަނައީ: މި ޢަމަލުތަކުގައި ދެމިހުންނާނީ ކާކު ހެއްޔެވެ؟ ނިޔަތް ގަންނަ މީހާ ހެއްޔެވެ؟ ނުވަތަ އެމީހަކަށް އެ ނަޢަމް ސޫފި ކަތިލައިދޭ މީހާ ހެއްޔެވެ؟

މަދީނާގައި މިއަދު ތިއްބެވި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلامة عُبَيد الجَابِرِي -حفظه الله- ވިދާޅުވެފައިވެއެވެ. “މުރާދަކީ، އުޟްޙިއްޔާ ކަތިލުމަށް މުޚާޠަބު ކުރެވުނު މީހާއެވެ. އެއީ އެކަމަށް ތަކްލީފު ޖެހިގެންވީ މީހާއެވެ. އެއީ، ގެ ބެލެހެއްޓުމުގައިވާ، ގޭގެ ވެރިޔާއެވެ. އާއިލާގެ ވެރިޔާއެވެ. މި ޙަދީޘްގައި މުޚާޠަބު ކުރެވިފައިވަނީ އޭނާ އަށެވެ. އެހެނަސް އޭނާއަށް ތަބަޢަވުމުގައިވާ ފިރިހެން ދަރިންނާއި އަންހެން ދަރިންނަށް އެބައިމީހުންގެ އިސްތަށި ކެނޑުމާއި ނިޔަފަތި ކެނޑުން އެއްވެސް މަނާކަމެއް ނެތެވެ. މިތަނުގައިވާ ނަހީކުރެވިގެންވުމުގެ ތެރެއަށް އެބައިމީހުން ނުވަންނާނެއެވެ. މި ނަހީކުރުމުގެ ތެރެއަށް އެބައިމީހުން ޝާމިލް ނުވާނެއެވެ. މިތަނުގައިވާ ޙުކުމް ޚާއްޞަ ކުރެވިފައިވަނީ ގޭގެ (އާއިލާގެ) ވެރިޔާއަށެވެ. ޢާންމުގޮތެއްގައި އެއީ ފިރިހެނެކެވެ. ނުވަތަ އަންހެނަކަށް ވެސް ވެދާނެއެވެ.

ފަހަރެއްގައި، ބެލެހެއްޓުން ތެރިޔާއަކީ އަންހެނަކު ކަމުގައިވެސް ވެދާނެއެވެ. ޢާއިލާގެ ފިރިހެން ދަރިންނާއި އަންހެންދަރިން ބަލަހައްޓާ ފަރާތަކީ އަންހެންމީހާ ކަމުގައިވެ، އަދި ފަހަރެއްގައި އެ އަންހެންމީހާއަކީ ކައިވެނި ކޮށްގެން އުޅޭ، އެހެނަސް ފިރިމީހާއަކީ ފަޤީރު މީހެއްގެ ގޮތުގައި ވުމުން، ފިރިމީހާއަށް އުޟްޙިއްޔާ ކަތިލުމުގެ ކުޅަދާނަކަން ލިބިގެން ނުވުމުން، (ޙަދީޘްގައި ޛިކުރު ކުރެވިގެންވާ) ޚިޠާބް ރައްދުވަނީ އެ ހިނދުގައި އަންހެންމީހާ އަށެވެ. ފަހެ، އެހެންވުމުން، ޙަދީޘްގައި ޛިކުރު ކުރެވިފައިވާ ޚިޠާބް ނިސްބަތްވަނީ ޢާއިލާ ބެލެހެއްޓުމުގައި ދެމިހުންނަ ފަރާތަށެވެ. ޢާއިލާއަށް ޚަރަދުކޮށް، އަހުލުވެރިންނަށް ޚަރަދުކުރުމުގައި ދެމިހުންނަ ފަރާތެވެ. އުޟްޙިއްޔާގެ ޙުކުމްވަނީ އެގޮތުގައިއެވެ”.

ތިންވަނައީ: މިފަދައިން ނިޔަފަތި އަދި ހަންކޮޅުތައް އަދި އިސްތަށި އުފުރުމުން އެއްކިބާވެ ހުންނަންޖެހޭ، އުޟްޙިއްޔާ ޤުރުބާން ކުރާ ފަރާތް ޙިޖާމާ ޖެހުމުގެ މައްޗަށް ކޮށްފައިވާ ސުވާލެވެ. ޢިލްމުވެރިން އެފަދައިން ޙިޖާމާ ޖަހަން ބޭނުންވާ މީހާ 2 ސިފައަކަށް ބަޔާންކޮށްފައިވެއެވެ.

1. ޙިޖާމާ ޖަހަނީ އިސްތަށި ބާލަން ނުވަތަ ކޮށުމަށް ނުޖެހޭ ތަނެއްގައިއެވެ. ފަހެ، އެހިނދު އެކަން ކުރެވިދާނެއެވެ. ސަބަބަކީ އޭނާއަށް މަނާވެގެންވާ ކަމެއް ކުރުމަށް އެހާލުގައި ޢަމަލު ކުރުމެއްނެތުމެވެ.

2. އެތަނެއްގައި ޙިޖާމާ ޖެހުމަށްޓަކައި އިސްތަށި ބާލަން ނުވަތަ ކޮށަން ޖެހުމެވެ. ފަހެ، އެހިނދު ޙިޖާމާ ޖެހުމުން އެއްކިބާވެގަތުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.