ދުޢާކުރާ އިރު، الله تعالى އަށް ޙަމްދު ޘަނާ ކިޔާނެ އެންމެ ރިވެތިވެގެންވާ ގޮތަކީ ކޮބައިތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ﷲގެ ކިބަފުޅަށް ދުޢާކުރުމުގެ ކުރިން ޙަމްދު ޘަނާ ކިޔާނެ އެންމެ ރިވެތި ގޮތް ބަޔާންކޮށްދިނުމަށް އެދި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. ފަސޭހައިން ފަހުމްވުމަށް ޓަކައި ޖަވާބު ނުކުތާތަކެއް މައްޗަށް ބިނާ ކުރަމެވެ.
ފުރަތަމައީ: ދުޢާ ކުރުމުގެ ކުރީގައި ﷲ އަށް ޙަމްދު ކުރުމާއި އަދި އެ އިލާހުއަށް ޘަނާ ކިޔުމުގެ މާނައަކީ، ދުޢާ (އެމީހަކު އެ އެދޭކަމެއް ﷲ ގެ ހަޟުރަތުން އެދި ދެންނެވުމުގެ ކުރީގައި) ﷲ އަށް ޙަމްދު ކުރުމާއި އެ އިލާހުއަށް ޝުކުރު ކުރުމެވެ. އަދި ﷲ އަށް ލިބިވޮޑިގެންވާ މާތް މަތިވެރި މާތްވަންތަ ނަންފުޅުތަކާއި ސިފަފުޅުތައް ޛިކުރުކުރުމެވެ. އަދި ﷲ ގެ ކުރިފުޅު މަތީގައި ބަލިކަށި ނިކަމެތި، ޙާޖަތްޖެހިފައިވާ ފަޤީރު އަޅެއްގެ ގޮތުގައިވެ އެކަމަށް އިޢުތިރާފުވާ ޙާލުގައި ވުމެވެ. އެހިނދު މި ބަސްތަކާއި ކަލިމަތަކަކީ އެމީހަކު އެ އެދޭ ކަމެއް އެ އިލާހަށް ދެންނެވުމުގެ ކުރިން، ނުވަތަ ފެށުމެއްގެ ގޮތުން ބުނާ ބަސްތަކެއް ކަމުގައިވެއެވެ. ދަންނައެވެ! ﷲ ގެ ކުރިފުޅުމަތީގައި އެމީހަކީ ނިކަމެތި، ދެރަ، އާރެއްބާރެއް ނެތް، މިސްކީނު ފަޤީރު ފަރާތެއްގެ ގޮތުގައި ވުމަށް، ﷲ ލޯބިވެ ވޮޑިގަންނަވައެވެ.
ދެވަނައީ: މިފަދައިން ދުޢާކުރުމުގައި ޢަމަލު ކުރުމަށް ނަބިއްޔާ ﷺ އުއްމަތަށް އިރުޝާދު ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި ޞަހާބީ فضالة بن عبيد -رضي الله عنه- ރިވާކޮށްފައިވާ ޙަދީޘް ހިމެނެއެވެ.
ޙަދީޘްގައިވެއެވެ. (…..إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَمْجِيدِ رَبِّهِ جَلَّ وَعَزَّ ، وَالثَّنَاءِ عَلَيْهِ ، ثُمَّ يُصَلِّي عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، ثُمَّ يَدْعُو بَعْدُ بِمَا شَاءَ) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުޢާ ކުރާހިނދު، އެންމެ ފުރަތަމަ އޭނާގެ ރައްބަށް ރިވެތި ޙަމްދާއި ޘަނާގެ ބަސްތަކުން ފެށުން ހުއްޓެވެ. އެއަށްފަހު النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ޞަލާވާތް ކިޔުން ހުއްޓެވެ. އަދި އެއަށްފަހު އެދޭ ދުޢާއެއް ކުރާށެވެ.)
މި ޙަދީޘް އިމާމް أبو داود 1481 އަދި އިމާމް الترمذي3477 ރިވާކޮށްފައިވެއެވެ. މި ޙަދީޘްއަކީ ޞައްޙަ ޙަދީޘް އެކެވެ.
ތިންވަނައީ: މިފަދައިން ކިޔުމަށް ވާރިދުވެގެންވާ ވަކި ޚާއްޞަ ކަލިމަތަކެއް ނުވަތަ ކަނޑައެޅިފައިވާ ވަކި ބަސްފުޅުތަކެއް ނުވެއެވެ. އެހެންނަމަވެސް ގިނަ ބަސްފުޅުތަކެއް ޤުރުއާނާއި ސުންނަތުގައި ވާރިދު ވެގެންވެއެވެ.
ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދުކޮށް، މާތްކޮށް، މަތިވެރިކޮށް އަދި ޘަނާގެ ބަސްފުޅުތައް، ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެވިގެންވާ ބައެއް ބަސްފުޅުތަކުގެ ތެރޭގައިވެއެވެ.
ޞަޙާބީ ابن عباس -رضي الله عنهما- ރިވާކޮށްފައިވެއެވެ. ނަބިއްޔާ ﷺ ރޭއަޅުކަން ކުރެއްވުމަށް ތެދުވެ ވަޑައިގަންނަވާހިނދު (ތަހައްޖުދުގައި) ވިދާޅުވެއެވެ.
اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ ، وَلَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالْأَرْضِ وَمَنْ فِيهِنَّ ، وَلَكَ الْحَمْدُ أَنْتَ الْحَقُّ ، وَوَعْدُكَ حَقٌّ ، وَقَوْلُكَ حَقٌّ ، وَلِقَاؤُكَ حَقٌّ ، وَالْجَنَّةُ حَقٌّ ، وَالنَّارُ حَقٌّ ، وَالسَّاعَةُ حَقٌّ ، وَالنَّبِيُّونَ حَقٌّ ، وَمُحَمَّدٌ حَقٌّ ، اللَّهُمَّ لَكَ أَسْلَمْتُ ، وَعَلَيْكَ تَوَكَّلْتُ ، وَبِكَ آمَنْتُ ، وَإِلَيْكَ أَنَبْتُ ، وَبِكَ خَاصَمْتُ ، وَإِلَيْكَ حَاكَمْتُ ،
“އަޅުގެވެރި އިލާހު! އިބަ އިލާހަށް އެންމެހައި ޙަމްދެއް ލިބިވޮޑިގެންވެއެވެ. އިބަ އިލާހުއީ އުޑުތަކާއި ބިން އަދި އެ ދެމެދުގައިވާހާ އެއްޗެއްގެ ނޫރެވެ. ޙަމްދުހުރީ އިބަ އިލާހަށެވެ. އިބަ އިލާހުއީ، އުޑުތަކާއި ބިން އަދި އެ ދެމެދުގައިވާ ތަކެއްޗެއް ޤާއިމް ކުރެއްވި އިލާހެވެ. އަދި އިބަ އިލާހުއަށް ޙަމްދު ހުއްޓެވެ. ހަމަކަށަވަރުން އިބަ އިލާހުއީ ހައްޤު އިލާހެވެ. އަދި އިބަ އިލާހުގެ ވަޢުދުފުޅަކީ ޙައްޤު ވަޢުދުފުޅެވެ. އަދި އިބަ އިލާހުގެ ބަސްފުޅުވާކަން ކަށަވަރީ ހައްޤު ބަސްފުޅު ކަމުގައެވެ. އަދި އިބަ އިލާހުއާ ބައްދަލުވުމަކީ ޙައްޤު ކަމެކެވެ. އަދި ސުވަރުގެ އަކީ ޙައްޤުތަނެކެވެ. ނަރަކަ އަކީ ޙައްޤުތަނެކެވެ. އަދި ޤިޔާމަތްދުވަހަކީ ހައްޤު ދުވަހެކެވެ. އަދި އެންމެހައި ނަބިއްޔުންނަކީ ހައްޤު ބައެކެވެ. އަދި ނަބިއްޔާ مُحَمَّدٌ އަކީ ޙައްޤު ފަރާތެވެ. އަދި އަޅުގެ ވެރި އިލާހު! މިއަޅާވަނީ ހަމައެކަނި އިބަ އިލާހަށް ކިޔަމަންތެރިވެގެންނެވެ. އަދި މިއަޅާ އީމާންވެގެންވަނީ ވެސް ހަމައެކަނި އިބަ އިލާހަށެވެ. އަދި މިއަޅާ ވަކީލު ކުރަނީ ވެސް ހަމައެކަނި އިބަ އިލާހަށެވެ. އަދި މިއަޅާ ތަޥްބާވަނީ ވެސް ހަމައެކަނި އިބައިލާހަށެވެ. މިއަޅާ، ޢަދުއްވުންގެ ކިބައިން ދިފާޢުވެ ނަޞްރާއި ވާތްގަށް އެދެނީ އިބަ އިލާހުގެ ކިބައިންނެވެ. އަދި މި އަޅާ ޙުކުމް ލިބިގަންނަނީ ވެސް އިބަ އިލާހުގެ ޙަޟުރަތުންނެވެ”.
(މި ޙަމްދާއި ޘަނާގެ ބަސްފުޅުތައް، ﷲ ގެ ރޫބޫބިއްޔަތަށާއި އުލޫހިއްޔަތަށް އަދި އެ އިލާހުގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އިޤްރާރުވެ ބަޔާން ކުރުމަށްފަހު، ދުޢާ ވިދާޅުވިއެވެ.) فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ ، أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ ، لَا إِلَهَ إِلَّا أَنْتَ – أَوْ لَا إِلَهَ غَيْرُكَ
“މިއަޅާ އިސްކޮށްފައިވާ ފާފަތައް މިއަޅާއަށް ފުއްސަވާނދޭވެ. އަދި އެ ފާފަތަކުގެ ތެރެއިން މިއަޅާ ފަސްކޮށްފައިވާ ފާފަތައް މިއަޅާއަށް ފުއްސަވާނދޭވެ. އަދި ސިއްރާއި ފާޅުގައި މިއަޅާ ކޮށްފައިވާ ފާފަތައް ފުއްސަވާނދޭވެ. އިބަ އިލާހުއީ ފެށުމެއް ނެތި އިސްވެވޮޑިގެންވާ އަދި ނިމުމެއް ނެތި ފަސްވެވޮޑިގެންވާ އަދި ހުރިހައިކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އިބަ އިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަން ކުއްތަންކުރެވޭ އެހެން އިލާހަކު ނުވެ އެވެ…”. މި ޙަދީޘް އަލް-އިމާމް البخاري (1120) އަދި އަލް-އިމާމް مسلم (769) ރިވާކުރެއްވިއެވެ.
ދަންނައެވެ! މި ދުޢާ ބަޔާންވެގެންވާ ޙަދީޘްގައި ކޮށްފައިވާ ދުޢާއަކީ ނުހަނު މަދު ޖުމްލަތަކެވެ. އެހެނަސް ﷲ ގެ ޙަޟުރަތުގައި ޙާޖަތަށް އެދި ދެންނެވުމުގެ ކުރީގައި ވަނީ ވަރަށް ވެސް ދިގުކޮށް އެ އިލާހަށް ޙަމްދާއި ޘަނާ ދެންނެވުމުގައެވެ.
މި ޙަދީޘްއަށް އިޝާރަތް ކުރައްވައި الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެއެވެ. “މި ޙަދީޘުން (ބަޔާންވެގެންވަނީ) އެދޭ ކަންތަކަށް އެދުމުގެ ކުރީގައި ﷲއަށް ޘަނާގެ ބަސްތައް އިސްކުރުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަށް އިޤްތިދާވުމަށް ޓަކައިއެވެ”.
ހަތަރުވަނައީ: ވަކި ޚާއްޞަ ވާރިދުވެގެންވާ، އެކަމަށް ކަނޑައެޅިފައިވާ ޙަމްދު ޘަނާއެއް ނުވެއެވެ. އެހެނަސް އެ މަޤާމުގައި ޛިކުރު ކުރެވިދާނެ ޖުމްލަތަކެއް މިތަނުގައި ބަޔާން ކުރަމެވެ.
(لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)
(لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ)
(حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ)
(سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ)
(سُبْحَانَ اللهِ، وَالْحَمْدُ لِلهِ، وَلَا إِلَهَ إِلَّا اللهُ، والله أَكْبَرُ)
(سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ)
(لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، اللَّهُ أَكْبَرُ كَبِيرًا، وَالْحَمْدُ للهِ كَثِيرًا، وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ، اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي)
(رَضِيتُ بِاللَّهِ رَبًّا وَبِالْإِسْلَامِ دِينًا وَبِمُحَمَّدٍ ﷺ رَسُولًا)
(سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ)
(لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ)
ކޮށްފައިވާ ސުވާލަށް އެންމެ އެދެވޭ ޖަވާބެއް ދެވިއްޖެ ކަމަށް އުއްމީދުކުރަމެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.