ވުޟޫ އަދި ހިނައިގަންނަ އިރު، އަނގަޔާއި އަދި ނޭފަތަށް ފެންލުމަކީ ވާޖިބެއް ތޯއެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ވުޟޫ ކުރާއިރު އަދި ހިނައިގަތުމުގައި އަނގައަށް އަދި ނޭފަތަށް ފެންލުމުގެ ޙުކުމް ދެނެގަތުމަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: ވުޟޫ ކުރާއިރު އަނގަޔާއި ނޭފަތަށް ފެންލުމުގެ ޙުކުމެވެ.
(ކުރުކޮށް ބުނާނަމަ) މި މައްސަލައިގައި ގިނަ ޢިލްމުވެރިން، ޖުމްހޫރުންގެ ޤައުލަކީ އޭގެ ތޭޜެގައި أبو حنيفة، مالك، الشافعي، އަދި އިމާމް أحمد ގެ ފަރާތުން ބަޔާންވެގެންވާ އެއް ރިވާޔަތުގައިވާ ގޮތުން، އެއީ ވުޟޫގައި ސުންނަތްވެގެންވާ ޢަމަލެކެވެ.
ޖުމްހޫރުންގެ ޤައުލާ ޚިލާފަށް އިމާމް أحمد (މަޝްހޫރުވެގެންވާ) ޤައުލަކީ އަނގައަށް ފެންލުމާއި އަދި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމެވެ. މިފަދައިން ބަޔާންކޮށްފައިވާ ސަބަބަކީ ގިނަ ޙަދީޘްތަކެއްގައި އަނގަޔާއި އަދި ނޭފަތަށް ފެންލުމަށް އަމުރުވެވިގެން ވުމެވެ.
އޭގެ ތެރޭގައިވާ ޙަދީޘެއްގައިވެއެވެ. (إذا توضَّأتَ، فمَضْمِضْ) “ތިބާ ވުޟޫ ކުރާހިނދު، އަނގައަށް ފެންލުން ހުއްޓެވެ”. އަދި ބައެއް ރިވާޔަތްތަކުގައި ރޯދަވެރިއެއް ނޫން ކަމުގައިވާނަމަ، ނޭފަތަށް ގަދައަށް ފެންލުމަށް އަމުރުކުރައްވާފައި ވެއެވެ.
ވީމާ، ޙުއްޖަތާއި ދަލީލުން ބަލާނަމަ، އެފަދަ ދަލީލުތައް ބަޔާންވެގެންވަނީ ވާޖިބުކަމުގައި ބުނެވޭ ޤައުލުގައެވެ. އަދި ދަލީލުތަކުން ބުރަވެވެނީ ވެސް އެފަދައިންނެވެ.
ފަހުގެ އިމާމުންގެ ތެރޭގައި އިމާމް ابن بَاز -رحمه الله- އަދި އިމާމް ابن العثَيمِين -رحمه الله- އިޚްތިޔާރު ކުރައްވާފައިވަނީ މި ޤައުލެވެ.
ދެވަނައީ: ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމެވެ. އޭގެ ޞައްޙަ ޤައުލަކީ الحنفيَّة އަދި الحنابلة ގެ ޤައުލެވެ. އެއީ ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީ ފަރުޟެއް ކަމަށް ބުނެފައިވާ ޤައުލެވެ. އަދި މި ޤައުލަކީ ޝެއިޚުލް އިސްލާމް ابنُ تيميَّة ، ابنُ باز އަދި ابنُ عثيمين އިޚްތިޔާރު ކޮށްފައިވާ ޤައުލެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ. ﷲ ގެ ވަޙީބަސްފުޅުގައިވާ وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا “އަދި ތިޔަބައިމީހުން ޖުނުބުވެރި ވެއްޖެހިނދު، ފަހެ، ޠާހިރުވެގަތުން ހުއްޓެވެ”.
އޭގެ މާނައަކީ، ތިޔަބައިމީހުންގެ ހަށިގަނޑު ޠާހިރު ކުރުމެވެ. އެގޮތުން ހަށިގަނޑު އެހަށިގަނޑުގެ ބޭރުފުށާއި އަދި އެތެރެފުށުގައި ދަތި އުނދަގޫކަމެއް ނެތި ޠާހިރު ކުރެވޭ ހިސާބު ޠާހިރު ކުރުމެވެ.
ދެންފަހެ، އަނގައަށް އަދި ނޭފަތަށް ފެން ލުމަކީ ދަތި އަދި ބުރަކަމެއް ނެތް ގޮތުގައި ފެން ވާޞިލްވެދޭނެ ތަންތަނެވެ. والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.