މަހާނައިގައި ގާ (މަހާނަ ގާ) ޖެހުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

mahaanaagai gaa jehumuge hukum

މަހާނައިގައި ގާ (މަހާނަ ގާ) ޖެހުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

މައްޔިތާ ވަޅުލުމަށްފަހު، މަހާނައިގައި ގާ ޖެހުމާ ބެހޭގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބު އަންނަނިވި ނުކުތާތަކުގެ އަލީގައި ބަޔާން ކުރަމެވެ.

ފުރަތަމައީ: ޤަބުރުތައް ޒިޔާރަތްތަކެއް ފަދައިން ބިނާ ކުރުމާއި، އުވަޖެހުމާއި، ވަޅުލުމަށްޓަކައި ޙާޖަތްޖެހި ނުވަތަ ޤަބުރުސްތާނުގެ މަގުތަކުގެ މަޞްލަޙަތައްޓަކައި އަލި ކުރުމުގެ ބަދަލުގައި ވަކި ޤަބުރަކަށް އަލި ކުރުމަށް ވޮށް ޖެހުމާއި، އަދި ޤަބުރުތަކަށް އަލި ކުރުމާއި، ޤަބުރުތަކުގައި ލިޔުންފަދަ ތަކެތި ބެހެއްޓުމަކީ، މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ކަންތައްތަކެކެވެ. ނަމަވެސް މި ކަންތައްތަކަކީ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކުން ނަހީ ކުރެވިގެންވާ ޢަމަލުތަކެވެ.

ހަމައެފަދައިން، ޤަބުރުތަކުގެ މަތީގައި ޤުއްބެއްގެ ސިފައަށް ބިނާކޮށް އުރަކޮޅު ލެއްވުމަކީ ވެސް އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެނީ މިފަދަ ޢަމަލުތަކަކީ، އެތަނުގައިވާ މައްޔިތާގެ ކިބައިން މަދަދަށް އެދުމާއި ﷲ ނޫންފަރާތަކަށް ކުއްތަންވެ، ޚާލިޤްވަންތަ އިލާހަށް ޝަރީކު ކުރުމަށް ހުޅުވިގެންދާ ދޮރެކެވެ. މީގެ އިތުރުން މިއީ އެބައެއްގެ މައްޗަށް ނަބިއްޔާ ލަޢުނަތް ލައްވާފައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލެކެވެ. ޙަދީޘްގައިވެ އެވެ. لعن الله اليهود والنصارى، اتخذوا قبور أنبيائهم مساجد “އެމީހުންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްގޮތުގައިހެދި، ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ތައާލާ ލަޢުނަތް ލެއްވިއެވެ”.

ހަމައެފަދައިން ޤަބުރުތައް ތަޖްޞީޞްކޮށް، އޭގެ މަތީގައި ބިނާކޮށް ހެދުން الإمام الترمِذِي -رحمه الله- ރިވާކޮށްފައިވާ جابر -رضي الله عنه- ގެ ޙަދީޘްގައި އެކަން ނަހީ ކުރެވިގެންވެއެވެ. (نهى رسول الله ﷺ أن يجصص القبر وأن يقعد عليه وأن يبنى عليه) “ޤަބުރުތައް ތަޖްޞީޞުކޮށް، އޭގެ މަތީގައި ބިނާތައް ބިނާ ކުރުމާއި، އަދި ޤަބުރުތަކުގެ މަތީގައި އިށީނުން ރަސޫލާ ﷺ ނަހީ ކުރެއްވިއެވެ”.

ޙަދީޘްގައި ބަޔާންވެގެންވާ ތަޖްޞީޞުގެ މާނައިގެ ތެރެއަށް، ގިނަ ދުވަހު ޤަބުރު ދެމެހެއްޓުމަށް ޓަކައި، އޭގެ މައްޗަށް ސިމެންތި އަޅައި ބިނާކޮށް އުވަޖަހައި، އަދި އެ ޤަބުރު ޒީނަތްތެރިކޮށް އެޤަބުރު މާތް މަތިވެރިކުރުންފަދަ އެންމެހައި ޢަމަލުތަކެއް ޝާމިލުވެގެންވެއެވެ.

މި ޙަދީޘް އެހެން މަގުތަކުން ވާރިދުވެގެންވާ އިރު، އިތުރު ލަފްޟެއްގައިވެއެވެ.

(وأن يكتب عليه) “ޤަބުރު ތަކުގެ މަތީގައި ލިޔުމެވެ. (ޔަޢުނީ : ޤަބުރުގައި ލިޔުން ނަހީކުރެވިގެންވެ އެވެ.)”.

ހަމައެފަދައިން ބިމަށްވުރެ ޤަބުރު އުފުލުން ވަނީ عَلي بن أبي طَالب -رضي الله عنه- ޙަދީޘްގައި ނަހީވެގެންނެވެ. ރިވާޔަތުގައިވެއެވެ. عَلي بن أبي طَالب -رضي الله عنه- ގެ ޞާޙިބާ أبي هياج الأسدي އަށް ވިދާޅުވިއެވެ. “ރަސޫލާ ﷺ ތިމަން ޞަޙާބީ އެ ކަމެއް ކުރުމަށްޓަކައި ފޮނުއްވި، ކަމަކާއިގެން ތިމަން ޞަޙާބީ، ތިބާ ފޮނުވަމު ހެއްޔެވެ؟”

(އެއަށްފަހު ރަސޫލާ ﷺ ފޮނުއްވި ކަންތައް ބަޔާން ކުރެއްވިއެވެ. (ولا قبراً مُشرِفاً إلا سوَّيتَهُ) “އަދި ބިންމަތިން އުފުލާފައިވާ ޤަބުރެއް ތިބާއަށް ފެނިއްޖެނަމަ، އެ ޤަބުރެއް ބިމާ އެއްވަރު ކޮށްލާށެވެ”.

މި ޢަމަލުގައި އިސްތިސްނާވެގެންވަނީ سَعد بن أبي وقاص -رضي الله عنه- ގެ ޙަދީޘްގައި ބަޔާންވެގެންވާ ކައިވަތަކަށް ބިމުގެ މަތިން އުފުލުމެވެ. އެކަމުގައި ގޯހެއް ނެތެވެ.

ދެވަނައީ: އިސްވެ ދިޔަ ކަންތައްތައް އެގި ބަޔާންވުމުން، ސުވާލުގެ ޖަވާބު ދޭހަވާން ފަސޭހަވާނެއެވެ.

މިހާރު މަހާނައިގައި ޖަހާ ގާތަކާ މެދު ސުވާލުކޮށްލުން ހުއްޓެވެ.

އޭގައި ސިމެންތިލައި، އުވަޖަހައި، ޒީނަތްތެރިކޮށްފައި ނުވޭ ހެއްޔެވެ؟

އަދި އެއަށް ޒީނަތްތެރިކަމާއި އިތުރު ފުރިހަމަކަން ގެނައުމަށް ޓަކައި، މިހާރު އެކަން ފައިބަރ ބޭނުންކޮށްގެން ވެސް ތައްޔާރު ކުރެއެވެ.

އަދި އެ ގަލުގައި ލިޔެފައި ނުހުރޭ ހެއްޔެވެ؟

އެ އުފުލިފައިވަނީ ބިންމަތިން ކައިވަތެއްހާ މިންވަރަށް ހެއްޔެވެ؟

ޤަބުރުތައް ޒީނަތްތެރި ކުރުމުގެ ސިފަ ފާޅުވާ ފަދައިން އެ ޤަބުރުތަކަށް ގެނެވޭ ޒީނަތެއް ކަމުގައި ނުވޭ ހެއްޔެވެ؟

ވީމާ، ހެކި ހޯދާ، ހެއްކަށް ތަބަޢަވާ ފަރާތްތަކަށް ބަޔާންވަނީ މިއީ ދުރުވާން ޖެހޭ ޢަމަލެއް ކަމެވެ.

ތިންވަނައީ: ވީމާ، ހުއްދަވެގެންވާ މިންވަރަކީ، ޤަބުރު ފާހަގަ ކުރުމަށްޓަކައި، އެތަނުގައި މައްޔިތެއް ވަޅުލެވިފައިވާކަން އަންގައި ބަޔާން ކޮށްދިނުމުގެ ޤަޞްތުގައި، އެތަނުގައި ދަނޑިކޮޅެއް ނުވަތަ ގާކޮޅެއް ބެހެއްޓުމެވެ. އަދި އެއީ އަންހެނެއް ނުވަތަ ފިރިހެނެއްގެ ޤަބުރު ކަމުގައިވީނަމަވެސް ތަފާތު ކުރުމަކާއި ނުލައެވެ. ސަބަބަކީ، ބައެއް ޤައުމުތަކުގައި އެއީ އަންހެނެއްގެ ޤަބުރުކަމުގައިވެއްޖެނަމަ، މެދުގައި އިތުރު ގަލެއް ބާއްވައި، ޤަބުރު މަތީގައި 3 ގާކޮޅު ބޭއްވުމަކީ އޭގެ އެއްވެސް އަޞްލެއް އައިސްފައިވާ ކަމެއް ނޫނެވެ.

މިއީ މި ޢަމަލުގެ މައްޗަށް ބޮޑެތި ޢިލްމުވެރިންގެ ތެރޭގައިވާ، ސުންނަތުގެ އިމާމުންގެ ގޮތުގައިވި الإمام ابن باز، الإمام ابن العثَيمِين -رحمهم الله- ފަތުވާ ދެއްވާފައިވާ ގޮތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.