އައްތަހިޔާތުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ފިޔަވައި އެހެން ދުޢާތައް ކިޔުން ހުއްދަވެގެންވޭ ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
އައްތަހިޔާތުގައި ދުޢާ ކުރުމާ މެދު ކޮށްފައިވާ ސުވާލުގައި 2 ބައެއް ވެއެވެ. އެ 2 ބަޔަށް ވެސްޖަވާބުގައި އަލިއަޅުވާލާނަމެވެ.
ފުރަތަމައީ: އައްތަހިޔާތުގައި ދުޢާ ކުރުމެވެ.
ކިޔުމަށް އަންގަވާފައިވާ ދުޢާތައް ފިޔަވައި އެހެން ދުޢާތައް ކިޔުން ހުއްދަވެގެންވޭހެއްޔެވެ؟
ބުނަމެވެ. ފަހު އައްތަހިޔާތުގައި ނަބިއްޔާ އެ ދުޢާތަކެއް ދޫ ނުކުރައްވާ އަބަދުވެސް ޤާއިމްވެ ދެމިހުންނަވާ ދުޢާތައް ވެއެވެ. އެ ގޮތުން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ މި ދުޢާ ކިޔުމަކީ ސުންނަތް މުޥައްކަދާ އެކެވެ. ވުމާއެކު މުސްލިމް އަޅާ މި ދުޢާ އޭނާގެ ފަރުޟު އަދި ސުންނަތް ނަމާދުގައި ވެސް އައްތަހިޔާތަށްފަހު، ނުކިޔާ ދޫކޮށްލުން އެދެވިގެން ނުވެއެވެ.
ދެންއޮތީ އެހެނިހެން ދުޢާތައް ކިޔުމެވެ.
ޝައްކެތްވެސް ނެތް ގޮތުގައި، ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް އިޚްތިޔާރު ކުރުން އަޅާއަށް އެދެވިގެންވެ އެވެ. އަދި އެއީ އެންމެ ފުރިހަމަ އަދި އެންމެ ހެޔޮ ކުށްތަކާއި ނޭދެވޭ ބަސްތަކުން ސަލާމަތްވެގެންވާ އަދި ﷲ އެއިލާހުގެ ނަބިއްޔާއަށް އިޚްތިޔާރު ކޮށްދެއްވި ދުޢާތަކެވެ. ދުނިޔެ އަދި އާޚިރާތުގެ އެންމެހައި ހެވާއި ލާބައާއި އަދި ނަފާއެއް އެފަދަ ދުޢާތަކުގައި ހިމެނެއެވެ.
އެފަދަ ބައެއް ދުޢާތަކަކީ
- اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلا يَغْفِرُ الذُّنُوبَ إِلا أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّك أَنْتَ الْغَفُورُ الرَّحِيمُ
- ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار
ފަހެ، މުސްލިމް އަޅާ އައްތަހިޔާތަށްފަހު، ސަލާމް ދިނުމުގެ ކުރިން އޮންނަ ވަގުތަކީ ދުޢާކުރުމުގެ މަޙައްލެއް ކަމުގައިވެއެވެ.
ޞަޙާބީ أبي هُرَيْرَةَ -رضي الله عنه – ރިވާކޮށްފައިވާ ޙަދީޘެއްގައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. إِذَا تَشَهَّدَ أَحَدُكُمْ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ مِنْ عَذَابِ جَهَنَّمَ وَعَذَابِ الْقَبْرِ وَفِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ الْمَسِيحِ الدَّجَّالِ ثُمَّ يَدْعُو لِنَفْسِهِ بِمَا بَدَا لَهُ “ތިޔަބައިމީހުންގެ ތެރެއިން މީހަކު އައްތަހިޔާތު (ކިޔައި ނިމުމަށްފަހު) ހަތަރު ކަމަކުން ރައްކާތެރިކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވާށެވެ. ނަރައިގެ ޢަޛާބުން، ޤަބުރުގެ ޢަޛާބުން، ދިރިހުރުމުގެ ފިތުނަތަކާއި މަރުވުމަށްފަހު ކުރިމަތިވާ ފިތުނަތަކުން އަދި މަޞީޙުއް ދައްޖާލުގެ ފިތުނައިންނެވެ. އެއަށްފަހު އެމީހަކު އޭނާގެ ނަފްސަށް ހެޔޮ (ދުޢާތައް ކަމުގައި ފެންނަ ދުޢާތައް) ކުރުން ހުއްޓެވެ”. މި ޙަދީޘް އިމާމް النسائي 1293 ރިވާކޮށްފައިވެއެވެ. އަދި އިމާމް الألبانِي -رحمه الله- މި ޙަދީޘް ޞައްޙަ ކުރައްވާފައިވެއެވެ.
ދެނެގަތުން ހުއްޓެވެ! ޙަދީޘްއިން ބަޔާންވެގެންވަނީ އޭނާއަށް ހެޔޮ ދުޢާތައް އައްތަހިޔާތުގައި ކިޔުން ހުއްދަވެގެންވާ ކަމެވެ. އެހެންކަމުން އެދެވިގެންވާ ދުޢާތައް ކުރުމަށްފަހު، އެމީހަކަށް އެވަނީ އެހެނިހެން ދުޢާ ކުރުމަށް ވަޤުތު ލިބިގެންނެވެ. މިފަދަ ދުޢާތައް ޢަރަބި ބަހުން ކުރުން އެއީ އަބަދުވެސް އިރުޝާދު ދޭ ގޮތެވެ. ފަހެ، ޢަރަބި ބަހުން ކުރުމުގެ ތަފްޞީލު މީގެ ކުރިން އެ މަޢުޟޫގައި ދީފައިވާ ސުވާލުގެ ޖަވާބުން ލިބޭނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.