ފިރިހެނުންނާއި އަދި އަންހެނުން، ހަށިގަނޑުގައި ފަޅާފައި ހުންނަ އިސްތަށިތަކާ މެދު ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

hashigandugai hunnna isthashi thaka medhu amalu kuraane goi

ފިރިހެނުންނާއި އަދި އަންހެނުން، ހަށިގަނޑުގައި ފަޅާފައި ހުންނަ އިސްތަށިތަކާ މެދު ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

އިސްތަށިތަކުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ. ހަށިގަނޑުގައިވާ އިސްތަށީގެ މައްޗަށް ތަފާތު ޙުކުމްތަކެއް ވެއެވެ.

ބޭލުން ވާޖިބުވެގެންވާ އިސްތަށިތައް:

އަންހެނުންނާއި ފިރިހެނުން އެ އިސްތަށިތަކެއް ބާލައި އެތަންތަން ސާފު ކުރުމަށް ދީނުގައި ކަނޑައެޅިފައިވާ އިސްތަށިތަކެއްވެއެވެ.

އޭގެ ތެރޭގައި ކިހިލިފަތުގެ އިސްތަށިތަކާއި ކުރިމަތި ފަރާތުގެ އިސްތަށިތަކެވެ. ޞަޙާބީ أنس بن مالك ގެ އަރިހުން އިމާމް مسلم ރިވާކޮށްފައިވާ ޙަދީޘްގައިވެއެވެ. (وُقِّتَ لنا في قَصِّ الشَّارِبِ، وتَقْلِيمِ الأظْفارِ، ونَتْفِ الإبِطِ، وحَلْقِ العانَةِ، أنْ لا نَتْرُكَ أكْثَرَ مِن أرْبَعِينَ لَيْلَةً) ”މަތިމަސް ކޮށުމާއި، ނިޔަފަތިކެނޑުން، ކިހިލިފަތުގެ އިސްތަށިތައް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، (މިއިން އެއްވެސް ކަމެއް) ސާޅީސް ދުވަހުގެ މުއްދަތައްވުރެ ދިގު ނުކުރުމަށް ﷲ ގެ ރަސޫލާ އަހަރެމެންނަށް ވަޤުތު ކަނޑައެޅުއްވިއެވެ“.

ދަންނައެވެ! މިއީ އެންމެ ދިގު މުއްދަތައް ބެހެއްޓުން ހުއްދަވެގެން މިންވަރެވެ. ވީހާވެސް އަވަހަށް (އިސްތަށި ފަޅާހާ އަވަހަކަށް) އެ އިސްތަށިތައް ނައްތައިލުން ހުއްޓެވެ. الإِمام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. ”ނިޔަފަތިތައް ނުކަނޑައި ސާޅީސް ދުވަހަށްވުރެ ދިގު މުއްދަތަށް ބެހެއްޓުން ހުއްދައެއް ނުވާނެއެވެ. އެއީ أَنَس -رضي الله عنه- އަރިއަހުން ޘާބިތުވެގެންވާ ޙަދީޘްގައިވާ ފަދައިންނެވެ. (ޙަދީޘްގައިވެއެވެ.) ”މަތިމަސް ކޮށުމާއި، ނިޔަފަތިކެނޑުން، ކިހިލިފަތުގެ އިސްތަށިތައް އުފުރުން، ކުރިމަތިފަރާތުގެ އިސްތަށިތައް ބޭލުން، (މިއިން އެއްވެސް ކަމެއް) ސާޅީސް ދުވަހުގެ މުއްދަތައްވުރެ ދިގު ނުކުރުމަށް ﷲ ގެ ރަސޫލާ އަހަރެމެންނަށް ވަޤުތުކަނޑައެޅުއްވި އެވެ“. އަދި (ނިޔަފަތި ދިގުކުރުމުން) އެހިނދު އެއީ ޖަނަވާރުތަކާއި ބައެއް ކާފަރުންނާ އެއްވަތްތަރުވާ ސިފައެއްގެ ގޮތުގައިވެއެވެ“(مجموع فتاوى 10-49).

ސާޅީސް ރެއާއި ދުވާލަށްވުރެ ދިގު މުއްދަތެއްގައި ބެހެއްޓުން ޙަރާމްވެގެންވާހިނދު ވެސް، އެތައް ބަޔަކު މި ޙަރާމް ޢަމަލަށް އަރައިގަނެ އަދި މިއަދު ފެޝަނެއް ކަމުގައި މިކަން ހަދައިފައިވުމަކީ ކޮންފަދަ ހިތާމަހުރި ޢަމަލެއް ހެއްޔެވެ؟ މިއީ ދީނާއި، ދުނިޔެވީ އަދި އަދި ޞިއްޙީ ގޮތުން އެ ބަޔަކަށް ކުރިމަތިވާނޭ ބޮޑުވެގެންވާ ވަބާއެއް ކަމުގައި މެނުވީ ނުވާނެއެވެ.

އެ އިސްތަށިތައް ކޮށުމާއި އުފުރުން މަނާ ކުރެވިގެންވާ އިސްތަށިތައް:

އެއީ ފިރިހެނުންގެ ތުނބުޅި އަދި އަންހެނުންނާއި ފިރިހެނުންގެ ބުމައިގެ އިސްތަށިތަކެވެ. މިއީ ގިނަ ޙަދީޘްތަކުން، މި އިސްތަށިތައް އުފުރުން ކޮށުން ޙަރާމްވެގެންވާކަން ބަޔާންވެގެންވާ ޢަމަލެކެވެ.

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. (لَعَنَ اللهُ الوَاشِماتِ و المُسْتَوْشِماتِ، والنَّامِصاتِ والمُتَنَمِّصاتِ…..) ”ހަށިގަނޑުގައި ޓެޓޫ ޖަހައިދޭ އަދި ޓެޓޫ ޖެހުމަށް އެދޭ އަދި ބުމައިގެ އިސްތަށި އުފުރާ އަންހެނާ އާއި ބުމައިގެ އިސްތަށި އުފުރައިދިނުމަށް އެދޭ އަންހެނާއަށް ﷲ ލަޢުނަތް ލެއްވިއެވެ“ (السلسلة الصحيحة 2792).

البخاري އަދި مسلم ، ابن عمر رضي الله عنهما ގެ އަރިހުން ރިވާކޮށްފައިވެއެވެ. الله ގެ ރަސޫލާ حديث ކުރެއްވިއެވެ. (خالفوا المشركين، أحفوا الشوارب، وأوفوا اللحى) “ތިޔަބައިމީހުން މަތިމަސްތައް ކުރުކުރާށެވެ. ތުނބުޅިތައް ރައްކައުތެރިކުރާށެވެ. ދިގުކުރާށެވެ. އަދި މުޝްރިކުންނާ ޚިލާފުވާށެވެ”.

ޝަރުޢުގައި އެ އިސްތަށިތަކުގައި މައްޗަށް އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވާ އިސްތަށިތައް:

މިޘާލަކަށް މޭމަތީގައި، އަތުގައި، ފައިގައި ފަޅާފައިހުންނަ އިސްތަށިތަކެވެ. ފަހެ، މިފަދަ އިސްތަށިތައް ބޭލުން ނުވަތަ ކޮށުން ހުއްދަވެގެންވެއެވެ.

الإِمام العَلاَّمَة ابن بَاز -رحمه الله- ވިދާޅުވެފައިވެއެވެ. ”ހަށިގަނޑުގެ ދެ އަތާއި އަދި ފައިގެ އިސްތަށިތައް ނައްތައިލުމުގައި މައްސަލައެއް އޮތް ކަމުގައި ނުދެކެމެވެ. ދެންފަހެ، ޙަދީޘް ވާރިދުވެގެންވަނީ ބުމައިގެ އިސްތަށި އުފުރާ އަދި އުފުރައިދޭ މީހާ މީހާގެ މައްޗަށެވެ. އެގޮތުން ބުމަ އުފުރުމާއި އިސްތަށި ކޮށުން ހުއްދައެއް ނުވާނެއެވެ. އަދި މޫނުގައި ޢާދަކޮށްހުންނަ އިސްތަށި ވެސް އެފަދައެވެ. (އެބަހީ؛ ޢާދައާ ޚިލާފަށް ފިރިހެނުންނާ އެއްފަދައިން ތުނބުޅި ނުވަތަ މަތިމަސް އިސްތަށިތައް ފަޅައި ހުތުރުވާ ފަދައިން ފެންނަހިނދު އެ އިސްތަށިތައް ނައްތައިލެވޭނެއެވެ.) ދެންފަހެ، އަންހެނުންނާއި ފިރިހެނުން އެބައިމީހުންގެ އަދި ދެފަޔާއި ދެއަތުގެ އިސްތަށިތައް ނައްތައިލުމުގައި މައްސަލައެއްނެތެވެ…”.

އިތުރަށް ބަޔާންކޮށްދިނުމަށް ބުނަމެވެ. މި އިސްތަށިތައް ބޭލުން ހުއްދަ ކަމުގައިވީނަމަވެސް އިސްތަށިތައް އެގޮތުގައި ދޫކޮށްލުން އަޥްލާވެގެންވެ އެވެ.

العلامة ابن العثيمين-رحمه الله- ވިދާޅުވެފައިވެއެވެ. “އެހެނަސް އަޥްލާވެގެންވަނީ އެ އިސްތަށިތައް އޭގެ އަޞްލުގައި ފަޅާފައިވާ ގޮތުގައި، ނުބާލައި ބެހެއްޓުމެވެ. ސަބަބަކީ، އަޞްލަކީ ﷲ ތަޢާލާ ޚަލްޤު ކުރެއްވި ގޮތުގައި ހަށިގަނޑުގައި އެ އިސްތަށިތައް ބެހެއްޓުމެވެ. ހަމައެކަނި އެ އިސްތަށިތައް ބޭލުމަށް ނުވަތަ ނައްތައިލުމަށް އަމުރު ކޮށްފައިވާ އިސްތަށިތައް ފިޔަވައެވެ. ފަހެ، އެގޮތުން ދެ އަތާއި ދެ ފައިގައި ފަޅާފައިވާ އިސްތަށިތައް އެގޮތުގައި ބެހެއްޓުން އަޥްލާވެގެންވެއެވެ. އެހެނަސް، އެ އިސްތަށިތައް ގިނަވުމުން، ސިފަ ހުތުރުވެ، އަޅައިގަންނަ ފަދައިން ފަޅާފައިވާ ހިނދު ފިޔަވައެވެ. ފަހެ، އެހިނދު ކޮށައި (ތުނި ކޮށްލުން) މައްސަލައެއް ނެތެވެ”.

ދަންނައެވެ! ކާފަރުންނާއި، ފާސިޤުންނާ އެއްވަތްތަރު ވުމަށްޓަކައި، އެފަދަ މީހަކަށް ތަބަޢަވުމަށްޓަކައި އެކަން ކުރާނަމަ އެއީ ހުއްދަވެގެންވާނެ ޢަމަލެއް ކަމުގައި ނުވާނެއެވެ.

ވީމާ، މައްސަލައިގެ ޚުލާޞާއަކީ އިސްތަށިތައް މި ތިން ބާވަތުގެ ތެރެއިން ބާވަތެއްގެ ޙުކުމަށް ވަނުމެވެ. އެހިނދު އިސްވެ ބަޔާންވެދިޔަ ޙުކުމްތައް އެ އިސްތަށިގެ މައްޗަށް އޮންނާނެއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.