ފިރިމީހާގެ އަމުރަށް ކިޔަމަންވުމަށް ޓަކައި، މައިންބަފައިންނަށް އަދާ ކުރަންޖެހޭ ހައްޤުތައް ދޫކޮށްލެވިދާނެ ހެއްޔެވެ؟ މިފަދަ ޙާލަތެއްގައި މައިންބަފައިނަށް އުރެދުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
ސުވާލުގެ ޖަވާބު އަންނަނި ނުކުތާތަކުގެ އަލީގައި ބަޔާންކުރަމެވެ.
1. އިސްލާމީ ޝަރީޢަތުގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ، އޭގެ ސަބަބުން އަނބިންގެ މައިންބަފައިންނަށް އަދާކުރަންޖެހޭ، ޙައްޤުތައް ވެއްޓޭކަމެއް ކަމުގައި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްވެސް ޢިލްމުވެރިއަކު ވިދާޅުވެފައެއް ނުވެއެވެ.
އެއާއި ޚިލާފަށް ކައިވެނީގެ ކުރިން މައިންބަފައިންނަށް އޯގާތެރިވެ އިޙްސާންތެރިވި ފަދައިން، ކައިވެންޏަށް ފަހުގައި ވެސް އެ ގުޅުން ދެމެހެއްޓުން އަންހެނާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި ކިޔެއްހެއްޔެވެ! ފިރިމީހާގެ ބަހަށް ވިޔަސް އަނބިމީހާ މައިންބަފައިންނަށް ނުކިޔަމަންތެރިވެއްޖެނަމަ، ފާފަވެރި ވާނެއެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާލުމަކީ، ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ފާފައެކެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ( ثلاثة لا ينظرُ اللهُ إليهِم يومَ القيامةِ : العاقُّ لوالديهِ ومدمنُ الخمرِ والمنّانُ عطاءهُ وثلاثةٌ لا يدخلونَ الجنةَ : العاقّ لوالديهِ، والديوثُ، والرجلةُ….) ”ﷲ ރަޙްމަތުގެ ބެއްލެވުމުން ބައްލަވާވޮޑި ނުގަންނަވާނެ 3 މީހަކުވެއެވެ. މައިންބަފައިންނަށް އުރެދޭ މީހާ، ބަނގުރާ ބުއިމަށް ދެވި ހިފާފައި ހުންނަ މީހާ އަދި ކަލަގޮވާ މީހާއެވެ. އަދި ސުވަރުގެ ނުވަންނާނެ 3 މީހަކުވެއެވެ. މައިންބަފައިންނަށް އުރެދޭ މީހާ، ދައްޔޫޘު އަދި ފިރިހެން ހެދިގެން އުޅޭ އަންހެނާއެވެ” (السلسلة الصحيحة للألباني ١٣٩٧).
މި ޙަދީޘްއިން މިކަމުގެ ނުރައްކަލާއި އޭގެ ނުބައިކަން ބަޔާންވެގެން ދެއެވެ. ފަހެ، ފިރިމީހާ އަނބިމީހާއަށް ފާފަކުރުމަށް، އެގޮތުން މައިންބަފައިންނާ ގުޅުން ކެނޑުމަށް، ރަޙިމްގެ ގުޅުން ކަނޑާލުމަށް އެދުނު ކަމުގައި ވީނަމަވެސް އެކަމުގައި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުން ނޯންނާނެއެވެ. ފަހެ، ﷲއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަން ގަތުމެއް ނުވެއެވެ. މައިންބަފައިންނަށް އިޙްސާންތެރިވުމާއި މެދު ތަފްޞީލުކޮށް މީގެ ކުރިން ކޮށްފައިވާ ސުވާލެއްގައި ޖަވާބު ބަޔާންކޮށްފައިވާނެއެވެ.
https://albayaanmv.com/?p=1044
2. ފިރިމީހާ، ފިރިއެއްގެ ގޮތުގައިވާ ފަރާތް ދަންނަންޖެހެއެވެ.
ﷲ ތަޢާލާ ފިރިހެން މީހާއަށް އަމުރުފުޅު ކުރައްވާފައިވަނީ މިފަދައިންނެވެ. ( وَعَاشِرُوهُنَّ بِالْمَعْرُوفِ) ” އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”. އެބަހީ؛ އެބައެއްގެ ތެރޭގައިވާ ޢުރުފް، ޢާދަކާދައިގެ ގޮތުން، އަދި މިންގަނޑުތަކުގެ ގޮތުން، ހެޔޮ ގޮތުގައި ދިރިއުޅުމަށެވެ. ފަހެ، ތިމާގެ އަނބިމީހާގެ މައިންބަފައިންނާ ގުޅުން ކެނޑުމަށް ބުނުމާއި، ދުނިޔެ ދޫކުރުމުން މޫނުބަލަން ޒިޔާރަތް ކުރުން މަނާ ކުރުމަކީ މުސްލިމުންގެ އިތުރުން އާދަމު ދަރިންގެ ތެރެއިން އެއްވެސް ބަޔަކު އެއީ ހެޔޮގޮތް ކަމުގައި ދަންނަ ނުވަތަ ދެކޭނެ ބަޔަކު ވާނެ ހެއްޔެވެ؟
ދަންނަހުއްޓެވެ! ﷲގެ އަމުރުފުޅާއި ޚިލާފްވުން އެއީ ކޮންފަދަ އުރެދުމެއް ހެއްޔެވެ؟
ފަހެ، ޝަރީޢަތުގައި ކަނޑައެޅިފައިވަނީ، އަނބިމީހާ ފިރިމީހާގެ ދަށުގައި އޭނާއަށް ޚިދުމަތް ކުރުމުގައި، ހުންނަންވީ ޝަރީޢަތާއި ޚިލާފްނުވާ އެބައެއްގެ ތެރޭގައިވާ ޢާދަކާދަތަކުގެ މިންގަނޑުން އެ ގޮތުގެ މަތީގައިއެވެ. ފަހެ، މައިންބަފައިންނަށް ޒިޔާރަތް ކުރުމަކީ ކޮންމެ ޢުރުފެއްގައި ވެސް އޮންނަ އަދި ހަމަ ބުއްދިން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމެކެވެ.
3. އިސްވެދިޔަ ނުކުތާތަކުން ބަޔާންވެގެންދަނީ، ރަޙިމްގެ ގުޅުން ކަނޑާލުމަށާއި އަދި އެމީހުންނަށް ޒިޔާރަތް ކުރުން މަނާކުރުމަކީ ފިރިމީހާއަށް އޮތް ކަމެއް ނޫނެވެ. މިއީ އެކަމުގައި އެންމެ ޞައްޙަ ބަހެވެ. އެއީ އަންހެން މީހާގެ ޙައްޤުގައި ﷲ އަށްޓަކައި އަދާކުރަންޖެހޭ ވާޖިބަކަށް ހުރަސްއެޅުމަށް ފިރިމީހާއަށް ޙައްޤުވެގެން ނުވެއެވެ.
4. އެހެނަސް އޭގެ ސަބަބުން، އަނބިމީހާ އޭނާގެ ގާތް ތިމާގެ މީހުންނަށް ޒިޔާރަތް ކުރުމުގެ ސަބަބުން ގެއްލުމެއް ކުރިމަތިވާނަމަ، ފިރިމީހާއަށް އެކަން މަނާ ކުރެވިދާނެއެވެ. އެގޮތުން މައިންބަފައިންގެ ގެއަކީ އެގޭގައި ފާސިޤް ޢަމަލުތަކާއި މުންކަރާތް ކުރަމުންދާ ގެއެއް ކަމުގައިވާނަމަ، އޭގެ ސަބަބުން އަނބިމީހާގެ ދީނަށް އަޘަރު ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެ ހިނދުގައިއެވެ. ނަޞޭޙަތް ދިނުމާއި، ވިސްނުވައި ދީގެންވެސް އެފަދަ މުންކަރާތްތައް ހުއްޓުވެން ނެތްނަމަ، ޒިޔާރަތް ކުރުން މަނާ ކުރެވިދާނެއެވެ.
5. މިފަދަ ޙާލެއްގައި ވެސް ޒިޔާރަތް ކުރުން މަނާވެގަތުމުގެ ޙާލަކީ، ރަޙިމުގެ ގުޅުން ކަނޑާލުމުގެ މާނައެއް ނޫނެވެ. އެހެނަސް މިފަދަ ޝަރުޢީ ސަބަބަކާހުރެ، ޒިޔާރަތް ނުކުރި ކަމުގައި ވީނަމަވެސް، އެހެން ގޮތްތަކުން މައިންބަފައިންނަށް އިޙްސާންތެރިކޮށް ހިތަންޖެހޭނެއެވެ. ގުޅައިގެން އަދި ހަދިޔާ ފޯރުކޮށްދީގެން ވެސްމެއެވެ. މިފަދަ އެންމެހައި ވަޞީލަތްތަކެއްގައި ހިފުން ހުއްޓެވެ.
6. ދެންއޮތީ، ފިރިމީހާއަށް މިފަދައިން މަނާކުރުން ހުއްދަވެގެންނުވާ ޙާލުގައި ވެސް މަނާކޮށްފިހިނދު، އަނބިމީހާ އޭނާއަށް ކިޔަމަންވާން ޖެހޭނެ ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟
އެއީ، އަޞްލަކީ، ފިރިމީހާގެ އިޛުނަނެތި އޭނާގެ ނުރުހުމުގައި ކޮންމެހެން (ގެއިން) ނުކުތުން ހުއްދަކުރާ ޝަރުޢީގޮތުން ޟަރޫރީ ބޭނުމެއްނެތި ނިކުމެގެން ނުވާނެއެވެ. މިކަމުގައި ޢިލްމުވެރިންވަނީ ޚިލާފްވެގެންނެވެ. ބައެއް ޢިލްމުވެރިން، ﷲ އަށް އުރެދުމަކަށްވާ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއްނެތްކަމަށް އައިސްފައިވާ ޙަދީޘްގެ މައްޗަށް ބުރަވެ، ވަކިން ޚާއްޞަކޮށް މައިންބަފައިން ބަލި ޙާލުގައި އަދި އެމީހުންނަށް މުޞީބާތް ދިމާވެފައިވެ އެހީތެރިކަމަށް، ތަނަވަސްކަމަށް ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ނުކުމެވިދާނެ ކަމުގައި ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން، ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤު މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތަކަށްވުރެ ބޮޑުކަމަށް އައިސްފައިވާ ޙަދީޘްފުޅުތަކުގެ މައްޗަށް ބުރަވެ، ފިރިމީހާއަށް ކިޔަމަންވާންޖެހޭކަމަށް ވިދާޅުވެއެވެ. އެހެނަސް އެމީހުން (މައިންބަފައިން) ފިރިމީހާގެ ގެއަށް އައިސް އަންހެން މީހާއާ ބައްދަލުކޮށް ވާހަކަ ދެއްކުން މަނާކުރާނަމަ، އެކަމުގައި ކިޔަމަންވުމެއްނެތެވެ. އެއީ އެޙާލުގައި މައިންބަފައިންނާއި ގުޅުން ދަމަހައްޓަން އޮތް ހުރިހައި މަގަކަށް ހުރަސް އަޅާފައި ވާތީއެވެ.
ނިންމާލުމުގެ ކުރީގައި ބުނަމެވެ. އިސްވެ ބަޔާންކޮށްފައިވާ އާޔަތް ( وَعَاشِرُوهُنَّ بِالْمَعْرُوفِ) ” އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!”. ﷲ ސުބުޙާނަހޫ ވަޠަޢާލާގެ މި ބަސްފުޅާއި އަދި މި މާނައިގައި ވާރިދުވެފައިވާ މާތް ނަބިއްޔާގެ ޙަދީޘްފުޅަށް ބިރުވެތިވެ ކިޔަމަންގަތުން ހެޔޮކަން ބޮޑެވެ. ނަބިއްޔާ -صلى الله عليه وسلم- ޙަދީޘް ކުރެއްވިއެވެ. (خِيارُكُمْ خِيَارُكُمْ لِنِسَائِهِمْ) ”ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ހެޔޮ މީހަކީ، އެމީހެއްގެ އަނބިންނަށް އެންމެ ހެޔޮމީހާއެވެ“ (صحيح ابن ماجه 1622).
ނަބިއްޔާ -صلى الله عليه وسلم- އަނބިންނާ މެދު ޢަމަލުފުޅު ބަހައްޓަވާގޮތް ބަޔާންކުރައްވާ الأسود -رحمه الله- ވިދާޅުވެފައިވެއެވެ. ”ރަސޫލާ -صلى الله عليه وسلم- އަނބިއަނބިކަނބަލުންނާ އެކު ގެކޮޅުގައި އުޅުއްވާ ގޮތާ މެދު عَائِشَة -رضي الله عنها- އަރިހުގައި ތިމަންނަ ސުވާލު ކުރީމެވެ. ވިދާޅުވިއެވެ. ގެކޮޅުގައި އުޅުއްވާ ހިނދުގައި އަނބިންނަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވައެވެ. އަދި ނަމާދު ވަޤުތު ޙާޟިރުވުމުން، ނަމާދަށް ވަޑައިގަންނަވައެވެ“(صحيح البخاري -676 ).
ފަހެ، އެނގިގަތުން ހުއްޓެވެ! މިއީ ވެސް އިސްލާމްދީނުގައިވާ ބަސްފުޅުތަކެކެވެ. އަދުލުވެރިކަމާއި އިންސާފު ﷲ ސުބުޙާނަހޫ ވަޠަޢާލާގެ މި މާތް ޝަރިޢަތުން ނެތިވެދާނީ ކޮންފަދައަކުން ހެއްޔެވެ؟ ފަހެ، އިންސާފާއި ޙައްޤަށް އަދި ޙަޤީޤަތުގައި ޢަދުލުވެރިކަމަށް ލޯބިކޮށް އަދި އެގޮތުގައި ޝަރީޢަތުގައި ދެމިހުންނަ މީހާއަކީ އޭނާ ބޭނުންވާތީވެ އެއްކޮޅަށް ބުރަވެ އެގޮތުގައި ދެމިހުންނަ މީހެއް ނޫނެވެ. އޭގެ ބަދަލުގައި ﷲ ގެ ރުއްސެވުމާއި ލޯބިވޮޑިގަތުން ހޯދުމަށް ދެމިހުންނަ މީހާއެވެ. ދަންނައެވެ! އަނބިންނަށް ހެޔޮކަން ހިތުމާއި، އެންމެހައި ހެޔޮކަންކަމުގައި އެކަނބަލުންނަށް ހެޔޮކަންތަކުގައި ދެމިހުރުމަކީ ސުންނަތުގެ އަހުލުވެރިންގެ ސިފައެކެވެ. الإمام الأَلبَانِي ވިދާޅުވެފައިވެއެވެ. ”އެމީހުންގެ އަނބިންނަށް އެންމެ އޯގާތެރި ބަޔަކީ އަހުލުއްސުންނަތް (ސުންނަތުގެ އަހުލުވެރިން)ނެވެ. އަނބިންނާއެކު ރިވެތި ގޮތުގައި ދިރިއުޅުމަކީ ސުންނަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ“ (متفرقات شريط رقم صـ ٢٨٢).
ހެޔޮ ބުއްދި އަދި ހަމަ ވިސްނުމުން ވިސްނާލުން ހުއްޓެވެ! އަންހެން ދަރިއަކު ބަލައި ބޮޑުކޮށް، އަޅާލުމާއި، ކުލުނާއި، އޯގާތެރިކަންދީ ތަސައްރަފުދޭ ޢުމުރަށް އައުމާއި ހަމައަށް ގެނެސްދީފައިވާ އެ އަންހެނުންގެ މަންމައާއި ބައްޕަ ގުޅުންކަނޑައިލުމަށް ހެޔޮ ޞާލިޙް އަދި އަނބިންނަށް ހެޔޮއެދޭ މީހަކު ބުނާނެ ހެއްޔެވެ؟
އެ މަންމަ އާއި ބައްޕަގެ މޫނުދެކެން ދިއުން މަނާކުރާނެ ހެއްޔެވެ؟ ޝަރުޢީ ޤަވާޢިދާއި ޝަރުޢީ ސަބަބެއް ނެތި އެކަން ކޮށްފި ފިރިހެނާއަކީ ޙަޤީޤަތުގައި ވެސް އަންހެން މީހާއަށް ލިބިގެންވާ ޙައްޤަށް އަރައިގަނެފައިވާ ފަރާތެއް ކަމުގައި މެނުވީ ނުވާނެއެވެ.
އެފަދަ ފިރިން ދަޢުވާ ކުރާ ދީނީ އަދި ރިވެތި ޚުލުޤާއި އޭގެ އިތުރަށް މާތް ނަބިއްޔާގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ކުރެއްވި ވަޞިއްޔަތްޕުޅުތައް ކޮބައިހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.