މުޙައްރަމް މަހު އަދި ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުމަށް ސުންނަތުގައި ބާރު އަޅުއްވާފައިވޭ ތޯއެވެ؟

muhahram mahu adhi aashoora dhuvahuge roadha

މުޙައްރަމް މަހު އަދި ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުމަށް ސުންނަތުގައި ބާރު އަޅުއްވާފައިވޭ ތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

މުޙައްރަމް މަހު އަދި ޢާޝޫރާ ދުވަހު (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުމާ މެދު ކޮށްފައިވާ ސުވާލުގެ ޖަވާބު، އަންނަނި ނުކުތާތަކުގެ މައްޗަށް ބިނާކުރަމެވެ.

ފުރަތަމައީ: މުޙައްރަމް މަހުގައި، ގިނައިން ރޯދަ ހިފުމުގެ މާތްކަމާއި މަތިވެރިކަމެވެ. رَسُولُ اللَّهِ- صلى الله عليه وسلم- ހަދީޘް ކުރެވިއެވެ. (أفضل الصيام بعد رمضان شهر الله المحرم) ”ރަމަޟާން މަހަށް ފަހު, އެންމެ މަތިވެރިވެގެންވާ ރޯދައަކީ ﷲ ގެ މައްސަރު ކަމުގައިވާ المحرَّم މަހުގައި ހިފޭ ރޯދައެވެ…“(صحيح مسلم 1163).

الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެއެވެ. ”ﷲ ގެ މުޙައްރަމް މަހަކީ، ރަމަޟާން މަހަށް ފަހު އެންމެ ހެޔޮވެގެންވާ މަހެވެ”. ފަހެ، މުޅި މި މައްސަރު އެކުގައި ނުވަތަ ގިނަ ދުވަސްތަކެއްގައި ރޯދަ ހިފުން ހުއްޓެވެ. އެހެނަސް މައްސަރުގެ ހުރިހައި ދުވަހަކު ރޯދަ ހިފައި ހަމަނުކުރެވޭ ގޮތަށް ގިނަ ދުވަސްތަކުގައި ރޯދަ ހިފާ ގޮތަށެވެ. މިއީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ގޮތެވެ. (މިފަދައިން ކުޅަދާނަ ނުވާ މީހާ) އެންމެ މަދު މިނުން މި މަހުގެ 10 ވަނަ ދުވަހު ރޯދައަށް ހުރުން ހުއްޓެވެ. އަދި އޭގެ ކުރިއަށް 1 ދުވަސް (މި މަހުގެ 9 ވަނަ ދުވަސް) ނުވަތަ އޭގެ ފަހުން 1 ދުވަސް (މި މަހުގެ 11 ވަނަ ދުވަސް) ރޯދައަށް ހުރުން ހުއްޓެވެ.

ދެވަނައީ : މި މަހުގައި ކަނޑައެޅިފައިވާ މާތް މަތިވެރި ދުވަސް ކަމުގައިވާ ޢާޝޫރާ ދުވަހެވެ.

އަޚާއެވެ! ޢާޝޫރާ ދުވަހުގެ ރޯދައިގެ މުހިންމުކަން އެތައް ގޮތަކުން ބަޔާންވެފައިވެއެވެ. އޭގެތެރޭގައި މުސްލިމުންގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރިން، މުސްލިމުން ގެ މައްޗަށް ރޯދަ ހިފުން ފަރުޟުވެގެންވާ ދުވަހެއް ކަމުގައި ޢާޝޫރާ ދުވަސްވެއެވެ.

އިމާމް مسلم ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. (عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَتْ قُرَيْشٌ تَصُومُ عَاشُورَاءَ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُهُ فَلَمَّا هَاجَرَ إِلَى الْمَدِينَةِ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ شَهْرُ رَمَضَانَ قَالَ مَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ )

عَائِشَةَ -رضي الله عنها- “އަރިހުން ރިވާވެގެންވެއެވެ. ޖާހިލިއްޔަތުގެ ދުވަސްތަކުގައި ޤުރައިޝުން ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގައި ދެމިތިބެއެވެ. އަދި رَسُولُ اللَّهِ- صلى الله عليه وسلم- އެ ދުވަހުގައި ރޯދައަށް ހުންނަވައެވެ. އަދި މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، އެ ދުވަހު ރޯދައަށް ތިއްބެވުމަށް އަމުރުފުޅު ކުރެއްވިއެވެ.

ފަހެ، ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެވުމުން ބޭނުން މީހަކު އެދުވަހުގައި ރޯދައަށް ހުރުމަށް އަދި ބޭނުން މީހަކު އެދުވަހުގައި ރޯދަ ދޫކޮށްލުމަށް ޙަދީޘް ކުރެއްވިއެވެ” (صحيح مسلم 1897).

ﷲ ގެ ޙަޟުރަތުން މުސްލިމުންގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ފަރުޟުވުމުގެ ކުރިން، އާޝޫރާ ދުވަހުގެ ރޯދަ ފަރުޟު ވެފައިވުމުން މި ދުވަހުގެ މަތިވެރިކަން ބަޔާންވެއެވެ.

ތިންވަނައީ: ޢާޟޫރާ ދުވަހު ރޯދަ ހިފުމަކީ އަހަރެމެންގެ ކުރީގެ ޝަރީޢަތް ކަމުގައިވާ މޫސާ އަދި އެ ނަބިއްޔާއަށް ތަބަޢަވި އަހުލުވެރިން ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން އަޅުކަން ކުރެއްވުމަށްޓަކައި ރޯދަ ހިއްޕެވި ދުވަހެކެވެ.

އިމާމް مسلم ރިވާކޮށްފައިވާ ރިވާޔަތުގައިވެއެވެ. قدم رسولُ اللهِ صلَّى اللهُ عليهِ وسلَّمَ المدينةَ . فوجد اليهودَ يصومون يومَ عاشوراءَ فسُئلوا عن ذلك ؟ فقالوا : هذا اليومُ الذي أظهر اللهُ فيه موسى وبني إسرائيلَ على فرعونَ . فنحن نصومه تعظيمًا له . فقال النبيُّ صلَّى اللهُ عليهِ وسلَّمَ : نحنُ أَوْلى بموسى مِنكُم . فأَمرَ بصومِه

(صحيح مسلم 1130).

“ނަބިއްޔާ صلَّى اللهُ عليهِ وسلَّمَ މަދީނާއަށް ހިޖުރަ ކުރައްވާ ވަޑައިގެންނެވި ހިނދު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދައަށް ތިއްބަވާތަން ފެނިވަޑައިގެންނެވިއެވެ. ފަހެ، އެހިނދު އެބައިމީހުން ރޯދައަށް ތިބެނީ ކީއްވެތޯ ސުވާލު ކުރެއްވިއެވެ. ފަހެ، އެބައިމީހުން ބުންޏެވެ. މި ދުވަހަކީ ﷲ سبحانه وتعالى ބަނީއިސްރާއީލްގެ އަހުލުވެރިންނާއި އަދި މޫސާ عليه السلام ، ފިރުޢައުނުގެ މައްޗަށް ފާޅުކުރައްވާ (ފިރުޢައުނެ ނެތިކުރެއްވި) ދުވަހެވެ. އަހަރެމެން މިދުވަހުގައި ރޯދަހިފަނީ، މި ދުވަހުގެ މަތިވެރިކަމަށެވެ. ފަހެ، އެ ހިނދުގައި ނަބިއްޔާ صلَّى اللهُ عليهِ وسلَّمَ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންނަށްވުރެ، އަހަރުމެން މޫސާ -عليه السلام- އަށް އައުލާވެގެންވެއެވެ. އަދި އެދުވަހުގައި ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ”.

މި ރިވާޔަތުގައި، އެ ދުވަހަކީ، ފިރުޢައުގެ ކިބައިން ބަނީއިސްރާއީލުގެ އަހުލުވެރިން ﷲ سبحانه وتعالى ސަލާމަތް ކުރައްވައި، ފިރުޢައުނު ކަނޑަށް ޣަރަޤުވެ ނެތިކުރެއްވި ދުވަސްކަން ބަޔާންވެއެވެ. އަދި ﷲ ގެ ނަބިއްޔާ މޫސާ عليه السلام އެ ދުވަހުގައި ﷲ އަށް ޝުކުރުވެރިވުމަށްޓަކައި ރޯދަ ހިއްޕެވިކަން ހާމަވެއެވެ.

ހަތަރުވަނައީ: ޢާޝޫރާ ދުވަހު، ރޯދައަށް ހުރުމުގެ އަޖުރާއި ޘަވާބެވެ.

އިމާމް مسلم ޞަޙީހުގައި ރިވާކޮށްފައިވެއެވެ.

(وَسُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ فَقَالَ يُكَفِّرُ السَّنَةَ الْمَاضِيَةَ)

صحيح مسلم 1977

ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމާއި މެދުގައި رَسُولُ اللَّهِ -صلى الله عليه وسلم- އަރިހުގައި ސުވާލު ދެންނެވުނެވެ. ޙަދީޘް ކުރެއްވިއެވެ. “ފާއިތުވެދިޔަ އެއްއަހަރުގެ ކުށްފާފަ ފޮހެވިގެންދާނެއެވެ”. އެހެން ރިވާޔަތެއްގައިވެއެވެ. (أحتسب على الله أن يكفر السنة التي قبله) “އިސްވެ ގޮސްފައިވާ އެއް އަހަރުގެ ކުށްފާފަ ފޮހެވިގެންދާނެއެވެ”.

އަޚާއެވެ! ނުހަނު ގިނަ ޙަދީޘް ތަކެއްގައި ޢާޝޫރާ ދުވަހު، ޔަހޫދީން އެދުވަހުގެ މަތިވެރިކަމަށްޓަކައި ރޯދަ ހިފުމުގައި ދެމިތިބޭ ކަމުގައި ވާރިދުވެގެންވެއެވެ. އަދި އަހަރެމެންގެ ނަބިއްޔާ صلَّى اللهُ عليهِ وسلَّمَ އެ ދުވަހުގައި ރޯދައަށް ހުންނަވާ އަދި އުއްމަތުގެ އަޅުތަކުންނަށް އެ ދުވަހު، ރޯދަހިފުމުގައި ދެމިތިއްބެވުމަށް އަމުރުފުޅު ކުރެއްވިއެވެ.

އެހެނަސް ރަމަޟާންމަހުގައި ރޯދަހިފުން ފަރުޟުވެގެން ދިޔުމުން ޢާޝޫރާ ދުވަހުގައި ރޯދަހިފުމުގެ ފަރުޟު ޙުކުމް ނެތިވެ، އެ ދުވަހުގައި ރޯދައަށް ތިބުމަކީ މުސްތަޙައްބުވެގެންވާ ކަމެއްގެ ގޮތުގައިވެއެވެ.

ފަސްވަނައީ: ޢާޝޫރާ ދުވަހު، ރޯދައަށް ހުރުމުގައި ނަބިއްޔާ صلى الله عليه وسلم އަހަރެމެންނަށް އިރުޝާދު ދެއްވާފައިވަނީ، އެ ދުވަހު، ޔަހޫދީން ރޯދައަށް ތިބޭ ސިފައާއި ޚިލާފްވެ ރޯދައަށް ތިބުމަށެވެ. އެއީ ޢާޝޫރާ ދުވަހާއި އޭގެ ކުރިއަށް އެއްދުވަސް (މުޙައްރަމް މަހުގެ 9 އަދި 10) ގައި ރޯދައަށް ހުރުމެވެ. ނުވަތަ ޢާޝޫރާ ދުވަހާއި އޭގެ ފަހަށް އެއްދުވަސް (މުޙައްރަމް މަހުގެ 10 އަދި 11) ގައި ރޯދައަށް ހުރުމެވެ. ސަބަބަކީ، ޔަހޫދީން ރޯދައަށް ތިބެނީ 10 ވަނަ ދުވަސް އެކަނި ކަމުގައި ވުމުންނެވެ.

إِمَامُ أَحْمَدُ رحمه الله މުސްނަދުގައި ރިވާކޮށްފައިވެއެވެ.

(صوموا يومَ عاشوراءَ وخالفوا فيهِ اليهودَ وصوموا قَبلَهُ يومًا أو بعدَه يومًا) މާނައީ “ތިޔަބައިމީހުން ޢާޝޫރާ ދުވަހުގައި ރޯދަ ހިފާށެވެ. އަދި ޔަހޫދީންނާއި ޚިލާފްވާށެވެ. އެދުވަހުގެ ކުރިއަށް އެއްދުވަސް ރޯދަ ހިފާށެވެ. ނުވަތަ އެދުވަހުގެ ފަހަތަށް އެއްދުވަސް ރޯދަ ހިފާށެވެ”. އަދި މިޙަދީޘް الشَّيْخُ الأَلْبَانِي رحمه الله ، السلسلة الصحيحة 2/675 ގައި ގެންނަވާފައިވެއެވެ.

ހަވަނައީ: ޢާޝޫރާ ދުވަހާއި ގުޅިގެން ކުރިއަށް އެއްދުވަސް ނުވަތަ ފަހަތަށް އެއްދުވަސް ރޯދައަށް ހުރުމުގައި، މި ދެ ސިފައިގެ ތެރެއިން އެމީހަކަށް ކުޅަދާނަވެގެންވާނަމަ، އިޚްތިޔާރުކުރުން އޮތް އެންމެ އެދެވިގެންވާ ގޮތަކީ ކޮބައިތޯ އެވެ؟

ޝައްކެތްވެސް ނެތެވެ. އެ ދެ ސިފައިގެ ތެރެއިން އެންމެ ހެޔޮވެގެންވާ ސިފައަކީ މާތް ނަބިއްޔާ صلى الله عليه وسلم އިޚްތިޔާރު ކުރެއްވި ސިފައެވެ. އެއީ ޢާޝޫރާ ދުވަހުގައި ރޯދައަށް ހުރުމާއެކު، އޭގެ ކުރިއަށް އެއްދުވަސް (މުޙައްރަމް މަހުގެ 9) ވަނަ ދުވަހުގައި ވެސް ރޯދައަށް ހުރުމެވެ.

إِمَامُ مُسْلِم ޞަޙީޙުގައި ރިވާކޮށްފައިވެއެވެ. عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ (لَئِنْ بَقِيتُ إِلَى قَابِلٍ لَأَصُومَنَّ التَّاسِعَ)

عَبْدِ اللَّهِ بْنِ عَبَّاسٍ ވިދާޅުވެފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “އަންނަ އަހަރުގައި ތިމަންނަބިއްޔާ ދުނިޔޭގައި ދިރި ހުރެއްޖެ ހިނދުގައި ނުވަވަނަ ދުވަހުގައި ރޯދައަށް ހުންނަވާނަމެވެ”.

إِمَامُ النووي رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ.

“ކުރިއަށް އޮތް އަހަރު އައުމުގެ ކުރީގައި ނަބިއްޔާ صلى الله عليه وسلم މި ދުނިޔެ ދޫކުރެއްވިއެވެ”.

ފަހެ، ﷲ ގެ ނަބިއްޔާ صلى الله عليه وسلم އިޚްތިޔާރު ކުރެއްވިގޮތް މާތް ކަމާއި މަތިވެރިކަމާއި ހެޔޮކަމުގެ ޝަރަފެއްގެ ގޮތުގައި ފުދެއެވެ.

ابن عَبَّاس رضي الله عنهما ވިދާޅުވެފައިވެއެވެ. ”ތިޔަބައިމީހުން ޔަހޫދީންނާއި ޚިލާފްވުން ހުއްޓެވެ. އަދި (މުޙައްރަމް މަހުގެ) ނުވަވަނަ ދުވަހާއި (މުޙައްރަމް މަހުގެ) ދިހަވަނަ ދުވަހުގައި ރޯދަ ހިފާށެވެ“(صحيح/مصنف عبدالرزاق ٧٨٣٩).

މާނައަކީ: ޢާޝޫރާ ދުވަހު އެކަނި ރޯދަ ނުހިފާށެވެ. އެހެނަސް ޢާޝޫރާ ދުވަހުގެ ކުރިއަށް އެއްދުވަސް ރޯދަހިފައި ޔަހޫދީންނާއި ޚިލާފްވުން ހުއްޓެވެ.

ހަތްވަނައީ: ރިވާޔަތްތަކާއި ދަލީލުތަކުގެ އަލީގައި ޢާޝޫރާ ދުވަހު، ރޯދަހިފުމަށް އޮތް ސިފަތަކެވެ.

ނުވަތަ ދަރަޖަތަކެވެ. މިދަރަޖަތައް الحافظ ابن حجر -رحمه الله- ފަދަ ބޭކަލުން ޛިކުރު ކުރައްވާފައިވެއެވެ.

1. އެންމެ ދަށް ދަރަޖައެވެ. އެއީ، ހަމައެކަނި ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމެވެ. މިއީ ހުއްދަގޮތެކެވެ.

الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެއެވެ. ”ޢާޝޫރާ ދުވަހުގެ ރޯދައަކީ އެއްއަހަރުގެ ކުށްފާފަތަކުގެ (ކުދި ފާފަތަކުގެ) ކައްފާރާއެއްގެ ގޮތުގައިވެއެވެ. އަދި ހަމައެކަނި ޢާޝޫރާ ދުވަހު (އޭގެ ކުރިއަށް ނުވަތަ ފަހުން ދުވަހު ރޯދަ ނުހިފައި) ރޯދަހިފުން ކަރާހަތްތެރި ކަމެއްގެ ގޮތުގައި ނުވެއެވެ“(فتاوى الكبرى 5- 378).

ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާގައިވެއެވެ. ”ޢާޝޫރާ ދުވަހުގައި (މުޙައްރަމް މަހުގެ 10ވަނަ ދުވަހު) އެކަނި ރޯދަހިފުންވެސް ހުއްދަވެގެންވެއެވެ. އެހެނަސް މޮޅުއިތުރުވެގެންވަނީ އެދުވަހުގެ ކުރިއަށް ނުވަތަ ފަހުން އެއްދުވަސް ރޯދައަށް ހުރުމެވެ. އަދި އެއީ ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުން ޘާބިތުވެގެންވާ ގޮތެވެ“

(اللجنة الدائمة 10-401).

الإمام ابن باز -رحمه الله- ވިދާޅުވެފައިވެއެވެ. “(ޢާޝޫރާ ދުވަހު އެކަނި) ރޯދައަށް ހުރުން ހުއްދަވެގެންވެއެވެ. އެހެނަސް އެ ސިފައިގައި ރޯދަހިފުން ދޫކޮށްލުން ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހެޔޮކަން ބޮޑުވެގެންވަނީ އޭގެ ކުރިއަށް ނުވަތަ އޭގެ ފަހަށް އެއްދުވަހު ރޯދައަށް ހުރުމެވެ. ޔަޢުނީ: 10 ވަނަ ދުވަހާއި 9 ވަނަ ދުވަސް، ދެ ދުވަހު ރޯދައަށް ހުރުމެވެ. ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދައަށް ހުރުމެވެ. ނުވަތަ ތިން ދުވަހު، 9 އަދި 10 އަދި 11 ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. ޔަހޫދީންނާއި ޚިލާފް ވުމަށްޓަކައި ހެޔޮކަން ބޮޑުވެގެންވާ ގޮތަކީ މިއެވެ”.

2. ފުރަތަމަ ދަރަޖައަށްވުރެ މަތީގައިވާ ދަރަޖައަކީ ޢާޝޫރާ ދުވަހާއި އެކުގައި 9 ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. އެއީ އަންނަނިވި ޙަދީޘްގެ މައްޗަށް ބިނާކޮށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

(لئن بقِيتُ إلى قابلٍ لأصومَنَّ التاسعَ)

”އަންނަ އަހަރުގައި ތިމަން ނަބިއްޔާ ދުނިޔޭގައި ދިރިހުރެއްޖެ ކަމުގައިވާނަމަ، މުޙައްރަމް މަހުގެ 9 ވަނަ ދުވަހުގައި (މާނައީ: 9 އަދި 10 ވަނަ ދުވަހުގައި) ރޯދައަށް ހުންނަވާނަމެވެ“. (ނުވަތަ ޢާޝޫރާ ދުވަހާއި އެކުގައި 11ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ.).

3. ޢާޝޫރާ ދުވަހާއި އެކުގައި 9 އަދި 11 ވަނަ ދުވަހުގައި ވެސް ރޯދައަށް ހުރުމެވެ.

الإمام ابن القيم -رحمه الله- ވިދާޅުވެފައިވެއެވެ. އެ ދުވަހުގައި ރޯދަ ހިފުމުގައި ވަނީ 3 ދަރަޖައެއްގައެވެ. އެންމެ ފުރިހަމަ ގޮތަކީ، އެދުވަހާއި އެކުގައި (އެބަހީ: 10ވަނަ ދުވަހާއި އެކުގައި) އޭގެ ކުރިއަށް އެއްދުވަސް އަދި އޭގެ ފަހަށް އެއްދުވަސް ރޯދަހިފުމެވެ….”.

ބުނަމެވެ. މި ސިފައިގެ މައްޗަށް އެ ޙަދީޘްތަކުގެ މައްޗަށް ޢިލްމުވެރިން އޭގެ ޞައްޙަ ކަމާއި މެދުގައި ޚިލާފް އުފެދިފައިވާ ރިވާޔަތްތައް ވާރިދުވެގެން ވުމަކީ މި ކަމުގެ ސަބަބެވެ. އެފަދަ ރިވާޔަތްތަކުގެ ތެރޭގައި އިމާމް أحمد މުސްނަދުގައި އަދި البيهقي ގެ “السنن الكبرى” ގައި ރިވާކުރައްވާފައިވާ ޙަދީޘްގެ ލަފްޟުގައިވެއެވެ.

(صوموا قبله يوماً وبعده يوماً) “އެދުވަހުގެ ކުރިއަށް (އެބަހީ: މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގެ) ކުރިއަށް އެއްދުވަސް އަދި އޭގެ ފަހަށް އެއްދުވަހު ރޯދައަށް ހުންނާށެވެ” .

އަދިވެސް މި ސިފައިގައި ރޯދަހިފުމަށް ޢިލްމުގެ އަހުލުވެރިން އިޝާރާތް ކުރައްވާފައިވާ އެއް ސަބަބަކީ، ހަނދު ބެލުމުގައި އޮޅުން އަރާފައި، ކުށް ކުރެވިފައިވެދާނެތީވެ، އެ ޝައްކުން ސަލާމަތް ވުމަށެވެ. ސަބަބަކީ، އޮޅުން އަރައިފިހިނދު، އެހިނދު އޭގައި 1 ދުވަހުގެ ފަރަޤެއް ވުމެވެ.

ވުމާއެކު 3 ދުވަހު، 9، 10، 11 ގައި ރޯދަ ހިފައިފިހިނދު، އޭނާއަށް ހަމަ ޔަޤީނުން ވެސް ޢާސޫރާ ދުވަހާއި އެދުވަހުގެ ކުރިއަށް ނުވަތަ ފަހަތަށް އެއްދު ވަސް ރޯދަ ހިފޭނެ ކަމުގެ ޔަޤީންކަން އޮތުމެވެ. މިފަދައިން الإمام أحمد އަދި އޭގެ ކުރިން މަޝްހޫރު ތާބިޢީ ابن سيرين – رحمهما الله- ވިދާޅުވެފައިވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.