ބަނޑުގައިވާ ދަރި (ފުރާނަ އެޅުމުގެ ކުރިން ނުވަތަ ފަހުން) ވައްޓާލުމުގެ(abortion ހެދުމުގެ) ޙުކުމަކީ ކޮބައި ހެއްޔެވެ؟

abortion hedhumuge hukum

ބަނޑުގައިވާ ދަރި (ފުރާނަ އެޅުމުގެ ކުރިން ނުވަތަ ފަހުން) ވައްޓާލުމުގެ(abortion ހެދުމުގެ) ޙުކުމަކީ ކޮބައި ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އެންމެހައި ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވެގެންވަނީ ބަނޑުގައިވާ ދަރި (ފުރާނަ އެޅުމުގެ ކުރިން ވެސް އަދި ފަހުން ވެސް) ހަލާކުކޮށް އަދި މަރާލައި އަދި ވައްޓައިގެން ނުވާނެ ކަމެވެ. މިއީ މި މައްސަލައިގެ އަޞްލު ޙުކުމެވެ. އެހެންކަމުން މި ޙުކުމުން ބޭރުވާނީ ޙާލަތެއް މެދުވެރިވެގެންނެވެ. ޔަޢުނީ؛ އެކަން ހުއްދަ ކުރާނެ ޟަރޫރީ ޙާލަތެއް މެދުވެރިވުމެވެ. އެފަދަ ޟަރޫރީ ޙާލަތެއް ނުވާހިނދު ދަރި ވައްޓާލުން ހުއްދަ އެއް ނުވާނެއެވެ. އެ ގޮތުން ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ.

  • ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީން ނެރެފައިވާ ޤަރާރު: ސަޢުދީގެ ހައިއަތު ކިބާރު ޢިލްމުވެރިންގެ މަޖްލިސްއިން މި ތާރީޚުގައި (20-6-1407) ނެރެފައިވާ ޤަރާރު ނަންބަރ (140) ގައި ބަޔާންކޮށްފައިވެއެވެ.

1. ބަނޑުގައި ދަރިފުޅު ހޭދަކުރާ މަރުޙަލާ ތަކުން އެއްވެސް މަރުޙަލާއެއްގައި، ޝަރުޢީގޮތުން ހުއްދަކުރާ ސަބަބެއް މެދުވެރިވެގެން މެނުވީ، އެބޯޓްކުރުން ހުއްދައެއް ނުވާނެއެވެ. އަދި އެއީ ވަރަށްވެސް ހަނި ދާއިރާއެއްގައެވެ.

2. ބަނޑުގައިވާ ދަރިފުޅު، އެންމެ ފުރަތަމަ މަރުޙަލާގައިވާ ހިނދު (އެއީ ފުރަތަމަ ސާޅީސް ދުވަހުގެ ތެރޭގައި) މި މަރުޙަލާގައި އެބޯޓް ކުރަނީ، ދަރިން ތަރުބިއްޔަތު ކުރުމަށް ބުރަވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާނަމަ ނުވަތަ ދަރިންނަށް ތަޢުލީމު ދިނުމާއި އަދި ދިރިއުޅުމުގެ ތަކްފީލްތައް އަދާކޮށްދިނުމަށް ނުކުޅެދޭނެކަމުގެ މައްޗަށް ބިރުންހީވެގެން ކަމުގައިވާނަމަ ނުވަތަ އެކުދިންގެ މުސްތަޤްބަލަށްޓަކައި ކަމުގައިވާނަމަ، ނުވަތަ ދެމަފިރިންނަށް ލިބިފައިވާ ދަރިން ފުދޭކަމަށް ދެކި އެބޯޓްކުރާނަމަ، މިއިން އެއްވެސް ހާލަތެއްގައި އެބޯޓްކުރުން ހުއްދައެއް ނުވާނެއެވެ.

3. ބަނޑުގައިވާ ދަރިފުޅު ވަނީ ޢަލަޤާ (ގަނޑު ލޭކޮޅެއްގެ ގޮތުގައި އޮންނަ މަރުޙަލާ) ނުވަތަ މުޟްޣާ (މަސްކޮޅެއްގެ ގޮތުގައި އޮންނަ މަރުޙަލާ) ގައި، އަންހެން މީހާގެ ހަށިގަނޑަށް ނުރައްކާވެދާނެ ޙާލަތުގައި، އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ޓީމަކުން ބަޔާންކުރުމުން މެނުވީ އެބޯޓްކުރުން ހުއްދައެއް ނުވާނެއެވެ. އެގޮތުން މަންމަ ހަލާކުވެދާނެ ކަމުގެ މައްޗަށް ބިރުވެތިވާ ހިނދުގައި، އެބޯޓް ކުރުން ހުއްދަވާނެއެވެ. އަދި އެއީ ލިބިފައިވާ އެންމެހައި ވަޞީލަތްތަކުން އެ ނުރައްކަލުން ސަލާމަތް ކުރެވެން ހުރި އެންމެހައި މަސައްކަތެއްކޮށް، އެ ނޫންގޮތެއް ނެތުމުންނެވެ.

4. ތިންވަނަ މަރުޙަލާ ފުރިހަމަވެ އަދި ބަނޑުގައިވާ ދަރިއަށް ހަތަރު މަސް ވުމަށްފަހުގައި، އެކަމަށް ޚާއްޞަވެގެންވާ އިތުބާރުހިފޭ އެންމެހައި ޑޮކްޓަރުން، އެ ދަރިފުޅު މައިމީހާގެ ބަނޑުގައި އޮވެއްޖެނަމަ، އެއީ މަންމަ މަރުވެގެންދާނެ ސަބަބެއްކަމުގައި ވެއްޖެ ހިނދުގައި ނޫން ގޮތަކަށް އެބޯޓްކުރުން ޙަލާލެއް ނުވާނެއެވެ. އަދި އެއީ އެދަރިއާއެކު މައިމީހާ ދިރިހުރުމަށް ކުރެވެންހުރި އެންމެހައި ކަމެއްގެ ބޭނުންހިފައި، އެންމެހައި ވަޞީލަތްތައް ނުކުޅެދުންތެރި ވުމަށްފަހުގައިއެވެ. އަދި ހަމަކަށަވަރުން މި ޙާލަތުގައި މި ޝަރުޠާއެކު، އެބޯޓްކުރުން ހުއްދަވެފައިވަނީ، ދެ ގެއްލުމެއްގެ ތެރެއިން ބޮޑުގެއްލުމުން ސަލާމަތްވުމަށް ޓަކައިއެވެ. އަދި ދެ މަޞްލަޙަތުގެ ތެރެއިން އެންމެ ބޮޑު މަޞްލަޙަތު ހިމާޔަތްކުރުމަށް ޓަކައިއެވެ.

އިސްވެ ބަޔާންކޮށްފައި އެންމެހައި ކަންތައްތަކަށް މަޖްލިސްއިން އިޤްރާރުވުމާއެކު، ﷲ އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތްކޮށް އަދި މިކަމުގައި ފުރިހަމައަށް ޘާބިތުވުމަށް ބަޔާންކުރަމެވެ. وصلى الله على نبينا محمد، وآله وصحبه وسلم. انتهى.

އަދިވެސް މި މައުޟޫގައި މަދީނާގެ މަސްޖިދުއް-ނަބަވީގައި ކިޔަވައި ދެއްވާ ޢިލްމުވެރިޔާ الشيخ أ. د.

سليمان الرحيلي حفظه الله ވިދާޅުވެފައިވާ ބަސްފުޅެއް ބަޔާން ކުރަމެވެ. ބަނޑުގައި ވާ ދަރި ވައްޓާ ލުމުގައި ވަނީ 3 ޙާލަތެކެވެ.

1- 40 ދުވަހުގެ ކުރިން ވައްޓާލުން: މިޙާލަތުގައި ޙާޖަތަކަށް ޓަކައި، ދަރިވައްޓާލުން ، ހުއްދަވެގެންވެއެވެ. މިސާލަކަށް މައިމީހާ، ބޭނުންކުރާ ބޭހެއްގެ ސަބަބުން، އެ ބޭސް ބޭނުން ކުރަމުން ބަލިވެ ނުއިނދެވޭފަދަ ބޭހެއް ބޭނުން ކުރާ ޙާލަތެއްގައި، ނުވަތަ މިފަދަ ޙާލަތުގައި ދަރި ވައްޓާލުން ހުއްދަވާނެއެވެ.

އަދި ހަމައެއާއި އެކު، މި ޙާލަތުގައި،( 40 ދުވަސް ފުރުމުގެ ކުރިން) އެއްވެސް ޙާޖަތެއް ނެތި ދަރި ވައްޓާލުން ހުއްދަ އެއް ނުވާނެއެވެ.

 

2- 40 ދުވަސް ފުރުމަށް ފަހު، ފުރާނަ އެޅުއްވުމުގެ ކުރިން، އެއީ 4 މަސް ފުރުމުގެ ކުރިން: މި ޙާލަތުގައި، ޟަރޫރަތަކަށް ޓަކައި، ދަރިވައްޓާލުން ހުއްދަވާނެއެވެ. އެއީ، އިތުބާރު ހުރި 3 ނުވަތަ 3 އަކަށްވުރެ ގިނަ ޑޮކްޓަރުން، އެ ކުއްޖާ ބަނޑުގައި އޮވެއްޖެނަމަ ނުރައްކާ ވެދާނެކަމަށް ވަރަށް ބޮޑަށް ހީކުރެވޭކަމަށް ޚަބަރު ދީފިނަމަ، މި މުއްދަތުގައި (40 ދުވަސް ވުމަށް ފަހު ފުރާނަ އެޅުއްވުމުގެ ކުރިން( ވައްޓާލުން ހުއްދަވާނެއެވެ.)

3- ފުރާނަ އެޅުއްވުމަށްފަހު: މިޙާލަތުގައި، އެއްވެސް ސަބަބަކާހުރެ، ދަރި ވައްޓާލުން ހުއްދައެއް ނުވާނެއެވެ. އެއީ ޢައިބެއް ނުވަތަ އުނިކަމެއް ހުރެގެން ކަމުގައި ވިޔަސްމެއެވެ. އަދި ޑޮކްޓަރުން އެއީ އެފަދަ ކުއްޖެކޭ ބުނި ކަމުގައި ވިޔަސްމެއެވެ. އެހެނީ އެޙާލަތުގައި ވަނީ، ﷲ އިރާދަކުރެއްވި ދުވަހެއް ވަންދެން އެ ކުއްޖާ ދުނިޔޭގައި އުޅުމަށް ދޫކޮށްލުމެވެ. އެހެނީ، އެ ކުއްޖާގެ އަހުލުންނަކަށް ނޭނގުނު ނަމަވެސް، އެ ފަދަ ކުއްޖަކަށް އެހީތެރިވުމަކީ އެމީހުން ސުވަރުގެ ވެއްދެވުމުގެ ސަބަބެއް ކަމުގައި ވެސް ވެދާނެއެވެ.

ނުވަތަ ޑޮކްޓަރުން، އެކުއްޖާގެ މަންމަ ދުނިޔެ ދޫކޮށްފާނެ ކަމަށް ބިރު ހީވާ ކަމަށް ބުނީއެވެ. އަދި ( މަންމަ ނިޔާވެދާނެ ކަމަށް) ދަރި ވައްޓާލުމުން ޔަޤީނުން ވެސް އެ ކުއްޖާ މަރުވާނެކަން ޔަޤީންވާ ޙާލު، އަދި ދަރި ވައްޓާނުލައި ބާއްވައިފި ނަމަ މަންމަ ނިޔާވުމަކީ ހީއެއްގެ މައްޗަށް ބިނާވެގެންވާ ކަމަކަށް ވީހިނދު ދަރި ވައްޓާލުން ހުއްދައެއް ނުވާނެއެވެ. އެހެނީ އެއްވެސް އިންސާނަކަށް ޔަޤީން ކަށަވަރުކަމާއެކު، މަންމަ ނިޔާވާނެ ކަމަށް ނުބުނެވޭނެތީއެވެ. އަދި ޑޮކްޓަރުން، މިވެނި ކަމެއްގައި ނުރައްކާވާނެ ކަމަށް ބުނާ ކިތައްމެ ފަހަރަކު، އެވެސް ކަމެއް ނުވެ އެބަހުރި ހެއްޔެވެ؟ އެހެނީ، ހީއެއްގެ މައްޗަށް ބިނާވެގެންވާ ފަސާދައަކުން ސަލާމަތްވުމަށް ޓަކައި، އެނގިގެންވާ ފަސާދައަކަށް އަރައިގަތުން ހުއްދަވެގެން ނުވެއެވެ. އެއްވެސް ނަފްސެއް މަރާލައިގެން، އެހެން ނަފްސެއް ދިރުވުން ހުއްދަ ވެގެން ނުވާތީއެވެ. އަދި ނަފްސެއް މަރުވެދާނެކަމަށް ބިރު ހީވެގެން، އެހެން ނަފްސެއް މަރާލުން ހުއްދަވެގެން ނުވާތީއެވެ”.

ޝެއިޚް ވިދާޅުވެފައިވާ މި ނުކުތާގައިވާ 2 ވަނަ ޕޮއިންޓް ކަމުގައިވާ 40 ދުވަސް ވުމަށްފަހު (ފުރާނަ އެޅުމުގެ ކުރިން) ދަރި ވައްޓާލަވެނީ، އިތުބާރު ހިފޭ ގިނަ ޑަކްޓަރުން އެ ކުއްޖާ މަންމަގެ ބަނޑުގައި އޮވެއްޖެހިނދު މަންމައަށް ނުރައްކާވާ ދަނޑިވަޅެއްގައެވެ. (އެއީ އެފަދަ އިތުބާރު ހިފޭ ޑަކްޓަރުންގެ ޓީމަކުން އެ ދަރިފުޅު އެފަދައިން އޮވެ، މަންމައަށް ގެއްލުން ލިބޭނެކަން ޔަޤީން ކަށަވަރު ކަމާއެކު ބެލެވެމުންނެވެ.).

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.