ޟުޙާ ނަމާދުގެ މަދުމިންވަރަކީ ކޮބައި ހެއްޔެވެ؟

dhuha namaadhuge madhu minvaraky koba?

ޟުޙާ ނަމާދުގެ މަދުމިންވަރަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަލީލު ތަކުން ބަޔާންވެގެންވާ ގޮތުގައި ޟުޙާ ނަމާދުގެ އެންމެ މަދު މިންވަރަކީ 2 ރަކުޢަތެވެ.

ގިނަ ޙަދީޘްތަކުން މިފަދައިން ދަލީލު ކުރެވެއެވެ.

އޭގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (‏في الإنسان ثلثمائةٍ وستون مفصلا ‏فعليه أن يتصدق عن كل مفصل منه بصدقه‏ قالوا : و من يطيق ذلك يانبي الله؟‏-حتى قال صلى الله عليه وسلم -‏فركعتا الضحى تجزئك) ” ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި ތިނަސަތޭކަ ފަސްދޮޅަށް ހުޅުވެއެވެ. ފަހެ، އެއިން ކޮންމެ ހުޅަކަށް ކޮންމެ ދުވަހަކު ޞަދަޤާތެއް ކުރުން އޭނާގެ މައްޗަށް ވެއެވެ. (ޞަޙާބީން ދެންނެވި އެވެ.) ﷲގެ ނަބިއްޔާ އެވެ؟ އެކަމަށް ކެރިކުޅަދާނަވެގެންވަނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ޟުޙާގެ ދެރަކުޢަތް އެކަމަށް ފުދިގެންވެއެވެ.“ )صحيح الترغيب 2971(

މި ޘަވާބާއި ދަރުމަ ހޯދުމަށް ޟުޙާ ނަމާދު ކުރުމަށް އިރުޝާދު ދެއްވައި އަދި އެ ރަކުޢަތްތަކުގެ މަދު މިންވަރަކީ 2 ރަކުޢަތް ކުރުން ކަމުގައި ޙަދީޘްގައި ބަޔާން ކުރެވިގެންވެއެވެ.

އަދިވެސް އެފަދަ ހަދީޘް ތަކުގެ ތެރޭގައި، ނަބިއްޔާ صلى الله عليه وسلم ވަނީ އެއް ޞަޙާބީންނަށް ވުރެ ގިނަ ޞަޙާބީންނަށް މި ނަމާދު ކުރުމަށް ވަޞިއްޔަތް ކުރައްވައި އިރުޝާދު ދެއްވަވާފައެވެ.

ޞަޙާބީ أبوهُرَيرة -رضي الله عنه- ވިދާޅުވެފައިވެއެވެ. أَوْصَانِي خَلِيلِي صَلَّى اللَّهُ عليه وسلَّمَ بثَلَاثٍ: بصِيَامِ ثَلَاثَةِ أَيَّامٍ مِن كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَرْقُدَ “އަހަރެންގެ ޚަލީލު (ނުހަނު ލޯބިވާ ފަރާތް : ޔަޢުނީ ރަސޫލާ صلى الله عليه وسلم ) އަހަރެނެންނަށް ތިން ކަމަކަށް ވަޞިއްޔަތްޕުޅު ކުރެއްވިއެވެ. ކޮންމެ މައްސަރެއްގައި ތިން ދުވަހު ރޯދައަށް ހުރުމާއި، ޟުޙާގެ ދެ ރަކުޢަތް ކުރުމަށާއި އަދި ނިދަން އޮށޯތުމުގެ ކުރިން ވިތުރި ކުރުމަށެވެ.” )صحيح مسلم 721(

މި ޙަދީޘްއިންވެސް ބަޔާންވަނީ، އެންމެ މަދު މިންވަރަކީ 2 ރަކުޢަތް ކަމުގައެވެ. ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن عبد الله بن بَاز- رحمه الله- ވިދާޅުވެފައިވެއެވެ. “ޟުޙާ ނަމާދަކީ ސުންނަތް މުޥައްކަދާ އެކެވެ. ނަބިއްޔާގެ ޢަމަލުފުޅުން އެކަން ބަޔާންވެއެވެ. އަދި އަޞްޙާބު ބޭކަލުންނަށް އެކަމަށް އިރުޝާދު ދެއްވެވިއެވެ. އެ ނަމާދުގެ އެންމެ މަދު މިންވަރަކީ 2 ރަކުޢަތެވެ. ދެ ރަކުޢަތުގެ މައްޗަށް އެ ނަމާދު ކުރުމުގައި ރައްކާތެރިވެއްޖެ މީހާ ސުންނަތް އަދާކޮށްފިއެވެ. އަދި އެ ނަމާދު ހަތަރު ރަކުޢަތަށް، ހަ ރަކުޢަތަށް ނުވަތަ އަށް ރަކުޢަތަށް ނުވަތަ އެ އަށްވުރެ ގިނަ ޢަދަދަށް ކުރުމުގައި މައްސަލައެއްނެތެވެ.”

އިތުރު މަޢުލޫމާތުގެ ގޮތުގައި ބުނަމެވެ.

މި ނަމާދުގެ ގިނަ މިންވަރެއް ނުވެއެވެ.

ޟުޙާނަމާދުގެ އެންމެ މަދު މިންވަރަކީ 2 ރަކުޢަތެވެ. މި ނަމާދު ހަތަރު ރަކުޢަތަށް ކުރެވޭނެ އެވެ. އަދި 6 ރަކުޢަތަށްވެސް ކުރެވޭނެއެވެ. އިމާމް مسلم 719 ގެ ޙަދީޘްގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަނބިކަނބަލުން އަރިހުގައި ރަސޫލާގެ ޟުޙާ ނަމާދުގައި ކުރައްވާ ރަކުޢަތްތަކުގެ ޢަދަދާއި މެދު ސުވާލު ދެންނެވުނު ހިނދު ވިދާޅުވިއެވެ. (أنَّهَا سَأَلَتْ عَائِشَةَ رَضِيَ اللَّهُ عَنْهَا، كَمْ كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يُصَلِّي صَلَاةَ الضُّحَى؟ قالَتْ: أَرْبَعَ رَكَعَاتٍ وَيَزِيدُ ما شَاءَ) “ހަތަރު ރަކުޢަތަށް ކުރައްވައެވެ. އަދި ﷲ އިރާދަފުޅު ކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.”

ވުމުން ޟުޙާ ނަމާދުގެ ގިނަ މިންވަރެއް ކަނޑައެޅިފައި ނުވެ އެވެ. ގިނަ ރަކުޢަތްތަކަށް ކުރާ ފަރާތް ދަންނަ އެވެ. ނަމާދު ކުރުމަށް އެންމެ ހެޔޮވެގެންވާ ސިފައަކީ ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުންނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم