ޚުއްފުގައި ފެންފުހުމުގެ ޝަރުތުތަކަކީ ކޮބައިތޯއެވެ؟ އަދި ކިހާ ދުވަހެއް ވަންދެން ޚުއްފުގައި ފެން ފުހެވޭނެތޯއެވެ؟

huffugai fenfuhun

ޚުއްފުގައި ފެންފުހުމުގެ ޝަރުތުތަކަކީ ކޮބައިތޯއެވެ؟ އަދި ކިހާ ދުވަހެއް ވަންދެން ޚުއްފުގައި ފެން ފުހެވޭނެތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިސްޓާކީން (ޚުއްފުގައި) ފެންފޮހުމާއި މެދުގައި ބުނަމެވެ.

ފުރަތަމައީ: ފުރިހަމަ ވުޟޫއެއް ކުރުމަށްފަހު، އިސްޓާކީނަށް އަރައިގެން ހުންނަ މީހާ، ވުޟޫ ގެއްލިއްޖެހިނދު ނުވަތަ ވުޟޫ ކުރަން ބޭނުންވެއްޖެހިނދު އެންމެ ހެޔޮވެގެންވާ ވަނީ އިސްޓާކީން ބާލައި ފައިތިލަ ދޮވުމުގެ ބަދަލުގައި އިސްޓާކީން މަތީގައި ފެން ފޮހެލުމެވެ.

އެކަމުގައި ޝަރުޠުތަކެއް ކަނޑައެޅިފައިވެއެވެ.

1. އިސްޓާކީނަށް އަރަންވާނީ ފުރިހަމަ ވުޟޫއެއްކޮށް ނިމުމަށް ފަހުގައެވެ.

2. އޭނާ އަރައިގެން ހުންނަ އިސްޓާކީނަކީ ފެނުން ވުޟޫ ކުރާއިރު ފައިތިލަ ދޮވުމަށް ވާޖިބުވާ ހިސާބު އެކުއެކީގައި ނިވާކުރެވިގެންވާ އިސްޓާކީނެއްގެ ގޮތުގައި ވާން ޖެހޭނެއެވެ. އެހެންވުމުން، ތަނބިކަށިން ތިރިއަށް ހުންނަ އިސްޓާކީނަށް އަރައިގެން ހުއްޓަސް އޭގެ މަތިން ފެން ނުފޮހެވޭނެއެވެ.

3. އެފަދައިން އިސްޓާކީނަށް އަރައިގެން ހުންނަ މީހަކީ ދަތުރުވެރިއެއް ގޮތުގައިވާ މީހެއްނަމަ 3 ރެއާއި 3 ދުވަސް ވަންދެން ފޮހެވޭނެއެވެ. އަދި ރަށުގައި ޤާއިމްވެ ހުންނަ މީހާއައަށް ރެއަކާއި ދުވާލެކެވެ. މިކަމުގެ ދަލީލަކީ عَلِي رضي الله عنه ރިވާކޮށްފައިވާ ޙަދީޘެވެ. ވިދާޅުވިއެވެ. (جَعَل رَسُول الله ﷺ ثَلاثَة أَيَّام وَلَيَاليهن للمُسَافِر، وَيَوما و لَيلة للمُقِيم)

ރަސޫލާ صلى الله عليه وسلم (ޚުއްފުގައި ފެން ފޮހޭނެ މުއްދަތުގެ ގޮތުގައި) ދަތުރުވެރިޔާއަށް 3 ދުވަހާއި 3 ރޭ ކަނޑައެޅުއްވިއެވެ. އަދި ޤާއިމްވެ ހުންނަ މީހާއަށް ރެއަކާއި ދުވާލެއް ކަނޑައެޅުއްވިއެވެ.

4. އިސްޓާކީން މަތީގައި ފެން ފޮހެވޭނީ ވުޟޫ ގެއްލޭ ކަމެއް ދިމާވެ ކުޑަޙަދަޘްވެރި ވުމުންނެވެ. މާނައަކީ ބޮޑު ހަދަޘްވެރި ވެއްޖެހިނދު (ހިނައިގަންނަން ޖެހޭ ކަމެއް މެދުވެރިވެއްޖެހިނދު) އިސްޓާކީން ބާލަން ޖެހޭނެއެވެ.

މި މައްސަލައަކީ އިސްލާމް ދީނުގެ އަހުލުވެރިންނަށް ވަރަށް ބޮޑު ފިލާވަޅެއް އަދި ޢިބްރަތެއް ބަޔާންކޮށްދޭ މައްސަލަ އެކެވެ. ރިވާޔަތުގައިވެއެވެ. ޞަޙާބީ علي رضي الله عنه ވިދާޅުވެފައިވެއެވެ. لو كان الدين بالرأي لكان أسفل الخف أولى بًالمسح من أعلاه وقد رأيت رسول اللهِ صلى الله عليه وسلم يمسح على ظاهر خفيه

“އިސްލާމް ދީނަކީ ބުއްދިން (ވިސްނައި ޢަމަލު ކުރުމަށް) އޮތް ދީނެއް ކަމުގައިވާނަމަ، އިސްޓާކިން (ޚުއްފު) ގައި ފެން ފޮހުން އަޥްލާވެގެންވަނީ އިސްޓާކިންގެ މައްޗަށް ވުރެ އިސްޓާކިންގެ ތިރިއަށެވެ. (ފައިތިލައިގެ ދަށަށްވާ ގޮތަށެވެ.) ފަހެ ހަމަ ކަށަވަރުން ތިމަން ޞަޙާބީއަށް رسول الله ﷺ އިސްޓާކިން މަތީގައި ފުއްސެވިތަން ދެކުނީމެވެ”.

ތެދުބަސް ފުޅެކެވެ. ބުއްދިން ވިސްނާލައިފިނަމަ، ފޮހެން ޖެހޭނީ ތިރީގައެވެ. ހަޑިވަނީ ތިރިއެވެ. ތަންތާގައި ހޭކެނީ ތިރީ ބައިއެވެ. އެހިނދު ފެން ފޮހުން އަޥްލާވަނީ ތިރީގައެވެ. އެހެނަސް އެއީ އަހަރުމެން ބުއްދިން ވިސްނައިފިހިނދެވެ. ބަލަން ވީ ބުއްދިއަށް ނޫނެވެ. ބަލަންވީ ނަބިއްޔާ ﷺ ޢަމަލު ކުރެއްވި ގޮތެވެ. އެހިނދު އެއީ ޙައްގުގޮތުގައި ތަބަޢަވުމެވެ. ބުއްދިން ވިސްނޭގޮތެއް ދީނަށް ވައްދައިގެން ނުވާނެކަމެވެ.

ދެވަނައީ: އިސްޓާކީން މަތީގައި ފެން ފޮހޭނެ ސިފައެވެ. ވުޟޫ ކުރާ މީހާ ފައިތިލަ ދޮންނަހިނދު ކޮންމެ ފައިތިލައެއް 3 ފަހަރު ދޮވެލައެވެ. އެހެނަސް ޚުއްފުގައި ހުންނަ މީހާ ވުޟޫގެ އެންމެހައި ގުނަވަންތަކެއް ދޮވުމަށްފަހު، ފައިތިލައާ ހަމައަށް އާދެވުމުން، އަތަށް ފެންއަޅައި ފެން އޮއްސާލުމަށްފަހު، އަތްތިލަ އިސްޓާކީން މަތިން އެއްފަހަރު ފައިތިލައިގެ މައްޗަށް ވާގޮތަށް އަތްތިލަ ހިންގާލާނީއެވެ. އެހިނދު ޚުއްފުގައި ފެން ފޮހެވުނީއެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. ގޭތެރޭގައި އުޅޭހިނދު، އޮފީހުގައި މަސައްކަތްކުރާހިނދު ވުޟޫކޮށްގެން އިސްޓާކީނު ލައިގެން ހުންނަމީހާ، ވުޟޫ ގެއްލިގެން ވުޟޫ ކުރާހިނދު އިސްޓާކީނުގައި ފެން ފޮހުން އަޥްލާވެގެންވެއެވެ. އެއީ ސުންނަތުގެ އަހުލުވެރިންގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. ފަހެ، މިއީ އެތައް ބަޔަކު ފަރުވާކޮޑަކޮށްފައިވާ އިހުމާލުވެފައިވާ ސުންނަތެކެވެ. މިފަދަ ޢަމަލުތަކުގައި ޤާއިމްވުމަށް ނަޞޭހަތްތެރިވަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.