ޢީދު މީލާދު ބުރާސްފަތި ދުވަހާ ދިމާ ވެއްޖެ ނަމަ، ބުރާސްފަތި ދުވަހުގައި ސުންނަތް ރޯދަހިފުން ހުއްދަވާނެތޯއެވެ؟

eid meelaadhugai roadha hifumuge hukum

ޢީދު މީލާދު ބުރާސްފަތި ދުވަހާ ދިމާ ވެއްޖެ ނަމަ، ބުރާސްފަތި ދުވަހުގައި ސުންނަތް ރޯދަހިފުން ހުއްދަވާނެތޯއެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޢީދު މީލާދު ގުޅިގެން ރޯދަ ހިފުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

އެއްވެސް ޝައްކެތްނެތް ގޮތުގައި ޢީދު މީލާދު، ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް ޚާއްޞަވެގެންވާ ދުވަހެއްގެ ގޮތުގައި އެއްވެސް ސިފައެއްގައި ފާހަގަ ކުރުމަކީ ދީނުގައި އެއްވެސް ދަލީލެއް ނެތް ގޮތުގައި މީސްތަކުން ކުރާ ބިދުޢަވެރި ޢަމަލެކެވެ.

ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ عبد العزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެއެވެ.

ސުވާލު : “ނަބިއްޔާގެ ޢީދު މީލާދު” ފާހަގަ ކުރުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ އަދި އެތަނަށް ޙާޒިރުވުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ އަދި މި ދުވަސް ފާހަގަކުރުމުގައި ހުރެ ދުނިޔެ ދޫކުރާމީހާއަށް ޤިޔާމަތް ދުވަހުގައި ޢަޒާބު ލިބޭނެތޯއެވެ؟

ޖަވާބު: “ޢީދު މީލާދު” ފާހަގަ ކުރުމަށް މި ޝަރީޢަތުގައި އެއްވެސް ގޮތަކަށް ވާރިދުވެފައި ނުވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ޢީދު މީލާދު ކަމުގައި ވިޔަސް އަދި އޭނޫން މީހެއްގެ ޢީދު މީލާދު ކަމުގައި ވިޔަސް ފާހަގަ ކުރުމެއް ނުވެއެވެ. މި ޠާހިރު ވެގެންވާ ޝަރީޢަތުގައި އަދި ޙައްޤު ގޮތުގައިވާ ޢިލްމުވެރިން އެގޮތެއްގައި އިޤްރާރުވެ ވަޑައިގެންފައިވަނީ ނަބިއްޔާ صلى الله عليه وسلم ގެ ޢީދު މީލާދު ފާހަގަ ކުރުމަކީ ބިދުޢައެކެވެ. މިކަމުގައި އެއްވެސް ޝައްކެތްނެތެވެ.

ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އަކީ އެންމެ ހެޔޮގޮތުގައި އުއްމަތަށް ނަޞޭޙަތްތެރިވި ފަރާތެވެ. އަދި ﷲ ގެ ޝަރީޢަތް އެއްމެ ފުރިހަމައަށް އެނގިވަޑައިގެންފައިވާ ފަރާތެވެ. ﷲ ގެ ޝަރީޢަތް އެކަލާނގެ އަމުރުފުޅަށް، މީސްތަކުންނަށް ބަޔާންކޮށްދެއްވި ފަރާތް ކަމުގައިވާ ނަބިއްޔާ صلى الله عليه وسلم އަމިއްލަފުޅަށް ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޞަޙާބީން، އެ ޢީދު މީލާދު ފާހަގަ ކުރައްވާފައި ނުވެއެވެ. ޚުލަފާއުއް ރާޝީދީން އެދުވަސް ފާހަގައެއް ނުކުރެއެވެ. އަދި އެނޫން އެހެން ފަރާތްތައް ވެސް އެދުވަސް ފާހަގައެއް ނުކުރެއެވެ.

މިދުވަސް ފާހަގަ ކުރުމަކީ ޙައްޤުގޮތެއް ކަމުގައިވާނަމަ، ނުވަތަ ހެޔޮކަމެއް ގޮތުގައި ނުވަތަ ސުންނަތެއް ކަމުގައިވާނަމަ އެކަން ކުރުމަށް ނަބިއްޔާ صلى الله عليه وسلم އަވަސްވެ ވަޑައިގަންނަވާ، އެކަން ދުލެއް ނުކުރައްވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އުއްމަތަށް އެކަމުގެ ޢިލްމު ދެއްވާފައި ވާނެއެވެ. އަދި އަމިއްލަ ނަފްސަށް އެކަންތައް ކުރައްވާނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީން، ޚަލީފާއިން އެކަން ކުރައްވާފައި ވާނެއެވެ. އެ އެންމެހައި މީސްތަކުން އެކަންތައް ދޫކުރައްވާފައި ވުމުން އަހަރެމެންނަށް ޔަޤީން ކަމާއިއެކީގައި އެނގިގެންދަނީ، މިކަމަކީ އިސްލާމީ ޝަރީޢަތުގައި ވާ ކަމެއް ނޫން ކަމުގައިއެވެ”.

ވީމާ، މިދުވަހަށް އެއްވެސް ޢަމަލެއް ޚާއްޞަ ކުރުމެއް ނުވެއެވެ. ޢީދު މީލާދުގެ ޤަޞްދުކޮށް އެއްވެސް ޢަމަލެއް ކުރުމަކީ ބިދުޢައެއްކަން ދަންނަހުއްޓެވެ.

އަޚާއެވެ! އިސްލާމް ދީނުގައި ދެނެގަތުމަށް މުހިންމުވެގެންވާ ޤަވާޢިދެއް މިތަނުގައި ޛިކުރު ކުރަމެވެ. އެއީ، އަޅުކަމުގެ އަޞްލަކީ ވާރިދުވެގެންވާ ގޮތަށް، ދީނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްޓިފައިވުމެވެ. އެއްވެސް އަޅުކަމެއް އެ އަޅުކަން ކުރުމަށް ވާރިދުވެގެންވާ ގޮތުގައި މެނުވީ ކޮށްގެން ނުވާނެއެވެ. އަދި އަޅުކަމުގެ ތެރެއަށް އެއްވެސް އެއްޗެއް އިތުރު ކުރުމަކީ ދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ޢަމަލެވެ. އެހެންކަމުން، ދީނުގައި ކަނޑައެޅިފައި ނެތް ޢަމަލެއް ކަމުގައިވާ ޢީދު މީލާދަކީ އެ ދުވަސް ފާހަގަ ކުރުންވިޔަސް އަދި އެ ދުވަހާއި ގުޅިގެން ކުރާ ޢަމަލެއް ކަމުގައިވީނަމަވެސް އަލަށް ގެނެސްފައިވާ ޢަމަލެއް ކަމުގައި މެނުވީ ނުވެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم (مَنْ أَحْدَثَ فِيْ أَمْرِنَا هَذَا مَا لَيْسَ مِنْهُ، فَهُوَ رَدٌّ) عَائِشَةَ رَضِيَ اللَّهُ عَنْهَا ވިދާޅުވެފައިވެއެވެ. “އަހަރެމެންގެ މި ދީނުގައި ނުވާ ކަމެއް އަލަށް ވައްދައިފި މީހެއްގެ ކިބައިން އެކަންވަނީ ރައްދުކުރެވިގެންނެވެ”. މި ޙަދީޘް البُخَارِيُّ އަދި مُسلِمٌ ރިވާކުރެއްވިއެވެ.

ފަހެ ހަމަކަށަވަރުން ބިދުޢައަކީ، ﷲ އެކަންތައްތައް ކަނޑައަޅާފައިނުވާ، ދީނުގައި ޝަރުޢުކޮށްފައިނުވާ ކަންތައްތަކެއް ދީނަށް ގެނެސްގަތުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

( عَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ مِنْ بَعْدِي ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهاَ بِالنَّوَاجِذِ ، وَإَيَّاكُمْ وَمُحْدَثَات الْأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلَالَةٌ )

“ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަން ނަބިއްޔާގެ ސުންނަތެވެ. އަދި ތިމަން ނަބިއްޔާއަށް ފަހު ހިދާޔަތްލިބިގެންވާ ޚުލަފާއުއް ރާޝިދީންގެ ސުންނަތެވެ. އޭގައި ހިފަހައްޓާށެވެ. އަދި ކޮލުދަތްތަކުން އޭގައި ބާރަށް ހިފަހައްޓާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެންމެހައި ކަންތައްތަކުގެ މައްޗަށް ތިމަން ނަބިއްޔާ ތިޔަބައި މީހުންނަށް އިންޒާރު ދެމެވެ. ފަހެ، ހަމަކަށަވަރުން ކޮންމެ އައުކަމަކީ އެއީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ”. رواه أحمد އަދި أبوداود އަދި ابن ماجه މިއީ މަޝްހޫރު ޞައްޙަ ޙަދީޘެކެވެ.

ނިންމާލުމުގެ ކުރިން ބުނަމެވެ. ބުރާސްފަތި ދުވަހުގައި ސުންނަތް ރޯދަހިފާ މީހަކު އެ ދުވަހުގައި ސުންނަތް ރޯދަ ހިފުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ އެމީހެއްގެ ނިޔަތް ކަމުގައިވާހުށީ ޢީދު މީލާދު ގުޅިގެން ރޯދަ ހިފުމެއް ނޫނެވެ. ބުރާސްފަތި ދުވަހަކީ ސުންނަތް ރޯދަ ހިފާ ދުވަހެއްގެ ގޮތުގައި ވުމުން އެދުވަހުގައި ސުންނަތް ރޯދަ ހިފުމެވެ. މި ޢަމަލުގައި އެއްވެސް މަނާކަމެއްނެތެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.