ބައްޕަ، އާމްދަނީ ހޯދަނީ ޙަރާމް ގޮތުގައިކަން މަންމައަށް އެނގިހުރެ، އެ ފައިސާއިން ދަރިންނަށް ޚަރަދުކުރުން ހުއްދަވާނެ ހެއްޔެވެ؟ އާމްދަނީ ހޯދަނީ ޙަލާލު ގޮތުގައިކަން ކަށަވަރުކުރުން މިއީ މަންމަގެ މައްޗަށް އޮތް ކަމެއް ހެއްޔެވެ؟ އެހެންކަމުގައި ވާނަމަ އެ ރުފިޔާއާ މެދު ކަންތައް ކުރާނީ ކިހިނަކުން ހެއްޔެވެ؟
ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އަންނަނި ނުކުތާތަކުގެ އަލީގައި ސުވާލަށް ޖަވާބު ބަޔާންކުރަމެވެ.
1. އެންމެ ފުރަތަމަ ކަމަކީ ހަރާމް ތަކެތި ކެއުމަކީ އާދައިގެ ކަމެއް ކަމުގައި ހަދައި އެކަމާ މެދު އެއްވެސް ވަރަކަށް ކަންބޮޑުނުވެ، ފަސޭހަކޮށްލުން ހުއްދަވެގެން ނުވެއެވެ. އަދި ހަރާމް ތަކެތި ކެއުމުގެ ސަބަބުން އެމީހެއްގެ ދުޢާއަށާއި އަޅުކަމަށް ކުރާ އަސަރު ދެނެގަތުން ހުއްޓެވެ.
ނަބިއްޔާ صلى الله عليه وسلم ، ދުޢާ ކުރި މީހަކަށް އިޝާރާތް ކުރައްވާ ޙަދީޘް ކުރައްވާފައިވެއެވެ.
(ثم ذكر الرجلَ يطيلُ السَّفرَ أشعثَ أغبَرَ يمدُّ يدَيه إلى السماءِ يا ربِّ ! يا ربِّ ! ومطعمُه حرامٌ ، ومشربُه حرامٌ ، وملبَسُه حرامٌ، وغُذِيَ بالحرام . فأَنَّى يُستجابُ لذلك )
“ދެން އެމީހެއްގެ ދަތުރު ދިގުވެ، ހިރަފުސްވެ ގަޔަށް ވެލިބުރައިފައިވާ ޙާލުގައި، ދެ އަތް އުޑަށް އުފުލައި يا ربِّ! يا ربِّ ! ކިޔައި ދުޢާ ކުރާމީހެއްގެ ވާހަކަ ޛިކުރު ކުރެއްވިއެވެ. އޭނާ ކާތަކެއްޗަކީ ޙަރާމް ތަކެއްޗެވެ. ބޮނީ ޙަރާމް ބުއިމެވެ. ލަނީ ޙަރާމް ފޭރާމެވެ. އޭނާއަށް ކާނާ ލިބިފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އޭނާގެ ދުޢާ އިޖާބަ ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟” (صحيح مسلم 1015).
2. ހަޤީގަތުގައި އެކަން އެނގި އެނގި ތިބެ ވެސް ހަރާމް ތަކެތި ކެއުމަކީ އެމީހެއްގެ އީމާންކަން ވަރަށް ވެސް ބޮޑަށް ބަލިކަށިކަމުގެ ދަލީލެކެވެ. ބައްޕައަށް ހެޔޮ އެދުމަކީ ޝައިތާނާގެ އެ މަޅިން ބައްޕަ ސަލާމަތް ކުރުމެވެ.
އަލް އިމާމު ابن القيم – رحمه الله- ވިދާޅުވެފައިވާ ގޮތުގައި އަޅާ އޭނާގެ މައްޗަށް ޙަރާމްވެފައިވާ އެއްވެސް ކަމަކަށް ދެ ގޮތުން ކުރެ ގޮތަކުން ނޫނީ އަރައިނުގަނެއެވެ.
ފުރަތަމައީ: އޭނާގެ ވެރި ރައްބާ މެދު އޭނާ ނުބައިކޮށް ހީކުރުމެވެ. އެހެނީ އެކަލާނގެއަށް ކިޔަމަންވެ، އެހެން ހުރިހާ އެއްޗެއްގެ މައްޗަށް އެކަލާނގެއަށް ކިޔަމަންގަތުން އިސްކޮށްފި ކަމުގައިވާނަމަ، ޙަލާލު ގޮތުގައި އެއިން ހެވެއް އެކަލާނގެ އޭނާއަށް ނުދެއްވާނެކަމަށް ހީކުރުމެވެ.
ދެވަނަކަމަކީ: ﷲ އަށްޓަކައި އެއްޗެއް ދޫކޮށްލައިފި މީހަކަށް ބަދަލުގައި އެއަށްވުރެ ހެޔޮ އެއްޗެއް ދެއްވާނެކަން އޭނާއަށް އެނގުމެވެ. އެހެންނަމަވެސް އޭނާގެ ކެތްތެރިކަމުގެ މައްޗަށް ޝަހުވަތްތެރިކަން ގަދަވަނީއެވެ. އަދި ހަމަވިސްނުމާ ބުއްދީގެ މައްޗަށް ހަވާނަފުސު ބާރުގަދަވަނީއެވެ.
ފަހެ، ފުރަތަމަ މީހާ އެކަމަށް އެ އަރައިގަންނަނީ އޭނާގެ ޢިލްމުގެ ބަލިކަށި ކަމުންނެވެ. އަދި ދެވަނަ މީހާ އޭނާގެ ބުއްދިއާ ހެޔޮ ވިސްނުމުގެ ބަލިކަށި ކަމުންނެވެ. އެހެންކަމުން މިކަންތައްތަކުގެ ޝިކާރައަކަށް ބައްޕަ ވިޔަ ނުދީ ބައްޕައަށް އުނގަންނައިދީ ނަސޭހަތްތެރިވާށެވެ. އަދި ޝަހުވަތްތަކުގެ މައްޗަށް ކެތްތެރިވުމަށް ވަސިއްޔަތް ކުރާށެވެ. އެފަދައިން ނަސޭހަތް ދީ ހުރިހާ ގޮތަކުން ގަދައަޅާ މަސައްކަތްކުރާށެވެ. އެންމެހާ ތައުފީގެއްވަނީ الله ގެ ހަޟުރަތުންނެވެ.
الإِمَام العلامة العُثَيْمِين -رحمه الله- ވިދާޅުވެފައިވެއެވެ. “އޭނާއަށް ޙައްޤުވެގެންނުވާ މުދަލެއް ހޯދައިފި ކޮންމެ މީހަކަށް ދަހިވެތިކަމުގެ ފިތުނަވެރިކަން (ބަލާވެރިކަން) ކުރިމަތިވާނެއެވެ. އޭނާގެ މިޘާލަކީ ކިތަންމެވަރަކަށް ކެޔަސް ބަނޑު ނުފުރޭ މީހެއްގެ މިޘާލެވެ”.
ތިންވަނަ ކަމަކީ: އަނބިދަރީންނަށް އެ ފައިސާއިން ހަރަދުކުރުމާމެދު ބުނަމެވެ. އެއްގޮތަކީ ބައްޕަގެ އާމްދަނީގައިވަނީ ހަލާލު މުދަލާއި ހަރާމް މުދާ އެއްވެގެންނެވެ. މި ހާލުގައި ކަނޑައެޅިގެން އެ ހޭދަކުރާ މުދަލަކީ ހަރާމް މުދާކަން ނޭގޭހާ ހިނދަކު އޭގެން ދެވޭ ހަދިޔާ ވެސް ހުއްދަވާނެއެވެ.
އެކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وسلم ޔަހޫދީންނާއި މުއާމަލާތް ކުރައްވާ އެމީހުންގެ ހަދިޔާތައް ވެސް ޤަބޫލު ކުރައްވައެވެ. އެނގި ބަޔާން ވެގެންވާ ކަމަކީ ޔަހޫދީންނަކީ އޭރު ވެސް މިހާރު ވެސް ރިބާކެއުމާއި އަދި ޙަރާމްވެގެންވާގޮތްތަކުން ޖެހިލުމެއްނެތި އާމްދަނީ ހޯދާ ބައެއްކަމެވެ. އެހެންކަމުން މިހާލަތުގައި ދެވޭ ހަދިޔާ ހުއްދަވެގެންވާނަމަ ވާޖިބެއްގެ ގޮތުގައި ބައްޕަ ކުރާ ޙަރަދު ހުއްދަވެގެންވުން މާ އަޢުލާ ކަން ބޮޑު ވެގެންވެއެވެ.
ހަތަރުވަނައީ: ބައްޕަގެ އެ ފައިސާއަކީ ޙަރާމް ފައިސާ ކަމުގައި ވުމެވެ. މިހާލުގައި އާއިލާގެ ވާޖިބު ޚަރަދުގެ މިންވަރު ހުއްދަ ވާނެއެވެ. އޭއީ ބައްޕަ ކޮންމެހެން ވެސް އަދާކުރަންޖެހޭ އެއްޗެއް ކަމުގައި ވާތީއެވެ. ހަރާމް އެއްޗަކުން ހޭދަ ކުރުމުގެ ފާފަ އޮންނާނީ ބައްޕަގެ މައްޗަށެވެ.
އޭގެ މިސާލަކީ މީހަކު ދަރަންޏެއް އަދާކުރަން ޖެހިފައިވުމެވެ. ދެންފަހެ އޭނާގެ ހުރިހާ އާމްދަނީއަކީ ޙަރާމް މުދާ ކަމުގައި ވިޔަސް ދަރަނި ދޫކުރި ފަރާތަށް އޭނާގެ ހައްޤު ލިބެން ޖެހޭނެއެވެ. އެފަދައިން މި ނިކަމެތި ދަރީންގެ ޚަރަދަކީ ވެސް ބައްޕަގެ މައްޗަށް الله ވާޖިބުކުރައްވާފައިވާ ދަރީންގެ ހައްޤެކެވެ.
މިކަމުގެ މައްޗަށް އިލްމުވެރީން ބަޔާންކުރައްވާ ޝަރުއީ ޤަވާއިދަކީ تبدل سبب الملك يقوم مقام تبدل الذات
މިލްކުވުމުގެ ސަބަބު ބަދަލުވުން ވަނީ އޭގެ ޒާތު ބަދަލުވުމުގެ މަގާމުގައެވެ.
އެހެނަސް މިހާލުގައި ވެސް އެއީ ބައްޕަގެ މިލްކެއް ނޫންނަމަ ހުއްދައެއް ނުވާނެއެވެ. މިޘާލަކަށް ބައްޕަ ވައްކަން ކޮށްގެން ނުވަތަ ފޭރިގެން، ހޯދައިފައިވާ އެހެންމީހެއްގެ މިލްކެއް ކަމުގައި ވާނަމައެވެ.
ފަސްވަނައީ: އިސްވެ ދިޔަ ޝަރުތުތަކާއިއެކު ހުއްދަ ވެގެންވާ ހާލަތުގައި ވެސް، އިތުރުގޮތެއް އޮވެއްޖެނަމަ ވަރަޢަވެރިވުމުގެ ގޮތުން އޭގައި ނުހިފާ ދޫކޮށްލުމަކީ އެދެވިގެންވާ ގޮތެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.