ދަތުރު ކުރަމުންދާ ދޯންޏެއްގައި ނަމާދުކުރާ އިރު، ދޯނި އެނބުރޭ ވަރަކަށް ޤިބްލައަށް ކުރިމަތިލުމަށް ޓަކައި އެނބުރެން ޖެހޭނެ ހެއްޔެވެ؟

dhathuruveriya namaadhugai gibla ah enburun

ދަތުރު ކުރަމުންދާ ދޯންޏެއްގައި ނަމާދުކުރާ އިރު، ދޯނި އެނބުރޭ ވަރަކަށް ޤިބްލައަށް ކުރިމަތިލުމަށް ޓަކައި އެނބުރެން ޖެހޭނެ ހެއްޔެވެ؟

 

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ނަމާދުގައި ޤިބްލައަށް ކުރިމަތި ލުމަކީ ނަމާދު ޞައްޙަ ވުމުގެ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެކެވެ.

ޔަޢުނީ: ޤިބްލައަށް ކުރިމަތި ނުލައި ނަމާދުކޮށްފި މީހާގެ ނަމާދު ބާޠިލްވާނެއެވެ. ޤުރުއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާޢު މި މައްސަލައަށް ބަޔާންވެގެންވެއެވެ.

ޤުރުއާނުގެ ދަލީލުތަކުގެ ތެރޭގައި ﷲ ވަޙީ ކުރެއްވިއެވެ. قَدْ نَرَى تَقَلُّبَ وَجْهِكَ فِي السَّمَاءِ فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنْتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ -البقرة: -144 “އުޑާއި ދިމާލަށް މަތިބައްލަވައިގެން ހުންނަވައި، ނަބިއްޔާގެ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންއިލާހު ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، އިބަނަބިއްޔާ ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަންއިލާހު އިބަ ނަބިއްޔާގެ މޫނުފުޅު ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާލަށް ނަބިއްޔާގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!”.

ސުންނަތުގައި ނުހަނު ގިނަގުނަ ޙަދީޘްތައް މި މައުޟޫއުގައި ވެއެވެ. އޭގެ ތެރޭގައި ނަމާދު ތަކުރާރުކޮށް (ނުބައިކޮށް ކުރުމުން) އަލުން އިޢާދަ ކުރުމަށް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވެވި ޞަޙާބީގެ ޙަދީޘް ހިމެނެއެވެ.

البخاري ގެ ރިވާޔަތެއްގައިވެއެވެ. أنس بن مالك ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށްވަރުން ބައިތުލްމަޤްދިސްއާ ދިމާލަށް ރަސޫލާ صلى الله عليه وسلم ނަމާދުކުރައްވަނިކޮށް ﷲ ތަޢާލާގެ (މި ވަޙީބަސްފުޅު) ބާވައިލެއެވުނެވެ. ( قد نرى تقلب وجهك في السماء فلنولينك قبلة ترضاها فول وجهك شطر المسجد الحرام )

މާނައީ: އުޑާއި ދިމާލަށް މަތިބައްލަވައިގެން ހުންނަވައި، ނަބިއްޔާ މޫނުފުޅު އެފުށްމިފުށަށް އަނބުރުއްވާތަން ތިމަންއިލާހު ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، އިބަނަބިއްޔާ ރުހިވޮޑިގަންނަވާނޭ قبلة އަކަށް ހަމަކަށަވަރުން، ތިމަން އިލާހު ނަބިއްޔާ ކުރިމަތިކުރައްވާ ހުށީމެވެ. ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާލަށް ނަބިއްޔާ މޫނުފުޅު ކުރިމަތި ކުރައްވާށެވެ!”.

ބަނޫ ސަލިމާގެ ބޭކަލުން ފަތިސް ނަމާދުގައި އެއް ރަކްޢަތްކޮށް އަވަދިވެފައި ވަނިކޮށް އެބޭކަލުން ގާތުން ދިޔަ މީހަކު ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން ޤިބުލަ ބަދަލުވެއްޖެއެވެ. ދެން ފަހެ އެބޭކަލުން ތިބި ގޮތަށް ތިބެފައި ޤިބުލައާ ދިމާލަށް އެނބުރުނެވެ.

އަދިވެސް البخاري (6251 އަދި مسلم 397 ގެ ޙަދީޘްގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم އެ ޞަޙާބީއަށް ޙަދީޘްފުޅު ކުރެއްވިއެވެ. (…..ثم استقبلِ القِبلةَ فكبَّر…) “އެއަށްފަހު ތިބާ ޤިބްލައަށް ކުރިމަތިލާށެވެ. ދެން ޙަރަމްބަންނަ ތަކްބީރު ކިޔާށެވެ…”.

ނަމާދަށް ހުންނަ ހިނދު، ޤިބްލައަށް ކުރިމަތިލުން ޝަރުޠުވެގެންވާކަމުގެ އިޖުމާޢު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ابنُ حزمٍ ، ابنُ عبد البرِّ ،ابنُ رُشدٍ އަދި النوويُّ ހިމެނިވަޑައިގަންނަވައެވެ.

ފަހެ، އެހެންވުމުން މިކަމުގެ މުހިންމުކަމުގެ މިންވަރު ބަޔާންވެ ދިޔައީއެވެ. ފަހެ، ބިންމަތީގައި މިސްތަކުން ދިރިއުޅޭ ތަނެއްގައި ޤާއިމްވެ ހުރި މީހެއްގެ ހައްޤުގައި ޤިބްލަ ހޯދައި އަދި މީސްތަކުންގެ ފަރާތުން އޮޅުން ފިލުވައި އެމީހަކަށް އެކަމުގައި ކުރެވުނު އެންމެ ފުރިހަމަ މަސައްކަތް ކުރުން އެމީހަކަށް ލާޒިމްވެ ވާޖިބުވެގެންވެއެވެ.

މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عبد المحسن العبَّاد-حفظه الله- ވިދާޅުވެފައިވެއެވެ. “ތަނެއްގައި ޤާއިމްވެ ހުރިމީހާ ނުވަތަ އޭނާއަށް ޤިބްލަ ބަޔާންކޮށްދޭނެ ބައެއް ތިބި ތަނެއްގައިވާ މީހާއަށް ވާޖިބުވެގެންވަނީ ސުވާލުކޮށް ޤިބްލައަށް ކުރިމަތިލެވޭ ފަރާތް ހޯދުމެވެ. އެފަދަ ތަނެއްގައި އެއްވެސް ޙާލެއްގައި އޭނާ އަމިއްލައަށް އިޖްތިޙާދުކޮށް ޤިބްލައަށް ހުރުމަކީ ހުއްދަވެގެންވާނެ ގޮތެއްނޫނެވެ. އޭނާއަށް ޤިބްލަ އޮޅުން ފިލުވައިދޭނެ ބަޔަކު ތިބި ތަނެއްގައި އަމިއްލަ އިޖްތިހާދަށް ޤިބްލަ ހޯދައި ނަމާދުކުރި ފަހުން އެއީ ޤިބްލަ ނޫންކަމުގައި އެނގިއްޖެނަމަ އެނަމާދު އަލުން އިޢާދަކުރަން ވާޖިބުވެގެންވެއެވެ. އެހެނަސް ދަތުރެއްގެމަތީގައިވެ އިޖްތިހާދުކޮށް ނަމާދު ކުރުމަށްފަހުގައި އެއީ ޤިބްލަނޫންކަމުގައި ބަޔާންވިޔަސް اللهގެ ވަޙީބަސްފުޅުގައިވާ ފަދައިން އޭނާގެ ނަމާދު ޞައްޙަވާނެއެވެ. {فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ} [التغابن:16] “ފަހެ ތިޔަބައިމިހުންނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ”.

އެއަށްފަހުގައި، ދަތުރުވެރިޔާ ނުވަތަ ދަތުރު ކުރަމުންދާ މީހާގެ ޙާލަތަށް ބަލަމެވެ.

އަޚާއެވެ! ދަންނައެވެ. ދަތުރު މަތީގައިވާ މީހާގެ ފަރުޟު ނަމާދާއި ސުންނަތް ނަމާދު ތަފާތު ކުރުން ހުއްޓެވެ. އެއީ ދަލީލުތަކުގައި ތަފާތު ބަޔާންވެގެން ވުމުންނެވެ.

ފުރަތަމައީ: ދަތުރު ކުރަމުންދާ މީހާގެ ފަރުޟު ނަމާދެވެ. ފަރުޟު ނަމާދު ފެށުމުގައި ޤިބްލަ ހޯދައި ޤިބްލައަށް ކުރިމަތިލާން ޖެހޭނެއެވެ.

(ކަނޑުމަތީގައި ދަތުރު ކުރާ މީހުންނަށް އެބައިމީހުންގެ ކުޅަދާނަކަމާ އެކު އަދި އަތުގައިވާ ސަމުގާފަދަ އާލަތްތަކުން އެއީ މިއަދު ނުހަނު ފަސޭހަ ކަމެއް ކަމުގައިވެއެވެ.)

ފަހެ، ފަރުޟު ނަމާދުގައި ޤިބްލައަށް ހުއްޓާ އެ ބޯޓު ނުވަތަ ދޯނި އެނބުރިއްޖެހިނދު އޭނާއަށް ކުޅަދާނަވީ ވަރަކުން ޤިބްލައަށް އެނބުރުން ހުއްޓެވެ. މިތަނުގައި ކުޅަދާނަ ޛިކުރުކޮށްފައިމިވަނީ މިޘާލަކަށް ކަނޑުގަދަވެ، އެކި ފަރާތްފަރާތަށް އުޅަނދު އެނބުރި އެކި ފަރާތްފަރާތަށް ޖަހަމުންދާހިނދު އެމީހަކަށް އެކީ ކުޅަދާނަކަމަކަށް ނުވާނެއެވެ. ފަހެ، ކުޅަދާނަ ނުވާ ޙާލަތުގައި އެފަދަ މީހާ އެވަނީ ޢުޛުރުވެރި ޙާލަތުގައިވާ ފާރަތެއްގެ ގޮތުގައެވެ. މިފަދައިން ފަރުޟު ނަމާދުގައި އެމީހަކު ޤިބްލައަށް އެނބުރެންޖެހޭނެކަން ބަޔާންވެގެންވަނީ ޙަދީޘްގައެވެ. ޞަޙާބީންގެ ޖަމާޢަތެއް ރިވާކޮށްފައިވާ، ޞަހާބީންގެ ޖަމާޢަތެއްގެ ފަރާތުން ޘާބިތުވެގެންވެއެވެ.

އޭގެތެރޭގައި البخاري (1097) އަދި مسلم (701) عامر بن ربيعة ގެ ފަރާތުންރިވާކުރައްވާފައިވާ ޙަދީޘްފުޅު ހިމެނެއެވެ. “رأيت رسول الله صلى الله عليه وسلم وهو على الراحلة يسبّح، يومىء برأسه قبل أي وجه توجه، ولم يكن رسول الله صلى الله عليه وسلم يصنع ذلك في الصلاة المكتوبة” “ރަސޫލާ صلى الله عليه وسلم ދަތުރުފުޅުގައި ސަވާރީ މަތީގައި އިންނަވައިގެން ސަވާރީ ދިޔަ ދިމާލަކަށް ހުންނަވައިގެން ސުންނަތް ނަމާދުކުރައްވާތަން ދެކެމެވެ. ނަބިއްޔާ صلى الله عليه وسلم ގެ އިސްތަށިފުޅުން ސަވާރީ މިސްރާބުޖެހި ކޮންމެ ދިމާލަކަށް ކުރިމަތިލައްވަމުން (ބޮލުގެ) ޙަރަކާތުން ނަމާދު ކުރެއްވިއެވެ. މިއީ ރަސޫލާ ﷺ ދަތުރުމަތީގައި ފަރުޟުނަމާދުގައި ޢަމަލުކުރައްވާ ގޮތެއްނޫނެވެ”.

ފަހެ، ޙަދީޘްގައި ބަޔާންވަނީ އެފަދައިން ފަރުޟު ނަމާދު ނުކުރައްވާ ކަމެވެ.

ޔަޢުނީ: ފަރުޟު ނަމާދުގައި ސަވާރީ ދާނެ ދިމާލަކަށް ދާހިނދު އެއްގޮތަކަށް ނުއިންނަވާ ކަމެވެ. ސަވާރީ ދާނެ ދިމާލަކަށް ދާހިނދު އެއްވެސް ގޮތަކަށް އެނބުރި ނަހައްދަވަނީ ސުންނަތް ނަމާދުގައެވެ.

މިތަނުގައި ދަންނަން ޖެހޭ ނުކުތާއެއްވެއެވެ. (މަތީގައި ބަޔާންކުރެވުނު عامر بن ربيعة ގެ ޙަދީޘްގައި ފަށާހިނދު ޤިބްލައަށްހުރެ، އެހެނަސް ސުންނަތް ނަމާދުގައި ސަވާރީ އެނބުރެމުންދާ ހިނދު، ޤިބްލައަށް ނަމާދު ކުރާ މީހާ އެނބުރެން ނުޖެހޭކަން ޚާއްޞަ ކުރެވިގެންވަނީ ސަވާރީއެއްގެ މަތީގައިވެ، ދަތުރު ކުރަމުންދާ މީހާއަށެވެ. އެހެނަސް މީހަކު ސުންނަތް ނަމާދު ތަނެއްގައި ޤާއިމްވެގެންހުރެ ކުރާހިނދު، އެހިނދު ޤިބްލައަށް ކުރިމަތިލުމަކީ އެމީހާގެ މަތިން ވެއްޓޭނެ ކަމެއް ނޫނެވެ. އަދި އެފަދައިން ޤިބްލައަށް ކުރިމަތި ނުލައި ނަމާދުކޮށްފިނަމަ ނަމާދު ބާޠިލްވާނެ އެވެ.)

ދެވަނައީ: ދަތުރުމަތީގައި ސުންނަތް ނަމާދު ކުރުމެވެ. (މާނައަކީ، ސަވާރީއެއްގެ މަތީގައި ދަތުރު ކުރަމުންދާހިނދު ސުންނަތްނަމާދު ކުރުމުގައި އޮތް ޙުކުމެވެ.) ސުންނަތުން ބަޔާންވަނީ، ނަމާދު ފައްޓަވާހިނދު ޤިބަލައަށް ހުންނަވައި ނަމާދު ކުރެއްވުމެވެ. އެއަށްފަހު ސަވާރީ އެނބުރުނު ކަމުގައި ވީނަމަވެސް ނަމާދުގައި ހުންނަވައި އެއްވެސް ގޮތަކަށް އެނބުރި ވަޑައިނުގަންނަވާކަމެވެ. މަދީނާގެ މިއަދު ތިއްބެވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة عَبد المحسن العباد – حفظه الله- ވިދާޅުވެފައިވެއެވެ.

“ދަތުރުވެރިޔާ ސުންނަތް ނަމާދު ސަވާރީގެ މަތީގައި ކުރާއިރު އެންމެ ފުރަތަމަ ހަރަންބަންނަ ހިނދުގައި ޤިބްލައަށް ކުރިމަތިލާންޖެހޭނެއެވެ. ދެން ސަވާރީ ދަތުރުކުރާ ދިމާލަކަށް ހުރެ ނަމާދުކުރެވޭނެއެވެ. އެއީ أبي داود (1225) ގައި أنس بن مالك ގެފަރާތުން ރިވާވެގެންވާ ފަދައިންނެވެ. “أن رسول الله صلى الله عليه وسلم كان إذا سافر فأراد أن يتطوع استقبل بناقته القبلة فكبّر ثم صلّى حيث وجهه ركابه” “ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ދަތުރުފުޅުމަތީގައި ސުންނަތް ނަމާދުކުރެއްވުމަށް ބޭނުންފުޅުވެވަޑައިގެންނެވި ހިނދުގައި ހަރަންބަންނަ ތަކުބީރު ވިދާޅުވާހިނދު ސަވާރީ ޤިބްލައަށް ބަހައްޓަވައެވެ. އޭގެފަހުގައި ސަވާރީ ދަތުރުކުރާ ދިމާލަކަށް ނަމާދުގައި ދެމިހުންނަވައެވެ”.

މިޙަދީޘްފުޅާއިމެދުގައި الحافظ ابن حجر ބުލޫޣުގައި ވިދާޅުވެފައިވެއެވެ. “މިޙަދީޘްފުޅުގެ އިސްނާދު ޙަސަންއެވެ. އަދި އަހަރުމެންގެ ޝެއިޚް عبد العزيز بن باز رحمه الله މިފޮތުގެ(1/176) ޙާޝިޔާގައި ވިދާޅުވެފައިވެއެވެ. “ابن حجر ވިދާޅުވެފައިވާފަދައިން ޙަދީޘްފުޅުގެ އިސްނާދުގައިވާ ރިޖާލުންނަކީ ޘިޤާއިންނެވެ. އަދި މިޙަދީޘްފުޅު ވެގެންދަނީ ދަތުރުމަތީގައި ނަމާދުގައި ބޭނުން ދިމާލަކަށް ނަމާދުކުރުމަށް އައިސްފައިވާ އެހެން ރިވާޔަތްތަކަށް ޚާއްޞަ ޙުކުމެއް ބަޔާންކޮށްދޭ ރިވާޔަތެއްގެ ގޮތުގައެވެ”.

އަޚާއެވެ. ފަހުން ބަޔާންވި ޙަދީޘްގައިވެސް ނަބިއްޔާ صلى الله عليه وسلم ސުންނަތް ނަމާދު، ސަވާރީ މަތީގައި، ދަތުރު މަތީގައި ކުރައްވާހިނދުގައި ބަޔާންވަނީ ފައްޓަވާހިނދު ޤިބްލައަށް ކުރިމަތިލައްވާކަމެވެ. އެއަށްފަހު ސުންނަތް ނަމާދުގައި ސަވާރީ އެނބުރުނު ކަމުގައި ވީނަމަވެސް ޤިލްލައަށް އެނބުރިވަޑައިނުގަންނަވައެވެ.

ޙަދީޘްގައި “ސުންނަތް ނަމާދު” މިފަދައިން ޤައިދުވެފައިވަނީ ވަރަށް ޞަރީޚަކޮށެވެ. ވީމާ، އެއީ ފަރުޟު ނަމާދުގައި ޢަމަލުފުޅު ކުރެއްވި ގޮތް ނޫންކަން އޭގެ ކުރިން ބަޔާންވި ޙަދީޘްގައިވާ ފަދައިން ބަޔާންވެއެވެ.

އެހެންވުމުން ޚުލާޞާއަކީ: ފަރުޟު ނަމާދު ކުރާހިނދު، ސަވާރީ، ދޯނިފަދަ އެއްޗެއް އެނބުރިއްޖެނަމަ، އެނބުރުމަށް އެމީހަކަށް ކުޅަދާނަ ޙާލަތެއްގައިވާނަމަ ޤިބްލައަށް އެނބުރުމެވެ. އަދި ސުންނަތް ނަމާދުގައި، ސަވާރީގައި އިންނަ މީހާ، ފަށާހިނދު ޤިބްލައަށް ހުރުމެވެ. އަދި އޭގެފަހުގައި ސަވާރީ އެނބުރުނަސް އެނބުރެން ނުޖެހޭ ކަމެވެ.

މަތީގައިވާ މަޢުލޫމާތު އެނގި ބަޔާންވުމުން އަޚާއަށް ބުނަމެވެ. ދަތުރުވެރިންގެ ހައްޤުގައި ނަމާދު ޖަމްޢު ކުރުމާއި ޤަޞްރު ކުރުމަކީ ހުއްދަ ކަމެކެވެ. ސުވާލުގައި ބުނެފައިވާ ގޮތަށް ވާރޭ ވެހުމާއި ކަނޑު ގަދަވުމާއި މީހުން ނިދާފައި ތިބުމާއި އެކިއެކި ޢުޛުރު ތަކެވެ.

ދަންނައެވެ! މަހަށް ގޮސް ހުންނަ މީހާއަކީ ދަތުރުވެރިއެއް ކަމުގައި ވުމުން، މެންދުރު ވަގުތުން ފަށައިގެން ގޮސް އިރު އޮއްސުމާ ހަމައަށް ދުވާލުގެ ދެ ނަމާދު (މެންދުރު އަދި ޢަޞްރު) ކުރެވޭނެއެވެ. ދޯނީގައި ތިބި އެންމެން ނިދާފައިވެ، ދުވާލުގައިނަމަ އެންމެން އިރު އޮއްސެންދެން ނުހޭލައި ތިބެނީ ހެއްޔެވެ؟ އެތެރޭގައި 5 ވަރަކަށް މިނެޓަށް އެކަކު ނަމާދު ކޮށްލަންވެސް ޖާގައެއް ނުލިބޭނެ ހެއްޔެވެ؟ 6 ގަޑި އިރުގެ މުއްދަތެއް ފަހަނައަޅައި ދާއިރު ނަމާދު ކޮށްލާނެ ޖާގައެއް ލިބުމުގެ ފުރުސަތު ނޯންނަނީ ހެއްޔެވެ؟ ފަހެ، މިކަން މިފަދައިން ދިއުމަކީ މުސްލިމުން (ނަމާދަށްއަރާ މީހުން) ތިބޭ ތަނެއްގައި އެދެވިގެންވާ ގޮތެއް ނޫނެވެ.

މިފަދައިން ބުނެފައި މިވާ ސަބަބަކީ، ޤިބްލައަށް ކުރިމަތި ލުމަކީ ނަމާދުގެ ޝަރުޠަކަށް ވުމުން، އެނޫން ގޮތެއް ނެތިގެން ނޫނީ ދޫކޮށްނުލެވޭނެތީއެވެ؟ މިއީ ކުޑަ ކަމެއްގެ ގޮތުގައި ހަދައި ފަސޭހަ ކޮށްލައިގެން ނުވާނެއެވެ.

ތިޔަ އަޚާއަށް ނަޞޭހަތުގެ ގޮތުގައި ބުނަމެވެ. ތިގޮތަށް ކަންތައް ދިމާވާނަމަ، ދޯނީގެ އިސް ފަރާތަކާއި ވާހަކަ ދައްކައިގެން އެކަމަށް އެކަށޭނެ ފިޔަވަޅެއް އެޅުން ހުއްޓެވެ. ޤިބްލައަށް ކުރިމަތިލުން ދޫކޮށްލެވޭނީ ހުރިހައި ގޮތެއް ނެތިވެ، ދުވާލުގެ ދެނަމާދު ފާއިތުވެ ދާނެ ފަދަ ޙާލަތަކަށް އައުމުން އެ ޒަރޫރީ ދަނޑިވަޅުގައެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.