ކުރިސްމަސް ފާހަގަކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

christmasfaahaga kururmuge hukum

ކުރިސްމަސް ފާހަގަކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ޖަވާބު ދެއްވީ: އުސްތާޛް أبو أنس محمد حسن (حفظه الله)

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ކުރިސްމަސް ފާހަގަ ކުރުމާއި މެދުގައި ބުނަމެވެ. ޖަވާބު ނުކުތާ ތަކެއްގެ މައްޗަށް ބަޔާން ކުރަމެވެ.

ފުރަތަމައީ: އެންމެހައި މުސްލިމުން އީމާންވެ ޤަބޫލުކުރަންޖެހޭ ޢަޤީދާއެއްވެއެވެ. އެއީ އިސްލާމް ދީން ފުރިހަމަވެގެންވާ ކަމާއި ދީނަށް އުނި އިތުރުވުން ހުއްޓިފައިވާ ކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. “الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا” (المائدة : 3) މާނައީ، “މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން ﷲ ފުރިހަމަކޮށް ދެއްވައިފީމުއެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ﷲ ، ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމުއެވެ”.

އެހެންކަމުން، އިސްލާމް ދީން އެ ގޮތުގައި ފުރިހަމަވެގެންވާކަމުގެ ތެރޭގައި މުސްލިމުންނަށް އެބައިމީހުންނަށް އަހަރު ދުވަސްތަކުގައި ފާހަގަ ކުރާނެ، އުފާ ފާޅުކުރާނެ ދުވަސްތަކެއް އިސްލާމް ދީނުގައި ﷲ ޝަރުޢު ކުރައްވާ ކަނޑައެޅުއްވިއެވެ.

ވުމާއެކު، މުސްލިމުންނަށް ﷲ އެފަދަ ދުވަސްތަކެއް ކަނޑައަޅުއްވައި ޝަރުޢުކޮށް ދެއްވުމަށްފަހުގައި، ކާފަރުންގެ ކުފުރު މިއްލަތްތަކުގައިވާ އެފަދަ ދުވަހެއް ފާހަގަ ކުރުން އެއީ ކުރެވޭނެ ކަމެއް ނޫންކަން ކޮންމެ މުސްލިމަކަށް އެނގިގެންދާނެކަމީ ޝައްކެތް ވެސް އޮތް ކަމެއް ނޫނެވެ.

ދެވަނައީ: ކާފަރުންގެ ޢީދުތައް ފާހަގަ ކުރުމުގެ ޙުކުމެވެ.

އެންމެހައި މުސްލިމުން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި ކާފަރުންނަށް ޚާއްޞަ ޝިޢާރުތަކުގައި ތަހުނިޔާ ކިޔުމާއި އެކަމުގައި އެއްވެސް ބީދައަކުން ބައިވެރިވުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ. ابن القيم رحمه الله ލިޔުއްވާފައިވާ ފޮތް أحكام أهل الذمة ގައި މިކަން ނަޤުލުކުރައްވާފައިވެއެވެ. ފޮތުގައި ވިދާޅުވެފައިވެއެވެ.

“ކާފަރުންގެ ޚާއްޞަ ޝިޢާރުތަކުގައި ތަހުނިޔާކިޔުން ޙަރާމްވެގެންވާކަމަށް (ޢިލްމުވެރިން) އިއްތިފާޤުވެ ވަޑައިގެންފައިވެއެވެ. މިޘާލަކަށް އެބައިމީހުންގެ ޢީދުތަކާއި ރޯދަތަކުގައި ތަހުނިޔާ ކިޔުމެވެ. އެގޮތުން (ތަހުނިޔާ) ކިޔުމުގެ ގޮތުން ބުނެއެވެ. ތިބާއަށް ޢީދު މުބާރިކްއެވެ. ނުވަތަ ތިބާއަށް މި ޢީދަށް ތަހުނިޔާ ކިޔަމެވެ. ނުވަތަ މި ނޫންގޮތަކަށް ތަހުނިޔާ ކިޔުމެވެ. ފަހެ، މިފަދައިން ބުނާ މީހާ ކާފަރު ނުވެ ސަލާމަތްވެއްޖެއެވެ. އެހެންކަމުގައިވާނަމަ އޭނާ ވަނީ ޙަރާމް ކަމަކަށް އަރައިގަނެފައެވެ. ފަހެ، މިފަދައިން ކިޔާ ތަހުނިޔާއަކީ އެމީހަކު ޞަލީބަށް ސަޖިދަ ޖެހުމުން އެކަމަށް ތަހުނިޔާ ކިޔުމުގެ މަޤާމުގައިވާ ކަމެކެވެ. އަދި ކިޔެއްތޯ؟ ބަނގުރާ ބުއިމުން އެކަމަށް ތަހުނިޔާ ކިޔުމަށްވުރެ އަދި ޤަޞްތުގައި ނަފްސެއް ޤަތުލުކުރުމުން އަދި ޙަރާމްވެގެންވާ ފަރުޖެއް ހޯދައި އެދުންފުއްދުމުން މިކަންތަކަށް ތަހުނިޔާ ކިޔުމަށްވުރެ، މިކަމުގެ ނުބައިކަމާއި، ﷲ އެކަމަށް ކޯފާވެ ވޮޑިގެންވުން، ﷲ ހަޟުރަތުގައި ބޮޑުވެގެންވެއެވެ”.

މިފަދަ ކަންތައްތަކުގެ ތެރެއަށް ވެއްޓެނީ އެމީހުންގެ ނަފްސުގައި ދީނަށް އެއްވެސް ޤަދަރެއް ނެތް މީހުންނެވެ. އެމީހަކަށް އޭނާއަށް އެކުރެވުނު ޢަމަލުގެ މުޑުދާރުކަން ނޭނގެއެވެ. ފަހެ، އަޅަކު ފާފައެއް ކުރުމުން ނުވަތަ ބިދުޢައެއް ކުރުމުން ނުވަތަ ކުފުރަށް ތަހުނިޔާ ކިޔައިފި މީހާ ވަނީ ﷲ ގެ ކޯފާއަށް އަދި ޢުޤޫބާތަށް ހުށައެޅިގެންފައެވެ” (أحكام أهل الذمة 27 ).

މި ދުވަސް ފާހަގަކުރުން މިއީ ކާފަރުންގެ ދީނުގައި ވެސް އޮތް ކަމެއް ކަމުގައި ނުވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ، ﷲ ގެ ނަބިއްޔާ عِيسى عليه السلام އަމިއްލަފުޅަށް މި ދުވަސް ފާހަގަ ނުކުރައްވައެވެ. ފަހެ އެހިނދު އެ ނަބިއްޔާއަށް ތަބަޢަވާ ބައެކޭ ބުނެ ދަޢުވާ ކުރާ މީހުން، މިދުވަސް ފާހަގަ ކުރުން އެއީ ކިހިނެތް ގެނައި ކަމެއް ހެއްޔެވެ؟ އެމީހުންގެ ދަޢުވާކުރާ ނަޞާރާ ދީނުގައި ވެސް އޮތް ކަމެއް ނޫނެވެ. އެހެނަސް ކުފުރާއި ފާޙިޝް މުޑުދާރު ޢަމަލުތަކަށް އަރައިގަތުމަށްޓަކައި ހޯދާފައިވާ ދުވަހެއް ކަމުގައި މެނުވީ މި ދުވަސް ނުވެއެވެ. އެ ނަބިއްޔާގެ ޙައްޤުގައި ބުނެ ދައްކާލާ ދަޅަ އެކެވެ. އެހެނަސް އޭގެ ބަދަލުގައި ބަނގުރާ ބުއިމާއި، އެފަދަ ބަނގުރަލާއި ޖުވާއާ އަދި މިއުޒިކާއި ލަވަފަދަ ޝައިޠާނީ ޢަމަލުތައް ހިންގުމަށް ހޯދާފައިވާ ޝިޢާރެއް ކަމުގައި ނޫނީ މި ދުވަސް ފާހަގަ ކުރުން ނުވެއެވެ.

މިއަދު ދުނިޔެ މަތީގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشّيخ عبد القادر الجُنيد حفظه الله ވިދާޅުވެފައިވެއެވެ. ”ކުރިސްމަސް އަކީ ނަޞާރާއިންގެ ދީނީ ޢީދެކެވެ. އެބައިމީހުންގެ ދީން ބިނާވެފައިވަނީ عيسى عليه السلام އަށް އިލާހުވަންތަ ކަމުގެ މަޤާމް ދީފައިވުމެވެ. އެންމެހައި ފިޤުހުޢިލްމުވެރިން އިޖްމާޢުވެ ވަޑައިގެންފައިވާގޮތުގައި އެއަށް ތަހުނިޔާކިޔުން ޙަރާމްވެގެންވެއެވެ. އަހަރެމެންގެ ދީނުގެ މައްޗަށް ފަރުވާކުޑަކުރާ މީހުން މި ޙުކުމުގެ މައްޗަށް ސަމާލުކަމެއް ނުދެއެވެ“.

ތިންވަނައީ: މި ދުވަސްތަކުގައި ތަހުނިޔާ ކިޔާ މީހާ އެކުރެވެނީ ކޮންފަދަ ޢަމަލެއްކަން ބަޔާން ކުރުމެވެ.

އަޚާއެވެ! އިސްވެ ބަޔާންވެދިޔައީ، ދީނުގެ އެންމެހައި ޢިލްމުވެރިން ކާފަރުންގެ ޢީދުތައް ފާހަގަ ކުރުމާއި ބައިވެރިވުމާއި އަދި ތަހުނިޔާ ކިޔުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އިއްތިފާޤުވެ ވަޑައިގެންފައިވާ ކަމެވެ.

ސަބަބަކީ ކޮބައިތޯއެވެ؟ މި ދުވަސްތަކަށް ތަހުނިޔާ ކިޔުމަކީ ކާފަރުންގެ އެ ޝިޢާރުގެ މައްޗަށް ރުހުމާއި އަދި އެބައިމީހުންނަށް ރުހުމެވެ.

ކުރިސްމަސް އަކީ ކޮން އެއްޗެއް ތޯއެވެ؟ އެއީ، އެމީހުން ދަޢުވާ ކުރާ ގޮތުގައި ﷲ ގެ ނަބިއްޔާ عِيسى عليه السلام ގެ އުފަންދުވަސް ފާހަގަ ކުރުމެވެ. ފަހެ، މި ދަޢުވާގެ މައްޗަށް ބިނާކޮށް އެބައިމީހުން ފާހަގަ ކުރާ މިދުވަސް ވެފައިވަނީ އެތައް ގިނަގުނަ ފާޙިޝްކަންބޮޑު ނުބައިކަންބޮޑު ﷲ އަށް ޝަރީކު ކުރުމާއި، މުންކަރާތްތަކަށް އަރައިގަންނަ ޢީދެއްގެ ގޮތުގައެވެ.

ކާފަރުން ﷲ ގެ ނަބިއްޔާ عِيسى عليه السلام އަކީ އިލާހެއް ކަމަށް ޤަބޫލު ނުކުރޭ ހެއްޔެވެ؟ ތިން އިލާހުންގެ ތެރެއިން އެއް އިލާހުކަމުގައި ދަޢުވާ ނުކުރޭ ހެއްޔެވެ؟

عِيسى عليه السلام އަކީ ﷲ ގެ ދަރިކަލެއް ކަމުގައި ނުބުނޭ ހެއްޔެވެ؟

އެމީހުން ސަލާމަތް ކޮށްދޭން، ނަރަކައިން މިންޖުކޮށްދޭނެ ފަރާތެއް ކަމުގައި ނުދެކޭ ހެއްޔެވެ؟

ޞަލީބަށް އެރުވި ދުނިޔެ ދޫކޮށްފައިވާ ފަރާތެއް ކަމުގައި ޤަބޫލު ނުކުރޭ ހެއްޔެވެ؟

މި އެންމެހައި ކުފުރިއްޔާތެއް އަދި ޝިރުކުތަކެއްގެ މައްޗަށް ޤަބޫލު ކުރާ ޙާލުގައި އެމީހުން ފާހަގަ ކުރާ ދުވަހެއްގައި އެބައިމީހުންނަށް ތަހުނިޔާކިޔުން ނުވަތަ އެކަން ކުރުމަށް އެހީތެރިވެދިނުން ވެގެންދާނީ އެ މުންކަރާތަކުގައި ބައިވެރިވުމާއި އެކަމަށް އެއްބަސްވުން ކަމަށް ނޫން ހެއްޔެވެ؟

ފަހުގެ ޒަމާނުގައި ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ العلامة محمد بن صَالح العُثَيمِين رحمه الله ވިދާޅުވެފައިވެއެވެ. “ކާފަރުންގެ ދީނީ ޢީދުތަކަށް ތަހުނިޔާ ކިޔުމަކީ މިހާ ބޮޑު ޙަރާމްވެގެންވާ އަދި ނުބައިކަމެއްގެ ގޮތުގައިވެގެން ގޮސްފައިވާ ސަބަބަކީ، އެއީ އެބައިމީހުން އެތިބި ކާފަރު ޝިޢާރުތަކުގެ މައްޗަށް އިޤްރާރު ވުމާއި އެކަމަށް އެބައިމީހުންނަށް ރުހުމެވެ. ފަހެ، އޭނާގެ ނަފްސަށް އެ ކުފުރުގެ މައްޗަށް ނުރުހޭނަމަ، (އެހިނދުގައި އޭނާ ދަންނަންޖެހެއެވެ.) ކާފަރު ޝިޢާރުތަކުގެ މައްޗަށް ރުހުން އޭނާއަށް ހަރާމްވެގެންވެއެވެ. ނުވަތަ އެބައި މީހުންނަށް އެކަމަށް ތަހުނިޔާ ކިޔުން ވެސް (ޙަރާމްވެގެން) ވެއެވެ. ސަބަބަކީ ﷲ ވަޙީ ކުރައްވާފައިވާ ފަދައިން، ﷲ އެކަމަށް ރުއްސަވާ ވޮޑިނުގަންނަވައެވެ. “إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِىٌّ عَنكُمْ وَلَا يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ ” [الزمر : 7] “ތިޔަބައިމީހުން ކާފަރުވާނަމަ ފަހެ ﷲ އީ ތިޔަބައިމީހުންގެ ކިބައިން ދުރުވެވޮޑިގެންވާ ފުދިވޮޑިގެންވާ އިލާހެވެ. އަދި އެކަލާނގެ އަޅުން ކާފަރުވުމަށް އެކަލާނގެ ނުރުއްސަވަތެވެ. އަދި ތިޔަބައިމީހުން ޝުކުރު ކުރާނަމަ، އެކަމަށް ތިޔަބައިމީހުންނަށް ރުއްސަވާވޮޑިގެންވެއެވެ”. އަދިވެސް ﷲ ވަޙީ ކުރެއްވިއެވެ. “الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِ” [المائدة : 3] “މިއަދު ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމުއެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަން ﷲ ތިޔަބައިމީހުންގެ މައްޗަށް ރުހިވޮޑިގެންފީމުއެވެ”.

މިކަންތައްތަކުގައި އެބައިމީހުންނަށް ތަހުނިޔާ ކިޔުން ޙަރާމެވެ. އެއީ އެމީހަކު އެ ޢަމަލުގައި ބައިވެރިވި ކަމުގައިވިޔަސް ނުވަތަ ޢަމަލުގައި ބައިވެރިނުވި ކަމުގައިވިޔަސްމެއެވެ” (فتاوى 3/369).

ހަތަރުވަނައީ: މިދުވަސް ފާހަގަ ކުރާ ކާފަރުން މިދުވަހުގައި މުސްލިމުންނަށް ތަހުނިޔާ ފޮނުވައިފިހިނދު ޢަމަލު ކުރާނެ ގޮތެވެ.

العلامة محمد بن صَالح العُثَيمِين رحمه الله ވިދާޅުވެފައިވެއެވެ. “އެބައިމީހުން އަހަރެމެންނަށް ތަހުނިޔާ ކިޔައިފި ހިނދުގައި އަހަރެމެން އެބައިމީހުންނަށް އެކަމުގައި އިޖާބަނުދޭނަމެވެ. ސަބަބަކީ އެއީ އަހަރެމެންނަށް އޮތް ޢީދެއް ނޫނެވެ. އަދި އެކަމުގެ ސަބަބަކީ އެ ޢީދުތަކަކީ ﷲ ރުއްސަވާވޮޑިގެންވާ ޢީދުތަކެއް ނޫނެވެ. އަދި އެއީ އެބައިމީހުންގެ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢަވެރި ޢީދުތަކެވެ. ނޫނީ އެއީ (އެބައިމީހުންގެ ޙައްޤު ޝަރީޢަތުގައި) ލެވިފައިވާ ޢީދެއްގެ ގޮތުގައިވެ އެހެނަސް مُحمد ﷺ އެންމެހައި މީސްތަކުންގެ ގާތަށް އިސްލާމީ ޝަރީޢަތާއިގެން ފޮނުއްވުމަށްފަހުގައި މަންސޫޚު ކުރެވިގެންވުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ” وَمَنْ يَبْتَغِ غَيْرَ الإسلام دِيناً فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ” [المائدة : 3] “ދީނެއް ކަމުގައި އިސްލާމްދީން ނޫން އެހެން ދީނެއް ހޯދައިފި މީހާގެ ކިބައިން އެކަން ޤަބޫލު ނުކުރެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ އަބާއްޖެވެރިންގެ ތެރެއިންނެވެ”.

މިއިން އެއްވެސް މުނާސަބަތަކަށް ދަޢުވަތު ލިބުމުން އެ ދަޢުވަތަކަށް އިޖާބަދިނުން މުސްލިމް އަޅާއަށް ޙަރާމްވެގެންވެއެވެ. ސަބަބަކީ އެބައިމީހުންނަށް ތަހުނިޔާ ކިޔުމަށްވުރެ އެބައިމީހުންގެ އެ ޢަމަލުތަކުގައި ބައިވެރިވުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ.

އަދި ހަމައެފަދައިން މިފަދަ މުނާސަބުތަކުގައި ކާފަރުންނާ އެއްގޮތްވެ، އެއްވަތްތަރުވުމަށް މުސްލިމުން ޙަފްލާތައް ބޭއްވުން ޙަރާމްވެގެންވެއެވެ. ނުވަތަ ހަދިޔާ ބަދަލު ކުރުމާއި ހަދިޔާ ބެހުން ނުވަތަ ކާތަކެތި ތައްޔާރުކުރުން ނުވަތަ (ވަޒީފާ) މަސައްކަތް ހުއްޓާލާ ޗުއްޓީވުމާއި މިފަދަ އެންމެހައި ޢަމަލުތައް ހުއްދައެއް ނުވާނެއެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. “من تشبه بقوم فهو منهم” މާނައީ، “އެބަޔަކާއި އެއްގޮތްވެ، އެއްވަތްތަރުވެއްޖެ މީހާވަނީ އެބައިމީހުންގެ ތެރެއިންނެވެ”. އަދި شيخ الإسلام ابن تيمية ލިޔުއްވާފައިވާ ފޮތް اقتضاء الصراط المستقيم مخالفة أصحاب الجحيم ގައި ވިދާޅުވެފައިވެއެވެ. “އެބައިމީހުންގެ ޢީދުތަކުގައި އެބައިމީހުންނާއި އެއްގޮތްވެ އެއްވަތްތަރުވުމަކީ، އެބައިމީހުންގެ ހިތްތަކަށް އެބައިމީހުން ތިބި ބާޠިލް ކަމުގެ މައްޗަށް އުފާވެރިކަން ގެނުވައިދޭ ކަމެއް ކަމުގައިވެއެވެ”.

މިފަދަ އެއްވެސް ޢަމަލެއް ކޮށްފި މީހާއަކީ ފާފަވެރިވާނެ މީހެކެވެ. އެއީ އެ ޢަމަލެއް އޭނާ ކުރީ، އެމީހުންނާ އެކީ ރިވެތި ގޮތުގައި މުޢާމަލާތް ކޮށްލުމަށް ނުވަތަ އެމީހުންދެކެ ލޯބިން ނުވަތަ ލަދުވެތި ކަމުގެ ސަބަބުން ނުވަތަ އެހެންނިހެން ސަބަބެއް މެދުވެރިވެގެން ކަމުގައިވިޔަސްއެވެ. ސަބަބަކީ މިއީ ﷲ ގެ ދީނުގައި މުދާހަނާ ކުރުމެވެ. އަދި މިއީ ކާފަރުން ނަފްސުތަކަށް ގަދަކަން ގެނެސްދޭ ކަމެއްކަމުގައިވެއެވެ. އަދި އެބައިމީހުންގެ ދީނުގެ މައްޗަށް ފަޚުރުވެރިވާނެ ކަމެއް ގޮތުގައިވެއެވެ” (مجموع فتاوى ورسائل الشيخ / محمد بن صالح العثيمين رحمه الله ج3، ص 44).

މިއަދު ދުނިޔެމަތީގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلامة صَالح الفَوزَان حفظه الله ވިދާޅުވެފައިވެއެވެ.

ސުވާލު: ކާފަރުން އެބައިމީހުން ޢީދުގައި ތަހުނިޔާ ކިޔުމުން، އަހަރެމެންނަށް އެ ކާފަރުންނަށް ތަހުނިޔާ ކިޔޭނެ ހެއްޔެވެ؟

ޖަވާބު: “އަހަރެމެން ބުނަމެވެ. ނޫނެކެވެ. ކާފަރުންގެ ޢީދުތަކުގައި ކާފަރުންނަށް ތަހުނިޔާ ކިޔުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ (ތަހުނިޔާ ކިޔުމަކީ) އެއަށް އެމީހަކު އިޤްރާރުވުމެވެ. އެ ޢީދުތަކަކީ ކުފުރު ޢީދުތަކެވެ. ކާފަރުންގެ ޢީދުތަކުގައި ކާފަރުންނަށް ތަހުނިޔާކިޔުން މުސްލިމަކަށް ހުއްދައެއް ނުވާނެއެވެ. އަދި އެމީހުންނަށް އެހީތެރިވުން ވެސް ހުއްދައެއް ނުވާނެއެވެ. އަދި ޢީދު ފާހަގަ ކުރުމަށްޓަކައި އެއްވެސް ތަނެއް ދިނުން ވެސް ހުއްދައެއް ނުވާނެއެވެ. އަދި ޢީދު ފާހަގަ ކުރުމަށްޓަކައި އެއްވެސް ގޮތަކަށް ފައިސާ ދިނުމެއް ވެސް ހުއްދައެއް ނުވާނެއެވެ. ފަހެ، އެއްވެސް ގޮތަކަށް އެހީތެރިވެދިނުމެއް ނުވެއެވެ. އަދި އެ ޢީދުތަކުގައި ތަހުނިޔާ ކިޔުމެއް ވެސް ނުވެއެވެ. ސަބަބަކީ އެއީ ކުފުރު ޢީދުތަކެވެ. އާނއެކެވެ”.

ވީމާ، މިފަދަ ދުވަސްތަކުގެ މައްޗަށް މުސްލިމުން އިންޒާރު ލިބިގަތުން ހުއްޓެވެ. ﷲ ގެ ކޯފާގެ މައްޗަށް ނަފްސަށް ބިރުވެތިވުން ހުއްޓެވެ. މިއަދު އެތައް މުސްލިމުންނެއް ވަނީ މި މުޞީބާތާއި، މި ޙަރާމް ޢަމަލުގައިޖެހި، މި ކުރެވޭ ނުބައިކަން ބޮޑުވެގެންވާ ޢަމަލުގެ ނުރައްކަލުގެ މައްޗަށް ޣާފިލުވެފައެވެ.

ތަހުނިޔާ ކިޔުމާއި، ހަދިޔާ ބަދަލު ކުރުމާއި، ޙަފްލާތަކުގައި ބައިވެރިވުމާއި މިފަދަ އެންމެހައި ޢަމަލުތަކީ އެންމެ ބޮޑުވެގެން ޙަރާމް ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެވެ.

ތިމާގެ ދީނަށް ރައްކާތެރިވާ މީހާ އަދި ﷲ ގެ ޙަޟުރަތުގައި ކޮޅަށް ހުންނަންޖެހޭ ދުވަހުގެ މައްޗަށް ބިރުވެތިވާ މީހާ، މިފަދަ ކުފުރާއި ޝިރުކު އަދި ޙަރާމް ޢަމަލުތަކުން ފުރިފައިވާ ދުވަހެއްގެ މައްޗަށް މަރުޙަބާ އަދި ތަހުނިޔާ ކިޔުން ދުރުވެ ނަފްސު ބަރީޢަ ކުރާނެކަން ކަށަވަރެވެ.

ފަސްވަނައީ: ކާފަރުން އެބައިމީހުންގެ ދީނީ ޢީދުތައް ފާހަގަ ކުރާހިނދު، ބައެއް މުސްލިމުންގެ ކިބައިން އެ ޢީދުތަކާއި ގުޅިގެން ފެންނަ ބައެއް ޙަރާމް ޢަމަލުތަކެވެ.

1. މި ޢީދުތަކުގައި ބައިވެރިވުމަށް ދެވޭ ދަޢުވަތް ޤަބޫލުކުރުން: ފަހެ، އެބައިމީހުންގެ މިފަދަ ދީނީ އަދި އެ ކާފަރުންނަށް ޚާއްޞަވެގެންވާ ޢީދުތައް ފާހަގަ ކުރުމަށް ބައެއް މުސްލިމުން އެތަންތަނަށް ޙާޟިރުވެއެވެ. އަދި އެބައިމީހުންގެ އެ އުފާ ފާޅު ކުރުމުގައި ބައިވެރިވެއެވެ. އަދި ކާފަރުންނަށް އެކަމުގައި ތަހުނިޔާ ކިޔައެވެ. އަދި ހަދިޔާ ބަދަލު ކުރުމުގައިވެއެވެ.

2. ކާފަރުންގެ ޢީދުތަކުގައި ތަހުނިޔާ ކިޔުމުގެ ގޮތުން އެކަމާއި ގުޅިގެން ކާޑު ފޮނުވުމާއި އަދި ބައެއް ފަހަރު އެ ކާޑުތަކާއެކު މާމެލާމެލި ހަދިޔާ ކުރުމާއިއެކު އަދި އެކަމަށް މުނާޞިބުވެގެންވާ ކަލިމަތައް ނުވަތަ ޖުމަލަތަށް ލިޔުމެވެ.

3. މިފަދަ ޢީދުތަކުގައި ތަހުނިޔާ ކިޔުމުގެ ގޮތުން، އެކި އެކި ޕްރޮޤްރާމްތަކާއި ނޫސް މަޖައްލާތަކާއި އަދި އިންޓަނެޓް އާއި ސޯޝަލް މީޑިޔާގައި އިޢުލާންތައް ކުރުމާއި މެސެޖް ފޮނުވުންފަދަ އެންމެހައި ކަންތައްތަކެވެ.

4. ކާފަރުން މި ޢިދުތަކުގައި ޙަފްލާ ބޭއްވުމަށްޓަކައި، ހޮޓާތަކާއި އަދި އެފަދަ ތަންތަން އެބައިމީހުންނަށް ކުއްޔަށް ދިނުމެވެ.

މި ޢަމަލުތަކަކީ މުއުމިނު އަޅުތަކުންނަށް ﷲ ޙަރާމް ކުރައްވާފައި ޢަމަލުތަކެވެ. ފަހެ، މި ޢަމަލު ވާކަން ކަށަވަރީ ކާފަރުންނަށް އެބައިމީހުން ކުފުރާއި ކުފުރުގެ ޝިޢާރުތައް ފާޅުކޮށް، ފާފަވެރި ޢަމަލުތައް ކުރުމަށް ވާގިވެރިވުމުގެ ތެރޭގައި ހިމެނިގެންވާ ޢަމަލުތަކެއް ކަމުގައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. “وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ” މާނައީ، “އަދި ފާފަވެރިވުމާއި ޢަދާވާތް ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!”.

العلامةُ العُثيمين ــ رحمه الله- ވިދާޅުވެފައިވެއެވެ. “މި މުނާސަބަތުގައި މުސްލިމަކު އެބައިމީހުންގެ ދަޢުވަތަށް އިޖާބަދިނުން ޙަރާމްވެގެންވެއެވެ. ސަބަބަކީ މިއީ އެބައިމީހުންނަށް އެކަމުގައި ތަހުނިޔާ ކިޔުމަށްވުރެ ނުބައިވެގެންވާ ޢަމަލެކެވެ. އެއީ އެބައިމީހުންނާ މި ކަމުގައި ބައިވެރިވުން ވާތީއެވެ”.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.